ވަށައިގެން ހެދިފައިވާ ފެހިވިނަތައް ދުރުން ފެންނައިރު ހީވަނީ ފަތުރާލައިފައިވާ ފެހި ސާލެއްހެންނެވެ. އެ ސަރަހައްދުގައި ހަދަމުން އަންނަ "ރަށް" އަދި އެރަށުގެ ވަށައިގެން ހަދަމުންދާ ފިނި ފެންގަނޑުން މަންޒަރު އިތުރަށް ރީތިކޮށްދެއެއެވެ.
އެ ފެންގަނޑު ހުރަސް ކުރުމަށް ލަކުޑިން ހަދައިފައިވާ ކުޑަކުޑަ ބްރިޖުގެ ސަބަބުން އެތަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އެ ތަނަށް ޒިޔާރަތްކުރާ މީހުން އުފާ ކޮށްލުމަށްޓަކައި ފެންގަނޑުގައި ބާއްވާފައިވާ ކަނދުފައްޗަށް އަރައި ކަނބައިލުމުގެ ފުރުސަތަކީ އެތަނަށް ދާ އެކަކުވެސް ދޫކޮށްލާނެ ފުރުސަތެއް ނޫނެވެ.
މި ސަބަބުތަކާހެދި އެތަނުގެ ޖާދޫގައި އެތައްބަޔަކު ޖައްސުވައިފިއެވެ. އެތަނުގައި ނަގައިފައިވާ ލޯބިވެރިންނާއި އާއިލާތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށްވެސް ގިނަވެއްޖެއެވެ. އެންމެފަހުން އެތަން މިހާރު ވެފައިވަނީ އެންމެންގެ މަންޒިލަކަށެވެ. ކޮންމެ ރަށަކުން ވެސް ބަޔަކު އެރަށަށް ގޮސްފި ކަމަށްވާނަމަ އެސަރަހައްދަށް ނުގޮސް ހިތްހަމައެއް ނުޖަހެއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، ފުވައްމުލަކާއި ހުވަދުއަތޮޅު މީހުންގެ ސަމާލުކަން ވެސް އެތަން ހޯދައިފިއެވެ. އެރަށަށް ޒިޔާރަތްކުރާ ބައެއް ބީދޭސީންގެ ލޮލުގައި ވެސް އެތަން މިހާރުވަނީ އަޅައިގެންފައެވެ.
މިދައްކަނީ އައްޑޫ ސިޓީ ހުޅުމީދޫ ކުޅީގައި ތައްޔާރު ކުރަމުންދާ "މަތިކިޅި އިކޯގާޑަން" ގެ ވާހަކައެވެ. ގާތްގަނޑަކަށް 50 ހެކްޓަރުގެ އެކުޅި ނުވަތަ ޗަސް ބިމުގައި ތައްޔާރު ކުރަމުންދާ "ބަގީޗާ" އަކީ ހަމަ މުސްތަގުބަލުގައި ހަގީގަތަށް ވެސް ބަގީޗާއަކަށް ވާނެތަނަކެވެ. ބަގީޗާއެއްގެ ގޮތަށް ތަރައްގީ ކުރާ ސަރަހައްދުގައި މިހާރު ގަސްވެސް އިންދަން ފަށައިފައެވެ. އެތަނުގައި އިންދާނެ ވިނަހޯދުމުގެ މަސައްކަތް ވެސް މިހާރުވަނީ ފަށައިފައެވެ.
އެތަން ނިމޭއިރު ވަރަށްރީތިވާނެ ކަމަށް އެކަމުގައި އިސްކޮށްއުޅޭ އެކަކު ކަމަށްވާ މުހައްމަދު ސަލާހު ބުންޏެވެ. ހަފްތާ ބަންދުގައި އެތަނަށް ޒިޔާރަތް ކުރާމީ ހުން ވަރަށްގިނައެވެ. ފަންސާހާއި ތިރީސް ފަހަކާ ދެމެދުގެ އަދަދަކަށް ހަފްތާ ބަންދުގައި މީހުން އެތަނަށް ޒިޔާރަތް ކުރާކަމަށް އޭނާ ބުންޏެވެ. "ގިނަ މީހުން އަންނަނީ ފޮޓޯނަގައި އުފާކޮށްލަން. އެހެންނަމަވެސް އުފަންދުވަސް ފާހަގަ ކުރުމަށާއި އެނިވަރސަރީ ފަދަ ދުވަސްތައް ފާހަގަކުރަން މީހުން އެބައާދޭ މީތަނަށް،" މުހައްމަދު ސަލާހު ބުންޏެވެ.
އެއީ އެންމެންގެ ތަނެކެވެ. އެންމެންވެސް އަމިއްލަ ތަނެއްގެ ގޮތުގައި ދެކިގެން އެތަން ބަލަހައްޓަންވީއެވެ. ޒުވާނެއް ދުވަސްވީމީހެއްނެތެވެ. އެހެންނަމަވެސް އެތަނަށް އާންމުކޮށް ގޮސް އުޅެނީ ޒުވާނުނެވެ.
