އަޅުގަނޑުމެންގެ ކުރިމަތީގައިވާ ސުވާލަކީ އިސްލާމީ ދައުލަތެއްގައި ދިރިއުޅޭ ޣައިރުމުސްލިމުންނަށް ނުވަތަ ޣައިރުދީނަކަށް ދަޢުވަތުދޭން ބޭރުން އަންނަ ބަޔަކަށް މުސްލިމު އާބާދީއަށް އެބައިމީހުންގެ ދަޢުވަތު އަމާޒުކުރުމުގެ ހުއްދަދެވިދާނެ ހެއްޔެވެ؟ މި ސުވާލެވެ.
މި ސުވާލުގެ ޖަވާބުދިނުމަށްޓަކައި އިސްލާމްދީނުގެ ޙަޤީޤީ މައުޤިފާއި، އިސްލާމީ ދައުލަތެއް ޤާއިމު ކުރުމުގެ ބޭނުމުގެ މައްޗަށް ބަލައިލާން ޖެހެއެވެ.
އިސްލާމްދީނަކީ އިންސާނީ ދަރިފަސްކޮޅުގެ ކުރިމައްޗަށް ޙަޔާތުގެ މަގެއްގެ ޙައިޘިއްޔަތުން ދިރިއުޅުމުގެ ނިޒާމެއް ހުށަހަޅާ ދީނެކެވެ. އިންސާނާއަށް ލާބަޔާއި މަންފާހުރި ޙަޔާތުގެ ސީދާމަގަކީ ހަމައެކަނި އެ މަގު ކަމުގައި ކަނޑައަޅައި ބުނެ އެގޮތަށް ދަޢުވާކުރާ ދީނެކެވެ. އިންސާނީ ޙަޔާތުގެ އެހެން ހުރިހާ މަގުމަގަކީ އިންސާނާ ހަލާކާއި ގެއްލުމަށް ވާޞިލުކޮށްދޭ ކުށް މަގުމަގު ކަމުގައި އިޢުލާންކުރާ ދީނެކެވެ. އެންމެހައި އިންސާނުންނަށް އެ ދީން ދައްކާ މަގަށް އައުމަށް ނަސޭހަތްތެރިވާ ދީނެކެވެ. އެހެން ހުރިހާ މަގުތަކެއް ދޫކޮށްލުމަށް ބާރުއަޅާ ދީނެކެވެ. އަރަހުށި މާތް اللّه މިމޭރުމުން ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ (الأنعام: ١٥٣)
މާނައީ: "އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ."
އިސްލާމްދީނުގެ ނަޒަރުގައި ޣައިރުމުސްލިމުން ދަޢުވަތުދެމުންދާ ދީނީ ފިކުރުތަކާއި ދީނީ ޢަމަލުތަކަކީ މަގުފުރެދުންތަކެކެވެ. އެ މަގުމަގަށް ތަބާވުމުން އިންސާނުންނަށް ކުރާނެ ކުޑަވެސް ލާބައެއް ނެތެވެ. މަންފާއެއް ނެތެވެ. ލިބޭނީ ހައްތާވެސް ގެއްލުމެވެ. ހަލާކެވެ. އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވަނީ މިދަންނަވާ މޭރުމުންނެވެ.
أُولَئِكَ يَدْعُونَ إِلَى النَّارِ وَاللَّهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ (البقرة: ٢٢١)
މާނައީ: "އެއުރެން އެ ގޮވަނީ ނަރަކަޔަށް ވަނުމަށެވެ. اللّه ގޮވައިލައްވަނީ އެކަލާނގެ އިރާދަފުޅުން ތިޔަބައިމީހުން ސުވަރުގެއަށާއި مغفرة ގެ ތެރެއަށް ވަނުމަށެވެ."
އިސްލާމްދީނުގެ އެ ދަޢުވަތާއި އެ ދަޢުވަތުގެ ޞައްޙަކަމާމެދު އެ ދީން ކުޑަކޮށްވެސް ޝައްކެއް ނުކުރެއެވެ. އިންސާނިއްޔަތަށް ފައިދާއާއި ލާބަހުރި އެހެން މަގެއް އޮވެދާނެ ކަމަކަށް އެ ދީން ޤަބޫލެއް ނުކުރެއެވެ. ޙައްޤު ދީނަކީ އެ ދީންކަމާއި އެހެން ކޮންމެ ދީނަކީވެސް ބާޠިލު ދީނެއްކަން އިސްލާމްދީން ފުރިހަމަޔަށް ޔަޤީންކުރެއެވެ. ފުރިހަމަ އިތުބާރާއި އިޚްލާޞްތެރިކަމާއެކު އެ ދީން ބުނަނީ އެ ދީން ފިޔަވައި އެހެން ހުރިހާ ދީންތަކެއް އިންސާނާ ގެންދާނީ ނަރަކަޔާ ދިމާޔަށް ކަމުގައެވެ. އިންސާނާ ސަލާމަތުގެ އައްސޭރިޔަށް ގެންދާނީ ހަމައެކަނި ޚުދު އެ ދީން ކަމުގައެވެ.
