(25 އެޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ތިރީގައި މިވަނީ އައްދީބަޖާތުން ބޭރުކުރާ ތަކެއްޗާއި، އެ ރަށްތަކަށް އެތެރެކުރާ ތަކެއްޗެވެ.
ބޭރުކުރާ ތަކެތި:
1- ކާބޯތަކެތި (ކާށި، ތަފާތު ބާވަތުގެ މަސް، މީގެތެރެއިން އެންމެ މުހިއްމު ބާވަތަކީ ހިއްކާފައިވާ ކަޅުބިލަ މަހެވެ. އުއްދަނޑި، ހަނޑޫ، އަންނާރު، ނިޔަނދުރު، ލުނބޯ، ދޮންކެޔޮ މިތަކެތި އެތެރެ ކުރަނީ ޢައްބާސީ ދައުލަތް ހިންދުކަރަ، ސީނުކަރައަށެވެ.
2- ހަވާދުގެ ބާވަތްތައް (މިރުސް، ދިރި). އެތެރެކުރަނީ ޢައްބާސީ ދައުލަތަށް.
3- އަތަރާއި ހުވަނދު (ތަފާތު ބާވަތުގެ އަތަރާއި ހުވަދު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މާވަހަރެވެ.) އެތެރެކުރަނީ ޢައްބާސީ ދައުލަތަށް (ޚާއްސަކޮށް އޮމާނާއި، ސީރާފުގެ ބާޒާރު)
4- ސިނާއީ އުފެއްދުންތައް (ގަމީސް، މުންޑު، ފަގުޑި، ލޮއިގެ ކަންވާރު، ރޯނު، ލޮއިގެ ގަހަނާ، ފުނާ، 'ރާނީގެ ހަރުފަ'އިގެ ތެޔޮ). އެތެރެކުރަނީ ޢައްބާސީ ދައުލަތަށް. (ޚާއްސަކޮށް ޔަމަނާއި، ހިންދުކަރައާއި ސީނުކަރަ) ރޯނު ހަދަނީ ކާށީގެ ބޮނބި ނަރުންނެވެ. ރޯނު ބޭނުންކުރެވެނީ އޮޑިދޯނިފަހަރު ބަނުމުގައެވެ. (134) ރޯނު ވަށަން ހަދާފައި ހުންނަ ނަރަށް ކިޔަނީ 'ކިންބާރު' (Kinbar) (ލަފާކުރެވޭ ގޮތުގައި މިއީ ބޮނބިނަރަށް ކިޔާފައި އޮތް އެއްޗެކެވެ. (=މުތަރުޖިމު=). ފުނާ ހަދަނީ ރަނުންނާއި، ލޮއިންނާއި، ކަހަނބު ފަތުންނެވެ.
5- ލަކުޑި (ރުއްވަކަރު އަދި ކެލާ). އެތެރެކުރަނީ ޢައްބާސީ ދައުލަތަށް
6- މައުދަން (މީގެ ތެރޭގައި ހިމެނެނީ ބާވަތް ބާވަތުގެ އަގު ބޮޑު ހިލައެވެ. ވަކިން ޚާއްސަކޮށް ރަންމުތާއި ޔާގޫތެވެ. ދެން، ރަން، ލޮއި އަދި ފައިސާގެ ގޮތުގައި ބޭނުންކުރެވޭ ބޮއްޔެވެ. އެތެރެކުރަނީ ޢައްބާސީ ދައުލަތަށް
7- ޖަނަވާރުގެ ބާވަތްތައް (ކުކުޅު، ބޮލި، ކަހަނބު) އެތެރެކުރަނީ ޢައްބާސީ ދައުލަތަށް
8- ބިލަތް. އެތެރެކުރަނީ ޢައްބާސީ ދައުލަތަށް
އެތެރުކުރާ ތަކެތި:
1- ޖަނަވާރު (ސާޑީން، ބަކަރި)ހިންދުކަރަ. މަޤްދިޝޫ (ސޫމާލިޔާ) އިން ވެސް ބަކަރި ގެނެވެއެވެ. ދެކުނު އިންޑިޔާގެ ރަށްތަކުން ސާޑީން މަހާއި، ބަކަރީގެ ބާވަތްތައް އައްދީބަޖާތަށް ބޭރުކުރެއެވެ.
2- ޣާލިޔާ އަތަރު. މިއަތަރު ގެންނަނީ މަޤްދިޝޫ އިންނެވެ.
3- މުށި ކަންވާރު. މީގެ ވިޔަފާރި ކުރަނީ ގިނައިން ބަދަލުގައި ކުކުޅު ދީގެންނެވެ.
