2015 ވަނަ އަހަރު ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް ގެ ފައުންޑިންގ މެންބަރެއްގެ ގޮތުގައި "ފްރޭމްވަރކް އެގްރީމެންޓް އޮފް ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް" (އައި.އެސް.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށާއި، "ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް ޓު ޖެނެޓިކް ރިސޯސަސް އެންޑް ދަ ފެއަރ އެންޑް އިކުއިޓެބްލް ޝެއަރިންގ އޮފް ބެނެފިޓްސް އެރައިޒިންގ ފްރޮމް ދެއަރ ޔުޓިލައިޒޭޝަން ޓު ދަ ކޮންވެންޝަން އޮން ބައޮލޮޖިކަލް ޑައިވަރސިޓީ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހުށަހެޅުއްވި ދެ ކަރުދާހާ ބެހޭގޮތުން އެ މަޖިލީހުގައި މަޝްވާރާކުރެއްވުމަށްފަހުގައެވެ.
އައި.އެސް.އޭގެ މައިގަނޑު މަޤްޞަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތްކުރުމެވެ.
ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް ޓު ޖެނެޓިކް ރިސޯސަސް އެންޑް ދަ ފެއަރ އެންޑް އިކުއިޓެބްލް ޝެއަރިންގ އޮފް ބެނެފިޓްސް އެރައިޒިންގ ފްރޮމް ދެއަރ ޔުޓިލައިޒޭޝަން ޓު ދަ ކޮންވެންޝަން އޮން ބައޮލޮޖިކަލް ޑައިވަރސިޓީގެ މައިގަނޑު މަޤްޞަދަކީ، ދިރޭތަކެތީގެ ނަސްލު ޙިމާޔާތްކުރުމާއި، ދެމެހެއްޓެނިވިގޮތެއްގައި ދިރޭތަކެތީގެ ބައިތަކުގެ ބޭނުން ހިފުން އަދި ޖެނެޓިކްސް ރިސޯސަސް އިންސާފުވެރި ގޮތެއްގައި ބޭނުންކުރުމާއި ލިބޭ ފައިދާ ޙައްޤުވާ ފަރާތްތަކަށް ހަމަހަމަ އިންސާފުވެރި ގޮތެއްގައި ހޯދައިދިނުމެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، "ފްރޭމްވަރކް އެގްރީމެންޓް އޮފް ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް" (އައި.އެސް.އޭ) ގައި ބައިވެރިވުމަށާއި، "ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް ޓު ޖެނެޓިކް ރިސޯސަސް އެންޑް ދަ ފެއަރ އެންޑް އިކުއިޓެބްލް ޝެއަރިންގ އޮފް ބެނެފިޓްސް އެރައިޒިންގ ފްރޮމް ދެއަރ ޔުޓިލައިޒޭޝަން ޓު ދަ ކޮންވެންޝަން އޮން ބައޮލޮޖިކަލް ޑައިވަރސިޓީ" ގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި ދެ މުޢާހަދާގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖްރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދަވާނެވެ.