
މާލެއަތޮޅުގެ ތިން ރަށަކަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިރޭ މާލެ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި ރައީސް ވަޑައިގެންނެވީ ތުލުސްދޫ، މާފުށި އަދި ގުރައިދޫއަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ ތުލުސްދޫ ބަނދަރު ހުޅުއްވައިދެއްވައިފައެވެ. އަދި މާފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގުރައިދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް ވެސް އިފްތިތާޙް ކޮށްދެއްވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.