އައިފާނު މަގު

މާލެ ބެހިފައިވީ ހަތަރު އަވަށުގައިވެސް އެ އަވަށެއްގެ ސަރަޙައްދުތެރޭގައި ތަފާތު ނަންނަން ކިޔާ ތަންތަން ހިމެނިފައި ވެއެވެ. މާލޭގައި ޒަމާނުއްސުރެ އޮންނަނީ ހަތަރު އަވަށެވެ. އެއީ އިރުން ހުޅަނގަށް ތަރުތީބުންދާ ނަމަ، ހެންވޭރު، ގަލޮޅު، މައްޗަންގޮޅީ، މާފަންނު މި ހަތަރު އަވަށެވެ. އަވަށް ބައިކުރި މަގުތަކަކީ އެއްވެސް ޙާލެއްގައި ދެ އަވަށް ދޭތެރޭ ތެދަށް އޮންނަ މަގެއް ނޫނެވެ. ވަރަށް ތަފާތު ގޮތްތަކަށް އިރަށް ހުޅަނގަށް ޖެހިފައިވާ މަގުތަކެކެވެ. އަޅުގަނޑުމެން ކުޑާވަރު އިރު ކާފަމެން ބުނެދޭ ބުނެދިނުމެއް މިތާނގައި ނަކަލުކޮށްލުމަކީ ލިޔަމުން މިދާ ވާހަކައިގެ ތަރަހައިން ބޭރަށް ނުކުތުމެއް ނޫނެވެ.

އެންމެ ކުރީ ޒަމާނުގައި ހަތަރު އަވަށް އުފެދުނުއިރު، ހަތަރު އަވަށް ބައިކުރި އިންރޯނު ދަމާލެވިފައި ވަނީ ރަށުގެ ހުރަހަށް އުތުރުން ދެކުނަށް ވަޑިފަތިވެސް ކޮށް ތެދަށެވެ. އޭރު މާލޭގައި ދިރިއުޅޭ މީސްކޮޅު މަދުކަމާއެކު މާލޭގައި ހުރި ގޯތިގެދޮރު ވެސް އެހައި މަދެވެ. މާލޭގެ އެކި ހިސާބުގައި ތަންތަންކޮޅުގައި ކޯޅިކޯޅިވަރަށް މަދު ގެކޮޅެކެވެ. މިހެންވުމާއެކު ހެންވޭރާއި ގަލޮޅު ވަކި ކުރުމަށް އެއް ރޯނު، ގަލޮޅާއި މައްޗަންގޮޅި ވަކި ކުރުމަށް އެއް ރޯނު، މައްޗަންގޮޅިޔާއި މާފަންނު ވަކިކުރުމަށް އެއް ރޯނު، އެކު ޖުމްލަ ތިން ރޯނު ދަމައިލެވުނީ އޭރު ތިއްބެވި ބޮޑުންނަށް ފެނިވަޑައިގަތް ގޮތަކަށް އަވަށްއަވަށަށް ޖާގަދީގެން އޭރު ހުންނެވި ރަހެއްގެ އަމުރުފުޅަށް ކޮލި ފަތްތޫރަ ހިންގަވައިފައެވެ. އަދި ރޯނު ދެމި ދުވަހަކީ، ހަނގުބޭކަލުންނާ، ކަލާސީންނަށް މަސައްކަތު ގޮވާފައި އޮތް ދުވަހެކެވެ. އެއީ އެވަރުގެ ދިގު ރޯނެއް އޭރު ވަލުތެރެއެއްގެ ގޮތުގައި މާލޭގައި ހުރި ތަންތަނުން ގަސްތައް ކޮށައި އަލިކޮށްގެން ތެދަށް އެ ރޯނު ދަމަންޖެހޭތީއެވެ. އެއްވެސް ގެއެއްގެ ގޯތި ތެރެއަށް އެ ތިން ރޯނުން ކުރެ ރޯނެއް އެރިކަމަކަށް ނުވެއެވެ.

