އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެންޕޭން ދަތުރުފުޅުގައި އިސްލާމީ ޝަރީޢާ ރާއްޖޭގައި ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވާން ކެރިވަޑައިނުގްނަންވާނެ ކަމަށް ވިދާޅުވެ އަދުރޭ ފާޑު ވިދާޅުވެއްޖެއެވެ.
ޕީއެމްގެ ނާއިބު ރައީސް ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) މިހެން ވިދާޅުވީ ޕީޕީއެމްގެ "ނަޔާ ޖަގަހަ 2" ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން އިބޫއާ ކުރިމަތި ކުރެއްވި ސުވާލުތަކަށް ވެސް ޖަވާބު ދެއްވަން ކެރިވަޑައި ނުގެންނެވި ކަމަށެވެ. އިބޫ ވިދާޅުވެފައިވަނީ ރައީސްގެ ސުވާލުތަކުގެ ޖަވާބު ރިޔާސީ އިންތިޚާބުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އަދުރޭ ވިދާޅުވީ ރަށްރަށަށް ވަޑައިގެން އިބޫ ކުރައްވަމުން ގެންދަވާ ވައުދުތައް ފުއްދައި ނުދެވޭނެ ކަމަށާއި އެހެން ކަމުން އެފަދަ ވައުތައްވުން ހުއްޓަވާލައްވަން ޖެހޭ ކަމަށެވެ. 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަންސް ވެސް އެތައް ވައުދެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތައް ތިބީ ބޭރުގެ ނުފޫޒުގެ ދަށުވެފައި ކަމަށާއި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވާން ވެސް އިބޫއަށް ކެރިވަޑައި ނުގްނަނަވާނެ ކަމަށެވެ. ރާއްޖޭގެ ވެރިކަމަށް އިބޫ ވަޑައިގެންނެވިޔަސް ވެރިކަން ކުރައްވާނީ ރައީސް ނަޝީދު ކަމަށް އަދުރޭ ވިދާޅުވާ ވިދާޅުވުން ރޭ ވެސް ތަކުރާރު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ އިބޫ ވެރިކަމަށް ވަޑައިގެންނެވިޔަސް ކަންކަން ކުރައްވާނީ ރައީސް ނަޝީދުގެ އާރުކާޓީ ކަމުގެ ދަށުން އެމަނިކުފާނު ވިދާޅުވާ ގޮތަށް ކަމަށެވެ. އެނޫން އެއްވެސް ގޮތެއް ހެދުމުގެ ފުރުސަތެއް އިބޫއަށް ނެތް ކަމަށްވެސް ވިދާޅުވިއެވެ.