ރިޔާސީ އިންތިޚާބު ބާއްވަން ބޭނުންވާ ކަމާއިމެދު ސުވާލު އުފެދޭ...

ރިޔާސީ އިންތިޚާބު އައިސް ބޯމަތިވީއެވެ. އިންތިޚާބު ބާއްވަން ފަސްވަރަކަށް މަހަށްވީއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ވާގޮތަށް މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެކަން ސަރުކާރުން ވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންކޮށްދީފައެވެ. ބައިނަލްއަޤްވާމީ ޤަބޫލުކުރުންތަކުގެ އިންތަކުގެ ތެރެއިން އިންސާފުވެރި އިންތިޚާބަކަށް މި އިންތިޚާބު ހަދައިދޭނެ ކަމަށް ވަރަށް ސާފުކޮށް ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އަދި ކޮމިޝަނުން ވަނީ އިންތިޚާބަށް ތައްޔާރުވާންވެސް ފަށާފައެވެ. އެކަމަކު މިހާރު އުފެދޭ ސުވާލަކީ ސިޔާސީ މަޝްރަޙުގައި ނަގާކިޔާ ލީޑަރުން، ނުވަތަ ރާއްޖޭގެ ވެރިކަމަށް "ފެންބޮވައިގެންފައިވާ" ނުވަތަ ވެރިކަމަށް އެދިއެދި ތިބި ލީޑަރުން މި އިންތިޚާބު ބާއްވަން ބޭނުންވާ ކަމާމެދު އުފެދޭ ސުވާލެވެ.

ވޭތުވެދިޔަ ކުރު މާޒީގައި ކަންކަން ހިނގާފައިވާ ގޮތާއި މިހާރު ރާއްޖޭގެ ސިޔާސީ އޮއިވަރު ހުރި ގޮތަށް ބަލާއިރު މިހާރުގެ އިއިދިކޮޅު ލީޑަރުން މަސައްކަތް ކުރައްވާފައި ވަނީ ނުވަތަ އެބޭފުޅުންގެ ވިސްނުން ހުރީ ރައީސް ޔާމިން ވެރިކަމުން ދުރުކޮށްގެން އެބޭފުޅުން ބޭނުންވާ ލީޑަރަކު ވެރިކަމުގައި ބަހައްޓައިގެން ރިޔާސީ އިންތިޚާބެއް ބޭއްވުމަށޭ ބުނެވިދާނެއެވެ. ނޫނީ ދައުރު ހަމަ ނުކުރައްވަނީސް ރައީސް ޔާމިން ވެރިކަމުން ދުރުކޮށް އެބޭފުޅުން ބޭނުންފުޅުވާ ޒާތުގެ ވެރިކަމެއް ޤާއިމުކޮށްގެން އެކަން ކުރުމަށް ކަމުގައޭ ވެސް ބެލިދާނެއެވެ. ކަންމިހެން އޮތްއިރު އެކިޔާ އިދިކޮޅު ކޯލިޝަނާއި ކުރިން އެވެރިން "ބާޣީން" ގެ ގޮތުގައި ސިއްކަޖެހި އިސް ސިޔާސީ ބޭބޭފުޅުން ގުޅިވަޑައިގެންނެވި ފަހުން އެމްޑީޕީގެ "ލީޑަރު" ރައީސް މުހަންމަދު ނަޝީދު ފިޔަވައި އެހެން ލީޑަރަކު ރިޔާސީ އިންތިޚާބުގެ ވާހަކައެއް އަމުދުން ނުވެސް ދައްކަވައެވެ.

