ވިހަ ތީރު (6)

( 17 ޖުލައި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ޙަމްޒާ އެވަގުތު އިނީ ކާރު ދުއްވާށެވެ. ސާރާ ގޮވައިގެން ތަނަކަށް ދާށެވެ. ދިލްނަޝީނުގެ ކައިވެންޏަށް އެދި މީހަކު އައިވާހަކަ ބުނުމާއެކު ، ބުރަކި ޖައްސައި މަގުމެދަށް ކާރު ހުއްޓައި ލެވުނެވެ. ދިލްނަޝީން  ތިބުނަނީ ކީކޭ ހެއްޔޭ ބުނެ ، ޙަމްޒާއަށް ހަޅޭއްލަވައި ގަނެވުނެވެ. )

" އަހަރެންގެޔަށް އައިތަނުން މަންމަމެން އެވާހަކަ ދައްކައިފިއެވެ. އެމީހުން އައީ ތިގޭގައި އަހަރެން އުޅެނިކޮންނެވެ. އެއީ ފަހަރީގެ ބޭބެގެ ގާތްމީހެކެވެ. މަންމަމެން އެމީހުންނަށް އާނބަސް ދީފިއެވެ. މަންމަމެން ބޭނުންވަނީ ، އެ ހުށަހެޅުމަށް އަހަރެންވެސް އާނއެކޭ ބުނާށެވެ." ދިލްނަޝީނު ހުރީ ހާސްވެފައެވެ.

އެއީ ކޮންމެ މީހެއްކަމަށް ވިޔަސް އެހާ އަވަހަށް ، ދިލްނަޝީންގެ މަންމަމެން އެ ހުށަހެޅުމަށް އާނބަސް ދިނުމުން ، ޙަމްޒާއަށް އެކަން ކަމަކު ނުދިޔައެވެ. މަންމަމެން އޭނާގެ ކައިވެންޏަށް އެހާ އަވަހަށް އެ އެއްބަސްވީ  ކީއްވެގެންކަމެއް ދިލްނަޝީނަކަށްވެސް ނޭނގެއެވެ. އެއީ ކޮން ފިރިހެނެއްކަމެއް ، ޚުދު ދިލްނަޝީނަކަށްވެސް ނޭނގެއެވެ. ބޭބެ ބުނިގޮތުގައި އެއީ ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގާ ވިޔަފާރި ވެރި މުއްސަންޖެކެވެ. މަންމަމެން އެތިބީ ، ވަގުތުން އޭނާގާތަށް ދިލްނަޝީން ފޮނުވައިލާން ތައްޔާރަށެވެ.

ހަމްޒާގެ ބައްޕަވީ ގެއިން ބޭރުގައެވެ. ބައްޕަ ގެޔަށް އެނބުރި ނާންނަނިސް ، ޙަމްޒާއަކަށް އޭނާގެ ކައިވެންޏާބެހޭ އެއްވެސް ނިންމުމެއް ނުނިންމޭނެއެވެ. އެއީ ފޯނުން ދެއްކޭކަހަލަ ވާހަކައެއް ނޫނެވެ. އެކަމަކު ، ޙަމްޒާގެ ކައިވެންޏަށް ބައްޕަ ނޫނެކޭ ނުބުނާނެކަން އޭނާއަށް އެނގެއެވެ. ބައްޕަޔަކީ ، އޭނާގެ އެއްވެސް އެދުމަކަށް މިހާތަނަށް ނޫނެކޭ ބުނެފައިވާ މީހެއްނޫނެވެ.

ތަންކޮޅެއް އަވަހަށް ޙަމްޒާއަށް ގޮތެއް ނުނިންމިއްޖިއްޔާ ، ދިލްނަޝީނަށް އޭނާގެ ކައިވެންޏަށް ނޫނެކޭ ބުނާނެ ފުރުޞަތު ، މަންމަމެންނެއް ނުދޭނެއެވެ. އަނީސާ އައިސް ދޮރު ހުޅުވާށޭ ބުނެ ، ދޮރުގައި ތަޅައިގަތެވެ. ދިލްނަޝީން ސިއްސައިގެންގޮސް ، މަންމަ އައިވާހަކަ ބުނަމުން އަވަސް އަވަހަށް ފޯނު ބާއްވާފައި ދޮރުހުޅުވައިލިއެވެ.

