އެކާވީސްވަނަ ސައްތައިގެ އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން: މުސްކުޅީންގެ ހިޔާވަހިކަމުގެ މަރުކަޒުތައް – 2

(21 ސެޕްޓެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މީލާދީން ވިހިވަނަ ސައްތައިގައި މިފަދަ އިދާރާތައް ގިނަވާން ފަށައިފިއެވެ. ޚާއްޞަކޮށް ވިހިވަނަ ސައްތައިގެ ފަހުކޮޅުގައި އެފަދަ އިދާރާތައް ވަރަށް ގިނަވެއްޖެއެވެ. ރިޕޯޓެއްގައިވާގޮތުން 2005މ. ގައި އެމެރިކާގައިހުރި މުސްކުޅީންގެ ނާސިންގ ހޯމުގެ ޢަދަދަކީ އެގާރަ ހާހެވެ. ފަސްއަހަރުގެ ތެރޭގައި އެއްހާސް ނާސިންގ ހޯމް އިތުރުވިއެވެ. ޔޫރަޕުގެ ވަރަށްގިނަ ޤައުމުތަކުގައިވެސް މިކަން އޮންނަނީ މިގޮތަށެވެ. ސްޕޭނުގައި ގާތްގަނޑަކަށް ފަސްހާސް ނާސިންގ ހޯމް ހުރެއެވެ. އޭގެތެރެއިން ގިނަތަންތަނަކީ އަމިއްލަ ތަންތަނެވެ. ސަރުކާރުގެ އެހީގައި ހިންގަނީ ދާދި މަދުތަނެކެވެ. 2006މ. ގެ ރިޕޯޓެއްގައިވާގޮތުން ނޯވޭއާއި ނެދަރލޭންޑްސްއާއި ޑެންމާކުގައި އުމުރުން ދުވަސްވީ މީހުންކުރެ ޢާއިލާއާ އެއްފުރާޅެއްގެ ދަށުގައި ދިރިއުޅުމުގެ ފުރުޞަތު ލިބިފައިވާ ނަސީބުވެރީންގެ އިންސައްތައަކީ ސަތޭކައަކުން ހަތަރެކެވެ. ދެންތިބި އެންމެން ޙިމާޔަތް ހޯދާން މަޖްބޫރުވެފައިވަނީ "އޯލްޑް އޭޖު ހޯމްސް" ތަކުންނެވެ. އާދެ މުސްކުޅީންގެ ޚާއްޞަ ގޭގެއިންނެވެ. ހުޅަނގުގެ ޤައުމުތަކުގައި ހަމައެކަނި މުސްކުޅީން ތިބޭން ޚާއްޞަ ރިޒޯޓުތައްވެސް ހަދަމުން އެބަގެންދެއެވެ. އެ ރިޒޯޓުތަކުން ހުރިހައި ބާވަތެއްގެ ޚިދުމަތްތަކަކާއި ފަސޭހަތަކެއް ލިބޭންހުރެއެވެ. ރޮބޮޓް ނަރުހުންގެ އެހީތެރިކަންވެސް ލިބޭންހުރެއެވެ.

އިންޑިޔާގެ ކަންތައްވެސް ހުންނަނީ ޔޫރަޕުގެ ޤައުމުތަކާ ވަކި ތަފާތުގޮތަކަށެއް ނޫނެވެ. އިންޑިޔާގައި މުސްކުޅީންގެ އެންމެފުރަތަމަގެ އަޅައިފައިވަނީ 1782މ. ގައެވެ. އެކަމަކު އެކަން ފެށިގެންއައި ދުވަސްވަރު ޢާންމުކޮށް މީހުން އެކަން ދުށީ ރުހުމުގެ ލޮލަކުން ނޫނެވެ. އެހެންކަމާއެކުވެސް މަޑުމަޑުން އައީ އެފަދަ ގެތައް އިތުރުވަމުންނެވެ. ވިހިވަނަ ސައްތައިގެ ފަހުކޮޅަށް އައިއިރު އެފަދަ ގޭގޭގެ ޢަދަދު ވަރަށްބާރު ދުވެއްޔެއްގައި އިތުރުވާން ފަށައިފިއެވެ. އެފަދަ އެއްތަނެއްގެ މިސާލަކީ، މަދަރާސީގެ MADRAS INSTITUTE OF AGING އެވެ.

