ރޭ ނިޔާވި މީހާގެ މަރާއި ކަރަންޓު ކެނޑުމަކާ ގުޅުމެއްނެތް: އެޗުއާރުއެޗު

އުމުރުން ދުވަސްވީ އަންހެނަކު ހިތަދޫރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ރޭ ފަތިހު ނިޔާވެފައިވަނީ އޭނާއޮތް ވެންޓިލޭޓަރުން ކަރަންޓް ގޮސްގެން ނޫންކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

އެމީހާ ނިޔާވެފައިވަނީ ވެންޓިލޭޓަރުން ކަރަންޓު ދިޔުމުން ކަމަށް ޚަބަރުތައް ފެތުރެމުންދާތީ އެކަމާބެހޭ މައުލޫމާތު ދެއްވަމުން، އެޗުއާރުއެޗުގެ، ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ޑޮކްޓަރުންނާ ހަވާލާ ދެއްވައި ވިދާޅުވީ އެ އަންހެންމީހާ ހޮސްޕިޓަލަށް ގެނައީ ނޭވާލާ ނިޒާމަށް މައްސަލަ ދިމާވެގެން އިއްޔެ މެންދުރު ކަމަށެވެ. އައިސީޔޫއަށް ވައްދައިފައިވަނީ މެންދުރު 1:00 އެހައިކަންހާއިރު ކަމަށް އޭނާ ވދާޅުވިއެވެ.

"އޭނާ ބެއްލުވުމަށްފަހު ޑޮކްޓަރު ވިދާޅުވީ ނޭވާލާ ނިޒާމަށް ސީރިއަސް މައްސަލަތަކެއް ދިމާވެފައިވާކަމަށް. އެހެން ވިދާޅުވެފައި އަވަހަށް އައިސީޔޫއަށްވެއްދީ. އެއަށްފަހު ވެންޓިލޭޓަރުގައި ބޭއްވީ. އޭގެ ފަހުން އިރު އޮއްސުނު ވަގުތު މިނިޓެއްހާ އިރަށް ވެންޓިލޭޓަރުން ކަރަންޓުދިޔަ. އެކަމަކުވެސް ބަލީމީހާގެ ފަރުވާ އެވަގުތުވެސް ކުރިއަށްދިޔަ،" ނަޖީބު ވިދާޅުވިއެވެ.

ނަޖީބު ވިދާޅުވީ އެއަންހެންމީހާ މަރުވެފައިވަނީ ރޭ ފަތިހު ކަމަށެވެ. އެނާގެ މަރާއީ ވެންޓިލޭޓަރުން ކަރަންޓު ދިޔުމާ އެއްވެސް ގުޅުމެއްނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.