ދަންމަރު: އަބަދުވެސް މަގެއް ހުޅުވިފައި އޮންނާނެ

އެންމެ ހަރު ޖަވާހިރަކީ އަލިމަހެވެ. ދުނިޔޭގެ އެއްވެސް އެއްޗެއްގައި އަލިމަހުގައި ހުންނަ ހަރުކަމެއް ނުހުރެއެވެ. ތިބާ، ބިއްލޫރި ކަފާ މީހުން ދެކެފައި ވާނެއެވެ. އެ މީހުން ބިއްލޫރި ކަފަނީ ފާޑެއްގެ ގަލަމެއް ކަހަލަ އެއްޗަކުންނެވެ. އެޔަށް ކިޔަނީ ބިއްލޫރި ހަފާ ކަށްޓެވެ. އެ "ގަލަމު"ގެ ކޮޅުގައި ހަރުކޮށްފައި ހުންނަނީ އަލިމަހެއްގެ އެތިކޮޅެކެވެ. ބިއްލޫރިގަނޑުގައި އެ ކާއްތައިލީމާ ފަސޭހަމާއެކު ކެފި، ދެފަޅި ވެގެން ހިނގައިދެއެވެ.

އެހެން މަޢުދަނާ ޚިލާފަށް އަލިމަހަކަށް އަލިފާންއާތްވަކުންވެސް އެއްވެސް އަސަރެއް ނުކުރެއެވެ. ކިތަންމެ ބާރުދަގަ އަލިފާން އާތްވެއްގެ ތެރެއަށް ލިޔަސް އަލިމަސް ހަމަ އޮތް ގޮތަށް އޮވެއެވެ. އެއްވެސް ބަދަލެއް ނާދެއެވެ. އެކަމަކު މި ޖަވާހިރަށް ވާގޮތް އެނގޭ ހެއްޔެވެ؟ ވަރަށް ބޮޑަށް ހޫނުކޮށްލީމާ އަލިމަސް، ކާބަންޑައިއޮކްސައިޑަށް ބަދަލުވެގެން ހިނގައިދެއެވެ. އާދެ، ހުލިވެގެން، ވަޔަށް އަރައިގެން ހިނގައިދެއެވެ. ހޫނުކޮށްފައި ބާރަށް އެއްޗަކުން ޖަހައިލީމާ ކުދިކުދިވެސް ވެއެވެ.

މި ބީދައިން ކޮންމެ އެއްޗެއްވެސް "ހަލާކުކޮށްލެވޭނެ" ގޮތެއް އޮވެއެވެ. މީހަކާ މުގާބިލާ ކުރާއިރު އެމީހަކު ހުރީ އޭނާގެ އެންމެ ވަރުގަދަ ހާލަތުގައި ނުވަތަ އެންމެ ސާބިތު ފިޔަވަޅުގެ މަތީގައި ނަމަ ތިބާ ކުރާ މަސައްކަތް ނާކާމިޔާބުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އެހެން މީހަކާ މުގާބިލާކޮށްގެން ހަމަ އެފަދަ ހާލަތެއްގައި ކާމިޔާބުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މުގާބިލާއެއްގައި ބަލިވުމުގެ އިހުސާސްކުރެވޭނަމަ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އިދިކޮޅުގައި ހުރި މީހާގެ ބަލިފަޔަކީ ކޮބައިތޯ ބަލާށެވެ. އޭނާގެ ބަލިކަށިކަން ހުރި "ގޮޅި" ފާހަގަކުރެވުމާއެކު އެ ގޮޅިއަށް ޖެހި، މަސައްކަތް ކުރަން ފަށްޓާށެވެ. އެއް ފިޔަވަޅެއް އެޅީމާ ބައެއް ހާލަތުގައި ނާކާމިޔާބުވެފައި އެހެން ހާލަތެއްގައި ކާމިޔާބުވެދާނެއެވެ.

ނުރުހޭކަހަލަ ވާހަކަދައްކައިގެން ތިބާގެ ކޮޅަށް އަނބުރައިނުލެވޭ މީހާޔާ އެ މީހާ ރުހޭކަހަލަ ގޮތަކަށް ވާހަކަދައްކައިގެން އަނބުރައިލާށެވެ. އިދިކޮޅު މީހާ ބަލިކޮށްލަން ހަނގުރާމަކޮށް ނުވެއްޖެ ނަމަ، ރިވެތި އަޚްލާގާއި ސުލޫކުގެ ބޭނުންކޮށްގެން ބަލިކޮށްލުމަކީ ކުރެވިދާނޭ ކަމެކެވެ. ވާހަކަދައްކައިގެންނާއި އިހުތިޖާޖުކޮށްގެން ބޭނުންވާ ކަމެއް ހާސިލު ނުކުރެވިއްޖެނަމަ ތިބާގެ ގާބިލުކަމާއި މަސައްކަތުގެ ބޭނުންކޮށްގެން އެ މަގާމު ހާސިކުރެވޭތޯ މަސައްކަތްކުރާށެވެ.

އަލިމަހަކީ އަލިފާން އާތްވަށް ވަރަށް ހަރު އެއްޗެކެވެ. އެކަމަކު އަލިފާނަށް އެއީ އެހައި ހަރު އެއްޗަކަށް ނުވެއެވެ. މިއީ އިންސާނާގެ ކަންތައްވެސް އޮތް ގޮތެވެ. އިންސާނާއަކީ އެއް ކަމެއްގައި ވަރަށް ހަރުކަށި، ގޮތް ދޫނުކުރާ މީހަކު ކަމުގައި ވިޔަސް، އެއީ ތާއަބަދު ހުރިހައި ކަމެއްގައި ހަރުކަށި، ގޮތް ދޫނުކުރާ މީހަކު ކަމުގައި ނުބަލާށެވެ. އެއް ކަމެއްގައި ހަރުކަށި މީހާ އަނެއް ކަމެއްގައި މަޑުމައިތިރި މީހަކަށްވެސް ވެދާނެއެވެ.

ކޮންމެ އެއްޗެއްގެވެސް ހާލަތު އޮންނަ ގޮތަކީ މިއީއެވެ. އެއް ކަމެއްގައި "ހަރު" ވެފައި އަނެއް ކަމެއްގައި "މަޑު" ވުމަކީ ކަން އޮންނަ ގޮތެވެ. މީހަކާ މުޢާމަލާތްކުރާއިރު އެމީހަކު ހަރުކަށިކަން ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އެހެން ގޮތަކަށް ވާހަކަދައްކަން ފެށްޓުމާއެކު އެ މީހާ އެއްބަސްވެ މަޑުމައިތިރިވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ދިރިއުޅުން ކާމިޔާބުކުރުމުގެ ސިއްރު ފޮރުވިފައި އޮތީ މި ހަގީގަތުގައެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.