ކޮންމެއަކަސް ތިން ރޯނު ދަމާ ނިންމާލުމަށް ފަހު، ގުޅަކުޅޭ ފަސްގަނޑަށް ރޯނުދެމި މީހުން އައިރު “އަވަށް ބައިކުރި ކޭން” ތައްޔާރުވެފައި ހުއްޓެވެ. ފަސްގަނޑަށް އެހުރިހާ މީހުން އެއްވުމުން ކީރިތި މަހާރަދުންގެ ފަރާތްޕުޅުން ބޮޑުބޭކަލުންނާ އެކު ކޮލި ކަލޭގެ ނުކުމެ “މާލެ ހަތަރު ބަޔަށް ބައިކުރައްވާ ހަތަރު ބަޔަށް ނަންދެއްވާ މިއީ ހަތަރު އަވަށް ކަމުގައި ހަމަޖައްސަވައި ހަތަރު އަވަށުގެ ނަމަކީ އިރުން ހުޅަނގަށް ހެންވޭރު، ގަލޮޅު، މައްޗަންގޮޅި، މާފަންނު ކަމުގައި ހަމަޖައްސަވައި މިހެން އަހައި ދެކެދެނެގެންފި ނަމަ …” މިއިޢުލާނު ކުރުމާއެކު ކޮލީ ލޯގަނޑުގައި (ޑަން ޑަން ޑަން) ތިންފަހަރު ނަޣަރާ ކުރުމަށް ފަހު ބޮޑުބޭކަލުންނާ ކޮލިކަލޭގެ ކޮއިލުތެރެއަށް ވަނުމުން އަވަށް ބައިކުރި މީހުން އަވަށް ބައިކުރި ކޭން ކާން ފެށުމުގެ ބިސްމި އެތެރެކޯލު މިސްކިތު މަލިންކަލޭގެ އަޑުގެ ކޮޅަށް ކިޔައިފިއެވެ. ކާން ފެށުނީއެވެ. ކައި ނިމުމުން ގޮވީމާ ނުކުންނަން އަމުރު ބުނެފިއެވެ. ބޭކަލުން ގޭގެއަށް ދުރުވެއްޖެއެވެ. ހަތަރު އަވަށް އުފެދުނީއެވެ.

މިއީ ޙަޤީޤަތަކަށް ވިޔަސް ނުވިއަސް މިއީ ފުލޯކު ވާހަކަޔަކަށް ވިޔަސް މި ކަމަކީވެސް ދިވެހިރާއްޖޭގައި އެއިރަކު އޮތް ސަރުކާރަކުން ކޮންމެވެސް އުޞޫލުތަކަކަށް ބައްލަވާ އޭރުގެ މާޙައުލަށާއި، އޭރުގެ މަޞްލަޙަތަށްވެސް ބައްލަވައިފައި އޮތް ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ.