އެތައް ބައެއްގެ އުފާވެރިކަމާ ގުޅިފައިވާ މިކިޅީގައި ތަރައްގީ ކުރަމުންދާ ބަގީޗާއާ ހަމައަށް އައުމަށް ގާތްގަޑަކަށް 400 ފޫޓެއްހާ ރާސްތާ ކަޑައްތު ކުރަން ޖެހެއެވެ. އެ މަގު ހަދައި އަދި ނުނިމެވެ.
އެހެންނަމަވެސް މުސްތަގުބަލުގައި ދެފޫޓުބަޔަށް އުސްކޮށް ލަކުޑިން ޑެގެއް އަޅައިގެން މަގުހެދުމަށްވަނީ ނިންމައިފައެވެ.
ކިތަންމެ ދިގު ރާސްތާއެއް ކަޑައްތުކޮށްފައިވެސް އެއީ ދާން ހަމަ ރަނގަޅު ތަނެކެވެ. އެތަން ނިމޭއިރު މުޅި ސަރަހައްދުގައި އޮންނާނީ ކާޕެޓް ގްރާސް އިންދައިފައެވެ. ހަޓްތައް ހަދައި ދިވެހި މާހައުލާ ވަރަށް ގުޅޭ ގޮތަށް އެތަން ތަރައްގީ ކުރުމަކީ ވެސް ޕްލޭނުގައި ހިމަނާފައިވާ ކަމެކެވެ.
މިފަދަ ހިތްގައިމުތަނެއް އައްޑޫގައި ތަރައްގީވެ ފައްކާވަމުން އަންނައިރު އެތަނަށް ޒިޔާރަތްކުރާ މީހުންގެ އެހީތެރިކަން ވެސް ބޭނުންވެއެވެ. "މިތަނަށް އަންނަ ބައެއް މީހުން ކުނިއަޅާފައި ސާފުނުކުރޭ. ޕްލާސްޓިކް ކޮތަޅާއި ސްޕާރީ ޕެކެޓާއި ޖޫސް ހުސްކުރި ޕެކެޓް އެތަނަށް ދޫކޮށްލާފައި ބައެއް މީހުންދޭ. އެގޮތަށް އަޅައިފައިވާ ކުނިތައް މިއަދުވެސް ނެގިން. މިއީ ރައްޔިތުންގެ ތަނެއް. އަމިއްލަ ތަނެއްގެ ގޮތުގައި ބަލައިގަނެ އަމިއްލައަށް ސާފުތާހިރުކަން ދަހައްޓައިދެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް. މިއީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅުންހުރި ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ހިތްގައިމު ތިމާއްޓެއްގެ ތެރެއިން އެންމެނަށް ވެސް އުފާ ހޯދައިދޭން،" އެތަން ތަރައްގީ ކުރަމުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވާ މުހައްމަދު ސަލާހު ބުންޏެވެ. އޭނާ ބުނީ އެއީ އޭނާގެ ކޮއްކޮ އަބްދުﷲ ޒުހުރީއާ ދެމީހުން އިސްނަގައިގެން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އެކަމަށް މިހާތަނަށް ހަތްދިހަ ފަސް ހާސް ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. އެ މަސައްކަތަށް އެތައް ބައެއްގެ އެހީތެރިކަން އެކި ގޮތްގޮތުން މިހާރުވެސް ލިބެއެވެ. ޚާއްސަކޮށް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ޒުވާނުންގެ ފަރާތުންނެވެ.
"މިއީ އެއްގޮތަކަށް ވެސް ވިޔަފާރީގެ އުސޫލުން ކުރާކަމެއްނޫން. މި ސަރަހައްދަކީ އެތައް ބައެއްގެ ކުޑައިރުގެ ހަނދާންތައް ވެސް ގުޅިފައި ހުރެދާނެ ސަރަހައްދެއް. އެހެންވީމާ ފަސޭހައިން މިތަނަށް އައިސްގޮސް އުޅޭނެ ގޮތެއް މި މަސައްކަތުގެ ސަބަބުން ފަހިވެ ކުރީގެ ހަނދާންތައް އައުވެގެންދާނެ،" ސަލާހު ބުންޏެވެ.
މިތަނުގެ މަސައްކަތް އެއްކޮށްނިމި ރަސްމީކޮށް ހުޅުވާއިރު އެތަން ވެގެންދާނީ އަމިއްލަ ބަޔަކުކުރި ނަމޫނާ މަސައްކަތަކަށެވެ. އެހެން ރަށްރަށުގައި ހުރި މިފަދަ ކުޅިތަކުގައި ވެސް މިފަދަ ބަގީޗާތައް ހަދައި އާންމުންނަށް ހުޅުވުލެވިއްޖެނަމަށް އެކަން ވެގެންދާނީ ތަފާތު ކަމަކަށެވެ.
މި މަސައްކަތް ފެށިފަހުން އަދި މިވީ އެންމެ ނުވަމަހެވެ. ނުވަމަހުގެ ތެރޭގައި އެތަންވަނީ އެތައް ބައެއްގެ ހިތްތަކުންނާއި ސޯޝަލް މީޑިއާއިން ތަނަވަސް ޖާގައެއް ހޯދައިފައެވެ.