ވިހަ ތީރު (43)

(24 ނޮވެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( ސުބްޙާނަﷲ އެވެ. ދިލްނަޝީންގެ ހިތަށް އެރިއެވެ. އޭނާއަކީވެސް ، ޙަމްޒާއާއެކީ އުޅެއުޅެފައި ، ޙަމްޒާ ދޫކޮށްލާފައި އައި އަންހެނެކެވެ. ދިލްނަޝީންގެ ދިރިއުޅުމުގައި ، އެއްދުވަސްވަރެއްގައި ޙަމްޒާވެސް އުޅެފައި އެބައޮތެވެ. ދިލްނަޝީންގެ މާޒީގެ އެސިއްރު ، ޙައިދަރުގެ ކުރިމަތީ ނިއުޅިގެން ހިނގައްޖެނަމަ ، ދެންވާނީ ކިހިނެއްބާވައެވެ ! ދިލްނަޝީންގެ ހިތަށް ބިރުވެރިކަން ވަދެ ، ގަދަކަމުން ހިންދިރުވައި ލެވުނެވެ. )

ޙައިދަރު ، ކާރުންފޭބިތަނުން ، މެހެމަލްމެން ހުއްޓިލައިގެންތިބި ހިސާބުގައި ބިންމަތީ ، ކުރަހައިލެވިފައިއޮތް ރޮނގެއް ފެނުނެވެ. ދެން އޭނާއަށް ބަލައިލެވުނީ މެހެމަލްއާ ދިމާލަށެވެ. މެހެމަލް އޭނާއާ ދިމާލަށް ބުނެފައިވާ ބަހެއް ހަނދާންވީއެވެ.

" އަތުގައި ހުންނަ ނާރުގެ ރޮނގަށް ބަލަހައްޓައިގެން ހުރުމަކުން އެނާރު ، ބަދަލެއް ނުވާނެއެވެ. އަންޞާބަކީ އަހަރެންގެ ނަޞީބެއްނޫނެވެ. އެއީ ، އަހަރެންގެ ނިންމުމެކެވެ. ތަޤްދީރާއި ތަދުބީރަކީ އަހަރެން އަމިއްލަޔަށް ކުރަހާ އެއްޗެކެވެ. ޙައިދަރު ކިތަންމެ ބޭނުންކަމަށްވިޔަސް ، އެއީ ބަދަލުވާނެ އެއްޗެއްނޫނެވެ. ތަދުބީރަކީ ، ތަޤްދީރަށްޓަކައި އަހަރެން އަމިއްލަޔަށް ކުރަހާ އެއްޗެކެވެ. "

ފައިން އެ ރޮނގު ފުހެލުމަށްފަހު ، ޢީޝަލްއާގާތަށް މެހެމަލް ޖެހިލިއެވެ. ކާރުގައި ޢީޝަލްބައިންދައި ، މެހެމަލްގެ ފޮށި ކާރަށްލައި ކާރަށް އެރުމަށް މެހެމަލްގާތު ބުންޏެވެ.

ކާރަށް އެރުމާއެކީ ، އަޑުންއަޑުނަގައި މެހެމަލް ރޯން ފެއްޓިއެވެ. ޙައިދަރު އޭނާގެ ވާހަކަ ޤަބޫލުކޮށް ، އޭނާއާ އެއްބައިވިނަމަ ، އެގެއިން އޭނާ ނުކުންނާން ނުޖެހުނީސްކަމަށް މެހެމަލް ބުންޏެވެ. ގެއިން ނެރެލައި އޭނާ ފޮނުވައިލަން ބޮޑުދައިތަ ބޭނުންވީ ، އެގެޔެއްގައި ކޮންމެ ދުވަހަކު އޭނާއަށް އަނިޔާލިބެމުންދާ ގެޔަކަށެވެ. އެއީ ، އޭނާއަށް އުފުއްލަން ކުޅަދާނަ ވާވަރުގެ ތަކުލީފެއްނޫނެވެ. އަންޞާބަށްޓަކައި އޭނާއަކީ ، މަތާރަންފިލާމަތީ ބައިންދާފައި އިންނަ ބުދެކެވެ. ހިރަފުސް ފޮޅައިލަންވެސް ، އެއިންތަނުން ނުނަގާނެއެވެ. އޭނާގެ ކުރިމަތީ ، ކޮންމެ ދުވަހަކުވެސް ، އާ އަންހެންކުއްޖަކު ގެޔަށްގެނެސް ، ޕާޓީކުރާނެއެވެ. ހަވީރު އޮފީހުން އަންނާނީ ކޮންމެވެސް އަންހެންކުއްޖަކު ގޮވައިގެންނެވެ. އެގެޔަށް އެނބުރިދާކަށް މެހެމަލް ބޭނުމެއްނޫނެވެ. އޭގެ ބަދަލުގައި ، ޙައިދަރުގެ ގެޔަށް އޭނާ އަނބުރާ ގެންގޮސްދިނުމަށް ، މެހެމަލް އާދޭސްކުރަމުން ގެންދިޔައެވެ.

