
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީގެ ކޯލިޝަނަށް ކާމިޔާބު ވެއްޖެނަމަ "ޖޭޕީ ކޯލިޝަން" ގައި އޮންނާނެ ހިޔަނި ކެބިނެޓް ޖޭޕީން މިއަދު އިއުލާނު ކުރިއިރު އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްގެ ފަޅީގެ ބޭފުޅުން ލިސްޓުގައި އޮތުމުން އަދާލަތާއި މައުމޫން ފަޅިން ދައްކާ ވާހަކަ ތަފާތު ވެއްޖެއެވެ.
ޖޭޕީގެ ހިޔަނި ކެބިނެޓުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި އެޕާޓީގެ ބަޔެއް އެހެން އިސްބޭފުޅުންވެސް ހިމެނިފައިވާއިރު އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ އެކަމަށް ޖަވާބު ދީފައެވެ. އަދާލަތުގެ ރަސްމީ ޓްވިޓާ އެކައުންޓުން ނެރުނު ލިޔުމެއްގައި ބުނީ އެއްވެސް ޕާޓީއަކާ ވަކިން އަދާލަތު ކޯލިޝަނެއް ހަދާފައި ނުވާނެ ކަމަށާއި ހަމައެކަނި އަދާލަތުން ކޯލިޝަން ހެދީ "ގުޅިފައިވާ ޕާޓީތަކާއެކު" ކަމަށެވެ. އަދި އިތުރު ނިންމުމެއް އެޕާޓީން ނިންމައިފިނަމަ އެކަން އަދާލަތުން އިއުލާނު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
"ގުޅިފައިވާ ޕާޓީ ތަކުން އެކުގައި ކުރާ މަސައްކަތް ފިޔަވައި، 2018 ގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އޭޕީއިން އެއްވެސް ބަޔަކާ ކޯލިޝަން ނުހަދާ" އަދާލަތުން ބުނެފައިވެއެވެ.
ޖޭޕީން މިއަދު އިއުލާނު ކުރި ކެބިނެޓުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްގެ ބަޔެއް ބޭފުޅުންވެސް ހިމެނެއެވެ. ނަމަވެސް ރައީސް މައުމޫންގެ ފަޅީގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެވަޑައިގަންނަވާ އާމިނަތު ނާދިރާ ވަނީ ޖޭޕީން އިއުލާނުކުރި ހިޔަނި ކެބިނެޓަށް ފަހު މައުމޫން ފަޅިން ވާހަކަ ދައްކަވާފައެވެ.
ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ ފަޅި އަދިވެސް އޮތީ ގުޅިފައިވާ ހަތަރު ޕާޓީއާއެކު ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ހިޔަނި ކެބިނެޓް މިއަދު އިއުލާނު ކޮށްފައިވާއިރު އެކަން ކޮށްފައި ވަނީ ރައީސް މައުމޫނާވެސް، އަދި ރައީސް މައުމޫނާއެކު މަސައްކަތް ކުރާ އެއްވެސް ފަރާތަކާއެކުވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް ނާދިރާ ވިދާޅުވިއެވެ.