ވިހަ ތީރު (37)

(3 ނޮވެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( ލޮލަށް ފެންނަމުންދިޔަ އެމަންޒަރު ބަލަހައްޓައިގެން ހުންނަން ދިލްނަޝީނަށް އުނދަގޫވިއެވެ. އަދި ، އަވަސް އަވަހަށް ކޮޓަރިތެރެޔަށް ވަނެވެ. މެހެމަލް ހިނިތުންވެލިއެވެ. ދިލްނަޝީންގެ ހިތަށް ހަރައިލަން އޭނާބޭނުންވި " ވިހަތީރު " ، ވަރަށް ފުނަށް ހަރައިލެވިއްޖެކަމުގެ އިޙްސާސް މެހެމަލްއަށް ކުރެވުނެވެ. އެއީ ފެށުމެކެވެ. އެންމެ ގަދަތަޅައިލުންގަނޑު ، ކުރިޔަށް އަދި އޮތީއެވެ. )

" އަނދާ އަޅިޔަށްވެ ، ބިމަށްއެޅިފައިވާ އަޅިތައް ކޮނެނަގަން ތިމަސައްކަތްކުރަނީ ކީއްކުރަން ހެއްޔެވެ ؟ މެހެމަލް ތިކުރާ މަސައްކަތުން އެއްވެސް މަޤްޞަދެއް ޙާޞިލެއް ނުވާނެއެވެ. އެޙަޤީޤަތް ޤަބޫލު ކުރާށެވެ. އަހަރެންވެސް މިހުރީ އެކަން ޤަބޫލުކޮށްގެންނެވެ. " ޙައިދަރު ބުންޏެވެ.

އިތުރަށް އެތަނުގައި ، އަމްދުން އެގަޑީގައި މަޑުކުރަން ބޭނުންނުވާތީ ، ޙައިދަރު ގޭތެރެޔަށް ވަންނަން ހިނގައިގަތެވެ. މެހެމަލްވެސް ޙައިދަރުގެ އަތުގައި ބައްދާލައިގެން ފަހަތުން އައެވެ. ދިލްނަޝީންހުރީ ، ކޮޓަރިތެރޭގައި ދެކޮޅަށްދެކޮޅަށް ހިނގާލަހިނގާލައެވެ. ޙައިދަރުމެން އެކޮޓަރީގެ ދޮރުމަތިން ކުރިކަނޑައިލިތަން ފެނުމާއެކީ ، ދިލްނަޝީންވެސް ދޮރުން ބޯދިއްކޮށްލިއެވެ. ޙައިދަރުގެ ކޮނޑުގައި އެލިގަނެގެންކަހަލަ ގޮތަކަށް މެހެމަލް އޮތްތަން ދިލްނަޝީނަށް ފެނުނެވެ. މެހެމަލް ކޮޓަރިޔަށް ވެއްދުމަށްފަހު ، ޙައިދަރުވެސް އެކޮޓަރިޔަށް ވަނެވެ. ދިލްނަޝީންހުރީ އެތަން ބަލާށެވެ.

ކޮޓަރިޔަށް ވަދެގެންގޮސް ، އެނދުގައި މެހެމަލް ބައިންދައި ، ފެންތަށްޓެއް ހިފައިގެން އައިސް މެހެމަލްއަށް ދިއްކޮށްލުމަށްފަހު ބޭރަށް ނުކުންނަން ހިނގައިގަތެވެ. ޙައިދަރުގެ އަތުގައި މެހެމަލް ހިފައިލާ ، ޙައިދަރު ހުއްޓުވިއެވެ.

" އަހަރެންނަށް ބޭނުންވަނީ މި ފެންތަށްޓެއްނޫނެވެ. އަހަރެންނަށް ބޭނުންވަނީ ޙައިދަރެވެ. އަހަރެންނަށް ޙައިދަރު ލިބިއްޖެނަމަ ، އަހަރެންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓޭނެއެވެ. " މެހެމަލް ބުންޏެވެ.

ޙައިދަރުގެ އަތުގައި ހުރިބާރެއްލާފައި ، މެހެމަލްގެ އަތްފޮޅުވައިލުމުން ، މެހެމަލް ދިޔައީ ސިއްސައިގެންނެވެ. އަދި ، އިތުރު ވާހަކައެއް ނުދައްކާ ، ނިދާށޭބުނެ ، ޙައިދަރު އެކޮޓަރިން ނުކުތެވެ.

