ބާވީސް ރަށެއްގެ ނަރުދާމާއަށް މިހާތަނަށް އެއްބިލިއަން ރުފިޔާ ޚަރަދުކޮށްފި

ރައީސް ޔާމީންގެ މިސަރުކާރުން ފައިތުވި ހަތަރު އަހަރާއި ބައިގެ މުއްދަތުގައި ރާއްޖޭގެ 22 ރަށެއްގައި ނަރުދާމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައި އެއްކޮށް ނިންމައިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ 22 ރަށުގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ސަރުކާރުން އެއް ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރަށް ރާއްޖޭގެ 37 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެމަސައްކަތް ވަރަށް އަވަހަށް ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ތާރިގު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުތައް ނިމޭއިރު ދައުލަތުން 1.3 ބިލިއަން ރުފިޔާ ޚަރަދު ވެހެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން ފާއިތުރުވި ހަތަރު އަހަރާއި ބައިގެ މުއްދަތުގައި ބާވީސް ރަށެއްގެ ނަރުދަމާގެ މަސައްކަތް މިވަނީ ފަށައި ނިމިފައި. އެކަމަށް އެއްބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައި. މި ވަގުތު 37 ރަށެއްގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެ މަސައްކަތްތައް ނިމޭއިރު 1.3 ބިލިއަން ރުފިޔާ ޚަރަދުވާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މިފަދަ މަސައްކަތް ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަނީ އެއީ ރައްޔިތުންނަށް ބޭނުންވާ އަދި ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަންކަމަށްވާތީ ކަމަށެވެ. "ރައްޔިތުންނަށް ބޭނުންވާ މިފަދަ ކަންކަން ކޮށްދެއްވުމަށް ރައީސް ޔާމީން އަބަދުވެސް ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިހެންނެވިއިރު ރާއްޖޭގައި ގާއިމް ކުރެވިފައިވަނީ ދެ މަގަވޮޓުގެ އިޔާދަކުރަނިވި ހަކަތަ ކަމަށެވެ. އެހެންނަމަވެސް ފާއިތުވި ދުވަސްތަކުގައި މިސަރުކާރުން ވަނީ އިތުރު 9 މެގަވޮޓުގެ ހަކަތަ ހަރުކޮށް ނިމިފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު ނިމޭއިރު އިތުރު 5 މެގަވޯޓު އިތުރުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.