ޕާކިސްތާނުގެ އާ ބޮޑުވަޒީރަށް ރައީސް ޔާމީން މަރުޙަބާ ވިދާޅުވެއްޖެ

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އިމްރާން ޚާން، އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ފެއްޓެވުމުގެގޮތުން އޮފީހާއި ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕާކިސްތާނުގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އިމްރާން ޚާންގެ ހިކްމަތްތެރިކަމާއި ހިންގުންތެރިކަމުގެ ދަށުން ޕާކިސްތާން ތަރައްޤީގެ އާ އުސްމިންތަކަކަށް ގެންދަވާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައިވެއެވެ. އަދި ކުރިއަށް އޮތްތާނގައި ޕާކިސްތާނާއިއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށާއި، ދިވެހިރާޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަދި، ޕާކިސްތާނުގެ ބޮޑުވަޒީރަށް އުފާ ފާގަތިކަމާއި، ކާމިޔާބާއި ކުރިއެރުން ދެއްވުމަށާއި، ޕާކިސްތާނުގެ ޞުލްހަ މަސްލަސްކަމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.