އިންޑިޔާގައި ޢުމުރުން ދުވަސްވީ މީހުންނާ އަޅާލައި އެހީތެރިވުމަށްޓަކައި HELP AGE INDIA ގެ ނަމުގައި އެސޯސިއޭޝަނެއް ޙަރަކާތްތެރިވެއެވެ. އެ އެސޯސިއޭޝަނުންވަނީ 2009މ. ގައި އިންޑިޔާގައިހުރި މުސްކުޅީންގެ ގެތަކުގެ ޑައިރެކްޓަރީއެއް ޝާއިޢުކޮށްފައެވެ. އެ ޑައިރެކްޓަރީ ގައިވާގޮތުން 2009މ. ގައި އިންޑިޔާގައިހުރީ މުސްކުޅީން ބަލަހައްޓާ 1274 ގެއެވެ. އެފަދަ ސަތޭކައަށްވުރެ ގިނަ ގޭގެހުރި ސްޓޭޓްތަކުގެ ތެރޭގައި ޓެމިލްނާޑޫ (251 ގެ) އާއި ކެރެލާ (182 ގެ) ހުޅަނގު ބަންގާޅު (164 ގެ) މަހަރާސްޓަރ (133 ގެ) އާއި އަންދުރަޕްރަދޭޝް (114 ގެ) ހިމެނެއެވެ. އެތަންޒީމުން ފާހަގަކުރާގޮތުގައިވެސް އިންޑިޔާގައި އަންނަނީ މުސްކުޅީންގެ ގެތައް އިތުރުވަމުންނެވެ. 2009މ. ގައި މުސްކުޅީން ބަލަހައްޓާ 1274 ގެހުރިއިރު 1998 ގައި ހުރީ ހަތްސަތޭކަ ގެއެވެ. Help Age India އިންވަނީ ދިއްލީއާއި ދިއްލީއާ ކައިރި ހިސާބުގަނޑުގެ މުސްކުޅީންގެ ގެތައް ސާރވޭ ކޮށްފައެވެ. އޭގެ ރިޕޯޓުވެސް ވަނީ 2007މ. ނޮވެމްބަރގައި ޝާއިޢުކޮށްފައެވެ. އެ ރިޕޯޓު އިންޓަރނެޓްގައިވެސް އެބައޮތެވެ. އެ ސާވޭގައިވަނީ ތިރީސް ގެއެއްގެ ޙާލަތު ބަލައިފައެވެ. އެ ތިރީސް ގޭގެތެރޭގައިވަނީ ސަރުކާރުން ބަލަހައްޓާ ހަތަރު ގެއެވެ. ދެންހުރި ގެތައް ހިންގަނީ ނުރަސްމީ ޖަމާޢަތްތަކުންނެވެ. މިޒަމާނުގެ ބަހުރުވައިން ދަންނަވާނަމަ އެން.ޖީ.އޯ. ތަކުންނެވެ. އެގެތަކުގެ ތެރޭގައި ފަންސާސްއަހަރު ވެފައިވާ ޢިމާރާތްތަކުގެ އިންސައްތައަކީ ފަނަރަ އިންސައްތައެވެ. ފަނަރަ އިންސައްތަ ޢިމާރާތް ބިނާކޮށްފައިވަނީ ވިއްސަކަށް އަހަރުގެ ތެރޭގައެވެ. ހަތްދިހަ އިންސައްތަ ޢިމާރާތުގެ ޢުމުރަކީ ދިހަ އަހަރެވެ.

މި ތަފްސީލުތަކުން އެނގޭގޮތުގައި އިންޑިޔާގައިވެސް ބައިނަލްއަޤްވާމީ ދުނިޔޭގައިވެސް މުސްކުޅީންގެ ގެތައް އަންނަނީ ވަރަށް ހަލުވި ދުވެއްޔެއްގައި މަޤްބޫލުވަމުންނެވެ.

