ރާއްޖޭގެ ޖަލުތަކުގައި މިވަގުތު ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން ވަރަށް އަވަހަށް ސަލާމާތްވާނެ ކަމަށް ވިދާޅުވެ ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހީމް ވާހަކަފުޅު ދައްކަވައިފިއެވެ.
ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަނބި ކަނަބަލުން މިހެންވިދާޅުވީ ރައީސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމެވުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރެއްވި ވަގުތުގައި އެތަނަށް ވަޑައިގެން ހުންނަވައެވެ.
"މީޑިއާއާ ފުރަތަމަ ފަހަރަށް މިގޮތަށް ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ކޮންމެ ކަމަކީވެސް ތަގުދީރުގެ ތެރެއިން ހިނގާނެ ކަންކަން ކަމަށެވެ. އެހެންވީމާ ވަރަށް އަވަހަށް ކާމިޔާބުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ތަގުދީރު ދެއްތޯ. އެހެންވީމާ އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. ހައްގަށް ނަސްރު ދެއްވާނެ. މީހާ ދަތުރުކުރާ މަގުވަރަށް މުހިންމު އެއްޗެއް. މީހާ އެހުރީ ހައްގުގޮތުގައި ކަމަށްވާނަމަ އުފަލުގައި ހުންނާނީ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ނަސްރާ ހަމައަށް ވެސް ދާނެ،" އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ވަރަށް އަވަހަށް ކާމިޔާބު ވެސް ވާނެ ކަމަށެވެ. "ކޮންމެ ބޭފުޅަކުވެސް ވިސްނަވަންވާނެ ކޮން މަގަކުންތޯއޭ ހިނގުނީ އަޅުގަނޑުމެންނަށް. ސައްހަ މަގުންތޯ. ޞިރާޠުލް މުސްތަޤީމުގައިތޯ މިތިބެވެނީ ހުރިހައި އިރަކުވެސް. އިރާދަ ކުރެއްވިއްޔާ ބަންދުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ސަލާމަތްވާނެ ވަރަށް އަވަހަށް،" ވަރަށް އުންމީދީ އަޑަކުން ރަސްރީނާ ވިދާޅުވިއެވެ.
ނަސްރީނާގެ މިވާހަކަފުޅުތަކަށް ގިނަބައެއްގެ ތައުރީފް ދަނީ ލިބެމުންނެވެ. މީގެ ކުރިން މިފަދަ ކަމަކަށް ނުކުމެ ވަޑައިގެންފައިނުވާ ނަސްރީނާ އިބްރާހީމް މައިދާނަށް ނުކުމެ ވަޑައިގެންނެވުމުން ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވީ އެކަމަނާ އެގޮތަށް ނުކުމެ ވަޑައިގެންނެވުމުން ގައުމުގެ ހާލަތު ވަރަށް ބޮޑަށް އެނގިގެންދާ ކަމަށެވެ.
"އެކަމަނާއަކީ ތިރީސް އަހަރު މައުމޫން ވެރިކަން ކުރެއްވިއިރުވެސް މިފަދަ ކަމެއް ފެނިފައެއް ނުވޭ. އޭރުވެސް މިހާރުވެސް މިޒާޖުގައި މަޑުމައިތިރި ކަމެއްހުންނަ ނަސްރީނާ އޭރު ކުރެއްވިހާވެސް ކަމަކީ މަޑުމަޑުން އިންނަވައިގެން ޝީ ހިންގެވީ. އެފަދަ ބޭފުޅަކު މިއަދު މަގުމައްޗަށް ނުކުމެ ވަޑައިގެންނެވުމަކީ އެހެން މީހުންނަށް ލިބިގެންދިޔަ އުފާވެރިކަމެއް. ހިތްހަމަޖެހުމެއް،" ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކު ވިދާޅުވިއެވެ.