ކުލްސޫމުގެ ވާހަކަތަކުން ، ދިލްނަޝީނަށް ލިބުނު ޙައިރާންކަން ފޮރުވުމަށް މަސައްކަތްކުރިނަމަވެސް ، އެކަން ކުލްސޫމަކަށް ސިއްރެއް ނުވިއެވެ. ދިލްނަޝީން އެވިސްނަނީ ކޮންކަމަކާތޯ ސުއާލުކޮށް ، އަނެއްކާވެސް ދިލްނަޝީނަށް ހިތްވަރުދިނުމަށް ، ކުލްސޫމް މަސައްކަތް ކުރިއެވެ. ކުލްސޫމް އެހުރީ ދިލްނަޝީނާ އެކުގައެވެ. ދިރިއުޅުމުގައި ދިލްނަޝީނާ ކުރިމަތިވާ ކޮންމެ ތޫފާނަކާ ދެކޮޅަށް  ، ކުލްސޫމް ހުންނާނީ ދިލްނަޝީނާ އެކުގައެވެ. މެހެމަލްގެ ކިބައިން އޭނާގެ ދެދަރިން ސަލާމަތްކުރުމަށްޓަކައި ދިލްނަޝީން އަޅާ ކޮންމެ ފިޔަވަޅަކަށް ކުލްސޫމް ތާއީދު ކުރާނެއެވެ. ހަނގުރާމައިގެ މުޅިމައިދާން މިހާރު އެއޮތީ ދިލްނަޝީންގެ ބާރުގެ ދަށުގައެވެ. މުޅި އެ ގެޔަކީ ދިލްނަޝީންގެ މިލްކެކެވެ. ދެން އޮތީ ، ދިލްނަޝީންގެ ހިތްވަރެކެވެ. އެ މައިދާނުގެ އިމުގެ ތެރެޔަށް ދުޝްމަނަކު ވަނަނުދިނުމަށް ކެރިގެން ކުރިމަތިލުމަށް ، ކުލްސޫމް ނަޞޭޙަތް ދިނެވެ. ކެރިގެން ، ހަތިޔާރުގައި ހިފައި ، މައިދާނުގެ ސަރަޙައްދީ  އިމުންވަންނަން ދިމާކުރާ ކޮންމެ މީހަކާ ކުރިމަތިލައި އެމީހަކު ބަލިކުރާށެވެ. އެއީ ސަމާސާއެއްނޫނެވެ. އެކަން ކުރެވޭނީ ނިކަން ހިތްވަރު ހުރެގެންނެވެ. ދިލްނަޝީންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ، އިސްއުފުލާލައި ހަމައިސްކޮޅަށް ހިންދެމިލިއެވެ. ދިލްނަޝީނަށް ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަމުގައި ، ދުވެލާފައި ސިޑީން މައްޗަށް އަރައިގެން، އޭނާގެ ކޮޓަރިޔާ ދިމާލަށް ދިޔަތަން ބަލަން ކުލްސޫމް ހުށްޓެވެ. އަދި ހަމަޖެހުމުގެ ނޭވާއެއްލިއެވެ.

