ގަލަމާއި ސިކުނޑީގެ ގުޅުން

Malhumathi

(މިއީ މީގެ އަށް އަހަރު ކުރީން [އާފަތިސް] ނޫހުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.)

އެމެރިކާގައި ސްކޫލްތަކުގައި ބަޑި ޖަހައިގެން ކުދިން މަރުވުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. ކޮންމެމެވެސް މީހަކު ސްކޫލަކަށް ވަދެ ތަނެއް ދޮރެއް ނުބލައި ބަޑި ޖަހައި އެތައް ކުދިންނެއް މަރާލަފާނެއެވެ. ސްކޫލް ކުއްޖަކު ބަޑިއެއް ހިފައިގެން އައިސް ދެތިން ކުއްޖެއްގެ ގަޔަށް ޖަހާފާނެއެވެ.

އެމެރިކާގައި މިކަހަލަ ކަންތައްތައް ހިނގި ނަމަވެސް  ދުނިޔޭގެ މިފަޅީގައި މިކަހަލަ ކަންތައްތައް ހިނގަނީ ވަރަށް މަދުންނެވެ. މިދިޔަ މަހު އިންޑިއާގައި ފުރަތަމަ ފަހަރަށް މިކަހަލަ ކަމެއް ހިނގިއެވެ. ސްކޫލް ކުއްޖަކު އޭނާގެ ކުލާހުގެ ކުއްޖަކާ ޒުވާބުކޮށްފައި އޭގެ އަނެއް ދުވަހު ގެއިން ސްކޫލަށް އައީ ބައްޕަގެ ފިސްތޯލަ ހިފައިގެންނެވެ. އައިސް އޭނާޔާ ޒުވާބު ކުރި ކުއްޖާގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ. އޭގެ ހަފްތާއެއްހައި ދުވަސް ފަހުން އަނެއްކާވެސް އިންޑިއާގެ ސްކޫލެއްގައި މިކަހަލަ ހިތާމަވެރި ހާދިސާއެއް ހިނގިއެވެ.

މި ކަންތައްތަކާ ގުޅިގެން އިންޑިއާގެ ޚަބަރު ފަތުރާ ޓީވީ ޗެނަލްތަކުން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑު ކިއެވެ. އެމެރިކާގައި ހިނގާ ކަންތައްތައް އިންޑިއާގެ ކުދިން ނަކަލުކޮށްގެން އެކަހަލަ ކަންތައްތައް ކުރަނީއޭ ކިޔާފައި އެމީހަކަށް ކިޔުނު ވަރަކަށް އެމެރިކާއަށް އެއްޗެހިކީ މީހުން ޓީވީ ޗެނަލްތަކުން ދެއްކިއެވެ. މި ދެންނެވީ އާދައިގެ މީހުންގެ ވާހަކައެއް ނޫނެވެ. ސިޔާސީ ބޮޑުންނާއި ނަފްސާނީ ޢިލްމުގެ މާހިރުންގެ ވާހަކައެވެ.

އިއްޔެ އިންޑިއާގެ ޓީވީ ޗެނަލަކުން ދައްކަނީ ފިރިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވޭ އަންހެނަކު މަގުމައްޗަށް ނެރެ އޮރިޔާންކޮށް، ތަޅައި އަނިޔާ ކުރާ ތަނެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އަނެއްކާވެސް [ބްރޭކިންގ ނިވްސް] ގެ ގޮތުގައި ދައްކަނީ މީހަކު އަމިއްލައަށް ގައިގައި އަލިފާން ރޯކޮށްގެން މަރުވާތަނެވެ. މިއިން ކޮންމެ ޚަބަރެއްވެސް އެތައް ފަހަރަކު ތަކުރާރުކޮށް ދެއްކިއެވެ. ދައްކާ ކޮންމެ ފަހަރަކު އެތައް އިރެއްވެއެވެ.

މިހާރު ދުނިޔޭގެ ކަންތައްތައް އޮންނަ ގޮތުން ޚަބަރު ފެތުރުމުގައި ފަރުވާތެރިވާން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. ގައުމުގައި ބަޔަކު ހިންގާ ޖަރީމާއެއްގެ ވާހަކަ ފޮރުވައިގެން ހާމަނުކޮށް ތިބުމަކީ ނޫސްވެރިން ކޮށްގެން ވާނެ ކަމެއް ނޫނެވެ. ޚަބަރުތައް ހުރި ތަނަކުން ނެރެގެން ޢާއްމުކޮށް ފަތުރައި ހދުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. އެކަމަކު ނޫސްވެރިންގެ އެހެން ޒިންމާއެއްވެސް އޮވެއެވެ. އެއީ ނުބައިކަމެއް، ނުބައިކަމެއްގެ ގޮތުގައި ދެއްކުމެވެ. ނުބައި ކަމަކީ ނުބައިކަމެއްކަން މުޖުތަމަޢަށް އެނގޭނެއޭ ކިޔާފައި ދޫކޮށްލުމަކީ ނޫސްވެރިން ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ކުޑަކުދިންނަކީ އެކުދިންނަށް ފެންނަ ކަންތައްތައް ނަކަލު ކުރާ ބައެކެވެ. އެހެންވީމާ ކުޑަކުދިންނަށް ދައްކަން ޖެހޭ އެއްޗިއްސާއި ކިޔަން ދޭ އެއްޗެހީގެ ސަބަބުން ކޮށްފާނޭ އަސަރަކާމެދު ވިސްނަން ވާނެއެވެ. ނޫސްވެރިޔާ ހަމައެކަނި އޭނާގެ ދަރިފުޅާ މެދު ވިސްނުމަކީ ކުށެކެވެ. އޭނާ ވިސްނަން ވާނީ ދުނިޔޭގެ ހުރިހައި [ދަރިންނާ] މެދުގައެވެ.