ޙައިދަރު ކޮޓަރިޔަށް ވަންނަންދިޔައިރު ، ދިލްނަޝީންހުރީ ދޮރުމަތީގައެވެ. ޙައިދަރަށް ލިބުނު ސިހުމުގައި ، މެހެމަލްގެ ކޮޓަރިޔާދިމާލަށް ބަލައިލެވުނެވެ. ދިލްނަޝީންގެ ހިތުގައި އެވަގުތު އުފެދޭނެ ސުއާލުތަކަށް ދޭނެޖަވާބެއް އޭނާއަކަށް ނޭނގުނެވެ.

" މެހެމަލް އެހުރީ ، ކުރެވޭ ނުކުރެވޭކަމެއް ނޭނގޭވަރަށް ޑިޕްރެސް ވެ ސިކުނޑި ގޮވާފައެވެ. " ޙައިދަރަށް ބުނެވުނެވެ.

ދިލްނަޝީނަށް ޙައިދަރާ އިތުރަށްކުރާނެ ސުއާލެއް ނޭނގުނެވެ. ދިލްނަޝީން ބޭނުންވީ މެހެމަލްއަށް ވެގެންއުޅޭގޮތެއް ސާފުކުރާށެވެ. މެހެމަލްއަށް ވެފައިހުރިގޮތް ޙައިދަރު އެބުނީއެވެ. އޭނާ އިތުރަށް ކުރާނެ ސުއާލެއް ނެތެވެ. މެހެމަލްގެ ކޮޓަރިޔާދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ، ދިލްނަޝީންވެސް ކޮޓަރިޔަށް ވަނެވެ.

ފެޝަންފޮތެއް ހިފައިގެން ، އެފޮތްތަކުގައިވާ ހެދުންތަކުން ގަންނާނެ ހެދުމަކާމެދު ،  ސާރާއާއި ދިލްނަޝީން މަޝްވަރާކުރަމުން ގެންދިޔައެވެ. ދިލްނަޝީނަށް ކަމުދަނީ އަގުހެޔޮ ހެދުމެވެ. އެހާ އަގޮބޮޑުހެދުމަށް ދިލްނަޝީންގެ ޝަޢުޤުވެރިކަމެއް ނުހުރެއެވެ. ދިލްނަޝީން މިހާރު އެހުރީ ކައިވެނިކޮށްގެންކަމަށާއި ، ފިރިމީހާގެ ފަރާތުންނަމަވެސް ، އަގުބޮޑު ހެދުމާއި ގަހަނާއަކީ ، ދިލްނަޝީންފަދަ ރީތި ނަލަކުއްޖަކަށް ޙައްޤު އެއްޗެއްކަމަށް ސާރާ ބުނަމުންގެންދިޔައެވެ.

ދިލްނަޝީން މިއަދު އެއުޅެނީ އޭނާގެ މަންމަގާތަށް ގެޔަށް އައިހެވެ. އެރޭ ރޭގަނޑު ، ޙައިދަރުގާތު އޭނާބުނީ މެހެމަލްއާއެކީ އެދުވަހު ޝޮޕިންގއަށް ދާންބޭނުންވާ ވާހަކައެވެ. ނަމަވެސް ، ދިލްނަޝީން ނިންމީ ފަހަރި ޢާފިޔާއާއެކީ ޝޮޕިންގއަށް ދާށެވެ. ކައިވެނީގެ ކުރިންވެސް ، ދިލްނަޝީން ޝޮޕިންގއަށް ދަނީ ޢާފިޔާއާ އެކީގައެވެ. ހެނދުނު ތެދުވެ ، ޢާފިޔާއާއެކީ ޝޮޕިންގއަށް ދާވާހަކަ ޙައިދަރުގާތުވެސް އޮތީ ބުނެފައެވެ. މެހެމަލްއާއެކީ ޝޮޕިންގއަށް ނުގޮސް ، ޢާފިޔާއާއެކީ ޝޮޕިންގއަށްދާން ދިލްނަޝީން ނިންމިކަން އެއީ ޙައދަރުގެ ހިތަށްލިބުނު ހަމަޖެހުމެކެވެ. ދިލްނަޝީންގެ ޚިޔާލު ބަދަލުވީ ސަބަބެއް ބަލާކަށް ޙައިދަރު ބޭނުމެއްނޫނެވެ. ޙައިދަރުވެސް ބޭނުމީ ، ކޮންމެފަދަ ޙާލެއްގައިވެސް މެހެމަލް ، ދިލްނަޝީނާ ދުރުގައި ހުރުމެވެ.