މެހެމަލް ގޮވައިގެން ޙައިދަރު ދިޔައީ ، ނަންމަޝްހޫރު ހޮޓަލަކަށެވެ. އެހޮޓަލުގެ އެންމެ މޮޅުކޮޓަރިއެއް މެހެމަލްއަށް ބުކްކޮށްދިނެވެ. ޙައިދަރުހުރީ ޢީޝަލް އުރާލައިގެންނެވެ. ކޮޓަރިޔަށްވަދެ ، ޢީޝަލް އެނދުގައި ބޭއްވުމަށްފަހު ، ޙައިދަރުގެ ފޯނުނަގައި ދިލްނަޝީނަށް ފޮނުވަން މެސެޖެއް ލިޔަން ފެއްޓިއެވެ.

" ޙައިދަރު ބިރުގަތީ ދޯއެވެ ؟ " މެހެމަލް ބުންޏެވެ.

އެއީ ، ބިރުގަތުން ނޫންކަމަށާއި ޒިންމާދާރުވުންކަމުގައި ޙައިދަރު ބުންޏެވެ. ޙައިދަރު މަސައްކަތްކުރަމުން އެގެންދަނީ ޒިންމާދާރުވުން އިސްކޮށްގެން ، މެހެމަލްއަކީ އޭނާގެ މީހަކަށް ހެދުމަށްކަމުގައި މެހެމަލް ބުންޏެވެ. އެހެނަސް އެއީ މާޒީއެވެ. އެޙާލަތު ، މިހާރު އެވަނީ މުޅިން ބަދަލުވެފައެވެ. އެކަމަކު ، މެހެމަލް އެދައްކަނީ މިހާރުގެ ޙާލަތުގެ ވާހަކައެވެ. އެހެނަސް ، އެއީ ވާނެކަމެއްނޫންކަމަށް ޙައިދަރު ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. އަދި ، އެތަނުން ނުކުންނަން ހިނގައިގަތެވެ. މެހެމަލް ، ޙައިދަރަށް ގޮވައިލިއެވެ.

" މިހާރު ތިޔަދަނީ ހެއްޔެވެ ؟ މިތާ އެކަނި ހުންނައިރު ، އަހަރެންގެ ހިތަށް ވަންނާނެ ބިރުވެރިކަމާއި ކަންބޮޑުވުމާމެދު ، އެއްވެސް ވަރަކަށް ވިސްނައެއް ނުލަން ހެއްޔެވެ. " މެހެމަލް ބުންޏެވެ.

މެހެމަލް ބިރުގަންނަންވީ ސަބަބެއް ނެތެވެ. އެތަނަކީ ، މެހެމަލްގެ ދެމައިންނަށް ރައްކާތެރި ތަނެކެވެ. އެއީ ފަސްތަރީގެ ހޮޓަލެކެވެ. އެ ހޮޓަލުގައިތިބޭ މެހެމާނުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ، ހޮޓަލުގެ ޒިންމާއެކެވެ. އެކަން ، ހޮޓަލުގެ މެނޭޖްމަންޓްގެ ފަރާތުން ކަށަވަރު ކޮށްދޭނެއެވެ. އެހެންނޫނަސް ، އެއީ ޙައިދަރުގެ ރައްޓެއްސެއްގެ ހޮޓަލެކެވެ. އެހޮޓާ އަޅައިނިންމައިދިނީ ، ޙައިދަރުގެ ކުންފުނިންނެވެ. އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ، އޭނާއަށް ފޯނުކުރެވިދާނެކަމަށް މެހެމަލްގާތު ބުންޏެވެ.

" ތިދަނީ ، ހާދަ އަވަހަކަށެވެ. ކުޑައިރުކޮޅަކުވެސް މަޑުކޮށެއް ނުލެވޭނެ ދޯއެވެ ؟ " މެހެމަލް ބުންޏެވެ.

މެހެމަލް އެއައީ މާލަސްވީ ފަހުންނެވެ. އެހެންވީމާ ، ޙައިދަރު އަވަހަށް ދިއުމަކުން އެއީ މައްސަލަޔަކަށް ވާނެކަމަކަށް ޙައިދަރަކަށް ނުފެނެއެވެ. އެހެންނަމަވެސް ، ލަސްކޮށްފައިނަމަވެސް ، މެހެމަލް މިހާރު އެހުރީ ، އައިސްކަމަށް މެހެމަލް ބުންޏެވެ.

