23 November 2024 (Saturday) - 08:41

ޗައިނާ އެގްރީމެންޓުގެ ސަބަބުން ދަތުރުފަތުރާއި ވިޔަފާރިފަދަ ކަންކަމުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވާނެ: ހީނާ

ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް ޢަމަލުކުރަން ފެށުމުން ވިޔަފާރިތަކާއި ޢާންމުންނަށް ވެސް މިހާރަށްވުރެ އިތުރު ގިނަ ފައިދާތަކެއް ލިބިގެންދިއުމަށް މަގު ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވަލީދު މިހެން ވިދާޅުވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުންނެވެ.

ހީނާ ވަލީދުގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވިއެވެ.

ހީނާ ވިދާޅުވީ މިހާރުވެސް ރާއްޖެއާ ޗައިނާއާ ދެމެދު 700 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވޭކަމަށާއި ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް ޢަމަލުކުރަން ފެށުމުން ރާއްޖެއަށް ލިބިގެންދާނެ އިތުރު ފައިދާތަކުގެ ތެރޭގައި ދެޤައުމުގެ ފައިސާ ބޭނުންކޮށްގެން ކަރަންޓް އެކައުންޓް މުއާމަލާތްތައް ކުރުމާއި ސީދާ އިންވެސްޓްމަންޓްތައް ހިންގުމަށް ބާރުލިބިގެންދިއުމާއި ދިވެހިންނަށް ދަތުރުފަތުރު ކުރުމުގަ އާއި މުދާގަތުމާއި އަދި އެހެން ބައެއް ޚިދުމަތްތައް ލިބިގަތުމުގައި ޑޮލަރުން ފައިސާ ނުދައްކައި ދިވެހި ރުފިޔާއިން އެކަންކަން ކުރެވޭގޮތަށް މަގުފަހިވުންފަދަ ފައިދާތައް ހިމެނޭނެ ކަމުގައެވެ.

މިއާއެކު ދަތުރުފަތުރާއި ވިޔަފާރިފަދަ ކަންކަމުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާދަމް ނަޞީރު އިބްރާހީމް ވަނީ އެމިނިސްޓްރީން މިހާތަނަށް ކުރިޔަށް ގެންގޮސްފައިވާ މަސައްކަތްތަކާއި އަދި މިހާރު ކުރިޔަށްދާ މަސައްކަތްތަކަށް ތަފްސީލީގޮތެއްގައި އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސައިޓު މިއުޒީއަމްތައް ތަރައްޤީކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަތަކާއި އަދި ދިވެހި ޤައުމިއްޔަތު އަނބުރާ އިޔާދަކުރުމަށް ކުރެވޭ މަސައްކަތްތަކާއި ތަރިކަ ދިރުވައި އާލާކޮށް ދަމަހައްޓަން މިހާރު ކުރިޔަށްދާ މަސައްކަތްތަކަށް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނާ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް ވަނީ ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.