އިމްރާން ޚާން ގެ ތައުރީފު 'ކޭކް' އަށް

ޕާކިސްތާނުގެ ފިލްމަކަށް ކުރީގެ ކްރިކެޓް ސުޕަރސްޓަރ އަދި މިހާރު އިދިކޮޅު ޕާޓީގެ ލީޑަރ އިމްރާން ޚާން ތައުރީފް ކުރައްވައިފިއެވެ. އޭނާ ތައުރީފުކުރެއްވި ފިލްމަކީ މި މަހު އިނގިރޭސި ވިލާތުގައި ޕްރިމިއަރ ކުރުމަށް ތައްޔާރު ވަމުން އަންނަ 'ކޭކް' އެވެ. މިއީ އާސިމް އައްބާސީ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ރާވަލްޕިންޑީގައި ބޭއްވި ޚާއްޞަ ސްކްރީނިންގ އަކަށް އިމްރާން ޚާން އަށް ދައުވަތު އެރުވުމުން އޭނާ ވަނީ ދައުވަތު ގަބޫލުކުރައްވައި ފިލްމު ބައްލަވައިފައެވެ. "ކޭކް" ގެ ކާސްޓާ އެކު ނަގައިފަައިވާ ފޮޓޯ އެއް ޓްވީޓު ކުރައްވައި އޭނާ ވަނީ ފިލްމުގެ ތަރިންގެ އެކްޓިން އަށާއި ފިލްމުގެ ކޮލިޓީއަށް ތައުރީފު ކުރައްވައިފައެވެ. ޕާކިސްތާނުގެ ފިލްމް އިންޑަސްޓްރީގައި ވަރަށް ގާބިލު ތަރީން އެބަތިބި ކަމަށްވެސް އޭނާގެ ޕޯސްޓުގައި ވެއެވެ. ޕާކިސްތާން ގެ މީޑީއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިމްރާން އަކީ އާއްމުކޮށް ފިލްމުތަކަށް ތައުރީފު ކުރައްވާ ބޭފުޅެއް ނޫނެވެ. 'ކޭކް' އަކީ އާސިމް އައްބާސީ ގެ ފުރަތަމަ ދިގު ފިލްމެވެ.  

'ކޭކް'ގެ ތަރީންނަކީ ޕާކިސްތާނުގެ މަޝްހޫރު ފިލްމީ ތަރީން ކަމުގައިވާ ސަނަމް ސައީދް އާއި އާމިނާ ޝެއިޚް އާއި އަދްނާން މާލިކް އެވެ. ސަނަމް އާއި އާމިނާ ފިލްމުގައި ކުޅެނީ ދެބެއިންގެ ރޯލެވެ. އަދްނާން ކުޅެނީ ރޯމިއޯ ގެ ރޯލެވެ. މި ފިލްމުގެ ނަމަކީ މަޖާޒީ ނަމެއް ކަމަށް ޓްރައިބިއުން އަށް ދިން އިންޓަރވިއު އެއްގައި އަދްނާން ބުނެފައިވެއެވެ. އަދްނާން ބުނެފައިވަނީ ކޭކަކީ ތަފާތު ބާވަތްތައް އެއްކޮށްގެން ތައްޔާރު ކުރާ މީރު ކާ އެއްޗެއް ކަމަށެވެ. އަދި އާއިލާ އަކީ ވެސް ހަމަ އެފަދަ އެއްޗެއް ކަމަށް އޭނާ ބުނެފައިވެއެވެ. ކޭކަކީ ކައުނީ އެއްޗެއް ކަމަށާއި ދުނިޔޭގެ ހުރިހައި ހިސާބެއްގައި އުފަން ދުވަސް ފަދަ ޚާއްޞަ ހަފްލާތަކުގައި މީހުން ގުޅުވައިދޭ އެއްޗެއް ކަމަށް ވެސް އަދްނާން ބުނެފައިވެއެވެ.  