" އަހަރެންގެ އިންތިޒާރުގައި އަހަރެންގެ ގޭގައި ، އަހަރެންގެ ޙަލާލު އަނބިމީހާ އެބައިނެވެ. އެއީ ، އެހެންހުރިހާ ކަމަކަށްވުރެ ބޮޑަށް އަހަރެންގެ ބޮލުގައި އެޅިފައިވާ ޒިންމާއަކާއި މަސްއޫލިއްޔަތެކެވެ. މިއަދު ، މެހެމަލްއަށް ކުރިމަތިވެފައިވާ ޙާލަތުގައި ، އަހަރެންގެ ފަރާތުން ބޯހިޔާވަހިކަމެއް ލިބުނީތީ ޝުކުރު ކުރާށެވެ. އެއަށްވުރެ ބޮޑުވަރެއް އަހަރެންނަކަށް ކޮށެއް ނުދެވޭނެއެވެ. " ޙައިދަރު ބުންޏެވެ.

ދިލްނަޝީނާމެދު ޙައިދަރުގެ ހިތުގައި އެއޮންނަ އިޙްސާންތެރިކަމާއި އަޅައިލުމާމެދު ، މެހެމަލް ސުއާލު އުފެއްދިއެވެ. އަދި އޭނާއާމެދު އެއްވެސް އަޅައިލުމެއް ނެތްކަމަށް ބުންޏެވެ. އެހެނަސް ، މެހެމަލްއާމެދު ނުވިސްނާނަމަ ، އަޅައިނުލާނަމަ ، މެހެމަލްގެ ކުރިމަތީ އެވަގުތު ، އޭނާ ހުއްޓި ނުހުންނާނެކަމަށް ޙައިދަރު ބުންޏެވެ.

އޭނާގެ ކުރިމަތީ އެވަގުތު  ، ޙައިދަރު ހުއްޓިހުރިކަމަށް މެހެމަލްވެސް ޤަބޫލު ކުރިއެވެ. އެހެންނަމަވެސް ، އެއީ ވަގުތީ ހުރުމެކެވެ. އެއްވެސް ޙައިޞިއްޔަތެއް ނެތިއެވެ. ގެޔަށް ވަންނަތަނުން މެހެމަލްގެ މަތިން ޙައިދަރު ހަނދާން ނައްތާލާނެއެވެ. އަދި ، ޙައިދަރުގެ ހިތް އޭނާގެ މައްޗަށް އަނބުރައިލުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ. މެހެމަލް އެތާ ހުންނައިރު ، ފަރުވާކުޑަވެގެން ނުވަތަ ވިސްނައިނުލާހުއްޓާ ، ދެރަކަމެއް ދިމާވެދާނެތީ މެހެމަލް ބިރުގަންނަކަމުގައި ބުންޏެވެ. ޢީޝަލްވެސް އެހުރީ މެހެމަލްގާތުގައެވެ. އެދެމައިންނަށް ކޮންމެފަދަ ކަމެއްވެސް ވެދާނެއެވެ. އެއްވެސްމީހަކު ، އެދެމައިންގާތަކު ނުހުންނާނެއެވެ. ދިލްނަޝީންގާތަށް ޙައިދަރަށް ދެވޭތަނުން ، މެހެމަލްގެ މަތިން ހަނދާން ނެތިދާނެއެވެ. މެހެމަލް އެ ހޮޓަލުގައި ހުންނަން ބޭނުންނުވާކަމުގައި ބުންޏެވެ. މެހެމަލް ބޭނުންވަނީ ، ޙައިދަރުގާތުގައި ހުރުމަށެވެ. އަދި ، އޭނާއާއި ޢީޝަލް ، ޙައިދަރުމެންގެޔަށް ގެންދިއުމަށް އާދޭސްކުރަމުން ގެންދިޔައެވެ. އެހެނަސް ، އެއީ މިވަގުތަށް ޙައިދަރަށް ކުރެވެންއޮތް ކަމެއްނޫނެވެ. އެއްވެސް ތާކަށް އޭނާއަކަށް މެހެމަލްއެއް ނުގެންދެވޭނެއެވެ. ގޭގެ ޙާލަތު އޮތީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. މަންމަ ހުންނާނީ އޭނާދެކެ ރުޅިއައިސް ރަތްވެފައެވެ. އެއީ ، އޭނާއަށް ބަރުދާސްތު ކުރެވޭނެ ކަމެއްނޫނެވެ. ދިލްނަޝީނާ އޭނާ ކައިވެނިކުރީ ، މަންމަގެ އުފަލަށްޓަކައެވެ. ދިލްނަޝީންގެ ހިތަށް އުނދަގޫވާނެ އެއްވެސްކަމެއް ކުރާކަށް މަންމަ ބޭނުމެއްނުވާނެއެވެ. ގޭގެ މާޙައުލު ހަމަޔަކަށް އެޅެންދެން ، މެހެމަލް މަޑުކުރުމަށް ޙައިދަރު ބުންޏެވެ. އެފަދަ ފުރުޞަތެއް ލިބިއްޖިއްޔާ ، އޭނާގެ ގެޔަށް މެހެމަލް އަނބުރާ ގެންދާނެކަމަށް ޙައިދަރު ވަޢުދުވިއެވެ.