ދިލްނަޝީން ދޮރުހުޅުވަން ލަސްވީ ކީއްވެގެންތޯ އަނީސާ ކުރި ސުއާލަށް ، ދިލްނަޝީނަށް ޖަވާބު ދެވުނީ އަނީސާގެ ހިތުގައި އިތުރު ސުއާލުތަކެއް އުފެދޭ ގޮތަށެވެ. ހެދުން ބަދަލުކުރަން އުޅޭތީ ދޮރު ނުހުޅުވުނީކަމަށް ބުނެ ، ދިލްނަޝީނަށް ދެވުނީ މަންމަގެ އަލަމާރިއާ ދިމާލަށެވެ. ދިލްނަޝީނަށް ދެންވެސް ބުނެވުނީ ޙާލަތާ ނުގުޅޭ ޖަވާބެކެވެ.

ދިލްނަޝީން ދެއަތްދެއަތަށް އަތްހާކަމުން ހާސްވެފައި ހުރިތަން އަނީސާއަށް ބަލައިލެވުނުތަނުން ، ދިލްނަޝީންގެ އަތުގައި އަޅާފައި އޮތް ގަޑި ، އަނީސާއަށް ފެނުނެވެ. އެއީ ، ކާކުދިން ގަޑިއެއްތޯ ، އަނީސާ ވަގުތުން ސުއާލު ކުރިއެވެ. އެއީ ، އެރޭ އޭނާގެ އަތުގައި ޙަމްޒާ އަޅުވައިދިން އަގުބޮޑު ގަޑިއެވެ. އެއީ ރިދާގެ މަންމަ ، ބުޝްރާދައްތަ ، އޭނާއަށް ހަދިޔާއަކަށް ދިން ގަޑިއެކޭ ބުނެ ، ދިލްނަޝީނަށް އަނެއްކާވެސް ، ހަދަން ޖެހުނީ ދޮގެކެވެ. ދިލްނަޝީނުގެ މޫނުމަތިން ފާޅުވި ހާސްކަން އެއީ އަނީސާއަށް ، ދިލްނަޝީނުގެ ޖަވާބަށް ޝައްކުކުރަން ޙުއްޖަތަކަށް ވިއެވެ. ހަދިޔާ މީހުންދެނީ ބަދަލުގައި ހަދިޔާދެވޭވަރުގެ މީހުންނަށެވެ. އެހާ އަގުބޮޑު ހަދިޔާއެއް ބުޝްރާގެ ފަރާތުން ދިލްނަޝީނަށް ، ދޭންޖެހުނު ސަބަބާމެދު އަނީސާ ސުއާލުކުރިއެވެ. ދިލްނަޝީން ލައިގެން ހުރި ރިދާގެ ހެދުމާއެކު ، ގަޑިވެސް އަނބުރާ އެމީހުންނަށް ދިނުމަށް އަނީސާ އެންގިއެވެ. އެކަމަކު ، އެހެދުމަކީވެސް ، ބުޝްރާ ދައްތަ އޭނާއަށް ދިން ހަދިޔާއެކެވެ. އެއީ ހަދިޔާ ނޫންކަމަށާއި ، ދިލްނަޝީނަށް ބޭނުންޖެހުނު ވަގުތު ، ބޭނުންކޮށްލަންދިން އެއްޗެއްކަން އަނީސާ އޭނާގެ ދަރިފުޅަށް ވިސްނައި ދިނެވެ.