ރައީސް ނަޝީދާއި ބައިއަތު ހިއްޕަވައިގެން އެމްޑީޕީން ގަބޫލުކުރާ ސިޔާސީ ޕްލެޓްފޯމަށް އަރާވަޑައިގެންނެވި ފަހުން ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރައްވައި އަދި ނަޝީދަކީ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމާއި ނަޝީދަކީ ބޭރުގެ ލާދީނީ ޖަމާއަތްތަކުގެ މަދަދުގާރެއް ކަމުގައި ކަނޑައެޅުއްވި ރައީސް މައުމޫން އަބަދުވެސް މިފަހުން ދައްކަވާ އަޑު އިވެނީ ކުޑަ ކެކުރިއަކާއި ބޮޑު ކެކުރިއެއްގެ ވާހަކައެވެ. އެންމެ ފަހުން ފާޅުގައި ރައީސް ޔާމީންގެ ވެރިކަން ނިންމާން ޖެހޭ ކަމަށް ވިދާޅުވެ އަމަލީގޮތުންވެސް އެމަސައްކަތް ފެއްޓެވީއެވެ. އުމުރުން އަށްޑިހައަށް ވުރެ މައްޗަށް ގޮސް، ކިތަންމެ ނޭއްގާނީ ގޮތެއްގައި އެވެރިން އެކިޔާ ގޮތަށް "ކިތަންމެ އަނިޔާވެރި، ޚުދުމުޚުތާރު" ގޮތެއްގައި ވެރިކަން ކުރައްވާފައި ހުންނެވި ނަމަވެސް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވީތީއާއި ރާއްޖޭގެ ވަރަށް އިސް ރަށްވެއްސަކަށް ވީތީ ރައީސް މައުމޫނަށް ގިނަ ބަޔަކު އިހުތިރާމާއި ޤަދަރު ކުރިއެވެ. އެކަމަކު އެލޯތްބާއި ޤަދަރާއި އިހުތިރާމް އެގޮތުގައި ދަމަހައްޓަވައިގެން އުމުރުގެ ދެން ބާކީ އޮތްބައި ޝަރަފުވެރި ކަމާއި ޤަދަރުވެރިކަމާއި އެކުގައި ހޭދަކޮށްލެވޭނެ ފުރުސަތު އޮތް ނަމަވެސް މައުމޫން ޚިޔާރު ކުރެއްވީ ކުރީގެ އެންމެ ބޮޑެތި ހަތުރުވެރިން ދެއްކެވި ކަށިބޯ ޖަންގަލީގެ ތެރެއަށް ވެދެވެވަޑައިގެން އެބޭފުޅުންވެސް އަދި ނުހިންގަވާހާ ހަލުއިކޮށް ހިންގަވައި އެގޮތުގައި ކުރިއަށް ވަޑައިގަންނަވާށެވެ. ނަމަވެސް އެމަގުން މާދުރަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. "ކަށިކުބުލު ވަލުން" އެތައް ކަށްޓެއް ގައިކޮޅަށް ހެރި ހުރަގޭގައި "އެނދުމަތި" ކުރަން ޖެހުނީއެވެ. ހަމަގައިމުވެސް ރައީސް މައުމޫންގެ "ދިގު 30 އަހަރު"ގެ ވެރިކަމުގައި ބާޣީންގެ ގޮތުގައި ސިއްކަޖެހި އަދަބު ލިބުނު މީހުންނާއި އެވެރިކަމުގައި "މޭޒުމަތީގައި އޮތް" ބަރު ހެކިދީގެންނާއި ފުލުސްކޯޓުން ތަހުގީގުތައް ހިންގައި ޖަލަށްލައި އަރުވާލައި އަދަބު ދިން މީހުންގެ ތެރެއިން ގިނަ މީހުން، މައުމޫނު މިހާލަތަށް ވައްޓަވާލެއްވުމުގައި އެހީތެރިވެ ދިން މީހުންނާއި ބައިވެރިވެ ހީ ނަގަނީއެވެ.  30 އަހަރުގެ ވެރިކަމާއި ދެކޮޅުވެ، ޚިޔާލާއި ފިކުރު ތަފާތުވެގެން އަނިޔާލިބުނު ކަމަށް ބުނާ މީހުންނާއި، ބޮޑުކާފާއި ކުޑަކާފު ކަމުނުގޮސްގެންނާއި މައުމޫން ދެއްކެވި މީހުން މަޖިލީހަށް ނުހޮވާނަމޭ ބުނެގެން ރަށުގެ ފާލަން މަތީން "އުފުރާލައިގެން" ގެނަސް ހުރަގެއަށްލީ މީހުންވެސް ތިބީ އެކަމާއި އުފަލުން ފޮޅިފައެވެ. ކަޅު ހުކުރުގައި ޖުމްހޫރީ މައިދާނާއި ރަށުގެ އެތަންމިތަނުން ދަމާ ކޫއްތާފައި ގެންގޮސް ބިޑިއަޅުވައި ކަނުބަނދެ ބަނޑޭރިކޮށީގައި، ދުމަށީގައި މަސްޖަހާހެން ޖަހާފައި ތިބި މީހުންނާއި، މިހެންގޮސް އެކި އާއިލާތަކުގައި ތިބި ބޭއިންސާފު އަނިޔާތައް ލިބިފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ވެސް މައުމޫނަށް މިހާރު ހިތްވަރު ދޭ މީހުންނާއެކު އުފާފާޅުކޮށް މާ ނޫންގޮތަކަށް އެއްމިޔަކަނުން ހެނީއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ގިނަ ބޭބޭފުޅުން ވިދާޅުވަނީ ޤާނޫނުތަކާ އެއްގޮތަށް ދައުލަތުން ހުރިހާ ޚަރަދެއް ކޮށްގެން، ގަދަރާއި ޢިއްޒަތާއި ރައްކާތެރިކަމާއި ބޭސްފަރުވާގެ ކަންތައް ބަލަހައްޓަމުން ގެންދަނިކޮށްވެސް ކުރީގެ ހަތުރުންގެ ގާތުން މަދަދާއި ހިތްވަރު ހޯއްދަވައިގެން ސަރުކާރާއި ދެކޮޅަށް ނުކުމެވަޑައިގެންނެވީ އާއިލީ ވެރިކަމެއް ގާއިމު ކުރައްވަން މަގުފަހި ކުރައްވަން އޮންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އެކަން ކުރައްވަން އަރާވަޑައިގަންނަވާނެ ސްޓޭޖެއް، ވެދެވަޑައިގަންނަވާނެ ހަރުގެއެއް، ފާޅުގައި ތާއީދުކުރާނެ ބަޔަކު ނެތުމުން ހަތުރުވެރިންނާއި ގުޅިވަޑައިގެންނެވީއެވެ. ނަމަވެސް ކުރިން އެންމެ ނަންފުޅެއް ޖަހާފައި އޮތް ކުޑަ ކާރުދާސް ކޮޅުގައި ބޮޑުކާފާއި ކުޑަކާފު ޖަހައިގެން ކާމިޔާބު ލިބިވަޑައިގެންނެވި ނަމަވެސް މިހާރު އެއޮންނަ ގިނަ ނަންހިމެނޭ ބޮޑު ވޯޓު ކަރުދާސްކޮޅުން ކާމިޔާބު ލިބިވަޑައިގަންނަވާތަން އަދި ފެނިވަޑައި ނުގަންނަވާތީ ނުވަތަ އާއިލީ ބޭފުޅަކު އަދި އެވަރަށް ތައްޔާރުކޮށް ވެރިކަމަށް ފައްކާ ނުކުރެވޭތީ ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކަވަން ބޭނުންފުޅުވެސް ނުވަނީއެވެ. ނޫންނަމަ ރައީސް ނަޝީދަށް ހަނި ފުރުސަތެއް ލިބިވަޑައިގެން ވިޔަސް ނަޝީދަށް ވެރިކަން ލިބިވަޑައިގެންފާނެތީ އަދި އެވާހަކަ ދައްކަވާން ބޭނުންފުޅު ނުވަނީއެވެ.