އިސްލާމްދީނުގެ މައުޤިފަކީ މިއީކަމަށްވާއިރު އިންސާނާ ތާއަބަދުގެ ހަލާކަށް ހުށަހަޅާ ދަޢުވަތެއް އެ ދީނުގެ ފުރަމާނަ ހިނގާ ދާއިރާއެއްގައި ފަތުރަން ޤަބޫލުވުން އެއްކިބާގައި އޮއްވައި އެފަދަ ދަޢުވަތެއް ފަތުރަން ރުހުމުގެ ބަހެއް ބުނުމަކީވެސް އެ ދީނަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ބާޠިލުގެ މަގަށް ދަޢުވަތުދޭ އެއްވެސް ފަރާތަކަށް ހުޅުވިފައިވާ ލައިސަންސެއް އެ ދީނަކަށް ނުދެވޭނެއެވެ. ޚުދު ތިމާ ވެއްޓެމުންދާ އަލިފާނުގެ ވަޅުގަނޑާ ދިމާޔަށް އެހެނިހެން އިންސާނުން ލަވަމުން ގެންދާކަށެއް ނުރުހެވޭނެއެވެ. ހިތާދެކޮޅަށްވެސް އެ ދީނަށް ބަލައިގަނެވޭނެހައިވެސް ވަރަކީ ފަލާޙާއި ކާމިޔާބުގެ މަގުގެ ބަދަލުގައި ހަލާކާއި ގެއްލުމާ ދިމާޔަށް ކުރިޔަށްދާން ބޭނުންވާ މީހަކަށް ހުރަސްނޭޅުމެވެ. އިސްލާމްދީން އެކަންވެސް ކުރަނީ ގަދަކަމުން މީހެއްގެ ހިތަށް އީމާންކަމުގެ ނޫރު ވެއްދުމަކީ ފިޠުރަތުގެ ޤާނޫނާ ޚިލާފު ކަމެއް ކަމުގައިވާތީއެވެ. އެ ދީނުގެ ނަޒަރުގައި އިންސާނިއްޔަތަށް ޙަޤީޤީ މާނައިގައި ހެޔޮއެދުމަކީ ކުފުރުގެ ޒަހަރު ބުޔަނުދީ އިންސާނަކު ގަދަކަމުންވެސް ހުއްޓުވެން އޮތްނަމަ އެކަން ކުރުމެވެ. ޒަހަރުތަށި ތުނބުގައި ޖައްސަން އުޅޭ މީހާގެ އަތުގައި ގަދަކަމުންވެސް ހިފެހެއްޓުމެވެ. މި ޙަޤީޤަތް މިހެން އޮތުމާއެކުވެސް ކުފުރުގެ ވަބާއިން މީހުން ސަލާމަތްކުރަން އިސްލާމްދީން މަޖުބޫރުނުކުރަނީ ހަލާކުގެ ވަޅުގަނޑަކަށް އެކޮޅުކޮޅުން ވެއްޓިގަތުމަކީ އިންސާނާއަށް ލިބިފައިވާ "ޙައްޤެއް" ކަމަށް އެ ދީން ޤަބޫލު ކުރާތީއެއް ނޫނެވެ. އެކަން ކުރިޔަނުދޭން މަޖުބޫރުކުރުމަކީ "ބާޠިލު" ކަމެއް ކަމުގައި ދެކޭތީއެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ؟ އިސްލާމްދީން އެކަން ނުކޮށް ހުއްޓައިލަނީ އަރަހުށި މާތް اللّه އެ ޤާނޫނެއްގެ ދަށުން މި ކާއިނާތު ހައްދަވައިފައިވާ ޤާނޫނުގެ ހަމައިން ބަލާއިރު ތިމާ އަމިއްލަޔަށް ކުފުރުގެ އަނދަވަޅުން ސަލާމަތްވާން ނޭދޭ މީހަކު އެ ހަލާކުން ސަލާމަތް ނުކުރެވޭނެތީއެވެ. އަމިއްލައަށް ތައުބާވެ އިސްލާމްކަމަށް އެނބުރިނުގަންނަ މީހަކު ކުފުރުގެ ހަލާކާއި ގެއްލުމުން ސަލާމަތްކޮށް ނުދެވޭތީއެވެ.
އަރަހުށި މާތް اللّه މި ކާއިނާތާއި ކާއިނާތުގައި ލައްވައިފައިވާ ހުރިހާ މަޚްލޫޤާތެއް ޚަލްޤުކުރައްވައިފައިވާ ފިޠުރަތުގެ އުސޫލުން އިންސާނާއަށް ވަނީ އޭނާގެ ޢަމަލުގެ މިނިވަންކަން ދެއްވައިފައެވެ. ކުފުރާއި މަގުފުރެދުމުގައި ކުރިޔަށްދާން ބޭނުންވާ މީހާއަށްވެސް އެކަމުގައި ހުރަހެއް ނުވެއެވެ. އިންސާނާގެ ޢަމަލުތަކުގެ ނަތީޖާއާ ކުރިމަތިލާންޖެހޭ ދުވަހެއް އޮތުމާ އެކުގައެވެ.
ނަމަވެސް ތިމާ އަމިއްލަޔަށް މަގުފުރެދުމުގައި ދެމިހުންނާން ބޭނުންވާ މީހާއަށްވެސް މާތް اللّه ގެ އަޅުތަކުން އެ މަގަށް ގެންދާކަށެއް އިސްލާމްދީން ހުއްދައެއް ނުކުރެއެވެ. އިސްލާމްދީން އެފަދަ ހުއްދައެއް ދީފާނެކަމަށް ހީކުރުމަކީވެސް ވަރަށް ދެކޮޅުނުޖެހޭ ކަމެކެވެ. ޝައްކެއްވެސް ނެތެވެ. އެ ދީނުގެ ފުރަމާނައިގެ ދާއިރާއިން ބޭރުގައި އެކަން ބަރުދާސްތުކުރަން އެ ދީން ވަނީ މަޖުބޫރުވެގެންނެވެ. ނަމަވެސް އެތަނެއްގައި މާތް اللّه ގެ ދީނުގެ ވެރިކަން ޤާއިމުކޮށްދެއްވައި އެ ދީން ބާރުވެރިކުރައްވައި، މާތް اللّه ގެ އަޅުތަކުންނަށް ހެވާއި ލާބަ ހޯދައިދިނުމުގެ ޒިންމާ އިސްލާމީ ވެރިކަމާ ޙަވާލުކުރައްވައިފައިވާ ތަނެއްގައި މާތް اللّه ގެ އަޅުތަކުން މަގުފުރެއްދުމަކަށް ޖާގައެއް ނުދެވޭނެއެވެ. މާތް اللّه އަށް ބަޣާވާތް ކުރެވެމުންދާއިރު ކުޅިބަލާކަށެއް ނޯވެވޭނެއެވެ. އެ ދީނުގެ ވެރިކަމުގެ ދާއިރާގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަންކުރުމާއި، މަގުފޭރުމާއި، ހަށިވިއްކުންފަދަ ޖަރީމާތައްވެސް ހުއްދަ ނުކުރާ ފަދައިންނެވެ.
އިސްލާމީ ދައުލަތުގެ އަސާސީ މަޤްޞަދު
މާތް اللّه ގެ ބިމުގައި އިސްލާމްދީން އެ ދީނުގެ ވެރިކަމެއް ޤާއިމުކުރަނީ ހަމައެކަނި އިދާރީ ގޮތުން ސަރުކާރެއް ހިންގުމުގެ ބޭނުމުގައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އިސްލާމްދީން ތަނެއްގައި ދައުލަތެއް ޤާއިމުކުރުމުގެ މަޤްޞަދު ވަރަށްސާފެވެ. ނުހަނު ޞަރީޙައެވެ. އެ މަޤްޞަދު ވަނީ ކަނޑައަޅައި ބަޔާންކޮށް އިޢުލާންވެސް ކޮށްފައެވެ. ކުރުކޮށް ދަންނަވާނަމަ، އޭގެ މަޤްޞަދަކީ ހުރިހާ މާނައެއްގައިވެސް އެތަނެއްގައި ޠާހިރު ވެއްޓެއް ޤާއިމުކުރުމެވެ. ހެޔޮކަން ޢާންމު ކުރުމެވެ. މުންކަރާތްތައް ނަހީކުރުމެވެ. އެކަން ބަޔާންވެގެންވަނީ އަންނަނިވި ޢިބާރާތުންނެވެ.
هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ (التّوبة: ٣٣)
މާނައީ: "އެކަލާނގެއީ، ތެދުމަގާއި، حقّ دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ކަލާނގެއެވެ. (އެއީ) مشرك ން ނުރުހުނު ކަމުގައި ވިޔަސް، އެންމެހައި دين ތަކުގެ މައްޗަށް އެ دين ފާޅުކުރެއްވުމަށްޓަކައެވެ."
އިސްލާމީ ދައުލަތުގެ މަޤްޞަދު އިތުރަށް ތަފްޞީލުކޮށްދެއްވަނީ އަންނަނިވި ޢިބާރާތުންނެވެ.
وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ فَإِنِ انْتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ (الأنفال: ٣٩)
މާނައީ: "ފިތުނަވެރިކަމާއި، كافرކަން ހުއްޓި، މުޅި دين ވަނީ، اللّه އަށްޓަކައި ކަމުގައި ހިމެނިއްޖައުމަށް ދާންދެން، ތިޔަބައިމީހުން އެ كافرންނާ ހަނގުރާމަކުރަމުން ގެންދާށެވެ!"
އަދިވެސް އިރުޝާދު ދެއްވައިފައިވެއެވެ.
وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا (البقرة: ١٤٣)
މާނައީ: "އަދި ހަމައެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (قيامة ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި رسول އާ ވެވަޑައިގަތުމަށްޓަކައެވެ."
އިސްވެދިޔަ އާޔަތްތަކުގައި އަންގަވައިފައިވާ ގޮތުން ރަސޫލުބޭކަލުންގެ މިޝަންގެ އަޞްލު މަޤްޞަދަކީ އަރަހުށި މާތް اللّه އެބޭކަލުންނާ މަތިކުރެއްވި މަސްއޫލިއްޔަތު ފުރިހަމަޔަށް އުފުލުމެވެ. ނަބީބޭކަލުންގެ ދީން ވާރުތައިން ލިބިގަންނަ ފަދައިން އެބޭކަލުންގެ މިޝަނުގެ ހުރިހާ މަސްއޫލިއްޔަތެއްވެސް ފުރިހަމައަށް އަދާކުރުމެވެ. ދީނުގެ ނަމުގައި ހިންގޭ ހުރިހައި ޙަރަކާތްތަކަކީ اللّه ގެ ނަމުގައި ހިންގޭ ޙަރަކާތްތަކެއް ކަމުގައި ހަދައި ދެހެއްޓުމެވެ.
އެހެންކަމުން އެތަނެއްގައި ޙަޔާތުގެ ހުރިހާ މުޢާމަލާތެއްގެ ބާރު މުސްލިމުންގެ އަތްމައްޗަށް ލިބި އެތަނެއްގެ އިންތިޒާމީ ކަންކަމުގައި މާތް اللّه ގެ ޙަޟްރަތުގައި މުސްލިމުން ޖަވާބުދާރީވާންޖެހޭ އެއްވެސް ތަނެއްގައި މުސްލިމުންގެ ހުއްދައިގެމަތީން، މުސްލިމުންގެ ރައްކާތެރިކަމުގައި، މާތް اللّه ގެ ދީނުގެ ބަދަލުގައި އެހެން އެއްވެސް ދީނެއް ފެތުރުމުގެ ފުރުޞަތު ދިނުމަކީ މުސްލިމުންނަށް ހުއްދަވާނެ ކަމެއް ނޫނެވެ. އެހެނީ އެފަދަ ފުރުޞަތެއް ދިނުމަކީ ދީން ވަނީ ހަމައެކަނި اللّه އަށްޓަކައި ކަމުގައިވުން ނަފީކުރާ ކަމެކެވެ. މުސްލިމުންނަށް ބާރުލިބިފައިވާ އެއްވެސް ތަނެއްގައި އެކަލާނގެ ދީނާ ޚިލާފު އެއްވެސް ފިތުނައެއް ދަމަހައްޓައި ފުޅާކުރަމުން ގެންދިޔުމުގެ ބާރުދީފިނަމަ މުސްލިމުންނަށް މާތް اللّه ގެ ޙަޟްރަތުގައި ޖަވާބުދާރީވެވޭނީ ކޮންގޮތަކުންތޯއެވެ؟ "އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެން އައީ އަޅަމެންނަށް ވެރިކަމުގެ އާރާއި ބާރު ދެއްވި ތަނެއްގައި އިބަރަސްކަލާނގެ ދީނުގެ މުޤާބަލާގައި ފިތުނައެއް ބޯހިއްލައިލުމުގެ ފުރުޞަތު ދީފައޭ" ދަންނަވައިގެން ފަރުޖެއްސޭނެތޯއެވެ؟
އިސްލާމީ ދައުލަތެއްގައި ޒިންމީންގެ ޙައިޘިއްޔަތު
އިސްލާމީ ދައުލަތެއްގައި ޣައިރުމުސްލިމުންގެ ޙައިޘިއްޔަތަކީ މުސްލިމުންގެ އަމާންކަމުގައި ދިރިއުޅޭ ބަޔެއްގެ ޙައިޘިއްޔަތެވެ. އިސްލާމީ ދައުލަތަށް "މައިވާރު" ދެއްކުމުން އެބައިމީހުންގެ ޖާނާއި މާލާއި އަބުރު ރައްކާތެރިކޮށްދީ އެބައިމީހުންގެ ދީންމަތީގައި ދިރިއުޅުމުގެ ހުއްދަދިން ކަމުގައި ވިޔަސް އެ ދާއިރާއިން ބޭރުވެ މުސްލިމުންގެ މެދުގައި އެބައިމީހުންގެ ދީނާއި ގޮތްފޮތް ފަތުރަން އުޅެފިނަމަ އެއްވެސް އަގެއްގައި އެކަން ބަލައެއް ނުގަނެވޭނެއެވެ. އިސްލާމީ ވެރިކަމަކުން އެކަން ހުއްދައެއް ނުކުރެވޭނެއެވެ.
ހަމައެފަދައިން އިސްލާމީ ދައުލަތެއްގެ އަމާންކަމުގައި އެ ދައުލަތުގެ ވިސާ ލިބިގެން އަންނަ ޣައިރުމުސްލިމު ވިޔަފާރިވެރީންނަށާއި، މަސައްކަތްތެރީންނަށާއި، ފަންނީ މީހުންނަށާއި، ފަތުރުވެރީންނަށާއި، ޢިލްމު އުނގެނޭން ނުވަތަ އުނގަންނައިދޭން އަންނަ މީހުންނަށާއި، މިނޫންވެސް ތަމައްދުނީ މަޤުޞަދުތަކުގައި އަންނަ މީހުންނަށް އިސްލާމީ ޤައުމަކަށް އައުމުގެ ހުއްދަދެވުނު ކަމުގައި ވިޔަސް މާތް اللّه ގެ ކަލިމަފުޅުގެ (ދީނުގެ) ބަދަލުގައި އެހެން ކަލިމައެއް (ދީނެއް) ފަތުރަން އަންނަ ބަޔަކަށް އިސްލާމީ ދައުލަތުގެ ސަރަޙައްދަށް ވަނުމުގެ ހުއްދައެއް ނުދެވޭނެއެވެ.