" ފަހަރިޔަށް އެނގޭ ހެއްޔެވެ ؟ ޝޮޕިންގއަށް ދާށޭކިޔާފަ ، ޙައިދަރުގެ ކްރެޑިޓްކާރޑް ، އަހަރެންއަތަށް ދީފައި އެބައޮތެވެ. އަހަރެން ބޭނުންވަރަކަށް ޝޮޕިންގ ކުރާށޭ ޙައިދަރު ބުންޏެވެ. " ދިލްނަޝީން ބުންޏެވެ.

ދޮރުންވަދެގެން އައި އަނީސާއަށް ދިލްނަޝީން އެބުނި ވާހަކައެއްގެ އަޑު އިވުނެވެ. އަނީސާ ފެނުމާއެކު ، ކޮޅަށްތެދުވެ ، ދިލްނަޝީން އޭނާގެ މަންމަޔަށް ސަލާމް ގޮވައިލިއެވެ. އަނީސާ މަޑުމަޑުން އައިސް ދިލްނަޝީނާ ގާތަށް ޖެހިލިއެވެ. ކުރީދުވަހު ، ކުލްސޫމް އައިސް ދިލްނަޝީނާބެހޭގޮތުން ދެއްކި ވާހަކަތައް އަނީސާގެ ހިތުގައި ހަރުލާފައި ހުށްޓެވެ. އެއީ އަނީސާގެ ހިތަށްވެސް ވަރަށް އުނދަގޫވި ވާހަކަ ތަކެކެވެ. އަދިވެސް އަނީސާ އެހުރީ އެކަމާ ކަންބޮޑުވެފައެވެ.

ޙައިދަރުދޭ އެއްޗަކަށް ދިލްނަޝީން އެބަ އުފާކުރާކަމުގައި އަނީސާ ބުންޏެވެ. ފިރިމީހާގެ އަތުން އެއްޗެތި އަތުލަން ބޭނުންވެއެވެ. އެކަމަކު އޭނާއާއެކީ ދިރިއުޅޭކަށް ދިލްނަޝީންގެ ހިތެއް ނޭދެއެވެ. މަންމަގެ މާނައިން ފުރިގެންވާ ސުއާލަށް އިތުރަށް ވިސްނައިލުމެއްނެތި ދިލްނަޝީން ޖަވާބުދިނެވެ.  ޙައިދަރާއެކީ އޭނާ އުޅެނީ އުފަލުންނެވެ. އެކަން ، ކުލްސޫމަކަށް ޤަބޫލެއް ނުކުރެވެއެވެ. ޙައިދަރާއެކީ ދިރިއުޅުމަށް ހިތްއެދޭނަމަ ، ޝޮޕިންގއަށްދާން ، މަންމަގެ ގެޔަށް އަންނާކަށް ނުޖެހޭނެކަމަށް ކުލްސޫމް ބުންޏެވެ. އެކުގައި ލޯބިންއުޅޭ ދެމަފިރިން ޝޮޕިންގއަށްދާނީ އެކީގައެވެ. އެހެންމީހުންނާއެކީ ، އަނބިމީހާ ޝޮޕިންގއަކަށް ނުދާނެއެވެ. ދިލްނަޝީންގެ ހިތުގައިވާ ސިކުނޑީގެ ބޭނުންކުރަން ނޭނގޭނަމަ ، އެސިކުނޑި ބޮލުތެރެއިން ނެރެ އެއްލައިލާށޭ ބުނެ ، ދިލްނަޝީންގެ ބޮލުގައި އަނީސާގެ އަތުން ޖަހައި ކޮށްޕައިލިއެވެ. ޙައިދަރުގެ ދިރިއުޅުމުން ދިލްނަޝީން ބޭރުކޮށްނުލަނިސް އެކަން ކުރުމަށް އަނީސާ ބުންޏެވެ. މަންމަ އެހުރީ ކޮންމެވެސްކަމަކާ ރުޅިއައިސްފައިކަން ދިލްނަޝީނަށް އެނގުނެވެ.