އާމިނާ ބުނެފައިވާ ގޮތުގއަި އޭނާ 'ކޭކް' ކުޅެން ސޮއި ކުރީ ފިލްމު ގެ ސްކްރިޕްޓް މޮޅުވީމައެވެ. ފިލްމުގެ ސްކްރިޕްޓަކީ  ކިޔަން ފަށާ ގޮތަށް ނިންމާލަން ބޭނުންވި ވާހަކައެކެވެ. ފިލްމުގެ ސްކްރިޕްޓް މޮޅުވުމުގެ އިތުރުން އަދްނާން ފިލްމު ކުޅެން ސޮއި ކުރީ އާމިނާ އާއި ސަނަމް ފިލްމުގައި އުޅޭތީއެވެ. އެ ދެތަރިންނާ އެކު މަސައްކަތް ކުރުމަކީ އެނާ އަށް ލިބޭ ވަރަށް ބޮޑު ފަޚުރެެއް ކަމަށް އޭނާ ބުނެފައިވެއެވެ. ސަނަމް ބުނެފައިވާ ގޮތުގަައި މީގެ ކުރީން ފިލްމެއްގެ ސްކްރިޕްޓެއް ކިޔަައިގެން އޭނާ އަށް ނުކުރާ އަސަރު މި ފިލުމުގެ ސްކްރިޕްޓުން އޭނާއަށް ކުރިއެވެ. މިއީ ޖަޒުބާތުން ފުރިގެންވާ ފިލްމެކެވެ.

ޒަރީން (އާމިނާ) އަކީ ތިންބެއިންގެ ތެރެެއިން މެދަށް ހުންނަ ކުއްޖާ އެވެ. ނަމަވެސް އެންމެ ދޮށްޓަށް ހުންނަނީ އޭނާ ހެންހީވާ ފަހަރުވެސް އާދެއެވެ. ބައެއް ފަހަރު ދައްތަ އެއްގެ މަގާމު އަދާ ކުރަން އޭނާ އަށް ޖެހެއެވެ. އަދި އޭނާ އަކީ އޯސީޑީ ހުންނަ ކުއްޖެކެވެ. މައިންބަފައިންގެ އުމުރާ މެދު ކަންބޮޑު ވުމާއި  އާއިލާގެ ތަފާތު މިޒާޖުގެ މެންބަރުންގެ ކަންކަން ބަލަން އޭނާ އަށް ޖެހެއެވެ. އޭނާ އަކީ ކޭކު އަޅާ ކުއްޖެއް ވެސްމެއެވެ. އާއިލާގެ ހުރިހާ ޒިންމާ ތަކާއި އެކު އޭނާ ގެ މިޒާޖު ދެނެގަންނާން ވެސް އަމިއްލަ އަށް މަސައްކަތް ކުރަން އޭނާ އަށް ޖެހެއެވެ.

ރޯމިއޯ (އަދްނާން) އަކީ މުޅި ފިލްމުގެ ސަމުގާ ކަމަށް އޭނަ ބުންޏެވެ. ޒާރާ (ސަނަމް) އަކީ ޖަޒުބާތުން ފުރިގެންވަ ކުއްޖެކެވެ. އޭނާ އަކީ ޒަރީން ހާ ޒިންމާދާރު ކުއްޖެއް ނޫނެވެ. ޒާރާ އަކީ އާއިލާގެ އެންމެ ހަގަށް ހުންނަ ކުއްޖާ އެވެ. އިނގިރޭސި ވިލާތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައި އައުމުގެ ސަބަބުން އާއިލާ ގެ އެހެން މެންބަރުންނާ އެކީ  އެއް ފުރާޅެއްގެ ދަށުގައި އުޅެން އޭނާ އަކަށް އެހައި ފަސޭހައެއް ނޫނެވެ.  

މި ފިލްމުގެ ތަރީން ބުނާ ގޮތުން މިއީ އެންމެންވެސް ބަލައިލަން ވަރަށް ރަނގަޅު ފިލްމެކެވެ. އާއިލާ ތެރޭގައި ހިނގާ ކަންކަމާ މެދު ވިސްނައި ފިކުރު ހިންގައި ކަންކަން މިހާރަށް ވުރެ ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. 'ކޭކް' ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 30 ވަނަ ވަނަ ދުވަހުއެވެ. ފިލްމު އަޅުވާނީ ޕާކިސްތާނާއި އިނގިރޭސި ވިލާތުގައެވެ. އިމްރާން ޚާން ގެ ތާއީދާ އެކު ބޮކްސް އޮފީހުގައި ފިލްމަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށް އެނެލިސްޓުން ދަނީ ބުނަމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.