އަރަހުށި މާތް اللّه ކާފަރުންނާ ދެކޮޅަށް އެކަލާނގެ ނަބިއްޔުންނާއި މުސްލިމުންނަށް ނަޞްރު ދެއްވީވެސް، އެ ނަޞްރު ދެއްވަމުން ގެންދަވަނީވެސް ކާފަރުކަމުގެ ކަލިމަ ދަށްކުރެއްވުމަށްޓަކައެވެ. އެކަލާނގެ ކަލިމަފުޅު މަތިވެރިކުރެއްވުމަށްޓަކައެވެ.
فَأَنْزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَى وَكَلِمَةُ اللَّهِ هِيَ الْعُلْيَا وَاللَّهُ عَزِيزٌ حَكِيمٌ " (التّوبة: ٤٠)
މާނައީ: "އެހިނދު އެކަލޭގެފާނަށް ހިތްޕުޅުހަމަޖެހުމާއި އަމާންކަން اللّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި ކާފިރުވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސް ކަމުގައި ލެއްވިއެވެ. اللّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅު ކަމުގައި ލެއްވިއެވެ."
އެހެންކަމުން މުސްލިމުންގެ ވެރިކަމުގެ ދާއިރާގައި މާތް اللّه ގެ ކަލިމަފުޅުގެ ބަދަލުގައި އެހެން ކަލިމައެއް މަތިވެރިކުރުމުގެ ފުރުޞަތު ދީފިނަމަ މުސްލިމުން ވާނީ އިޙްސާންތެރިކަން ހަނދާންނައްތާލި ބަޔަކު ކަމުގައެވެ.
ނަބަވީ ދައުރާއި އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގެ ނަމޫނާ
އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އާއި އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިން އެބޭކަލުންގެ ވެރިކަމުގައި ޢަމަލުކުރައްވައިފައިވާ މުސްތަޤިއްލު ސިޔާސަތު މަތީގައި ބަޔާންކުރެވިފައި އެވަނީއެވެ. ޢަރަބިކަރައިގެ ބައެއް މީހުން އިސްލާމީ ދަޢުވަތާ ތަފާތު ދަޢުވަތާއިގެން ތެދުވިއެވެ. މުސައިލަމާއާއި، އަސްވަދުލްޢަނަސީއާއި، ޠުލައިޙާއަސަދީއާއި، ސަޖާޙުއާއި، ލަޤީޠު ބިން މާލިކު އަޒުދީފަދަ މީސްމީހުންނެވެ. އެ ހުރިހާ އެންމެންގެ ދަޢުވަތު ވަނީ ބާރުގެ ބޭނުންކުރައްވައިގެން އޮއްބައިލައްވައިފައެވެ.
އިސްލާމީ ދައުލަތުގައި ދައުލަތުގެ ޒިންމީންގެ ގޮތުގައި ހިމެނުނު މީހުނަށް ދެއްވައިފައިވާ ޙައްޤުތަކާއި މިނިވަންކަމުގެ ވާހަކަ ނުހަނު ތަފްޞީލުކޮށް ވަނީ ތާރީޚު ފޮތްތަކުގައި ބަޔާންކުރެވިފައެވެ. މުސްލިމުންނާއި ޒިންމީންނާ ދެމެދު ކުރެވުނު މުޢާހަދާތަކުގެ ވާހަކަވެސް ތަފްޞީލުކޮށް ވަނީ ގެނެސްދީފައެވެ. ޣައިރުމުސްލިމުންނަށް މުސްލިމު އާބާދީގައި އެބައިމީހުންގެ ދީނުގެ ދަޢުވަތު ފެތުރުމުގެ ހުއްދަ، އެއިން އެއްވެސް މުޢާހަދާއެއްގައި ދީފައެއް ނުވެއެވެ.
ހަމައެފަދައިން އިސްލާމީ ދައުލަތުގެ އަމާންކަން ލިބިގެން (މިޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ ވިސާ ލިބިގެން) އަންނަ ޣައިރުމުސްލިމުންނާމެދު މުޢާމަލާކުރެވޭނެ ގޮތްތައްވެސް ވަނީ ފިޤުހުފޮތްތަކުގައި ނުހަނު ޞަރީހަކޮށް ބަޔާންކުރެވިފައެވެ. އެފަދަ ބަޔަކަށް އިސްލާމީ ދައުލަތެއްގައި ޣައިރުދީނެއް ފެތުރުމުގެ ހުއްދަދިނުމުގެ ކުޑަކުޑަ އިޝާރާތެއް ވިޔަސް އެއިން ފޮތެއްގައި ބަޔާންކުރެވިފައެއް ނުވެއެވެ.
އަލްޚުލަފާއުއްރާޝިދޫންގެ ސީރަތުން ފެންނަނީ މުސްލިމުންގެ އާބާދީގެ ތެރޭގައި ޣައިރުދީންތައް ފެތުރުމާއި، ޣައިރުމުސްލިމުންގެ ޝިޢާރުތައް ފައުޅުކުރުން މަނާކުރެވިފައިވާތަނެވެ. أمير المؤمنين أبوبكر الصديق رضى اللّه عنه އާއި أمير المؤمنين عمر بن الخطاب رضى اللّه عنه ވަނީ މުސްލިމު މުޖުތަމަޢުގެ ތެރެއަށް ޞަލީބު ނެރުންވެސް ކްރިސްޓިއަނުންނަށް މަނާކުރައްވައިފައެވެ. (ކިތާބުލް ޚަރާޖު، އިމާމު އަބޫޔޫސުފު: ޞަފުޙާ 80)
ހަމައެފަދައިން މުސްލިމު އާބާދީގެ ތެރޭގައި ޣައިރުމުސްލިމުން އަޅުކަންކުރާ ތަންތަން ހެދުމަކީވެސް އެކަމާ ބެހޭގޮތުން ޞަޙާބީންގެ ފަތުވާތައް ފެންނަންހުރި މައްސަލައެކެވެ. حبر الأمة عبد اللّه بن عباس رضى اللّه عنهما އާ މި މައްސަލައިގައި ސުވާލުކުރެވުމުން އެކަލޭގެފާނު ޖަވާބުދެއްވައިފައިވެއެވެ.