" ދިލްނަޝީނެވެ ! ކޮންމެ ފިރިޔަކީވެސް ، އަނބިމީހާގެ ލޯތްބަށް ބޭނުންވާނެ މީހެކެވެ. އަނބިމީހާގެ ލޯތްބާއި އަޅައިލުމަކީ ، ފިރިހެނުންނަށް ވަރަށް މުހިންމު އެއްޗެކެވެ. އެއީ އޭނާގެ ޙައްޤެކެވެ. އަނބިމީހާގެ ގާތްކަމާއި ލޯބި ނުލިބޭނަމަ ، ފިރިހެނުން އެހެންމީހުންގާތަށްގޮސްގެންނަމަވެސް ، އެކަންކަން ހޯދައި ފުރިހަމަ ކުރާނެއެވެ. އެއީ އިންސާނާގެ ތަބީޢަތެވެ. ގަންނަން ތިއުޅޭ ހެދުމާއި ޖަވާހިރަކީ ، ދިލްނަޝީން ހޯދަންބޭނުންވާ އެއްޗެއްކަމަކަށްވާނަމަ ، ފިރިމީހާއަށްވެސް ސަމާލުކަން ދީބަލާށެވެ ! ޙައިދަރުގެ ޙަޔާތުން ދިލްނަޝީން ބޭރުކޮށް ނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އަމިއްލަ އަތުން ތިމާގެ ޙަޔާތް ބަރުބާދުކޮށް ނުލާށެވެ ! " ހިތްހަމަނުޖެހިހުރެ އަނީސާ ، ދިލްންޝީނަށް ނަޞޭޙަތްދެމުން ގެންދިޔައެވެ.

އަނީސާގެ ވާހަކަތައް ޢާފިޔާއަށްވެސް އިވުނެވެ. އަދި ، އެކަހަލަ ވާހަކަ ނުދެއްކުމަށް އަނީސާގެ ކިބައިން ޢާފިޔާ އެދުނެވެ. އަނީސާ ، ޢާފިޔާއަށް ގޮވައިލިއެވެ. ބުދެއްހެން ، ދިލްނަޝީން ކޮޅަށްހުރިތަން ނިކަން ދެކެބަލާށޭ ބުންޏެވެ. މިހާރުވެސް ދިލްނަޝީންގެ ހިތުތެރޭ އެނބުރޭނީ ، ފިރިމީހާގެ ގެ ފިޔަވައި އެހެންމީހެއްގެ ގެޔާގުޅިފައިވާ ޚިޔާލުތަކެވެ.

" މި އަންހެންކުއްޖާ ، އަހަރެމެންގެ ދިރިއުޅުންވެސް ބަރުބާދުކޮށްލާނެއެވެ. މުޅި ދުނިޔެއަށް އަހަރެމެން ބޭޒާރުކުރާނެއެވެ. އަހަރެމެންނާ ދިމާލަށް ، މީހުން މަލާމާތްކޮށް ، ކުޅުޖަހައި ހެދީމާ އަހަރެމެން ކުރާނީ ކީއްހެއްޔެވެ ؟ " އަނީސާ ބޮލުގައި އަތްކާއްތަމުން ބުންޏެވެ.

އަނީސާއަށް ރޮވުމާއެކީ ، ޢާފިޔާއައިސް މަންމަގާތު އިށީނދެލިއެވެ. ދިލްނަޝީންވެސް އެކަމާ ކަންބޮޑުވިއެވެ. އަދި ، މަންމަގާތަށް ޖެހިލިއެވެ.

" ﷲ އަށްޓަކައި އާދޭސްކޮށްފައި ބުނަމެވެ. އަމިއްލައަތުން ، ދިލްނަޝީންގެ ޙަޔާތް ބަރުބާދުކޮށް ނުލާށެވެ. " ދިލްނަޝީނާ ދިމާއަށް ދެއަތް ޖޯޑުކޮށްގެން އިނދެ އަނީސާ ބުނަމުން ގެންދިޔައެވެ.

އެހެން ނުބުނުމަށް ، މަންމަގާތު ދިލްނަޝީން އެދުނެވެ. މަންމަ ރޯންފެށީމާ ދިލްނަޝީންވެސް ހާސްވިއެވެ.

" އަހަރެންނަކަށް މިކަމަކަށް ކެތެއް ނުވާނެއެވެ. ފުރާޅުމަތިން ފުންމައިލާންވީއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. " ރޮމުންރޮމުން ، އަނީސާ ބުނަމުން ގެންދިޔައެވެ.

