ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ފިލުވާލެވި ހަމަޖެހުމެއް ގެނެވޭނީ ސިޔާސީ ޕާޓީތަކާއެކު ސަރުކާރަށް މަޝްވަރާ ކުރެވިގެން ކަމަށާއި އެކަމުގައި އީޔޫގެ އެހީތެރިކަން ބޭނުން ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާ ކުރަން ބޭނުންވެގެން ދިން ދައުވަތަށް އިދިކޮޅު ޕާޓީތަކުން ބީރުކަންފަތެއް ދީފައިވާ ކަމަށާއި ގާނޫނީ ހަމަހަމަކަން ދެމެހެއްޓުމުގައި އީޔޫއިންވެސް ދިވެހި ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ފޮރިން މިނިސްޓްރީން މިއަދު އީޔޫއަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައިވަނީ ސަރުކާރުގެ ވެރިންނާއި ސަރުކާރާ ގުޅިފައިތިބި ވިޔަފާރިވެރިންނާމެދު ފިޔަވަޅު އަޅައިދިނުމަށް ގޮވާލައި އީޔޫ ޕާލިމެންޓުން ފާސްކުރި ގަރާރަކާއި ގުޅިގެންނެވެ.
އީޔޫގެ ގަރާރާމެދު ވަކިއެއްޗެއް ނުބުނެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓަން ނުވިސްނާ ކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރީވެސް ގާނޫނު ދަމަހައްޓައި ރާއްޖޭގައި އަމާންކަން ގާއިމް ކުރުމަށް ކަމަށެވެ. އީޔޫއިން މިއަދު ނެރުނު ގަރާރުގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލަން ގޮވާލާފައެވެ.
އީޔޫއިން މިއަދު ފާސްކުރި ގަރާރުގައިވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ސަރުކާރުން މަޝްވަރާ ކުރުން ފެށުމަށް ވަނީ ގޮވާލާފައެވެ. އަދި ހައްޔަރު ކޮށްފައިވާ ސިޔާސީ މީހުން ދޫކޮށްލުމަށާއި ސިޔާސީ މީހުންނަށް ކޮށްފައިވާ ދައުވާތައްވެސް އަނބުރައި ގެންދިޔުމަށް އީޔޫގެ ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.