ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ ސިޔާސީ ޕާޓީއެއްހެން ހިނގާތަނެއް ނޫންކަމަށާއި، އެއީ ވިޔަފާރި އުސޫލުން ހިނގާ ކުންފުންޏެއް ކަމަށް ޕީޕީއެމްގެ ޗީފް ސްޕޯކްސް ޕާސަން އަދި ކެލާދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
އޭނާ އެހެންވިދާޅުވީ އޭނާއާއި، އަބްދުއްރަހީމް އަބްދުﷲ އާއި، އަހުމަދު ނިހާން ޖޭޕީއަށް ވަޑައިގެންނެވުމަށް އެދި އާދޭސް ދެންނެވި ކަމަށް ގާސިމް ވިދާޅުވުމުން އެއަށް ރައްދު ދެއްވަމުނެވެ.
"ސިޔާސީ ޕާޓީއަކަށްދާން މީހަކު ޖޭޕީއަކަށް ނުދާނެ. އެހެނެއްނޫން ވިޔަފާރި ކުންފުންޏެއްގައި ބައިވެރިވަންޏާ ފަހަރެއްގައި ހިނގައިދާނެ. އެއީ ސިޔާސީ ޕާޓީއެއް ހިނގާ އުސޫލުން ހިނގާ ތަނެއްނޫން އެއީ އަމިއްލަ ވިޔަފާރި ކުންފުންޏެއް ހިނގާހެން ހިނގާތަނެއް. އެހެންވީމާ ސިޔާސީ ޕާޓީއަކަށް ދާކަށެއް އެތާކަށް ނުދާނެ،" އަލީ އާރިފް ވިދާޅުވިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ އާރިފް ވަނީ ވަރަށް ބޮޑަށް ގާސިމަށް ފާޑުވިދާޅުވެފައެވެ. ގާސިމް ގޮވައިގެން ސަރުކާރެއް ހިންގުމަކީ ވާނެ ކަމެއްނޫންކަން އެމްޑީޕީންވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ކަންތައްތައްތަކުގައި ގާސިމްގެ އުދަގޫ ކޮންމެ ސަރުކާރަކަށްވެސް ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔަމީނާއި ގާސިމާ ދެމެދު ހިތްނުތަނަވަސްކަން އުފެދެން ފެށީވެސް ރައީސް ޔާމީނަށް ގާސިމް އެނގިވަޑައިގަންނަވާ ބޮޑުކަމުން ކަމަށްވެސް އާރިފް ވިދާޅުވިއެވެ. އެކަން މިހާރު ވަރަށްބޮޑަށް ކަށަވަރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.