މަންމަގެ ހިތުގައިވާ އުދާސްތައް ފެނުމުން ، ބާޒާރަށްދާކަށް ދިލްނަޝީން ބޭނުމެއްނުވިއެވެ. ހަވީރު އޮފީސް ނިންމައި ، ދިލްނަޝީންބަލައި އޭނާގެ މަންމަގެ ގެޔަށް ޙައިދަރު އައެވެ. ކާރަށްއަރައި ގެޔަށްދިޔަ މަގުމަތީ ، ދިލްނަޝީން ބާޒާރަށްގޮސް ގަތް އެއްޗެތި ކޮބައިތޯ ، ދިލްނަޝީންގާތު ޙައިދަރު އަހައިލިއެވެ. މަންމަގެ ގޭގައި އެކޮތަޅުތައް ބެހެއްޓުނީތޯ ސުއާލު ކުރިއެވެ. އަނބުރާ އެތަކެތި ނަގަން އެގެޔަށްދާން ކާރު އަނބުރައިލިތަނާ ދިލްނަޝީންގެ އަތުގައިއޮތް ޙައިދަރުގެ ކްރެޑިޓްކާރޑް އަނބުރާ ޙައިދަރަށް ދިނެވެ. އެހެންނަމަވެސް ، އެކާރޑު ދިލްނަޝީންގެ އަތުގައި ބޭއްވުމަށް ޙައިދަރު އެދުނެވެ. އެއީ ދިލްނަޝީންގެ ކާރޑެކެވެ. ބޭނުން ކޮންމެ އިރަކު އެކާރޑު ، ދިލްނަޝީނަށް ބޭނުންކުރެވިދާނެއެވެ.

" ޙައިދަރާއެކީ އަހަރެން ޝޮޕިންގއަށްދާން ބޭނުންވާއިރު ، މިކާރޑު އަހަރެންގެ އަތުގައި ބޭއްވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން ، ޝޮޕިންގއަށް ނުދާކަމުގައި ބުންޏެވެ. އެއީ މައްސަލައެއްނޫނެވެ. އެތާކައިރީގައިވެސް މޯލްއެއް އެބަހުރިކަމަށްބުނެ ، ގެޔަށްދާނީ އެތަނުން ޝޮޕިންގ ކޮށްލައިގެންކަމަށް ޙައިދަރު ބުންޏެވެ. އެހެނަސް ، ދިލްނަޝީން އެގޮތެއް ބޭނުމެއް ނުވިއެވެ. އޭރު ހުރީ އިރުއޮއްސެންވެސް ގާތްވެފައެވެ. މަންމަވެސް ، މިހާރު ލަސްވެގެން އުޅޭނެއެވެ. ދިލްނަޝީން  ގެއިން ބޭރުގައި މާގިނައިރު އުޅޭކަށް މަންމަ ބޭނުމެއް ނުވާނެކަމުގައި ބުނެ ، ދިލްނަޝީން ޙުއްޖަތް ދައްކަމުން ގެންދިޔައެވެ. ދިލްނަޝީން ބޭނުންވާ ގޮތެކޭބުނެ ، ޙައިދަރުވެސް އޭނާގެ ގޮތްދޫކުރިއެވެ. މަންމަގެ ފަރާތުން އެދުވަހު ކުރިމަތިވި ކަންކަމުގެ ވާހަކަ ، ޙައިދަރުގާތު ބުނާކަށް ، ދިލްނަޝީން ބޭނުމެއްނުވިއެވެ. އެކަހަލަ ވާހަކަ ދައްކައިގެން ، ޙައިދަރުގެ ހިތުގައި މަންމަގެ މައްޗާށް އުފެދޭނީ ހިތްހަމަ ނުޖެހުމެވެ.