މިގޮތަށް ތެދަށް ބައިވެފައި އޮތް އަވަށްތަކުގެ އިން ގުދުގުދުލަން ދިމާވީ އޭގެ މާފަހުން ނޯލައެވެ. މިވެސް އަނެއްކާ ކުރީގެ ވާހަކަ ކަހަލަ މުސްކުޅި ވާހަކައެކެވެ. އެކަމަކު މިވާހަކައިގައިވެސް ފޮރުވިފައި ސިއްރުތަކެއް ވާ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އާދޭހެވެ. އަވަށްތައް ބައިވެއްޖެއެވެ. މާލޭގައި ދިރިއުޅޭ މީހުންގެ ދަރިފަސްކޮޅު ގިނަވަމުން އަންނަން ފަށައިފައިވެއެވެ. އެއްދުވަހުން އަނެއް ދުވަހަށް މާލޭގައި، އިތުރުވަމުން އަންނަ އާބާދީ ދުވަހުން ދުވަހަށް ދިޔައީ ޚިޔާލާއި ވިސްނުމާ ފިކުރު ތަފާތުވަމުންނެވެ. އެންމެ ފަހުން އެކި އަވަށް އަވަށަށް އޮތް ސަރަޙައްދު ކުޑަވެގެން ދެކެވޭ ވާހަކަތައް ދިޔައީ ގިނަގުނަވަމުންނެވެ. “އަވަށު ވާދަ” އޭ މިކިޔާ ރޫހު ދިޔައީ އަވަށްތަކުގެ ކިބަޅި ފަރާތުގައި އޭގެ އެންމެ ނުބައި ގޮތަށް އަށަގަންނަމުންނެވެ. އެންމެ ފަހުން އަމިއްލަޔަށް އަވަށް ބޮޑުކުރުމުގެ ވިސްނުން އަތުވެއްޖެއެވެ. ދެ އަވަށް ދޭތެރޭގައި “ފިނި ހަނގުރާމަ” ފެށިއްޖެއެވެ. މި ހަނގުރާމަ، ވާހަކައިން ޢަމަލަށް ބަދަލުވިއިރު ބަޑިއުންޑައިގެ ގޮތުގައި ބޭނުންކުރެވުނީ ސާޅަނގަޔާއި ދުނބުރިއެވެ. އެ ފަހަރަކު ސަރަޙައްދީ ރޮނގު ހުރަސްކޮށް ދެވޭ ޙަމަލާތައް އަނެއް ބަޔަކަށް ދިފާޢު ނުކުރެވިއްޖެ ނަމަ، އެ އަވަށަކަށް އެތަންކޮޅެއް ލިބުނީއެވެ. އެއަވަށަކަށް އެ ދިމާޔަކުން ތަން އިތުރުވީއެވެ. އެ ބިންކޮޅު ހިފުނީއެވެ. މިހާރުވެސް ސަރަޙައްދީ ރޮނގުން ގުޅިފައިވާ ޤައުމުތަކުގައި ދޭދޭ ޤައުމުގެ ދެބަސްވުންތަކުގެ ސަބަބުން ސަރަޙައްދީ ރޮނގު ހުރަސްކޮށް އަރާ ބިންކޮޅު ހިފައިގެން އެ ތަނެއްގައި އެ ބައެއްގެ ދިފާޢު ވަރުގަދަކުރާ އުޞޫލެވެ. ތަފާތީ ޒަމާނެވެ. ބޭނުންކުރެވޭ ހަތިޔާރެވެ. އެހެން ނޫނީ އުޞޫލުގައި ކިތަންމެ ކުޑަނަމަވެސް ތަފާތެއް ނެތެވެ. ދުނބުރި އުކައިގެން އަވަށަށް ތަން ހޯދި ދުވަސްވަރޭ ކިޔަނީ އެހެންވެގެންނެވެ. މި ފަހަކަށް އައިސް ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު މާލޭގެ މަގުތައް ހެއްދެވިއިރު، މަގުތައް ގޮސްފައި މި ހުރީ އޭރު ދުނބުރި އުކައިގެން އަވަށަށް ތަން ހޯދުމުގެ ސަބަބުން އެއް އަވަށް އަނެއް އަވަށާ ވަކި ކުރާމަގު ކުޑައިރުއްސުރެ މާލޭގައި އުޅެ ބޮޑުވި މީހަކަށް މެނުވީ ނުފިލާ ފަދަ ގޮތަކަށެވެ. މިހާރުގެ ޒުވާން ކުއްޖަކަށް އަވަށް ބައިކުރި މަގުތައް ކިޔައިދޭން ނޭނގޭނެ ވާހަކަ އަޅުގަނޑު ލިޔާހިތް ނެތް ނަމަވެސް އެއީ ދޮގެކޭ ބުނާ ހިތެއްވެސް ނެތެވެ.