ދެން މިކިޔާ ވެރިކަން ބޭނުންފުޅު ބޭފުޅުންގެ ލިސްޓުގައި ޤާސިމް އިބްރާހީމްގެ ނަން ޖެހޭކަށް ނުވެސް ނެތެވެ. ޤާސިމަށް ގާނޫނު އަސާސީން އެކަމަށް ހުރަސް އަޅައެވެ. އަދި މިއަށްވުރެ މާބޮޑު މައްސަލައެއް ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ފާހަގަ ކުރައްވައެވެ. އެއީ އެންމެ ބޮޑު އިދިކޮޅު ލީޑަރު އެއްގޮތަކަށްވެސް ޤާސިމަށް އިތުބާރު ނުކުރައްވާ މައްސަލައެވެ. ނަޝީދުގެ ވެރިކަން ނިމުމަކަށް ގެންނަން ފާޅުގައި މަސައްކަތް ކުރެއްވި، އަދި އެވެރިކަން ނިމި ދިއުމުން "ވެރިކަން ވެއްޓުނީތީ ހަމްދުކޮށް، ޝުކުރުކޮށް، ޝުކުރުގެ ސަޖިދަ ޖައްސަވާ، ބަދު ދުޢާ ކުރައްވާ ހެއްދެވި "އެންމެ ބޮޑު ބާޣީ" ގެ ގޮތުގައި ނަޝީދާއި ނަޝީދުގެ އެކުވެރިންވެސް ދެކޭ އެއްބޭފުޅަކީ ޤާސިމު ކަމުގައި ވާތީއެވެ. ޤާސިމަކީ ގޮތް ނޭނގޭ ބޭފުޅަކަށްވާތީއެވެ. އެންމެ ފަހު ވަގުތު ހައްދަވާނެ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގޭތީއެވެ. ކަންމިހެން އޮތް އިރު ޤާނޫނު އަސާސީއަށް ބަދަލު ގެނަސްގެން ޤާސިމަށް ވާދަކުރެއްވޭނެ މަގެއް ކޮށައިދޭން ޚުދު ނަޝީދުވެސް އަދި ނަޝީދަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅަކުވެސް ބޭނުންފުޅު ނުވާނެކަމާއި މެދަކު ޝައްކު އުފެދޭނެ ޖާގައެއްވެސް ނެތެވެ.