ޙައިދަރު ދިޔައީ ޢީޝަލްއާއެކީ ވަގުތުކޮޅެއް ހޭދަކޮށްލަން  ޕޫލްކައިރިޔަށްކަން ، ދިލްނަޝީނަށް އޮތީ އެނގިފައެވެ. ކުރާނެ ވަކިކަމެއް ނެތުމާއެކީ ، ދިލްނަޝީންވެސް ޢީޝަލްއާއެކީ މަޖާކޮށް ކުޅެލަން އެތަނަށް ދާން ނިންމިއެވެ. ދިލްނަޝީނަށް ޕޫލްކައިރިޔަށް ދެވުނުއިރު ، ޙައިދަރުހުރީ ، ޢީޝަލް އުރައިލައިގެންނެވެ. މެހެމަލްގެ އަތް ޙައިދަރުގެ ކޮނޑުމަތީ ބޭއްވިފައި އޮތެވެ. ދިލްނަޝީން އެތަނަށް އައިތަން ފެނުމާއެކު ، ނޭނގޭކަމަށް ހަދައި ، ޙައިދަރުގެ ގަޔާގާތަށް މެހެމަލް ޖެހިލިއެވެ.

ދިލްނަޝީންގެ ހިތަށް އަރަމުންދިޔައީ ، ކުރީދުވަހު މަންމަ ދެއްކި ވާހަކައެވެ. ޙައިދަރަށް އަޅައިލައި ޙައިދަރާއެކީގައި ހުރުމަށް ދިން ނަޞޭޙަތެވެ. އެއީ ރަނގަޅު ވާހަކަތަކެއްކަން ދިލްނަޝީނަށް ވިސްނުނެވެ. ވަގުތު ބަލާފައި މެހެމަލްވެސް ފުރުޞަތުގެ ބޭނުންހިފައި ، ޢީޝަލް އޭނާގެ ބައްޕަގެމަތިން ހަނދާންވާ ވާހަކަ ބުނެ ، ޢީޝަލް ގޮވައިގެން ބޭރަށް ގޮސްލަދިނުމަށް އެދުނެވެ. މެހެމަލް ބޭނުންވީ ޙައިދަރާއެކީ އެދުވަހުގެ މެންދުރުގެ ކެއުމަށްދާށެވެ. ޢީޝަލްއާއި އޭނާއާ އަދި ޙައިދަރާ ތިންމީހުންނެވެ. ޙައިދަރުވެސް އެކަމަށް އެއްބަސްވިއެވެ. މެހެމަލް ޖަހަމުންދާހާ މަޅިއެއްގައި ޙައިދަރު ޖެހެމުންދާތީ ، މެހެމަލް އުފަލުންގޮސް ފޮޅުނެވެ.

ދިލްނަޝީން ، ކޮޓަރިޔަށްގޮސް ދެކޮޅަށްދެކޮޅަށް ހިނގާލަހިނގާލަ ހުށްޓެވެ. އޭނާގެ ޚިޔާލަށް އަންނަމުން ދިޔައީ ، ޙައިދަރާމެދު ، މެހެމަލް ފާޅުކޮށްފައިވާ ޝުޢޫރުތަކެވެ. އެއީ ކުޑައިރުގެ ރަޙުމަތްތެރިޔާކަމުގައި މެހެމަލް އޮތީ ބުނެފައެވެ. އަދި ، ޙައިދަރާދެމީހުން ލޯބިން ގުޅިފައި އޮތްވާހަކަ ބުނިކަން ޚިޔާލަށް އައިސް ، ލޯބި ، އެ ލަފުޒު ދިލްނަޝީންގެ ދުލުން ބޭރުވިއެވެ. ހަމައެއާއެކީ ، މަންމަދިން ނަޞޭޙަތްވެސް ދިލްނަޝީންގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔައެވެ.

ޙައިދަރު އައިސް ކޮޓަރިޔަށް ވަނުމާއެކީ ދިލްނަޝީން ސަލާމް ގޮވައިލިއެވެ. ޙައިދަރުވެސް ސަލާމް ބަލައިގަތެވެ. މެންދުރުކާން ބޭނުމީ ކޮންއެއްޗެއްތޯ ، ޙައިދަރުކުރެން ދިލްނަޝީން އަހައިލިއެވެ. އެއީ ޙައިދަރުގާތު ދިލްނަޝީން މީގެކުރިން އެހި ވާހަކައެއްނޫނެވެ. އެހެންކަމުން ޙައިދަރަށް ޖަވާބުދޭން ވަގުތުކޮޅެއް ނެގިއެވެ. ބުނަން ބޭނުންނެތިއްޔާ ނުބުންޏަސް މައްސަލައެއް ނެތެވެ.