ފަށައިގަތުމުގައިވެސް ލިޔެލެވިފައި ވާނޭ ފަދައިން މާލޭގެ އަވަށްތަކުގެ ތެރޭގައި ތަފާތު ނަންނަން ކިޔާ ތަންތަން ހުރެއެވެ. މިސާލެއްގެ ގޮތުން ދަންނަވާ ނަމަ ހެންވޭރު އޮންނަނީ ދެބަޔަކަށް ބައިވެފައެވެ. އަވަށުގެ ގޮތުން ކުރާ މަސައްކަތްތަކުގައި ވެސް ދެ ބައިގެ ދެމެދުގައި ވަރަށް ބޮޑު ވާދަވެރިކަން އޮވެއެވެ. އެއީ ކުޑަހެންވޭރާއި، ވަލުމައިޒާންދޮށެވެ. މި ދެބައިގެ ނަން ވަކިކުރާ އިމަކީ ހެންވޭރުގެ މަޖީދީމަގެވެ. މަޖިދީ މަގުން އުތުރު ހެންވޭރުގެ ސަރަޙައްދަކީ ވަލުމައިޒާންދޮށެވެ. މިއީ އެއްވެސް ޙާލެއްގައި ރަސްމީ ނަމެއް ނޫނެވެ. ހަމަ އެކަނި ހެންވޭރުގައި ފާހަގަކުރާ ގޮތެވެ. މިވެނި ގެއެއް ހުންނަނީ ކޮން ހިސާބެއްގައިހޭ އަހައިފިނަމަ ހެންވޭރު މީހަކު ޖަވާބު ދޭނީ ތިޔައީ ވަލުމައިޒާންދޮށުގެ ގެއެކެވެ. ހުންނާނީ ލޮނުޒިޔާރަތްކޮޅުން މޭދާމައިޒާން ކައިރީގައެވެ. އެ ދުވަސްވަރަކީ މަގުތަކަށް ނަންކިޔާފައިވާ ދުވަސްވަރަކަށް ނުވުމުން ފުރިހަމަ އެޑްރެސް ބުނެދޭކަށް ނޭނގޭނެއެވެ. ފާހަގަކުރެވޭ މަގުތަކަކަށް އުޅޭނީ ރަށްދިގު މަގު (މިހާރު މަޖީދީ މަގު) ކޮލި ހިނގާ މަގު (ކޮލިކަލޭގެ ކޮއިލު ތެރޭން ނުކުމެގެން ކޮލިލާންދާ މަގު) ރަށްދެބައި މަގު(މިހާރުވެސް ރަށްދެބައި މަގު) ފަދަ މަގުތަކެވެ.

ހެންވޭރުގައިހުރި މިފަދަ ތަންތަނުގެ ވާހަކަ އަޅުގަނޑު މިލިޔެލަނީ އަޅުގަނޑު އުޅެ ބޮޑުވި އަޅުގަނޑުގެ ލޯބި އެ އަވަށަކަށް ޖެހިފައިވާ އަވަށަކީ، ހެންވޭރު ކަމަށް ވާތީކީ ނޫނެވެ. ހަތަރު އަވަށުގައި ވެސް މިފަދަ ގޮތްގޮތަށް ނަންކިޔާފައިވާ ތަންތަން ހުރެއެވެ. އެކަމަކު އަޅުގަނޑު މާލޭގައި ޢުމުރު ވޭތުކުރިޔަސް ހިތުދަސް އަވަށަކީ ހެންވޭރު ކަމަށް ވެފައި އަނެއް ތިން އަވަށުގައި ހުރި ތަންތާނގެ ނަންތައް އަޅުގަނޑަށް މާބޮޑަށް ނޭނގޭތީއެވެ. މާފަންނުގައި ވެސް މުއިވެޔޮދޮށާއި، ލޮނދިމަގާއި، ބޮޑުގުޅަމައިޒާންދޮށާއި، ޢީދުމިސްކިތްދޮށާއި، ހަވާއަރުވާ ގަސްދޮށާއި، މިކަހަލަ ވަރަށް ގިނަ ތަންތަން ހުރެއެވެ. އަދި އަނެއް ދެ އަވަށުގައި ވެސް ހުރޭމެއެވެ.