"ޚާއްޞަ ގޮތެއްގައި މުސްލިމުންނަށްޓަކައި އާބަދުކުރެވިފައިވާ ނުވަތަ މުސްލިމު ވަޒަންވެރީންގެ މައްޗަށް އެކުލެވޭ ރަށެއްގައި ޗާޗެއް ނުވަތަ ބުދުފައްޅިޔެއް އަޅާކަށްވެސް، އަދި އެބައިމީހުން އަޅުކަމެއްގެ ގޮތުން ފުމެއުޅޭ ސަންގު ފުމޭކަށެއްވެސް ޣައިރުމުސްލިމުންނަކަށް ހުއްދައެއް ނުދެވޭނެއެވެ. ހަމައެކަނި މުސްލިމުންނަށް ޚާއްޞަ ރަށްރަށް ފިޔަވައި ދެބައިމީހުން މައްސުނިކޮށް ދިރިއުޅޭ ޤަދީމީ ރަށްރަށުގައި އެތަންތާނގެ ޒިންމީންނާއި މުސްލިމުންނާ ދެމެދު އެއްބަސްވެފައިވާ ގޮތަކަށް ޢަމަލުކުރެވިދާނެއެވެ." (ކިތާބުލް ޚަރާޖު، އިމާމު އަބޫޔޫސުފު: ޞަފުޙާ 88)
ބުއްދީގެ ތަރާދު
އިސްލާމީ ދައުލަތްތަކުގައި ކުފުރުގެ ދަޢުވަތު ފެތުރުން އިސްލާމްދީނުގައި މަނާވެފައިވާ މައްސަލައިގައި އިސްލާމްދީން އެކަން މަނާކުރުމުގައި ގެންގުޅެފައިވާ މިންގަނޑާމެދުވެސް ބަލައިލާން ޖެހެއެވެ. އާދެ، ޣައިރުމުސްލިމަކު އޭނާގެ ދަރީންނަށް އޭނާގެ ދީން ދަސްކޮށްދިނުމަކީ، އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. ހަމައެފަދައިން ޣައިރުމުސްލިމަކު ދޭ ދަޢުވަތެއްގެ ސަބަބުން ނުވަތަ ފައުޅުކުރާ ޚިޔާލުތަކެއްގެ ސަބަބުން އިސްލާމީ ދައުލަތުގެ ޒިންމީ ރައްޔިތަކު އޭނާގެ ދީން ބަދަލުކުރުމަކީ (މިސާލެއްގެ ގޮތުން ބުޑިސްޓަކު ކްރިސްޓިއަންދީން ޤަބޫލުކުރުމަކީ) އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. ޙަޤީޤަތުގައި އިސްލާމްދީން މަނާކުރަނީ މުސްލިމު އާބާދީގައި ޣައިރުދީނެއް ނުވަތަ އިސްލާމްދީނާ ޚިލާފު ފިކުރީ ދަޢުވަތެއް ފަތުރަން ރޭވުންތެރި ގޮތެއްގައި މަސައްކަތްކުރުމެވެ. އިންތިޒާމެއްގެ ދަށުން އެފަދަ ދަޢުވަތެއް ފެތުރުމުގެ ޙަރަކާތް ހިންގުމެވެ. އެފަދަ ޙަރަކާތްތަކަކީ ދައުލަތުގެ ޒިންމީ ރައްޔިތަކު ހިންގި ކަމުގައި ވިޔަސް ނުވަތަ ބޭރުން އަންނަ "އަމާންކަން ލިބިފައިވާ" މީހަކު ހިންގި ކަމެއް ކަމުގައި ވިޔަސް އިސްލާމީ ދައުލަތުން ބަލައިގަންނާނެ ކަމެއް ނޫނެވެ.
ޝައްކެއްނެތެވެ. ތަނެއްގައި އިންތިޒާމުވެގެން ބަޔަކު ހިންގާ ދަޢުވަތުގެ ޙަރަކާތްތަކަކީ ސިޔާސީ ކުލައިގެ ކަމަކަށް ވިޔަސް ނުވަތަ ދީނީ އަދި އަޚްލާޤީ ކަމަކަށް ވިޔަސް އޭގެ ސަބަބުން އެ ދައުލަތުގެ އިޖުތިމާޢީ ނިޒާމު ރޫޅި ހަމަނުޖެހުން އުފެދުމަށް ބާރުލިބޭ ކަމެއްނަމަ ދުނިޔޭގެ އެއްވެސް ސަރުކާރަކުން އެތަނެއްގެ އިޖުތިމާޢީ ނިޒާމު ރޫޅުމަކަށް ފުރުޞަތެއް ނުދޭނެއެވެ. ޚާއްޞަކޮށް އެ ދަޢުވަތަކީ ދީނީ އަދި އަޚްލާޤީ އަގުތަކާ ގުޅުންހުރި ދަޢުވަތެއް ކަމުގައިވާނަމަ ސެކިއުލަރ ދައުލަތްތަކާ ޚިލާފަށް އިސްލާމީ ދައުލަތްތަކުން އެކަން ބަލައެއް ނުގަންނާނެއެވެ. އިސްލާމީ ދައުލަތެއްގެ ސިޔާދަތުގެ ދާއިރާގައި އެ ދައުލަތެއްގެ ހިޔާވަހިކަމުގައި އެއްވެސްކަހަލަ ޢަޤީދީ ނުވަތަ އަޚްލާޤީ މަގުފުރެދުމަކަށް ފުރުޞަތުދިނުމަކީ އެތަނެއްގައި އިސްލާމީ ދައުލަތެއް އުފެދުމުގެ މަޤްޞަދާ ފުށުއަރާ ކަމަކަށްވާތީއެވެ. މި މައްސަލައިގައި ސެކިއުލަރ ސަރުކާރަކުން ޢަމަލުކުރާނެ ގޮތާ އިސްލާމީ ސަރުކާރަކުން ޢަމަލުކުރާނެ ގޮތާ ތަފާތުވެދާނެއެވެ. ސަބަބަކީ ދެބާވަތުގެ ސަރުކާރު އުފެދުމުގެ މަޤްޞަދުގައި ހުންނަ ތަފާތެވެ.
