ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެެންމެ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ސަރަަހައްދުތަކަށް ވަނުމުގެ ހުއްދަ ލިބިދޭ އެއްބަސްވުމެއްގައި އެޖަމާއަތުން އިއްޔެ މިޔަންމާއާއެކު ސޮއިކޮށްފިއެވެ. އެހެންނަމަވެސް، މިހާރު ހުއްޓުމަކަށް އައިސްފައިވާ ރޮހިންޖާ މުސްލިމުން އަލުން އާބާދުކުރުމުގެ މަސައްކަތާ ބެހޭ ތަފްސީލެއް އެ އެއްބަސްވުުމުގައި ނުވެއެވެ.
މިޔަންމާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ރޮހިންޖާ ހަނގުރާމަވެރިން ބޭރުކުރުމުގެ ބަހަނާގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ނަސްލު ސާފުކުރުމުގެ ޢަމަލުތަކުން ސަލާމަތްވާން ވެގެން 7 ލައްކައެއްހާ ރޮހިންޖާ މުސްލިމުން ވަނީ ސަރަހައްދު ހުރަސްކޮށް ބަންގްލަދޭޝްގައި ހިމާޔަތް ހޯދާފައެވެ. ފާއިތުވި އޮގަސްޓު މަހު އދ. ން ވަނީ މިޔަންމާގައި ހިންގި ކަންތަކަކީ 'ނަސްލު ސާފުކުރުމުގެ' އަމަލުތަކެއް ކަމުގައި ރަސްމީކޮށް ކަނޑައަަޅާފައެވެ.
ބަންގްލަދޭޝްގައި ތިބި ރޮހިންޖާ ރެފިއުޖީން މިޔަންމާގައި އަލުން އާބާދުކުރުމާ ބެހޭ އެއްބަސްވުމެއްގައި ފާއިތުވި ނޮވެންބަރު މަހު ދެ ގައުމުން ސޮއިކުރިއެވެ. ނަމަވެސް އަސްކަރިއްޔާއިން އަލުން އަނިޔާވެރި އަމަލުތައް ހިންގަފާނެ ކަމުގެ ބިރަށް މަދު މީހަކު ނޫނީ ގައުމަށް އެނބުރިދާން އެެއްބަސް ނުވިއެވެ.
އދ. ން ބުނީ އެެތައް މަސްދުވަހެއްގެ މަސައްކަތުން އެކުލަވާލެވުނު އެއްބަސްވުމުގައި މުހިއްމު ބައެއް ކަންކަންކުރާނެ 'ގިއުގަނޑެއް'ގެ ތަފްސީލު ކޮންމެވެސް ވަރަކަށް ހިމެނިފައިވާނެ ކަމުގައެވެ.
އަސްކަރިއްޔާގެ އަނިޔާވެރި އަމަލުތައް ފެށުނު ފަހުން ބޭރުގެ އެއްވެސް ފަރާތަކަށް ވަނުމުގެ ހުއްދަ ލިބިފައި ނުވާ ސަރަހައްދުތަކަށް ވަދެ، ކަންކަން ހުރި ގޮތް ބަލުމުގެ ހުއްދަ މި އެއްބަސްވުމުގެ ދަށުން އދ. ގެ ޖަމާއަތްތަކަށް ލިބޭނެއެވެ.
"އަދި މިހާތަަނަށް ކުރެވުނު މަސައްކަތަކީ ދޮރު ހުޅުވުމަށް ކުރެވުނު މަސައްކަތް" މިޔަންމާގައި ހުންނަވާ އދ. ގެ ރެސިޑެންޓު ކޯޑިނޭޓަރު ނަޓް އޮސްޓްބީ ވިދާޅުވިއެވެ. އެހެންނަމަވެސް، އދ. އަށް ލިބޭނީ ކޮންކޮން ތަނެއްގައި ކިހާވަރަކަށް ހަރަކާތްތެރިވުމަށް ކަމަށް އަދި ކަނޑަނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ ރަކައިން ސްޓޭޓަށް ވަނުމުގެ ފުރިހަމަ އިޚްތިޔާރު ބޭރުގެ އިންސްޕެކްޓަރުންނަށް ދީ، ރޮހިންޖާ މީހުންނަކީ ފުރިހަމަ ރައްޔިތުން ކަމުގައި ހެދުމަށް ކުރިއަށް ފިޔަވަޅުތަކެއް އަޅައިގެން މެނުވީ މިފަދަ އެއްބަސްވުމަކުން ކުރާނެ ފައިދާއެއް ނެތްކަމުގައެވެ.
އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ހަގީގަތް ހޯދަން ފޮނުވި ވަފުދާއި، އިންސާނީ ހައްގުތަކާބެހޭ ތަޖުރިބާކާރު ޔަންގީލީ ރޮހިންޖާ މީހުން އުޅުނު ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުމަށް މިޔަންމާއިން ވަނީ މިހާތަނަށް ދެކޮޅު ހަދާފައެވެ.