ކުޑަހެންވޭރަށްވީ ސަރަޙައްދުގައި “އައިފާނު މަގު” ގެ ނަމުން މަޝްހޫރުވެފައިވާ ސަރަޙައްދެއް އޮވެއެވެ. އަދި “ހިތްފަސޭހަ މައިޒާން” މި ނަމުގައި އެންމެން ދަންނަ ސަރަޙައްދަކާ، “ދުނބުގަސްދޮށް” ކިޔާ ހިސާބުގަނޑެއް ވެސް އޮވެއެވެ. ވަލުމައިޒާންދޮށަށްވީ ސަރަޙައްދުގައި “ގާމަގު އަތިރިޔާ” “މޭދާމައިޒާން” ގެ ނަމުގައިވާ ހިސާބުގަނޑަކާއި، “ލޮނުޒިޔާރަތްކޮޅު” އޮވެއެވެ. އަދި “ގާތުނޑި” އޭ ކިޔާ ހިސާބަކާ “ދެރުއްމަގު” ކިޔާ ހިސާބެއް ވެސް ލޮނުޒިޔާރަތްކޮޅުގައި އޮވެއެވެ.

އައިފާނުމަގުގެ ނަމުގައި އޮންނަނީ މާލޭގެ އިރުއުތުރު ކަންމަތީގައި މައިފާރުން ބޭރުގައިވާ ސަރަޙައްދެވެ. އެދިމާ އަތިރިމަތީގައި ވަރަށް ބޮޑެތި ހިރުނދު ގަސްތައް ވެއެވެ. އެއީ ގޮނޑުދޮށަށް ބޮޑެތި ރާޅުޖަހާ ހިސާބެކެވެ. އައިފާނު މަގަކީ ޢާންމުކޮށް ކުޑަހެންވޭރު މީހުން މަންޑިކުޅޭ ސަރަޙައްދެވެ. މިހާރު އެއީ އެމް.ޓީ.ސީ.ސީގެ ދަށުގައިވާ ސޯވމިލްގެ ސަރަޙައްދެވެ.

ހިތްފަސޭހަ މައިޒާން ހުރި ސަރަޙައްދުގައި މިހާރު އެވަނީ އިސްޓޭޓް ބޭންކް އޮފް އިންޑިޔާ ހިނގަމުންދާ “ޒޮނޭރިޔާ” ބިލްޑިނގެވެ. ދުނބުގަސްދޮށަކީ މިހާރު ޓޫރިޒަމް މިނިސްޓްރީ ހިނގާ ޢިމާރާތް ހުރި ގޯއްޗާ ނަސަންދުރަ ޕެލަސް ހޮޓެލްގެ ޢިމާރާތް ހުރި ގޯއްޗާ އެކު އެކޮއްޓެ ތެރެއެވެ. ގާމަގު އަތިރިޔަކީ މިހާރު ސޯސަންމަގު ދެކުނަށް ގޮސް ކުރިމަތިން ޖެހޭ ދޫހިމެރިގެޔާއި އެސަރަޙައްދުގެ ގެތަށް ހުރި ކޮއްޓެތެރެއެވެ. މޭދާމައިޒާންދޮށަކީ ހެންވޭރު ނިކަގަސް މަގުން އިރަށް ގޮސް މަގު ހުސްވާ ހިސާބުގައި އުތުރު ފަރާތުގައިވާ ކުދިހިތިގެޔާއި، ލާމިޔާއާއި، ކަހަފަތި ކިޔާ ގޭގެ ކުރިމަތީގައިވާ ގެތައް ހުރި ސަރަޙައްދެވެ. ލޮނުޒިޔާރަތްކޮޅަކީ ދަރުބާރުގެޔާއި، ދަރުބާރުގޭ އިރުން އޮތް ޕާކާ، ހައިކޯޓާ، ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތީގައިވާ ހުސްބިމާއެކު އެ ސަރަޙައްދެވެ. މިހާރުވެސް އެތަނުގެ ނަން ބޭނުންކުރަނީ ލޮނުޒިޔާރަތްކޮޅުގެ ނަމުގައެވެ.

