އިދިކޮޅު ލީޑަރުން އުޅުއްވަނީ މެޑަމް ފާތުންއާވެސް ވާދަނުކުރެވިގެން- ފަލާޙް

އިދިކޮޅު ސިޔާސީ ލީޑަރުން މިހާރު އެ އުޅުއްވަނީ ރައީސް ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) އާވެސް ވާދަ ނުކުރެއްވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ފަލާޙް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ އެއްބުރު ކަމަށެވެ. އަދި އިދިކޮޅު ލީޑަރުންނަށް ރައީސް ޔާމީން ބަލި ނުކުރެވޭނެކަން ފާހަގަކޮށް ފަލާޙް ވިދާޅުވީ އިދިކޮޅު ލީޑަރުންނަށް ރައީސްގެ އަނބިކަނބަލުންނާވެސް ވާދަ ނުކުރެވޭ ކަމަށެވެ.

ފަލާޙް ވިދާޅުވީ ރައީސް ޔާމީންގެ ތަރައްގީ ފެންނަން ފެށުމުން އެމްޑީޕީގައި ތިބި މީހުންވެސް މިހާރު ތިބީ ޕީޕީއެމަށް އަންނަން ބޭނުން ވެފައި ކަމަށާއި ޕީޕީއެމަށް ނާދެވި މިވަގުތު ބަޔަކު ތިބި ނަމަވެސް ރާއްޖޭގައި "ހިތުން ޕީޕީއެމާ ނުގުޅޭ" އެކަކުވެސް މިހާރު ނުހުންނާނެ ކަމަށެވެ. ފަލާޙް ވިދާޅުވީ ކޮންމެ މީހަކުވެސް މިހާރު ހިތަށް އަރާނީ "ޕީޕީއެމާ ގުޅެވުނުނަމައޭ" ކަމަށް ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވަނީ ކުރީގެ ރައީސް މުޙަންމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ރޭ ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ކަހަލަ "ޖައްބާރަކު" ރާއްޖޭގެ ވެރިކަމަށް ގެންނަން ހެޔޮނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު މިހާރު ދުނިޔޭގައި ހުންނެވިކަންވެސް ނޭނގޭ ކަމަށާއި ހަމައެކަނި ފެންނަނީ އެމަނިކުފާނުގެ ޓްވީޓެއް ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގައި "އިބޫމެން ތިއްބައި" ރިޔާސީ ޕްރައިމަރީއަށް ނަޝީދު ނުކުންނާތީވެސް ފަލާޙް ފާޑުވިދާޅުވިއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.