" ނޫނެކެވެ. ނޫނެކެވެ. އެވާހަކަ އަހަރެން ނުބުނަންވީ ކީއްވެހެއްޔެވެ ؟ އެކަމަކު ، އަހަރެން މިހުރީ ވަރަށްބޮޑަށް ޙައިރާން ވެފައެވެ. ދުވަހަކުވެސް ، އަހަރެން ބޭނުންވާ ގޮތަކާއި ބޭނުންވާ ކަމެއްގެ ވާހަކަ ، އަހަރެންގާތު ދިލްނަޝީން އަހައިލާފައެއް ނެތެވެ. އަހަރެންނަކީ ވަރަށް ސާދާ މީހެކެވެ. ގޭގައި ކާންހުންނަ ކޮންމެ އެއްޗެއް އަހަރެންނަށް ރަނގަޅެވެ. ޚާއްޞަ ވަކިއެއްޗެއް ނުހުރެއެވެ. އެކަމަކު ، މިސިޓީއަށް ޚާއްޞަ ކާނާ އަހަރެންނަށް ވަރަށް ކަމުދެއެވެ. " ހިނިތުންވެފައިހުރެ ، ޙައިދަރު ބުންޏެވެ.

ޙައިދަރަށް ކަމުދަނީ ކޮން ކުލަތަކެއްތޯ ދިލްނަޝީން އިތުރަށް ސުއާލުކުރިއެވެ. ޙައިދަރަށް ކަމުދަނީ ، ފެއްސާއި މަޑުއަޅި އަދި ނޫކުލަކަމަށް ޙައިދަރު ބުންޏެވެ. އެއީ ހަމްޒާއަށްވެސް ކަމުދާ ކުލަތައްކަމުގައި ދިލްނަޝީންގެ ހަނދާނަށް އައެވެ. އަދި ކުޑަ ވަގުތުކޮޅަކަށް ޙަމްޒާގެ މައްޗަށް ވިސްނުން ހުއްޓުނެވެ.

ދިލްނަޝީން ކުއްލިޔަކަށް ހުއްޓުމުން ، ޙައިދަރު ކަރުކެހިލައި ދިލްނަޝީނަށް ގޮވައިލިއެވެ. ދިލްނަޝީނަށް އަޑުއިވުނީ ދެތިންފަހަރު ޙައިދަރު ގޮވައިލުމުންނެވެ. ދިލްނަޝީނަށް ކިހިނެއްވީތޯ ޙައިދަރު ސުއާލުކުރިއެވެ.

ފާޚާނާއަށް ވަދެ ، މޫނުދޮވެލައި ހަދައިގެން އަންނާނަމޭ ބުނެ ، ޙައިދަރުލައިގެންހުރި ކޯޓު ބޭލުމާއެކީ ، އެކޯޓު އޭނާއަތަށް ދިނުމަށް ދިލްނަޝީން އެދުނެވެ. ޙައިދަރު ކުއްލިޔަކަށް ހުއްޓުން އެރިއެވެ. މިއަދު އަނެއްކާ އިރުއަރައިގެން އެއުޅެނީ ހުޅަނގު ފަރާތުން ނޫންބާވައޭ ޙައިދަރުގެ ހިތަށް އެރިއެވެ. އެކޯޓު އޭނާ އަޅުވާލަފާނެކަމަށް ބުނަމުން ޙައިދަރު ހިނގައިގަތުމާއެކީ ، ޙައިދަރުގެ އަތުން ކޯޓު އަތުލައި ދިލްނަޝީންގެ ގަޔާ އެއްކޮށްލިއެވެ. އަދި ، އެއީ އެއްވެސްކަމެއް ނޫންކަމަށާއި އެއީ އޭނާ ހިތްހަމަޖެހޭކަމެއްކަމަށް ބުންޏެވެ.

ޙައިދަރުގެ ހިތް އުފަލުންގޮސް ފޮޅުނެވެ. ދިލްނަޝީނަށް އެއައި ކުއްލިބަދަލަކީ ، ދިލްނަޝީނަށް އެއްޗެއް ވިސްނިގެން އައި ހެޔޮބަދަލެއްކަމަށް ޙައިދަރު ނިންމިއެވެ.