ދެން އޮތީ އަބަދުވެސް ރިޔާސީ އިންތިޚާބަކަށް ތައްޔާރަށް އޮންނަ ޕާޓީގެ ވާހަކައެވެ. އެކަމަކު ދުރުގައި ވާނުވާބަލާން ތިބި އެންމެންނަށްވެސް މިފަހަރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ބޯމަތިވަމުން އަންނަ ރިޔާސީ އިންތިޚާބާއިމެދު އެޕާޓީން މިހާތަނަށް ނަގަމުންދާތަން ފެނިފައިވަނީ އެކި ފަހަރު އެކި ފަޅިއެވެ. އެކި ފަހަރު ނިންމަނީ އެކި ގޮތެވެ. އަދި ހަމަ އާރުލާ ގޮތަކަށް އެވާހަކައެއް ފާޅަކު ނުދައްކައެވެ. ކުރިން ބުނަމުން އައީ އެޕާޓީން މިހާތަނަށް ދެއްކި ރިޔާސީ ކެންޑިޑޭޓަށް ވާދަ ނުކުރެވޭ ރިޔާސީ އިންތިޚާބެއްގައި ޕާޓީން ވާދަ ނުކުރާނެ ކަމަށެވެ. އެފަޅިއަށް އަރާތިބެ ދެން ދެއްކީ އެބުނާ ގުޅިފައިވާ ޕާޓީތަކުން ނުވަތަ ވާދަވެރިން ގުޅިގެން ވަގުތީ ރައީސަކު ހޮވަން ނުވަތަ ރައީސް މައުމޫން ކުރިން ވިދާޅުވެފައިވާ ގޮތަށް "ދޭތެރެ ބައްދާ" ވެރިއަކު އިންތިޚާބު ކުރަން އެއްކެންޑިޑޭޓަކު ނެރޭ ވާހަކައެވެ. ދެން އަޑުއިވުނީ އަލިފުދާލުން ނަޝީދަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭ ގޮތަށް ނިންމައިދީގެން ނަޝީދު އިންތިޚާބުގައި ވާދަކުރައްވާ ގޮތަށް ނިންމެވި ވާހަކައެވެ.