ކިތަންމެ ދެރައެއްވެގެން ކޮންމެ ވާހަކައެއް ދެއްކިޔަސް ، މެހެމަލްގެ މަޅީގައި އެވަގުތު ޙައިދަރު ނުޖެހޭނެކަން މެހެމަލްއަށް ކަށަވަރު ވިއެވެ. މެހެމަލް އައިގޮތަށް އައިސް ޙައިދަރުގެ ގައިގައި ބައްދައިލިއެވެ. މެހެމަލްގެ މަޤްޞަދު ވިސްނުމާއެކީ ، އޭނާގެ ގަޔާ މެހެމަލް ދުރުކޮށްލިއެވެ. އަދި ، އޭނާއަށް އެއީ ކުރެވޭނެކަމެއްނޫންކަމަށް ބުނެ ، ކޮޓަރިން ނުކުތެވެ. މެހެމަލް ، ޙައިދަރަށް ގޮވަމުން ގެންދިޔައެވެ. އެހެންނަމަވެސް ، އެހިސާބުން އެކަމުން ސަލާމަތްވުމަށް ޙައިދަރު ނިންމިއެވެ. ދިލްނަޝީނަށް ބޭވަފާތެރިވުމަކީ ، ހުވަފެނެއްގައިވެސް އޭނާ ކުރާނެކަމެއްނޫނެވެ. މެހެމަލްގެ އަޑުގެ ނެތްތަނަށް ޙައިދަރަށް ގޮވަމުން ގެންދިޔަނަމަވެސް ، އެއަޑު ޙައިދަރުގެ ކަންފަތަކަށް ނުއިވެއެވެ. މެހެމަލް ހުއްޓިލިއެވެ. އަދި ، މަކަރުވެރި ހިނިތުންވުމަކުން ހީލިއެވެ. އެއީ އަދި ފެށުމެކެވެ. އެކަން ހުއްޓައިލާނީ ، އޭނާގެ މުށުތެރެޔަށް ޙައިދަރު ވައްދާފައިކަމުގައި ، މެހެމަލް އޭނާގެ އަމިއްލަ ނަފްސަށް ޔަޤީންކޮށްދިނެވެ.

