ދެ ކޮރެޔާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ރޭލްވޭއިން ގުޅާލުމުގެ ވާހަކަތައް އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާއިން މިއަދު ފަށައިފިއެވެ. މިކަން ވެގެންދާނީ މިހާރު ރަނގަޅުވަމުން އަންނަ ދެ ކޮރެޔާގެ ގުޅުމަށް ލިބޭނޭ އިތުރު ކުރިއެރުމަކަށެވެ.
މި ވާހަކަތައް ކުރިއަށް ގެންގޮސްފައިވަނީ ހަތިޔާރު ނުގެންގުޅޭ ސަރަހައްދުގައި އޮންނަ ސުލްހައިގެ އަވަށް ޕަންމުންޖޮމް ގައެވެ.
ސިއޯލްއިން ޕިޔޮންގޔަންގަށް ދެން ޗައިނާގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ސިނުއިޖޫއަށް ޖަޕާނު މީހުން ދެ ކޮރެޔާ ބައިވުމުގެ މާކުރިން، ވިހިވަނަ ގަރުނުގެ ކުރީކޮޅު އަޅާފައި އޮންނަ ރޭލްވޭއެއް އޮވެއެވެ.
އެ ރޭލްވޭ އިން ކޮރެޔާގެ ދެބައި އަލުން ގުޅާލައި، އުތުރު ކޮރެޔާގެ ޒަމާންވެފައިވާ ރޭލްގެ ނިޒާމު ޒަމާނީކޮށް، ދެކުނު ކޮރެޔާގެ ރޭލުގެ ނިޒާމާ އަލުން ގުޅާލުން ވެގެން ދާނީ ކޮރެޔާ ސަރަހައްދުގެ ވިޔަފާރިއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. އޭރުން ދެކޮނު ކޮރެޔާއަށް އެއްގަމު މަގުން ޗައިނާއާއި، ރަޝިޔާއާއި، ޔޫރަޕްގެ ބާޒާރަށް ވާސިލުވެވޭނެއެވެ.
މިހެން ވެއްޖެނަމަ، އެކަން ވެގެން ދާނީ 1953 ގައި ކޮރެޔާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލައި، ކޮރެޔާ ދެބައިވި ފަހުން ދެ ފަރާތުގެ ގުޅުމަށް އަންނަ ވަރަށް ބޮޑު ބަދަލަކަށެވެ.
ދެ ފަރާތުގެ ގުޅުން ރަނގަޅުވެ، އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ އުން ދެކުނު ކޮރެޔާގެ ރައީސު މޫން ޖައެ-އިން އާއި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕާއި ބައްދަލުކުރައްވާފައިވީ ނަމަވެސް، އުތުރު ކޮރެޔާގެ ނިއުކުލިޔާ ޕްރޮގްރާމުގެ މައްސަލައިގައި އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަދިވެސް އުވާނުލައެވެ.
ރޭލްވޭ ގުޅުން އަލުން ގާއިމު ކުރުމަށް ހަގީގީ ކުރިއެރުމެއް ލިބޭނީވެސް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދީގެން ކަން، ވާހަކަތަކުގައި ބައިވެރިވި ދެކުނު ކޮރެޔާގެ ވަފުދުގެ ވެރިޔާ ކިމް ޖެއޮންގ ރިޔޯލް ގަބޫލުކުރައްވައެވެ.
"އެހެންނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންދެން ވެސް އަހަރުމެންނަށް ހިންގިދާނެ މަޝްރޫއުތައް ބަލައި ދިރާސާކުރެވިދާނެ" އޭނާ ވިދާޅުވިއެވެ.