މިހުރިހާ މަޝްވަރާތަކެއް ލަންކާގައި ހިނގަމުން ދިޔައިރު ފަރުދާގެ ފުރަގަހުގައި މިއަށްވުރެ ވަރުގަދަ މަޝްވަރާ ތަކަކާއި ކަންތައްތަކެއް ނިމިގެން ދިޔަކަން ފެބްރުއަރީ އެކެއްގައި އެއޮތީ ފެނި ޔަގީންވެފައެވެ. އެރޭގެ ބޮޑު އަމުރަކީ އެބުނާ މަޝްވަރާތަކުގެ ނަތީޖާކަމަށް ވެސް މިހާރު ގިނަ ބަޔަކު ޔަގީން ކުރެއެވެ.  

މިހާހިސާބުން ޔަގީނާ ގާތްވާ ވަރަށް އެފެންނަ ތަސްވީރުން ތަސައްވަރު ކުރެވޭ އެއްކަމަކީ ބޯމަތިވަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއް އެމްޑީޕީގެ ލީޑަރު ނުވަތަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިފަހަރު ނުގެންގުޅުއްވާކަމެވެ. އަދި ނަޝީދު އެވިދާޅުވާ "ބޮޑުމަންޒަރަކަށް" ހަމަގައިމުވެސް ނަޝީދެއް ނާރައެވެ. މިހާރު އެހުންނެވި ފިޔަވަޅު މަތީގައި ހުންނަވައިގެން އަދި އެހާހިސާބަކުން ޖާގައެއް ނުލިބެއެވެ. އެންމެ ބޮޑު ހުރަހަކީ ނަޝީދުގެ މައްޗަށް އިއްވާފައި އޮތް ހުކުމެވެ. މިހުކުމުގެ ސަބަބުން ޤާނޫނު އަސާސީއާއި ޤާނޫނުތައް ނަޝީދުގެ އިންތިޚާބީ ޝަރުތުގެ ހުރަހަކަށް ވަނީއެވެ. މިހާހިސާބުން ދެން އުފެދޭ ސުވާލަކީ ނަޝީދުގެ މި މައްސަލައަށް ނުވަތަ މި ހުރަސް ނައްތާލުމަށް ދެން އޮތް ހައްލަކީ ކޮބައި ކަމާމެދު އުފެދޭ ނުވަތަ އުފައްދަން ޖެހޭ ސުވާލެވެ.

މި ސުވާލަށް ދާދި ފަހަކުން ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބުނު ކަމަށް ގިނަ ބަޔަކު މިހާރު ވަނީ ގަބޫލުކޮށްފައެވެ. އެއީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ނުވަތަ ފުންނާބުއުސް ފަރާތެއް މެދުވެރިކޮށް ސަރުކާރާއެކު ސިއްރިޔާތުގައި މަޝްވަރާ ތަކެއް ކުރެވުނު ވާހަކަ ފެންމަތިވި ހިސާބުންނެވެ. އެއްވެސް ފަރާތަކުން "އެދުމެއް ނެތި ވެދުމެއް ނުކުރާނެ" ކަމަށް ބުނެއުޅޭ އުސޫލުން ދެފަރާތުން ވެސް މިފަދަ ބޮޑު ކަމެއްގައި ވާހަކަ ދައްކައި މަޝްވަރާތަކެއް ކުރާނީ މުހުތާދު ތަކެއް ނުވަތަ އެފަރާތަކުން ހާސިލު ކުރަން ބޭނުން ކަންތައްތަކެއް ހުރީމައެވެ. މިކަންކަން ހިނގާދިޔަގޮތުން މި މަޝްވަރާތައް ހިނގާ ދިޔައީ އެކުގައި ތިބި ކަމަށްބުނާ ބައިވެރިންނަށްވެސް ނޭނގި ސިއްރުން ފަރުދާގެ ފުރަގަހުގައިކަން މިހާރު ޔަގީންވެއެވެ.