އަނީސާއާއި ޢާފިޔާއާ ދެމައިން ، ފަތްތަކެއް ފިލުވަން ބަދިގެތެރޭގައި ޖައްސައިލައިގެން ތިބެ ، އެދައްކަނީ ދިލްނަޝީންގެ ވާހަކައެވެ. ދިލްނަޝީނަށް ޖަޒުބާތަށް ކެތްނުވެގެން ، އޭނާގެ އަމިއްލަ ވާހަކަތައް ، ޙައިދަރުގާތު ނުދައްކައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެމީހުންގެ ޙަޔާތަށް ފުރަތަމަ އަންނަ އަންހެނަކު ، ފިރިހެނުންގެ ހިތުން ފުހެއެއް ނުލާނެއެވެ. އަދި އެއަންހެނާވެސް ، އެ ފިރިހެނާގެމަތިން ހަނދާން ނައްތައިލިޔަކަ ނުދޭނެއެވެ. އަންހެނާ ކިތަންމެ ދެރަޔެއްވިޔަސް ، ކުރިން ރައްޓެހިވި އަންހެނުންގެ ވާހަކަ ، ފިރިހެނުން ދައްކާނެކަމަށް އަނީސާ ބުންޏެވެ. ދިލްނަޝީނަށް އެކުރިމަތިވި ޙާލަތަކީ ، އަނީސާވެސް ހިތުގައި ޖެހުނު ޙާލަތެކެވެ. ޙައިދަރުގެ އެފަދަ މާޒީއެއް އޮވެދާނެކަމަށް ، އަނީސާއަކަށްވެސް ޚިޔާލުކޮށްލެވިފައެއް ނެތެވެ. ދިލްނަޝީނުގެ ހިތާދެކޮޅަށް ، މަޖުބޫރުކޮށްގެން ، އެކުއްޖާފުޅު އެފޮނުވައިލެވުނީ ، އުޅެން އުނދަގޫވާނެ ތަނަކަށެވެ. އެގެ އެވަނީ ، ދިލްނަޝީނަށްޓަކައި ތަކުލީފުތަކުން ފުރިފައެވެ. ކުލްސޫމް ކިތަންމެ ހެޔޮނަމަވެސް ، ޙައިދަރުގެ މާޒީގެ ނޭދެވޭ އަސަރު ، ދިލްނަޝީންގެ ދިރިއުޅުމަށް ނުކޮށެއް ނުހުންނާނެއެވެ. މެހެމަލްފަދަ ގޮތްކުޑަ އަންހެނެއްގެ ކުރިމަތީ ، ދިލްނަޝީނަށް މާގިނަ ކަންކަމެއް ނުކުރެވޭނެއެވެ.

ޢާފިޔާއިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެއީ ސާރާގެ ފަރާތުންވެސް ޢާފިޔާއަށް ކުޑަކޮށްވެސް އެނގިފައިނުވާ މަޢުލޫމާތެކެވެ. ދެން އޭނާ ހަދާނީ ކިހިނެއްތޯ ، ޢާފިޔާގާތު އަނީސާ ސުއާލު ކުރިއެވެ.

" ދިލްނަޝީންގެ ތަކުލީފުން އަހަރެންނަށް އަސަރުކޮށްގެން ، އޭނާގެ ބޮލުގައި އަހަރެންގެ އަތްބާއްވާލައިފިނަމަ ، އެއަތް ބޮލުގައި ބާއްވައިގެން ، މިގެޔަށް ދިލްނަޝީން އަންނާނެއެވެ. އަހަރެންގެ ހިތްހަރުކުރަން ޖެހުނީ އެސަބަބަށް ޓަކައެވެ. އޭނާގެ އަމިއްލަ ނަފްސާ ހަނގުރާމަކުރަން ދޫކޮށްލައިފާ ، އަހަރެން އައީ އެހެންވެގެންނެވެ. އެ ހަނގުރާމައިގާ ދިލްނަޝީނަށް ކާމިޔާބު ލިބިއްޖެނަމަ ، ހުރިހާ އެއްޗެއް އޭނާއަށް ލިބޭނެއެވެ. އަދި ، ބަލިވެއްޖެނަމަ ، ދިލްނަޝީންގެ އަތުން ހުރިހާއެއްޗެއް ބީވެގެންދާނެއެވެ. " އަނީސާ ބުންޏެވެ.