މަންމަ އެވާހަކަތައް އެހާ ސީރިއަސްކޮށް އެވަގުތު އެދައްކަނީ ކީއްވެގެންކަމެއް ދިލްނަޝީނަކަށް ނުވިސްނެއެވެ. އެކަމަކު ، އަނީސާ ޤަބޫލުކުރާގޮތުގައި އެއީ ، އެވާހަކަ ދެއްކުމުގެ ވަގުތެވެ. ދިލްނަޝީނުގެ ކައިވެނީގެ ހުށަހެޅުމަކީ އަނީސާގެ ހިތް އުފަލުންގޮސް ބަންޑުންވި ކަމެއްކަން ، އޭނާގެ ދަރިފުޅަށް ހާމަ ކޮށްދިނެވެ. ދިލްނަޝީނަކީ ޒުވާން އަދި ރީތި ކުއްޖެކެވެ. އެހެން ކުދިންފަދައިން ރީތި ހެދުމާއި ރީތި އެހެން އެއްޗެތި ، ދިލްނަޝީންވެސް ބޭނުންވާނެކަން އަނީސާއަށް އެނގެއެވެ. އެކައިވެންޏަށް ރުހެން އަނީސާއަށް މަޖުބޫރު ކުރުވި އެންމެ ބޮޑު ސަބަބަކީ އެއީއެވެ. ދިލްނަޝީނު ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަކީ  ، އަނީސާމެންގެ މާލީޙާލަތު ތަންދޭކަމެއްނޫނެވެ. އެހެނަސް ، ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ، ދިލްނަޝީން ބޭނުންވާނެ ހުރިހާކަމެއް ދެން ، ފުރިހަމަވެގެން ދާނެއެވެ. ކައިވެންޏަށްފަހު ، ދިލްނަޝީން ބޭނުންވާ ހުރިހާކަމެއް ފުދި ، އަނީސާމެންނަށް ފުރިހަމަކޮށް ނުދެވޭނެ ހުރިހާކަމެއް ދިލްނަޝީނަށް ފުރިހަމަވެގެންދާނެއެވެ. ރިދާގެ ހެދުން ލައިގެން ، އެމީހުންދޭ ހަދިޔާއިން ދިލްނަޝީން ޒީނަތްތެރިވާކަށް ދެނެއް ނުޖެހޭނެއެވެ. ޤަދަރުވެރި މުއްސަނދި މަހުޖަނެއްގެ އަނތްބަކަށްވީމަ ، ދިލްނަޝީންގެ ހުރިހާ އުފާތަކެއް ފުރިހަމަވަމުން ދާނެއެވެ. އެކުއްޖާއަކީ ދިލްނަޝީން އުފަލުގައި ބެހެއްޓުމަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަވެފައިހުރި ކުއްޖެކެވެ. މަޔަކަށް ލިބޭނެ އެއަށްވުރެ ބޮޑު އުފަލެއް ނުއޮންނާނެއެވެ.

އެއީ ކުއްޖެއް ނޫންކަމާއި ، ދިލްނަޝީނަށްވުރެ އެތައްތަނެއް ދޮށި ،  ބޮޑުސިންގާ ފިރިހެނެއްކަން ، މަންމަޔަށް ހަނދާންކޮށްދޭކަށް ދިލްނަޝީން ޖެހިލުމެއް ނުވިއެވެ.

" މައްސަލައެއް ނެތެވެ. އެއީ ދިލްނަޝީނަށްވުރެ ފަނަރަ އަހަރު ދޮށި ނަމަވެސް އަދިވެސް މީހަކާވެސް ނީނދެހުރި ޒުވާން ފިރިހެނެކެވެ. އަހަރެންނާ ، ދިލްނަޝީންގެ ބައްޕަގެ ޢުމުރުގައި ހަމަ އެތަފާތު ހުށްޓެވެ. އެއީ ކައިވެނީގެ ޙަޔާތަކަށް ތަފާތުތަކެއް އަންނާނެ ކަމެއްނޫނެވެ. ޢުމުރުގެ ތަފާތަށް ބަލާފައި ކައިވެންޏަކަށް އެއްބަސްނުވާނީ މޮޔައެކެވެ. " އަނީސާ ބުންޏެވެ.

ދިލްނަޝީނަކީ ، އެހެންކަމަށްވަންޏާ ، މޮޔައެއްކަމަށް ބެއްޔަސް އޭނާއަކަށް މައްސަލައެއް ނެތެވެ.  އެކައިވެންޏަށް އޭނާ ނޫނެކޭ ބުނާނީ ، އެހާ ޢުމުރު ތަފާތުމީހަކާ އިންނަން ބޭނުންނުވާތީއެވެ.

ރޭގަނޑުގެ ނިދާގަޑިޖެހި ، ނިދިއައިސް ހުރުމާއެކު ، އެވާހަކަ ދެން އިތުރަށް ދައްކާނީ ހެނދުނުކަމަށް އަނީސާ ނިންމިއެވެ. އެހެންނަމަވެސް ، ދިލްނަޝީން އެކަމަކަށް އެއްބަހެއް ނުވިއެވެ. ދިލްނަޝީން ބޭނުންވީ އެރެއިން އެރެޔަށް އެކަން ވަކިގޮތަކަށް ނިންމާށެވެ. އެގޮތަކީ ، އެކައިވެންޏަށް އޭނާ އިންކާރު ކުރުމެވެ. ދިލްނަޝީންގެ މަންމަޔަކީ އޭނާކަމަށާއި އޭނާގެ މަންމަޔަށް ދިލްނަޝީން ނުވުމަށް ބުނަމުން ، އަނީސާ ނިދަން ތައްޔާރުވިއެވެ. އަދި ، ދިލްނަޝީންވެސް ހެދުން ބަދަލުކޮށްގެން އައިސް ނިދަން އެނދަށް އެރުމަށް އެންގިއެވެ.