ބަދިގޭގައި ދިލްނަޝީން އަވަދިނެތި ކައްކަން އުޅެނިކޮށް ކުލްސޫމަށް އެތަނަށް އާދެވުނެވެ. ކުލްސޫމަށް ލިބުނު ޙައިރާންކަމުގައި ހުރީ ތަންމިނަށް އަނގަ ހުޅުވިފައެވެ. ބާބަރާގާތު ބުނަނިކޮށް ދިލްނަޝީން ބޭނުންވާ އެއްޗެއް ހަދައިދޭނެކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީން ބަދިގެޔަށް ވަނުމަކީ ، ކުލްސޫމް އެދޭކަމެއްނޫނެވެ. އެދުވަހުގެ މެންދުރަށް ކައްކާހިތް ވެގެން ، ބާބަރާ ބަދިގެއިން ފޮނުވައިލުމަށްފަހު ، ދިލްނަޝީން ކެއްކީކަމަށް ބުނެ ، ކުލްސޫމަށް އޭނާކެއްކި އެއްޗެތީގެ ރަހަދައްކަމުން ގެންދިޔައެވެ. ދިލްނަޝީން ކެއްކިތަކެތީގެ ރަހަވަރަށްމީރެވެ. އެގެޔަށް އަލިކަމެއް އެލިބުނީ މިއަދުކަމަށްބުނެ ، ކުލްސޫމް އުފަލުންގޮސް ފޮޅުނެވެ. އަދި އެކަމަށްޓަކައި ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރުމަށްޓަކައި ކޮޓަރިޔަށް ދިޔައެވެ. ކުލްސޫމް ބަދިގެއިން ނުކުމެގެން ދިޔައިރު ، މެހެމަލް އެތަނަށް އައިސް ހުށްޓެވެ. ކައްކަނީ ކޮންކޮން އެއްޗެއްތޯ މެހެމަލް ސުއާލު ކުރިއެވެ. އޭނާ އެކައްކަނީ ޙައިދަރަށް ކަމުދާ ތަކެތިކަމަށް ދިލްނަޝީން ބުންޏެވެ.

ފަހަރެއްގައި ދިލްނަޝީން ހަނދާން ނެތުނީކަމަށް ވެދާނެކަމަށާއި ޙައިދަރަކީ ސިޓީއަށް ނިސްބަތްވާ ކާނާ ކަމުދާމީހެއްނޫންކަމަށް މެހެމަލް ބުންޏެވެ. އަދި ، ޙައިދަރަށް ކަމުދާނީ ކޮންޓިނެންޓަލް ފުޑްކަމަށްބުނެ ، މެހެމަލް ބުމަ އަރުވައިލިއެވެ. ދިލްނަޝީން ، މެހެމަލްއާ ދިމާލަށް އެނބުރިލިއެވެ.

" ތި ދެމީހުންނަކީ ކުޑައިރުގެ ދެ ރައްޓެހިންކަމަށް އަހަރެންވެސް ޤަބޫލުކުރަމެވެ. އަދި ، ޙައިދަރަށް ކަމުދާ ކާނާއާއި ބޭނުންވާގޮތްތައްވެސް ، މެހެމަލްއަށް އެނގިފައިއޮތުމަކީ އެކަށީގެންނުވާ ކަމެއްނޫނެވެ. އެކަމަކު ، އެއީ ޙައިދަރުގެ ކުރީގެ އާދަތަކެވެ. ފަހަރެއްގައި ، މެހެމަލްގެ މަޢުލޫމާތު އަދާހަމަނުކުރަނީކަމަށް ވެދާނެއެވެ. ޙައިދަރު ބޭނުންވާގޮތްތައް މިހާރު ބަދަލުވެއްޖެއެވެ. އެއާއެކީ ، ހިތްއެދޭގޮތާއި ހިތްއެދޭ މީހުންވެސް ބަދަލުވެއްޖެއެވެ. މަޢާފު ކުރާށެވެ ! ޙައިދަރު މިހާރުހުންނާނީ އަހަރެންގެ އިންތިޒާރުގައެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން ކުއްލިޔަކަށް އަނގަ ގަދަވެއްޖެއެވެ. އެކަމާ މެހެމަލްވެސް ހުރީ ޙައިރާންވެފައެވެ. ހަމައެއާއެކީ ރުޅިވެސް އައިއްސައެވެ. ދިލްނަޝީން ބަދިގެއިން ނުކުމެގެން ދިޔައިރު ، މެހެމަލްހުރީ ދިލްނަޝީނާ ދިމާލަށް ކަޅިއަޅައި ރުޅިއައިސް ފުފިފައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.