ޢާފިޔާގެ އުއްމީދަކީ ، ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު ، ހުރިހާކަމެއްވެސް ރަނގަޅަށް ދިއުމެވެ. އެކަމުގައި އޭނާ ބުނާނީ ވަކި ކީކޭ ހެއްޔެވެ ؟ ﷲ ގެ މިންވަރުފުޅަށް ، ދިލްނަޝީން އީމާންވާނެއެވެ. އެމީހުން އިސް ތިރިކޮށް ލަދުގަންނަންޖެހޭފަދަ ކަމެއް ދިލްނަޝީން ނުކުރާނެކަމަށް ޢާފިޔާ ބުންނެވެ. އައްވަލްގާތު އެއިން އެއްވެސް ވާހަކައެއް ނުބުނުމަށް ޢާފިޔާގާތު ، އަނީސާ އެދުނެވެ. އެއީ އަންހެންވެރިންގެ މެދުގައި ސިއްރުކުރެވިފައި އޮންނަންޖެހޭފަދަ ވާހަކައެކެވެ. ކުލްސޫމްވެސް ، ދިލްނަޝީނަށްޓަކައި ލައްކަ މަސައްކަތް އެބަކުރެއެވެ. ސާރާވެސް ހުންނާނީ ދިލްނަޝީނާ އެކުގައެވެ. އެމީހުންނަށް އެކަން ހަމަޖައްސަން އުނދަގޫވެއްޖެ ޙާލަތެއްގައި ނޫނީ އައްވަލްގާތު އެވާހަކަ ނުބުނުމަށް ދެމައިންވެސް އެއްބަސް ވިއެވެ.

ޙައިދަރު ގެޔަށް އަންނަންވާއިރަށް ތައްޔާރުވާން ދިލްނަޝީން ހުއްޓައި ކުލްސޫމަށް އާދެވުނެވެ. ދިލްނަޝީންގެ ނަލަކަމަށްޓަކައި ކުލްސޫމް ތަޢުރީފް ކުރިއެވެ. އަދި އެ ނަލަކަމާއި ފަރިކަމުގައި ޕަރީއެއްހެން ނަލަހެދިފައި އަބަދުވެސް ހުރުމަށް ކުލްސޫމް އެދުނެވެ. ޙައިދަރު އުފަލުގައި ބެހެއްޓުމަށްޓަކައި އޭނާ އެގެންދަނީ ، މަންމަ ދެއްކިމަގުން ހިނގަމުންނެވެ. އެހެނަސް ، އޭނާގެ ހިތްބިރުގެންފައި ހުރިކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީނަކީ ، ޙައިދަރުގެ އަނބިމީހާއެވެ. ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ ؟ ދިލްނަޝީންގެ ހިތުގައި އުފެދިފައިވާ މާޔޫސްކަން ފިލުވައިލުމަށް ކުލްސޫމް މަސައްކަތް ކުރަމުން ގެންދިޔައެވެ. ދިލްނަޝީންގެ ބިރަކީ ، ލޯބީގެ ޙައްޤު މަޤާމް ޙާޞިލްކުރުމަށް އޭނާ ކުރަމުންގެންދާ މަސައްކަތަށް ، ލޯބީގެ ފާރެއް ހުރަސްވެދާނެތީއެވެ. މެހެމަލްއާއި ޙައިދަރުގެ ލޯބީގެ އިޙްސާސްތަކުން އުފެދިފައި އޮތް ލޯބީގެ އެ ފާރު ، އޭނާގެ ލޯބިން ފޫއަޅުވައިލެވިދާނެކަމުގެ ޔަޤީންކަމެއް ދިލްނަޝީނަކަށް ނެތެވެ. ޙައިދަރުގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. ދިލްނަޝީންގެ ހިތުގައި އުފެދިފައި އެއޮތީ ބޭކާރު އިޙްސާސްތަކެއްކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީން ދާންއޮތް މަގުން ، ކުލްސޫމް އެވަނީ މެހެމަލް ފޮނުވައިލާފައެވެ. އެމަގަށް އަލުން މެހެމަލް ނުކުމެއްޖެނަމަ ، މަގުގެ އެއްފަރާތަށް މެހެމަލް ޖައްސައިލާފައި ، ކުރިޔަށް ހިނގައިދިއުމަކީ ، ދިލްނަޝީންކުރަންޖެހޭނެ ކަމެކެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.