 

ޙަމްޒާމެންނަށް ގެޔަށް އާދެވުނުއިރު ، ނަޞީބަކުން ބައްޕަ ގޭގައި އުޅެއެވެ. ބައްޕައިނީ ރައްޓެހިންތަކަކާއެކީ ، ވާހަކަ ދައްކާށެވެ. ރައްޓެހިންނާ ބައްދަލުކުރަން އިންދާ އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކުރެވިފައި އޮންނަ ކަމެކެވެ. ބައްޕަގާތުގައި އެއްވެސް ވާހަކައެއް ޙަމްޒާއަށް ބުނެވޭނީ އެމީހުން ގެއިން ނުކުމެގެން ދިޔަ އިރަކުންނެވެ. ޙަމްޒާހުރީ ، އެމީހުން ނުގޮސްގެން ހާސްވެ ، ބައްޕަޔަށް ފެންނަ ހިސާބުގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. އެތަން ފެނިގެންނަމަވެސް ، އެމީހުން ނުކުމެގެން ދޭތޯއެވެ. ނޫނީ ، ބައްޕަޔަށް އުނދަގޫވެގެން ، ޙަމްޒާގާތަށް އައިސް ވާހަކަ ދައްކާތޯއެވެ. އެއިން އެއްވެސް ކަމެއް ނުވެއެވެ. އެމީހުން މަޖާކޮށް ، ކައިބޮއެ ވާހަކަދައްކަމުން ، ހީސަމާސާކުރަމުން ގެންދިޔައެވެ.

ރިދާވެސް ހުރީ ކަންބޮޑުވެފައެވެ. ޙަމްޒާއާއި ދިލްނަޝީންގެ ގުޅުން ، ހަމައެކަނި އެނގެނީ ރިދާއަށެވެ. ޙަމްޒާ ނުފެންނަ ހިސާބަށް ދުރަށްދާކަށް ރިދާއަކަށް ނުކެރުނެވެ. ޙަމްޒާގެ ހިތަށް ލިބިފައިވާ ނުތަނަވަސްކަން އެންމެ ބޮޑަށް އެނގޭނީ ރިދާއަށެވެ. ރިދާގެ ކައިވެނީގެ ކަންކަމުގައި ޙަމްޒާ އުޅުނުވަރާއި ޙަމްޒާގެ ފަރާތުން ލިބުނު އެހީތެރިކަން ރިދާގެ ހިތަކުން ފިލައިގެންނެއް ނުދެއެވެ. އެހެން ނޫނަސް ، އޭނާގެ ހުރިހަމައެކަނި މީހަކީ އެއީއެވެ. އެދެބެންނަކީވެސް ، ގާތް ދެރަޙުމަތްތެރިންނެވެ. އެކަކު އަނެކަކަށް ސިއްރުކުރާ އެއްވެސްކަމެއް ނޯންނާނެއެވެ.

ބައްޕަޔަށް ވަގުތުދީފައި އުނދަގޫ ނުކޮށް ، މިރޭ އެވާހަކަ ނުދެއްކުމަށް ރިދާ އެދުނެވެ. މިހާރު އެވާހަކަ ދައްކައިފިއްޔާ އެހާ ސީރިއަސްކޮށް އެކަން ބައްޕައެއް ނުނަގާނެއެވެ. ރައްޓެހިންނާއެކީ މަޖާކޮށްލަން ބައްޕަޔަށް މިރޭ ފުރުޞަތުދީފައި މާދަމާ އެވާހަކަ ދެއްކުން ރަނގަޅުކަމަށް ރިދާއަށް ފެނުނެވެ. އޭރުހުރީ ރޭގަނޑު ވަރަށް ލަސްވެސް ވެފައެވެ. އެހެނަސް ، އެކަމުގައި ގޮތެއް ނުނިންމާ އެންމެ ސިކުންތެއްވެސް ނަގައިލާކަށް ޙަމްޒާ ބޭނުމެއްނޫނެވެ. އެއީ އޭނާގެ ދިރިހުރުމާއި މަރާ ގުޅިފައި އޮތް ކަމެކެވެ. އޭނާގެ މުށުތެރެއިން ދިލްނަޝީން ދޫވެގެން ހިނގައްޖެނަމަ ، ޙަމްޒާގެ ދިރިހުރުން އެ ނިމުނީއެވެ.