ވޭތުވެދިޔަ ކައިރި މާޒީގައި ކަންހިނގާދިޔަ ގޮތަށް ބަލާއިރު މިއޮތީ ދެ ފަޅިއެއްގައި ދެ މަޝްވަރާއެއް ކުރެވިފައެވެ. އެ ބުނާ ބޮޑު ކޯލިޝަނުގެ މޭޒުދޮށުގައި ހިނގާފައިވަނީ "ބޮޑު އަމުރު"ގެ މަޝްވަރާއެވެ. ސިއްރިޔާތުގައި ހިނގާ ދިޔައީ ނަޝީދަށް ރަނގަޅު ގޮތްތަކެއް ފެންނާނެ އެހެން "ފޯމިއުލާއެއް" ހޯދުމަށް ކުރެވުނު މަޝްވަރާއެއް ކަމަށް ސިފަ ކުރެވެއެވެ. ބޮޑު އަމުރަކީ "އެއްބޮނޑިން" ވެރިކަން ނިންމާން އަޅާ ވިހެލި އެތިފަހަރެކެވެ. އެއެތިފަހަރު ކާމިޔާބު ވި ނަމަ މިއަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިޚާބުގެ ތާރީޚުތައް ފަހަނައަޅާ ދާއިރުވެސް ތިބޭނީ ވައްޓާލާފައި ދެން އަރާ ބައެއްގެ މެދުގައި ބައިއެޅުމުގެ އަރައިރުމުގައެވެ. ފެބްރުއަރީ ހަތެއްގެ ފަހުން އުފެދުނު ސަރުކާރުގެ ތެރެއިންވެސް އެފަދަ މަންޒަރު ތަކެއް ފެނި ތަޖުރިބާ ކުރެވުނެވެ.

މިވަރުގެ އެތިފަހަރެއް ސަރުކާރުގެ ކަނދުރާމައްޗަށް އެރި ނަމަވެސް އެ އެތިފަހަރުން ރެކޭނެ ގޮތެއް ސަރުކާރުން ހޯދަފާނެކަމަށް ބަލައިގެން ތިބި ބަޔަކު ފަރުދާގެ ފުރަގަހުގައި ތިބެ ވާހަކަ ދައްކައިގެން އެ ރޭވިރޭވުމުގައި ހަމަގައިމުވެސް ނެރެން ބޭނުންވާނީ ކުރިން ދެންނެވި ކަހަލަ "ސަޅި" ފޯމިއުލާއަކާއި ހަމައަށް ދެވޭތޯއެވެ. މިދެންނެވި ފޯމިއުލާއަކީ މިފަހަރު އެއްކަލަ އިންތިޚާބުގައި ފާހަގަޖަހަން ލިބޭ ބޮޑު ގަނޑުގައި ރައީސް ނަޝީދުގެ ނަން ނެތް ނަމަވެސް އަވަސް އިންތިޚާބެއް ބާއްވައިގެން ނުވަތަ ދައުރު ކުރުކޮށް ލައިގެން ނަމަވެސް ނޫންނަމަ ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި އެއްކަލަ ފާހަގަ ޖަހަން ލިބޭ ގަނޑުގައި ނަޝީދުގެ ނަން އޮންނާނެ ފަދަ ފޯމިއުލާއެއް އެކަށައަޅައި އެޔަގީންކަން ހޯދުމެވެ.