ސެކިއުލަރ ސަރުކާރަކުން ދޮގާއި، އިޢުތިޤާދީ ފަސާދައާއި، ދީނީ މަގުފުރެދުމާއި، ބަދުއަޚްލާޤީ ކަންތައްތައް އެ ސަރުކާރެއްގެ ބާރުހިނގާ ސަރަޙައްދުގައި ފެތުރޭއިރު އަޅާނުލައި ތިބެދާނެއެވެ. އެކަންކަން ފަތުރާ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތާ ނުބެހޭހައި ހިނދަކުއެވެ. ޓެކްސް ދައްކަމުން ގެންދާހައި ދުވަހަކުއެވެ. ނަމަވެސް އެއްވެސްކަހަލަ ތަޙްރީކަކުން އެ ސަރުކާރެއްގެ ސިޔާސީ އަމުރުވެރިކަމަށް ނުރައްކަލެއް މެދުވެރިވެދާނެކަމަށް ފެނިއްޖެނަމަ އެކަމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމުގައި ކަނޑައަޅައި ބާރުގެ ބޭނުންކޮށްގެން އެ ޙަރަކާތެއް މުލުންލުހެލާކަށް ކުޑަކޮށްވެސް ފަހެއްނުޖެހޭނެއެވެ. ސަބަބަކީ މާތް اللّه ގެ އަޅުތަކުންގެ ރޫޙާނީ އަދި އަޚްލާޤީ ފަލާޙަކީ ސެކިއުލަރ ސަރުކާރުތަކުގެ އެޖެންޑާގައި އޮންނަ ކަމެއް ނޫނެވެ. ސެކިއުލަރ ސަރުކާރުތަކުން ކުޑަކޮށްވެސް ޝައުޤުވެރިވާ ކަމެއް ނޫނެވެ. ސެކިއުލަރ ސަރުކާރެއްގެ ހުރިހާވެސް އަމާޒަކީ ސިޔާސީ އާރާއި ބާރާއި މާއްދީ ފައިދާތަކެވެ.
ނަމަވެސް އިސްލާމީ ސަރުކާރެއްގެ އަމާޒަކީ މާތް اللّه ގެ އަޅުތަކުންގެ ރޫޙާނީ އަދި އަޚްލާޤީ ލާބައާއި މަންފާތަކެވެ. އިސްލާމީ ސަރުކާރަކުން ތަނެއްގައި އިންތިޒާމީ މަސްއޫލިއްޔަތާ ޙަވާލުވަނީ އެތަނެއްގެ އަހުލުވެރީންނަށް ހެޔޮކަމުގެ މަގަށް މަގުދެއްކުމަށްޓަކައެވެ. ރޫޙާނީ ގޮތުން ކުރިއަރުވައި އުޚުރަވީ ކާމިޔާބީ ހޯދައިދިނުމަށްޓަކައެވެ. އެހެންކަމުން އެތަނެއްގައި ސިޔާސީ ފިތުނައާއި، އިންޤިލާބީ ޚިޔާލުތައް ފަތުރާ ތަޙްރީކުތައް ބަރުދާސްތުނުކުރާ ފަދައިން އަޚްލާޤީ ފަސާދައާއި އިޢުތިޤާދީ މަގުފުރެއްދުން ޢާންމުކުރާ ޙަރަކާތްތަކެއްވެސް ބަލައެއް ނުގަންނާނެއެވެ.
މި މައްސަލައިގައި ބައެއް ފަރާތްތަކުން ކުރިމަތިކުރާ ސުވާލެކެވެ. އިސްލާމީ ސަރުކާރުތަކުން އެ ސަރުކާރުތަކުގެ ސިޔާދަތުގެ ދާއިރާގައި ޣައިރުދީންތަކަށް ދަޢުވަތުދިނުން މަނާކުރާ ފަދައިން ޣައިރުމުސްލިމު ދައުލަތްތަކުންވެސް އެ ސަރުކާރުތަކުގެ ސަރަޙައްދުގައި އިސްލާމީ ދަޢުވަތު ފެތުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމުގައި ހަމަޖައްސައިފިނަމަ ހަދާނީ ކިހިނަކުންހެއްޔެވެ؟ މި ސުވާލުގެ ވަރަށް ސާދާ ޖަވާބަކީ ބާޠިލާއި ދޮގާއި މަގުފުރެއްދުމުގެ ދަޢުވަތުދިނުމުގެ ހުއްދަ އަގަކަށް ދައްކައިގެން ޙައްޤާއި ތެދުމަގުގެ ދަޢުވަތު ފެތުރުމުގެ މިނިވަންކަން އިސްލާމްދީން ބޭނުމެއް ނުވެއޭ ދެންނެވުމެވެ.
އިސްލާމްދީން މުސްލިމުންނަށް ދަޢުވަތުދެނީ އެ ދީނަކީ ޙައްޤު ދީނެއް ކަމުގައި ޤަބޫލުކުރާނަމަ އެ ދީން ޤާއިމުކުރުމަށެވެ. ދުނިޔޭގެ ކުރިމައްޗަށް އެ ދީނުގެ ދަޢުވަތު ހުށަހެޅުމަށެވެ. އެ މަސައްކަތުގައި އިބުރާހީމީ ގުލްޒާރަށް ވަންނަންޖެހުނަސް ނުވަތަ ނަމްރޫދުގެ އަލިފާނަށް ފުންމައިލަންޖެހުނަސް ފަރުވާލެއް ނެތިއެވެ. އިސްލާމްދީން ހަރުއަޑުން ބުނަނީ އީމާންކަން ބާރުއަޅާ ގޮތަކީ އެއީކަމުގައެވެ. މުސްލިމުން ރައްބާނީން ކަމުގައި ވާނީ މިގޮތުން ކަމުގައެވެ. މާތް اللّه ގެ ރުހިވޮޑިގަތުން އެދޭނަމަ، ކުރިޔަށް ދާންވާނީ އިސްލާމީ މަޤްޞަދުތަކުގެ މަންޒިލްމަޤްޞޫދާ ދިމާޔަށް ކަމުގައެވެ. ކުފުރުގެ ބާރުތަކުން މީގެކުރިންވެސް އިސްލާމްދީން ފެތުރުމަށް ހުރަސްއެޅި ފަދައިން އަދި މިހާރުވެސް މުސްލިމުންގެ ޖާނާއި މާލަށް ނުޙައްޤުން ގެއްލުންދެމުންގެންދާ ފަދައިން ގެއްލުންދެމުން ގެންދިޔަ ކަމުގައި ވިޔަސް އިސްލާމްދީނުގެ މި ކަނޑައެޅުން ބަދަލެއް ނުކުރެވޭނެއެވެ. އިސްލާމީ ދައުލަތެއްގެ ސިޔާދަތާއި އާރާއި ބާރުގެ ޙިމާޔަތް ލިބިގެން އެ ސަރުކާރުގެ ފުރަމާނައިގެ ދަށުން ކުފުރު ޙިމާޔަތްކޮށްދީ މާތް اللّه ގެ އަޅުތަކުން މަގުފުރެއްދުމަށް މަގުފަހިކޮށްދޭ ދުވަހެއް ވާނީ އިސްލާމްދީން ދެކޭނެ އެންމެ ސުންޕާ ދުވަސް ކަމުގައެވެ. އިސްލާމްގެ ހަށިގަނޑުގައި ދެފުރާނައެއް ނުވެއެވެ. މިއަދުގެ ކާފަރުންނަކީ ނަމްރޫދާއި ފިރުޢައުނާއި ހާމާނާއި އަބޫޖަހުލާއި އަބޫލަހަބަށްވުރެ ވަކިން ހިތްހެޔޮ ބަޔެއްވެސް ނޫނެވެ. އެހެންކަމުން ޔަހޫދީންނާއި ނަޞާރާއިންނާއި ހިންދީންނާއި ބުޑިސްޓުން ރުއްސަން އިސްލާމީ އުސޫލުތައް ޤުރުބާނެއް ނުކުރެވޭނެއެވެ. ބޮސްނިޔާއާއި ޗެޗުނިޔާއާއި ބަރުމާއާއި ސްރީލަންކާއާއި އިންޑިޔާއާއި އެފުރިކާގެ ބައެއް ޤައުމުތަކުގައި މުސްލިމުން އެ ސާބިތުކޮށްދެނީ، ޠާޣޫތު އިސްއޮއްބައިލާނެ މުސްލިމު ފިރިހެންދަރީން އުފެދޭނީ، ނަމްރޫދުގެ އަލިފާންގަނޑު ގިރާކޮށްގެންކަމެވެ.