4- ހިންދުކަރައިގެ އަޅުން ހިންދުކަރައިން (ވަކިން ޚާއްސަކޮށް ހިންދުކަރައިގެ ދެކުނުގެ ރަށްތައް)
އިސްވެދިޔަ ތަފްސީލުތަކުން އަހަރުމެނަށް އެނގުނީ އައްދީބަޖާތުން ބޭރުކުރާ ތަކެއްޗަށްވުރެ އެތެރެކުރާ ތަކެތި މަދުކަމެވެ. އެރަށްތަކުގެ މުދާ ގަނައިން ބޭރުކޮށްފައި ހުރީ އަވަށްޓެރި ތަންތަނަށެވެ. (ހިންދުކަރައާއި އައްބާސީ ދައުލަތަށެވެ.) ސަރަންދީބު ފިޔަވައެވެ. ސަރަންދީބަށް އައްދީބަޖާތުގެ އެއްވެސް އެއްޗެއް ބޭރުކުރިކަމުގެ، އަދި ސަރަންދީބުން އައްދީބަޖާތަށް އެއްވެސް އެއްޗެއް އެތެރެކުރިކަމުގެ ވާހަކަ ހުރި އެއްވެސް ލިއުމެއް އަހަރުމެންނަށް ނުފެނުނެވެ. އައްދީބަޖާތާއި ދުރުގައި ހުރި ސީނުކަރައާއި، މަޤްދިޝޫ ފަދަ ތަންތަނާއެކުވެސް އެރަށްތަކުން ވިޔަފާރީގެ މުއާމަލާތް ހިންގާފައި ވެއެވެ. ވަކިން ޚާއްޞަކޮށް މުދާ ބޭރުކުރުމުގައި ޢައްބާސީ ދައުލަތާއެކު ހިނގާފައިވާ މުއާމަލާތްތައް ފާހަގަކުރެއެވެ. އެރަށްތައް ޢައްބާސީ ދައުލަތާއި ކައިރިވެފައި، އައްދީބަޖާތުގެ މުދަލުގެ ބޭނުން ޢައްބާސީ ދައުލަތަށް ޖެހޭތީއެވެ.
ނަތީޖާ
މިހޯދުންތަކުން ނެރެވުނު ނަތީޖާތަކަކީ:
1- އައްދީބަޖާ ބެހޭގޮތުން މިހޯދުންތަކުގައި ބަލާލި ދުވަސްވަރާ ގުޅޭ ލިއުންތަކެއް އެރަށްތަކުގައި ނެތްނަމަވެސް އެދުވަސްވަރުގެ އަރަބި ލިޔުންތަކުގައި އެރަށްތަކުގެ ވާހަކަ އައިސްފައި ވެއެވެ. އަދި އެހެން އެއްވެސް މަސްދަރަކުން ލިބެން ނެތް މައުލޫމާތު އެރަށްތަކުގެ ޠަބީޢަތާއި، ވަޒަންވެރިންނާއި، ސިޔާސީ، އިދާރީ އަދި އިޤްތިޞާދީ ޙާލަތާއި ބެހޭގޮތުން ގެނެސްދީފައި ވެއެވެ.
2- އެރަށްތަކަށް އެތައް ނަމެއް ކިޔާފައި ވެއެވެ. އެހެންކަމުން އަހަރުމެން ބޭނުންކޮށްފައިވާނީ އެންމެ އިހުގެ އަރަބި ލިއުންތަކުގައި އެންމެ ގިނައި އައިސްފައިވާ ނަމެވެ.
3- މި ހޯދުންތަކުގައި ބަލާލެވުނު ދުވަސްވަރު އައްދީބަޖާތާއި އަރަބިންނާއި ދެމެދު ގުޅުތައް މެދުނުކެނޑި ދަމަހައްޓާފައި ވެއެވެ. އަދި އައްދީބަޖާތުގެ ގުދުރަތީ ވަސީލަތްތަކުގެ ސަބަބުން އެރަށްތަކުގައި ކުރިއަށް ދިޔަ އިޤްތިޞާދީ ޙަރަކާތްތުގެ ސަބަބުން ޢައްބާސީ ދައުލަތާއެކު ފާހަގަކޮށްލެވޭ އިޤްތިޞާދީ ގުޅުމެއް ޤާއިމުވެފައި އޮތެވެ.
4- އައްދީބަޖާތު ސީދާ އަރަބި އިސްލާމީ ވެރިކަމެއްގެ ދަށުގައި ނެތް ނަމަވެސް އެރަށްތަކުގައި އިސްލާމްދީން ފެތުރުނި އަރަބި އިސްލާމީ ދަތުރުވެރިންނާއި، އެރަށްތަކުގައި ވަޒަންވެރިވި އަރަބިންނާއި މުސްލިމުންގެ ސަބަބުންނެވެ.
5- އަރަބިންނާއި މުސްލިމުންގެ އަސަރު އައްދީބަޖާތުގެ އިދާރީ ނިޒާމު ފަދަ ކަންކަމުގެ ތެރެއިން ފެނެއެވެ. (މިސާލަކަށް ސުލްޠާނު، ވަޒީރު) އަދި ޝަރުޢީ ނިޒާމާއި، ޤާނޫނާ ޚިލާފުވާ މީހުންގެ މައްޗަށް އިސްލާމީ ހުކުމްތައް ތަންފީޒުކުރުމާއި، އިޖްތިމާއީ ދިރިއުޅުގެ ތެރޭގައި ވެސް މިއަސަރު ފާހަގަކުރެވެއެވެ. (ނިމުނީ)