މިގޮތަށް ވިސްނުމާއި ފިކުރު ބަހައްޓައިގެން ނަޝީދުގެ ގައިކޮޅަށް ފިޓްވާ "ސަޅި" ފޯމިއުލާއެއް ނެރެން ނަޝީދު ބޭނުންފުޅުވާނެ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. މިހާރު އެއްގަލަކަށް އަރައިގެން އެއްފިކުރެއްގައި އެއް އަނގަޔަކުން ވާހަކަ ދައްކަމުންދާ ކަމަށް އެބުނާ ލީޑަރުންގެ ބާރެއް ހިނގާ ވެރިކަމެއް ކުރިއަށް އޮތްތަނުގައި ގާއިމު ވިޔަސް ނުވަތަ އެއިން ބޭފުޅަކަށް ފުރުސަތު ލިބިވަޑައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުނު ނަމަވެސް ނަޝީދު މިނިވަންކޮށް ނަޝީދަށް ކައިރި މުސްތަޤުބަލެއްގައި ރިޔާސީ އިންތިޚާބާއި ގާތްވެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރައީސް ނަޝީދަކަށްވެސް އަދި އެމްޑީޕީއަކަށްވެސް ނޯންނާނެއެވެ. ވޭތުވެދިޔަ ކުރު މާޒީގައި ކަންހިނގާ ގޮސްފައިވާ ގޮތަށް ބަލާއިރު ކިތަންމެ ބޮޑު ހިސާބެއް ޖަހައިގެން އެއްކޮށް ކަނޑާ ގެއްލިއަސް ނުކުންނާނީ މިނަތީޖާއެވެ.

ޔަގީންވާ އެއްކަމަކީ ބޯމަތިވަމުން އަންނަ ރިޔާސީ އިންތިޚާބާއިމެދު އެމްޑީޕީން މިހާރު ހަމަ އެއްވެސް ވަރަކަށް ވިސްނުން ނުގެންގުޅޭ ކަމެވެ. ދެން އެބުނާ ކޯލިޝަންގައި ހިމެނޭ އެއްވެސް ލީޑަރަކަށް ނުވަތަ އެބޭފުޅުން ތަމްސީލު ކުރާ ޕާޓީއަށް ވެރިކަން ހޯދައިދީގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ކުރިއަށް އޮތް ތާނގައި ފުރުސަތު ލިބޭގޮތަށް ނުވަތަ މަގުފަހިވާ ގޮތަށް އެއްވެސް އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށް ޚުދު ރައީސް ނަޝީދެއްވެސް، އެމްޑީޕީއެއްވެސް ގަބޫލެއް ނުކުރާނެއެވެ.

އެހެންކަމުން އެކިޔާ އެއްކެންޑިޑޭޓަކު ނެރުމުގެ ވާހަކައާއި އިދިކޮޅު އެންމެން ރުހި ގަބޫލުވާ މީހަކު ރިޔާސީ އިންތިޚާބަށް ނެރެގެން ވަގުތީ ސަރުކާރެއް ގާއިމުކޮށްގެން އެބުނާ ކޯލިޝަނުން ރުހޭ "ދޭތެރެބައްދާ" ވެރިއަކު ހޮވައިގެން މިކަން ކުރަން އުޅޭ ވާހަކައަކީ އަދި ހަމަ ތާކުންތާކު ޖެހޭ އާރުލާ ވާހަކައަކަށް ނުވެއެވެ. ކުރެވިދާނެ ކަމެއްކަމަކަށްވެސް ނުބެލެވެއެވެ. ކިތަންމެ ވަރަކަށް ހިސާބު ހެދިޔަސް އެބުނާ ފޯމިއުލާއެއް ނެރެވިދާނެ ކަމަކަށް އަދި ހަމަ ގަބޫލެއް ނުކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.