ދިލްނަޝީން ނިދަން އޮށޯވެ އޮތަސް އޭނާ ނިދާކަށް ބޭނުމެއް ނޫނެވެ. ނިންޖެއް ނުވެސް އަންނާނެއެވެ. ޙާމްޒާގާތު އިސްވެ ފޯނު ނުކުރަން ބުނެފައި ، ޙަމްޒާގެ މެސެޖެއް އާދޭތޯ ، ދިލްނަޝީން އެއޮތީ އެކަމުގެ އިންތިޒާރުގައެވެ. އެތައް އިރެއްވީއިރުވެސް ޙަމްޒާގެ ޚަބަރެއް ނުވިއެވެ. ދިލްނަޝީން އެއޮންނަނީ ފޯނު އަތަށް ލައިގެންނެވެ. ސައިލެންޓަށް ލައިގެން ވައިބްރޭޓްވާގޮތަށް ހަދައިގެންނެވެ.

ކުއްލިޔަކަށް ފޯނު ވައިބްރޭޓްވެފައި ދިލްނަޝީންގެ ފޯނަށް މެސެޖެއް އައެވެ. ބައްޕަގެ ރައްޓެހިންތަކެއް ގެޔަށް އައިސް އުޅޭތީ ، ބައްޕަޔާ އެވާހަކަ ނުދެއްކިގެން އުޅެނީކަން ޙަމްޒާ އަންގައިލިއެވެ. އަނީސާ އޮށޯވެއޮތީ ، ދިލްނަޝީނާ ދުރަށްވީ ފަރާތަށް މޫނުލައިގެންނެވެ. އިރުއިރުކޮޅުން ، މަންމަޔާ ދިމާލަށް ބަލައިލަމުން ، ދިލްނަޝީން ޙަމްޒާއާ މެސެޖުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ޙަމްޒާގެ ބައްޕަމެން ، އެމީހުންގެ ކައިވެންޏަށް އެއްބަސްވާނެކަން ޔަޤީންކުރުމަށް ދިލްނަޝީން ބޭނުންވިއެވެ. ޙަމްޒާ ބޭނުންވި އެއްވެސްކަމަކަށް މިހާތަނަށް އޭނާގެ މައިންބަފައިން ނޫނެކޭ ބުނެފައިނެތްކަން ، ދިލްނަޝީނަށް އަންގައިލިއެވެ. އެހެންވީމާ ، އޭނާގެ ކައިވެންޏަށްވެސް ބައްޕަމެން އެއްބަސްވާނެއެވެ. ޙަމްޒާގެ މައިންބަފައިން އެކަމަށް އެއްބަސް ކުރުވުމަކީ ، ޙަމްޒާގެ ޒިންމާއެކެވެ. އެހެން ހުރިހާކަމެއް ، ދިލްނަޝީން ހަމަޖައްސާނެއެވެ. އޭނާގެ ކައިވެންޏަށް އެއައި ހުށަހެޅުމުން އެމީހުން ސަލާމަތް ކުރުމަކީ ދިލްނަޝީންގެ ކަމެކެވެ. އެކަމަކު ، އެމީހުންގެ ކައިވެންޏަށް ، ޙަމްޒާގެ މައިންބަފައިން އެއްބަސް ނުވެއްޖިއްޔާ ، ދިލްނަޝީނަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. ދިލްނަޝީނުގެ މަންމަމެން އެއެދޭގޮތަށް އެހެންމީހަކާ އިންނަން ދިލްނަޝީނަށް މަޖުބޫރު ވާނެއެވެ.

ނިދިމޯޅިއެއްގައި އަނީސާއަށް ، ދިލްނަޝީނާވީ ފަރާތަށް އެނބުރި ލެވި ލޯހުޅުވައި ލެވުނެވެ. ދިލްނަޝީން އޮތީ ފޯނުން މީހަކާ ވާހަކަ ދައްކާށެވެ. ހިނިއައިސް ރަތްވެފައެވެ.

" ފޯނުން ވާހަކަ ދައްކަނީ ކާކާ ހެއްޔެވެ ؟ " މަންމަގެ އަޑަށް ދިލްނަޝީން ދިޔައީ ސިއްސައިގެންނެވެ.

