ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ހަމަޖައްސަވައިފި

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އިން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންމޭޓަކަށް މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފިއެވެ.

ރައީސް ޔާމީންގެ ރަނިންމެޓަކަށް ޑރ. ޝަހީމް ހަމަޖެއްސެވިކަން އެމަނިކުފާނު އިއުލާން ކުރެއްވީ ޕީޕީއެމް އިން މިރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައެވެ. ޑރ. ޝަހީމަކީ ރައީސް ޔާމީންގެ ވެރިކަމާއި، ރައީސް ވަހީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ޝަހީމް ވަނީ އެމިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ވެސް ކުރައްވައިފިއެވެ.

ރައީސް ޔާމީން 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއެކުގައެވެ. އެހެންނަމަވެސް ޚިޔާލް ތަފާތުވެ ޖަމީލްގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި މަގާމުންވަނީ ވަކި ކުރައްވައިފައެވެ. ދެން ނާއިބަކަށް ގެންނެވީ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބެވެ. އެމަނިކުފާނުގެ މައްޗަށް  ބޮޑެތި އެތައް ތުހުމަތުތަކެއް ކުރެވި ބަންދު ކުރެވުނެވެ. އަދި ފަހުން މަގާމުން ވަކިކުރެވުނެވެ. ރައީސް ޔާމީންގެ މިހާރުގެ ނާއިބު ރައީސަކަށް ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދަކީ ޑރ. ޝަހީމްގެ އަނބި ކަނބަލުންގެ ބޭބެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.