ތަރުވާޒާ ދިގުވެ ދަންބެރަށް ވުރެ ތަގުޑި ދިގުވެއްޖެ ނަމަ ވާނެ ގޮތް މި ވާހަކަޔަށް ވީކަން ނޭނގެއެވެ. ވާހަކައިގެ އަޞްލު މައިގަނޑު ނަމަށް ރުޖޫޢަވަމާ ހިންގަވާށެވެ. “އައިފާނު މަގު” ދޮގެއްތޯއެވެ.

ކީރިތި މަހާރަދުންގެ އާދަފުޅަކީ ގަދަވެވަޑައިގަނެގެން ރަށުގައި ހުންނެވި ނަމަ ކޮންމެ ދުވަހަކުވެސް ހަވީރު ފަހަކުން ހަޔަކަށް ރަށުތެރޭގައި ކާރުކޮޅު ދުއްވަވައިލެއްވުމެވެ. ވަރަށް ގިނަ ދުވަހު ދަހަރާގޭ މަނިޕުޅު (އައްނަބީލު ޢަބްދުލްވައްހާބު) އަރިހުގައި ގެންދަވާނެއެވެ.

އެއްދުވަހެއްގެ ހަވީރެވެ. ފަހެއް ޖެހިއިރު ކާރުކޮޅު ދުއްވަވައިލެއްވުމަށްޓަކައި ކޮއިލުތެރޭން ނުކުމެވަޑައިގެންފިއެވެ. ނުކުމެވަޑައިގެން ބޯޑީގާޑަށް ވިދާޅުބަސްފުޅު އިއްވެވިއެވެ. “އައިފާނު މަގަށް” ދާށެވެ. ބޯޑީގާޑަކަށް އެދުވަހު އިނީ ގަސްކުޑަތުއްތުއެވެ. ކުޑަތުއްތު ދެންނެވިއެވެ. “މަސާހިބު މިހާރު އައިފާނު މަގެއް ނެތެވެ. މިހާރު އެތާގައި ހުރީ ސޯވމިލެވެ. އެ ހިސާބުން ދަތުރުކުރެވެނީ އަތިރިމަތިން “މެރީން ޑްރައިވުންނެވެ.” ކީރިތި މަހާރަދުން ހިތްޕުޅާ ހަމަނުކުރެއްވުމުގެ ރާގަކަށް ވިދާޅުބަސްފުޅު އިއްވެވިއެވެ. “އޭ ރަތްމީހާ، ކަލޭ މިހާރު މާލޭގެ މަގުތަކާ ތަންތަން މަށަށް ކިޔައިދޭންޖެހޭ ހިސާބަށް ދިޔައީތަ. މަ މީ މިތާގެ ބޮޑުވަޒީރުކަމާ އަދި އޭގެ ފަހުން ރަސްކަންކުރާ މީހާ.މާލެ އުފަން މީހެއް.އާނ. ތިޔާ މާ މޮޅު މީހެއް. އެހެންވިއްޔާ މަށަކަށް ނޭނގެ ދާންވީ ތަނެއް. އެކަމަކު މި ނުކުންނަނީ މަގޭ ހިތްފަސޭހަކުރާށޯ. މަށަކަށް އެނގޭ ކަމަކަށް ނުވޭ މާލޭގައި ތަނެއްދޮރެއްވެސް. މަމިރަށުގައި ވިހާ ބޮޑުވެ މިހާތަނަށް އައިއިރު ރާއްޖެތެރޭގެ ގަބުޅި ކަތީބަކަށް ވާވަރުވެސް މަށަކަށް ނުވިއެއްނު. މާމޮޅަށް ދަންނަ މީހަކު އެބަ އިނިއްޔަ” ދެން ހަމަ ބަސްފުޅެއްވެސް ވިދާޅުނުވެ ހަނުހިމޭނުން އިންނަވައިފިއެވެ. ކުޑަތުއްތުވެސް އިތުރު އެއްޗެއް ނުދަންނަވައެވެ. މި ހެދުނު ގޯސް ހިތަށްއަރާފައި ދެން ކަންކުރާނެ ގޮތެއް ހިތުތެރޭގައި ރާވައިލިއެވެ. ޑިރައިވަރު ކަނޑިކޮޅު ޢަލީދީދީއަށް އެންގިއެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާފައި ހައެއް ޖަހާއިރަށް ގަނޑުވަރަށް ދާށެވެ. އެ ގޮތުގެ މަތިން މާލޭގެ ހުރިހާ ބޮޑެތި މަގުތަކާ ކުދި ބައެއް މަގުތަކާ ގޯޅިތަކުގައި ދުއްވާފައި ކާރުކޮޅު ހައެއް ޖަހާއިރަށް އެތެރެކޯލަށް ވަދެއްޖެއެވެ. ކާރުކޮޅު އާދަކޮށް މަޑުކުރާ ތަނަށް ހުއްޓުމާއެކު ބޯޑީގާޑް ފައިބާ ކާރުކޮޅުގެ ދޮރު ހުޅުވުމުގެ ކުރިން ކާރުކޮޅުގެ ދޮރުފަތް އަމިއްލަފުޅަށް ހުޅުއްވަވައިގެން ކީރިތި މަހާރަދުން ނުކުމެވަޑައިގެންފިއެވެ. ބޯޑީގާޑު ސެލިއުޓް އެރުވީމާ ސެލިއުޓް ބަލައިވެސް ނުގަންނަވާ އިސްދަށަށް ޖައްސަވައިގެން ހިންގަވާފައި ވަޑައިގެން އުތުރުގެކޮޅު ތެރެއަށް ވެދެވަޑައިގެންފިއެވެ. ޑިރައިވަރު ކަނޑިކޮޅު ޢަލިދީދީ ކުޑަތުއްތުއާ ދިމާއަށް ބުނެލިއެވެ. “ބޯން އުޅުނު ބޮނޑި ތިއޮތީ ބޮވިފައެވެ.” ކުޑަތުއްތުވެސް ވީދެރަޔާއެކު ގެއަށް ދިޔައީއެވެ.