މީގެ އަހަރެއްހައި ދުވަސް ކުރިން މާލޭގައި ސިޔާސީ ޕާޓީއަކުން ބޭއްވި މުޒާހަރާއަކަށް ކުޑަކުދިންވެސް ނެރެން ގޮވައިލިއެވެ. އެކަމަށް ގޮވާލައި މާލޭގެ ގޭގެއަށް ލިޔުން ބަހައިވެސް ހެދިއެވެ. އެ މުޒާހަރާ ކުރިއަށްދާ ގޮތް ބަލާލަން އަޅުގަނޑު މުޒާހަރާ ބޭއްވި ތަނަށް ދިޔައީމެވެ. ފިސާރި ތެދެއް ދަންނަވަންތޯއެވެ? އެތަނަށް ވަޑައިގެން ތިއްބެވި ޕާޓީގެ އިސްބޭފުޅުންގެ ތެރެއިން ހަމަ އެންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ތުއްޕުޅު ބޭފުޅުން މުޒާހަރާއަކަށް ނުގެންދަވައެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. އަޅުގަނޑުމެންގެ ދަރިން އަންނަން ރަނގަޅު ތަނަކަށް މިބޭފުޅުންގެ ބޭފުޅުން ވަޑައިގަތުން ކަމުނުދަނީ ކީއްވެގެންބާވައެވެ?

މިއީ އަޅުގަނޑުމެން ނޫސްވެރިންވެސް ވިސްނާލަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ފެނެއެވެ. އަޅުގަނޑުމެން ލިޔާ ލިޔުމާއި ފަތުރާ ޚަބަރަކީ އަޅުގަނޑުމެންގެ ދަރިން ކިޔަން އެންމެ ރަނގަޅު ލިޔުންތޯ ނުވަތަ އެންމެ ރަނގަޅު ޚަބަރުތޯ ވިސްނާލުން ވަރަށް މުހިއްމެވެ. އަޅުގަނޑުމެންގެ ދަރިން ކިޔަން ކަމުނުދާ ކަހަލަ ޚަބަރެއް އަޅުގަނޑުމެންނަށް ފެތުރޭ ނަމަ އެހެން މީހުންގެ ދަރިން ކިޔަންވެސް އެ ޚަބަރެއް ރަނގަޅު ނުވާނެ ކަމަށް ގަބޫލު ކުރަން ވާނެއެވެ.

ހޭލުންތެރި ދުނިޔެއެއްގައި އެންމެންވެސް ތިބެންވާނީ ހޭލައި ކަމަށް އަޅުގަނޑުވެސް ގަބޫލު ކުރަމެވެ. އެކަމަކު ހޭލުމުގެ މާނައަކީ ސިކުނޑިއަށް ކުނި އަޅައި ފުރުމެއް ނޫނެވެ. ހޭލުމުގެ މާނައަކީ ހެވާއި ނުބައި ވަކި ކުރުމެވެ. އެކަން ކޮށްދޭން މިވަގުތު ހަމަގައިމުވެސް ރާއްޖޭގައި ތިބި އެންމެ މުހިއްމު ބަޔަކީ ނޫސްވެރިންނެވެ. ތެެދާއި ދޮގަކީ އަދި މުޅިއަކުން ހެވާއި ނުބައެއް ނޫނެވެ. ނުބައި ގޮޅިއަށް ފެތޭ ތެދު ޚަބަރެއް އޮވެދާނެއެވެ. މިއީ ގަބޫލު ކުރަން ޖެހޭ ކަމެކެވެ.

ތަޢުލީމުގެ އެންމެ މުހިއްމު ބޭނުމަކީ މިދެންނެވި ހެވާއި ނުބައި އެނގުމެވެ. ތެދަކަށް ވިޔަސް ވަކި ޚަބަރެއް ފަތުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ނޫސްވެރިކަމުގެ ތަމްރީނު ކޮންމެވެސް ވަރަކަށް ލިބިފައި ނެތިއްޔާ އުނދަގޫ ކަމަކަށް ވާނެއެވެ. ތަމްރީނު ލިބިފައި ނެތި ހަމައެކަނި ޖޯޝާއެކީ ލިޔާ ނޫސްވެރިއަކަށް އޭނާއަށް އިވޭ ކޮންމެ ވާހަކައަކީ ފަތުރަން އެންމެ ރަނގަޅު ވާހަކައެއް ކަމަށް ގަބޫލު ކުރެވޭނެއެވެ. އެކަމަކު ތަމްރީނު ލިބިފައިވާ ރަނގަޅު ނޫސްވެރިއަކަށް މިފަދަ ގޮތަކަށް ގަބޫލެއް ނުކުރެވޭނެއެވެ. ކުރުކޮށް ދަންނަވަނީނަމަ ދަންނަ ނޫސްވެރިޔާގެ ގަލަމާ އެއްވަރަކަށް އޭނާގެ ސިކުނޑިވެސް ހިނގާނެއެވެ. ނުދަންނަ ނޫސްވެރިޔާގެ ސިކުނޑިއެއް ނުހިނގާނެއެވެ. ހިނގާނީ ހަމައެކަނި ގަލަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.