މަންމަޔަށް ދޭނެޖަވާބެއް ކުއްލިޔަކަށް ދިލްނަޝީނަކަށް ނޭނގުނެވެ. އަނީސާގެ ސުއާލު ދެވަނަފަހަރަށް ތަކުރާރު ކުރިއެވެ. އޭނާ އެ މެސެޖްކުރަނީ ރިދާއަށް ކަމަށް ، އަނގަ އޮޅެމުން ދިލްނަޝީނަށް ބުނެވުނެވެ.  ދުވާލެއް ރޭގަނޑެއްނެތި އަނގަތަޅަން މީ ކޮންކަހަލަ ރަޙުމަތްތެރިކަމެއް ހެއްޔޭ ބުނެ ، އަނީސާ ޝަކުވާކޮށްގަތެވެ. ފޯނުގެ އެ ވިޔާނުދާ އާދަތައް ، މީހަކާ އިނދެގެން އެހެންގެޔަކަށް ގޮސް ކުރިޔަށް ގެންދަން ބުނަމުން ، ފޯނު ބާއްވާފައި ނިދުމަށް ދިލްނަޝީނަށް އަމުރު ކުރިއެވެ.

ފޯނު އެއްފަރާތުގައި ބާއްވައިލުމަށްފަހު ، ނިދާކަމަށް ހަދައިގެން ދެލޯމަރައިގެން ދިލްނަޝީން އޮތެވެ. ޙަމްޒާ މެސެޖް ކުރިޔަސް އޭނާއަކަށް މިހާރު ވަގުތުން ޖަވާބެއް ނުދެވޭނެއެވެ. މަންމަގެ ކަންތައްވެސް ތަންފުކެއް ބޮޑީއެވެ.

މަންމަ ނިދިކަން ގައިމުކޮށްފައި އަނެއްކާވެސް ، ދިލްނަޝީން ފޯނު ނެގިއެވެ. އެރެއިން އެރެޔަށް ، ޙަމްޒާއަށް ބައްޕަ ގާތު އެވާހަކަ ދެއްކުމަކީ ، އެކަށީގެންވާކަމެއްނޫންކަން ، ދިލްނަޝީނަށް އަންގައިލިއެވެ. ޙަމްޒާގެ ކަންބޮޑުވުން ދިލްނަޝީނަށް އިޙްސާސް ކުރެވެއެވެ. ހުރިހާކަމެއް މިހާރުއެއޮތީ ޙަމްޒާގެ އަތްމަތީގައެވެ.

ދެމީހުންކުރެ އެކަކަށްވެސް އެރޭ ލޮލުފިޔައެއް ނުޖެހެއެވެ. ޙަމްޒާގެ ކަންބޮޑުވުން ކުޑަކުރެވޭތޯ ދިލްނަޝީންވެސް މަސައްކަތް ކުރިއެވެ. އަދި ދިލްނަޝީންގެ ހާސްކަން ކުޑަކުރެވޭތޯ ޙަމްޒާވެސް މަސައްކަތް ކުރިއެވެ. އެހެނަސް ، ދެމީހުންކުރެ މީހެއްގެ ހިތަކަށް އެއްވެސް މިންވަރެއްގެ ތަސައްލީއެއް ނުލިބެއެވެ.

ފަތިސް ނަމާދަށް އަނީސާ ހޭލިއިރު ، ވަރަށް ވިސްނައިގެން އޮވެފައި ދިލްނަޝީން އޮތީ ލޯމަރައިގެން ނިދާކަމަށް ހަދައިގެންނެވެ. އަނީސާ ފާޚާނާއަށް ވަދެ ވުޟޫކޮށް ހަދައިގެން ނުކުމެ ، ނަމާދަށް ތެދުވަން ދިލްނަޝީނަށް ގޮވިއެވެ. ކުކުރައިލާފައި ، މޯޅިޔަކަށް ދެމެމުން ދިލްނަޝީންވެސް ތެދުވިއެވެ. ފާޚާނާއަށްވަދެ ، ލޯގަނޑުން ބަލައިލިއިރު ، އޭނާގެ ދެލޯ ހުރީ ރަތްވެފައެވެ. އެހާ ބޮޑަށް ލޯ ރަތްވެފައި އެހުރީ ، އޭނާ އެރޭ ނުނިދާ އޮވެގެންކަން މަންމަމެންނަށް އެނގޭނެއެވެ. އެކަމުން ސަލާމަތްވާނެ ގޮތެއްވެސް ހޯދަން ޖެހޭނެއެވެ. ލޯކަހަނީކަމަށް ހަދައި ، ހެނދުނު ތެދުވެ ، ރަތްވާވަރަށް ދެ ލޯކަހާނީކަމަށް ދިލްނަޝީން ނިންމިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.