މަޢުލޫމާތު:ގަސްކުޑަ ތުއްތު

ނޯޓު:

(އާނއެކެވެ. މިވާހަކައިން ދޭހަވަނީ ވެރިޔަކު ވިދާޅުވާ ބަސްފުޅެއްގައި އަޞްލާ ތަފާތުކަމެއް އައިނަމަވެސް އެކޮޅެއްގެ އެކޮޅުމިކޮޅު ބަލައި ހޯދައި ދެނެގަންނަންވީ މިންވަރަކުން އެވިދާޅުވި އެއްޗެއް ދެނެގަނެ އެއަށް ޢަމަލުކުރުމުގާ ހުރި ބޭނުމެވެ. ވިދާޅުވާ ބަސްފުޅެއްގައި ނަމަކުން ކަމަކުން ތާފަތު އައިނަމަވެސް އެޔަށް ގޮތް ދެންނެވުމުގައި ހުރި ގެއްލުމެވެ. އައިފާނު މަގަކީ މިހާރު ސޯވމިލް ހުރިތަންކަން ކުޑަތުއްތުއަށް އެނގުނު ފަދައިން ކީރިތި މަހާރަދުންނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. އެހެން ނުވާނީ ފަހެ ކީއްވެތޯއެވެ. ކީރިތި މަހާރަދުންނަކީ ދައުލަތުގެ އެތައް ވުޒާރާއެއްގެ ވަޒީރުކަމާ، ބޮޑުވަޒީރުކަމާ، ކިލެގެކަމާ، މިހުރިހާ ކަމެއްގެ ތެރޭން ސިންގާސަނާއަށް ވަޑައިގެންނެވި ބޭފުޅެކެވެ.)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.