ލިބޭންހުންނަ ޚިދުމަތްތައް

ޢުމުރުން ދުވަސްވީ މީހުންގެ ގެތަކުގެ އެހެން ބިތަކުންވެސް އެގެތަކާމެދު ބަލައިލާނަމެވެ. އާދޭހެވެ. މުސްކުޅީންނަށް ބޭނުންވާ ހުރިހައި ފަސޭހަތަކެއް އެގެތަކުން ލިބޭން ހުރެއެވެ. ނުވަތަ ހޯދައިދެވޭތޯ މަސައްކަތް ކުރެއެވެ. ކެއިންބުއިމުގެ ރަނގަޅު އިންތިޒާމުތަކެވެ. ޞިއްޙަތު ރައްކައުތެރިކުރުމުގެ އެކަށޭނަ ވަސީލަތްތަކެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ގެދޮރުވެހި ބަގީޗާތަކެވެ. ޖޮގިންޓްރެކްތަކެވެ. ޔޯގާއާއި އެނޫންވެސް ކަސްރަތު ކުރެވޭނެގޮތްތަކެވެ. ބޭސްފަރުވާގެ ރަނގަޅު އިންތިޒާމުތަކެވެ. ފިކުރުތައް ދުރުކޮށް ހިތްހަމަޖެހުން ލިބިގަތުމަށާއި ފޫހިފިލުވުމަށްޓަކައި "ކޮމަންރޫމް" ތަކާއި ޓެލެވިޒަންފަދަ ވަސީލަތްތަކެވެ. ޢިލްމީ ޒައުގަށް އާރޯކަން ލިބިދިނުމަށްޓަކައި ލައިބްރަރީތަކާއި ފޮތްބަލާ ކޮޓަރިތަކާއި ކޮމްޕިއުޓަރ ކޮޓަރިތަކާއި ނަމާދުގެތަކެވެ. ބޭރުގެ ދުނިޔެއާ މުވާޞަލާތުކުރަން ޓެލެފޯނާއި އިންޓަރނެޓާއި އަދި އެނޫންވެސް ވަސީލަތްތަކެވެ.

އުމުރުން ދުވަސްވީ މީހުންގެ ގެތަކުގެ ތެރެއިން ބައެއް ގޭގެއިން މިދެންނެވި ޚިދުމަތްތައް ލިބެނީ ހިލޭސާބަހަށެވެ. ބައެއް ގޭގެއިން އެފަސޭހަތަކަށް ލުއި އަގެއް ނަގައެވެ. އަޅުގަނޑު ޙަވާލާދެމުން މިގެންދާ "ހެލްޕް އޭޖް އިންޑިޔާ" ގެ ސާވޭގައިވާގޮތުން ދިއްލީގައިހުރި މިބާވަތުގެ ގެތަކުގެ ތެރެއިން ސާދަ ގެއަކުން މި ޚިދުމަތްދެނީ ކުޑައަގަކަށެވެ. ދިހަ ގެޔަކުން ފީއެއް ނަގައެވެ. އެކަމަކު ކޮންމެވެސް ޢަދަދެއްގެ ބަޔަކަށް އެއްވެސް ފީއެއް ނެގުމަކާނުލައި އެގޭގެއިން ޖާގަދެއެވެ. ޖުމުލަގޮތެއްގައި ދަންނަވާނަމަ ދުވަސްވީ މީހުންގެ ހިތްއެދޭ ހުރިހައި ޚިދުމަތްތަކެއް އެތަންތަނުން ލިބޭން ހުރެއެވެ. އުނިވާކަމެއް ނުވަތަ ނުފުދޭ މުހުތާދެއް އޮތްކަމުގައިވާނަމަ އެކަމަކީ އަމިއްލަ ޢާއިލާއާ އެކުގައި ނުއުޅެވޭކަމާއި އެމީހުންގެ ލޯބި ނުލިބޭކަމެވެ.

ދޮށީޢުމުރުގެ މީހަކު އެއިން ގެއެއްގައި އުޅެނިކޮށް ނިޔާވެއްޖެކަމުގައިވާނަމަ އެމީހެއްގެ އެންމެފަހުގެ ރަސްމުތައް އަދާކުރުމުގެ ފުރުސަތު އެންމެފުރަތަމަ ދެނީ އެމީހެއްގެ ވާވެރީންނަށާއި ތިމާގެ މީހުންނަށެވެ. އެބައިމީހުންގެ ޝައުޤުވެރިކަމެއް ހުރެއްޖެކަމުގައިވާނަމަ އެމީހުނާ ޤަބުރު ޙަވާލުކޮށްލަނީއެވެ. އެފަދަ ގޮތެއް ނެތްކަމުގައިވާނަމަ އެގެތަކުގެ ޚަރަދުގައި އެމީހެއްގެ އެންމެފަހުގެ ރަސްމުތައް ފުރިހަމަކޮށް ނިންމައިލަނީއެވެ.