މުސްލިމު ޢާއިލާތަކަށް އުފަންވާ ކުދީންގެ މައްސަލަ
ބައެއް ފަރާތްތަކުން އުފައްދާ ސުވާލެކެވެ. މުސްލިމު މައިބަފައިންގެ ގޭގައި އުފަންވުމުގެ ސަބަބުން އެބަޔެއްގެ އިޚްތިޔާރަކާ ނުލައި މުސްލިމުން ކަމުގައި ބެލެވޭ ކުދީންވެސް އެ ކުދީން ބޮޑެތިވެ ތަޞައްރަފު ފުދުމަށްފަހު އިސްލާމްދީނާމެދު ހިތްހަމަނުޖެހޭނަމަ އިސްލާމްދީން ދޫކޮށްލުމުގެ އިޚްތިޔާރެއް ނޯންނާނެހެއްޔެވެ؟ އިޚްތިޔާރީ މުސްލިމުންނަށް މުރުތައްދުވުމުގެ ހުއްދަ ނޯންނަ ފަދައިން އެ ކުދީންނަށްވެސް އެ ކުދީން ބޭނުން ދީނެއް އިޚްތިޔާރުކުރުމުގެ މިނިވަންކަމެއް ނޯންނާނެހެއްޔެވެ؟ އެކަން އެގޮތަށް އޮންނަ ކަމުގައި ވަނީނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން މުނާފިޤުންގެ ވަރަށްގިނަ ޢަދަދެއް އިސްލާމްދީނާއި މުސްލިމުންގެ އިޖުތިމާޢީ ނިޒާމުގެ ތެރެއަށް ވަދެގެންދާނެ ނޫން ހެއްޔެވެ؟
މި ސުވާލަށް ދެޙައިޘިއްޔަތުން ޖަވާބުދެވިދާނެއެވެ. އޭގެތެރެއިން އެއްޖަވާބަކީ އުޞޫލީ ޖަވާބެކެވެ. އަނެއް ޖަވާބަކީ ޢަމަލީ ޖަވާބެކެވެ. އުޞޫލީ ޖަވާބުގައި ދަންނަވަން ޖެހެނީ އަމިއްލަ އިޚްތިޔާރުގައި އިސްލާމްދީން ޤަބޫލުކުރާ މީހުންނާއި، މުސްލިމު ޢާއިލާތަކަށް އުފަންވާ މީހުނާމެދު ޙުކުމްތަކުގައި އެއްވެސް ތަފާތެއް ނުކުރެވޭނެ ކަމުގައެވެ. އިންސާނީ ތާރީޚުގައި އެއްވެސް ދީނެއް މިހައިތަނަކަށް އެ ދެބައިމީހުން ތަފާތުކޮށްފައި ނެތް ކަމުގައެވެ. އިންސާނީ ތާރިޚުގައި ހުރިހާ ދީންތަކަކުންވެސް އެ ދީނެއްގެ އަހުލުވެރީންގެ ދަރީންނާމެދު ބަލައިފައިވަނީ އެ ދީނެއްގެ އަހުލުވެރީން ކަމުގައެވެ. އެ ދީނެއްގެ އިޚްތިޔާރީ އަހުލުވެރީންގެ މައްޗަށް ހިންގާ ހުރިހާ ޙުކުމްތަކެއް އެ ދީނެއްގެ އަހުލުވެރީންގެ ދަރީންގެ މައްޗަށްވެސް ހިނގާނެ ކަމުގައެވެ. ދީނެއްގެ އަހުލުވެރީންގެ ދަރީން، ނުވަތަ ސިޔާސީ އިޞްޠިލާޙުން ދަންނަވާނަމަ މުސްލިމު ޤައުމެއްގެ ރައްޔިތުންގެ ދަރީން ކާފަރުންގެ ގޮތުގައި ނުވަތަ އުފަރާއިންގެ (Aliens) ގޮތުގައި ބަލައިގެން ކާންދީ ބޮޑުކޮށް ކިޔަވައިދީ ހެދުމަށްފަހު އެ ކުދީން ބާލިޣުވުމުން މައިންބަފައިންގެ ދީން ޤަބޫލުކުރުން ނުވަތަ އެ ކުދީން އުފަންވި ދައުލަތުގެ ވަފާތެރި ރައްޔިތުން ކަމުގައިވުން އެ ކުދީންގެ އިޚްތިޔާރަށް ދޫކޮށްލުމަކީ ޢަމަލީ ގޮތުން ބަލާއިރު ހަމައެކަނި އެކަށީގެންނުވާ ކަމަކީއެއް ނޫނެވެ. އަދި ކީއްތޯއެވެ. ބުއްދީގެ ހަމައިން ބަލާއިރު ދެކޮޅުނުޖެހޭވެސް ކަމެކެވެ. އެގޮތަށް ޢަމަލުކުރުމަކީ އެއްވެސް އިޖުތިމާޢީ ނިޒާމަކުން ދުވަހަކުވެސް ކަންކޮށްފައިވާ ގޮތެއް ނޫނެވެ. ކޮންމެ އިޖުތިމާޢީ ނިޒާމެއްވެސް ދެމިއޮތުމާއި ބަދަހިވުން އެންމެ ބޮޑަށް ބިނާވެފައިވަނީ އެ ނިޒާމެއްގެ މުސްތަޤިއްލު އާބާދީގެ މައްޗަށެވެ. އެ ނިޒާމެއްގެ އާޖީލުތައް އެ ނިޒާމެއްގެ މަތީގައި ސާބިތުވެތިބުމާއި ސިލްސިލާވަމުން ދިޔުމުގެ މައްޗަށެވެ. އެފަދަ މުސްތަޤިއްލު އާބާދީއެއް އުފެދޭނެ ގޮތަކީ އެ އާބާދީއެއްގެ އެއްނަސްލަކަށްފަހު އަނެއް ނަސްލެއް އެ ނިޒާމެއް ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލަމުން ގެންދިޔުމެވެ. ދީނަކަށް ތަބަޢަވާ މީހުންގެ އެއްނަސްލަކަށްފަހު އަނެއް ނަސްލެއް ނުވަތަ ރައްޔިތުންގެ އެއްޖީލަށްފަހު އަނެއް ޖީލެއް އެ ދީނެއްގެ މަތީގައި ނުވަތަ އެ ޤައުމެއްގެ ރަށްވެހީން ކަމުގައި ދެމިތިބުމާމެދު ޔަޤީންކަމެއް ނެތްނަމަ އެ އިޖުތިމާޢީ ނިޒާމެއްގެ ބިންގާ ކަސިޔާރުވެގެން ހިނގައިދާނެއެވެ. ދުވަހަކުވެސް އެ ނިޒާމަކަށް ބަދަހިކަމެއް ނުލިބޭނެއެވެ. އެ ދައުލަތެއް ރޫޅި ހަސްތީން ފޮހެވިގެންދާކަށެއް ލަހެއްފަހެއް ނޯންނާނެއެވެ. އެހެންކަމުން ވަކި ދީނަކަށް ތަބަޢަވާ މީހުންގެ ގޮތުގައި އުފަންވާ މީހުންނަށާއި، ވަކި ޤައުމެއްގެ ރައްޔިތުންގެ ޙައިޘިއްޔަތުން ދުނިޔެއަށް އަންނަ މީހުންނަށް އެމީހުން ބޭނުންހައި ފަހަރަކު ދީން ދޫކޮށްލުމުގެ ނުވަތަ ރައްޔިތުންގެ ޙައްޤު ބޮލާލައިޖެހުމުގެ ދޮރުހުޅުވައިފައި ބެހެއްޓުމަކީ މިހައިތަނަށް އެއްވެސް ދީނަކުން ނުވަތަ އެއްވެސް އިޖުތިމާޢީ ނިޒާމަކުން ނުވަތަ އެއްވެސް ދައުލަތަކުން ޢަމަލުކޮށްފައިވާ ގޮތެއް ނޫނެވެ.
މި ސުވާލުގެ ޢަމަލީ ޖަވާބުގައި ދަންނަވަން ޖެހެނީ ޙަޔާތުގެ ހަކަތައެއް ހުރި ނުވަތަ މަޤްޞަދެއް އޮތް ކޮންމެ އިޖުތިމާޢީ ނިޒާމަކުންވެސް ތިމަތިމާމެންގެ ނަސްލުތަކުގެ އާޖީލުތަކަށް ތިމާމެންގެ ތަހުޒީބާއި އުޞޫލުތަކާއި ތާރީޚާއި އާދަކާދަ ވާރުތަކޮށްދޭން މަސައްކަތްކުރަން ޖެހޭނެ ކަމުގައެވެ. އައުޖީލުތައް ތިމާމެންގެ އުޞޫލުތަކަށް ވަފާތެރިކުރުވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ވާހަކައެވެ. މިގޮތުން އައުޖީލުތަކަށް ދެވޭ ތަޢުލީމާއި ތަރުބިޔަތުގެ ނަތީޖާއެއްގެ ގޮތުން އެ ޖީލުތަކުގެ ވަރަށްމަތީ އިންސައްތައެއް ޒުވާންވެގެން އަންނަނީ އެ ކުދީން އެ ނިޒާމެއްގެ ދަރީންގެ ގޮތުގައި ދުނިޔެއަށް ނޭވާލާ ނިޒާމަށް ތަބާވާ އަދި ވަފާތެރިކަމާއެކު އެ ނިޒާމު ބޮލަރުވައިގެން ތެދުވާ ދަރީންގެ ގޮތުގައެވެ. އެ ނިޒާމަށް ގޮންޖަހައި ބަޣާވާތްކުރުމުގެ ވިސްނުމުގައި ޒުވާންވާނީ ނިސްބަތުން ވަރަށްމަދު ބަޔެކެވެ. އެހެންކަމުން އެ ސޮސައިޓީއެއްގެ އިޖުތިމާޢީ ޙަޔާތަށް ނުރައްކާކޮށް ޖަމާޢަތުގެ ބިންގާ ކޮނެގެން ނަގައި އެއްލައިލެވޭފަދަ ބަދަލުތަކަކަށް ޖާގައެއް ނުދެވޭނެއެވެ. މިދެންނެވި މަދުމީސްކޮޅު މުޖުތަމަޢުގެ އިޖުތިމާޢީ ދީނުން ބޭރުވާން ގަދަފައިވިއްދާނަމަ ޖަމާޢަތުގެ ސަރަޙައްދުން ބޭރަށް ނުކުމެ އެބަޔަކު އުޅޭން ބޭނުންވާ ގޮތަކަށް އުޅުމުގެ ދޮރު ވަނީ ހުޅުވިފައެވެ.
އާދެ، ކުރުކޮށްލައިފައި ދަންނަވާނަމަ، މުސްލިމުންގެ ނަސްލުން ދުނިޔެއަށް އަންނަ ދަރީންނާމެދު ބެލެވޭނީ މުސްލިމުން ކަމުގައެވެ. އެބައިމީހުންނަކަށް މުރުތައްދުވުމުގެ ދޮރު ހުޅުވައެއް ނުދެވޭނެއެވެ. މުސްލިމުންގެ ހުރިހާ ފިޤުހީ މަދަރުސާތަކެއްގެ ނިންމުމަކީ މިއީއެވެ. އިސްލާމީ ޝަރީޢަތުގެ މާހިރުންގެ މެދުގައި މިކަމުގައި ޚިލާފެއް ނުވެއެވެ.
މަގެއްކޮށަމުންދާއިރު އެމަގުސީދާކުރަންބޭނުންނަމަ އެ ސަރަޙައްދުގައި ކިތަންމެ ބޮޑު ބިޔަ ގަހެއް ހުރިކަމަށްވިޔަސް އެގަހެއްކަނޑައިގެންނޫނީ އެމަގެއް ތެދެއް ނުކުރެވޭނެއެވެ. އަދިއެގަހެއްކެނޑުމާއިމެދު ޚިޔާލު ތަފާތު ވިޔަސް އެގަސްކަނޑައިގެންމެނުވީ އެ މަގުތެދެއްނުވާނެއެވެ.އެހެންކަމުން ނމިޤައުމައްދިމާވެފައި ކަންކަންމުން އަރައިގަތުމައްޓަކާއި ކަނޑާލަންޖެހޭ ގަސްތަކެއްއެބަހުއްޓެވެ