ދުވަސްވީ މީހުން އަމިއްލަ ގެދެކެ ފޫހިވާ ސަބަބުތައް

ކޮންމެ މީހަކުވެސް ފިޠުރީގޮތުން އެމީހެއްގެ ގެދެކެ ލޯބިވެއެވެ. ކޮންމެ މީހެއްގެވެސް ގެޔަކީ އެމީހެއްގެ ޙަޔާތުގެ އެންމެ އަގުހުރި ދުވަސްތައް ހޭދަކޮށްފައިވާ ތަނެވެ. އެންމެ އުފާވެރި ހަނދާންތަކެއް އެތަނަކާ ގުޅިފައިވާ ތަނެވެ. އެހެންކަމުން އެގޭގެ ފާރުތަކާއި ދޮރާއި ދޮރުފަތްތަކަކީވެސް އެމީހަކަށް ޚާއްޞަ މުނިއަވަސްފިލުމެއް ލިބޭތަންތަނެވެ. އެގޭގައި ދިރިއުޅޭ އެހެންމީހުންނަކީ އެމީހަކަށް ޚާއްޞަ އަމިއްލަވަންތަކަމެއް ފިޠުރީގޮތުން އިޙްސާސްވާ މީހުންނެވެ. ކަންމިހެން ހުރުމާއެކުވެސް ޢުމުރުން ދުވަސްވީ މީހުން އެބައިމީހުންގެ ގެދޮރުދެކެ ފޫހިވަނީ ކީއްވެގެންތޯއެވެ؟ ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ގެތަކަށް ތަރުޙީބުދެނީ ކީއްވެގެންތޯއެވެ؟ އޭގެ ސަބަބަކީ ކޮބައިތޯއެވެ. އާދެ ސަބަބަކީ އެމީހެއްގެ އަމިއްލަ މީހުންގެ އެކުލުންތެރިކަން ކުޑަވުމެވެ. އަޅައިލުން ކުޑަވުމެވެ. އަގަލުނެތުމެވެ.

1. ދަރީން ވަކި ފުރާވަރަކަށްއަރައި ވަކި ޢުމުރަކަށް އެޅުމުން އެކުދީން އުޅެނީ އެކުދީންގެ އަމިއްލަ ދުނިޔެއެއްގައެވެ. އެކުދީންނަށް މުހިންމުވަނީ އެކުދީންގެ ވަޒީފާއެވެ. އަމިއްލަ ތަނަވަސްކަން ހޯދުމެވެ. އެކަންކަމާ މަޝްޣޫލުވެވޭލެއް ބޮޑުކަމުން ޢާއިލާގެ ދުވަސްވީ މީހުންނަކާ ފުރިހަމަޔަކަށް އަޅައެއް ނުލެވެއެވެ. އެކުދީން ގިނަވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. މަސައްކަތުގެ މާޙޫލުގައި އުޅެފައި ވަރުބަލިވެފައިތިބެ ގެއަށް އާދެވުމާއެކު އިސްކަންދެވެނީ އަމިއްލަ އަރާމަށެވެ. ބޭރުގެ ފިކުރުތަކުން ދުރުވެ ހިތްހަމަޖައްސައިލުމަށެވެ. އެކަންކަން ދޫކޮށްލައިފައި މައިންބަފައިންނަށް ޚިދުމަތްކޮށްދޭކަށެއް ނުއުޅެވެއެވެ.

2. ޝައްކެއްނެތެވެ. ގޭގެ ވެރިޔަކީ ބައްޕައެވެ. ގޭގެ ކަންތައްތައް ރާވައި އިންތިޒާމުކޮށް ގޭގެ ވެރިކަންކުރަނީ ބައްޕައެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.