ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފި ވާހަކަ ދައްކަނީ ފިތުނަ އުފައްދަން: ފެނަކަ

ފެނަކަ ކޯޕަރޭޝަނަށް ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފި ވާހަކަ ދައްކަނީ ފިތުނަ އުފައްދަން ކަމުގައި އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އެ ވާހަކަ ދައުރުކުރަމުންދަނީ އެ ކުންފުނިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިއުންތަކެއް ނަކަލުކޮށްގެން ކަމަށެވެ. އަދި އެއީ އެއްކަމަކަށް ކޮށްފައިވާ މުއާމަލާތެއް ކަމަށް ދޭހަވާ ގޮތަށް ކަމަށެވެ.

ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމުކުރުމަށްޓަކައި ބޭނުންވާ ސާމާނު ފޮނުވުމަަށް ޓަކައި ފެނަކަ ކޯޕަރޭޝަނުން ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނާ ވާހަކތަކާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބުކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކަކީ ނިހާޔަތަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށެވެ.

މީގެ އިތުރުން މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖުތަމަައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމަށެވެ.

ފެނަކައިން ބުނީ މީގެ ކުރިން ވަކި ދަތުރުތަކަށް ދޯނި ފަހަރު ނަގައި، އެވްރެޖްގޮތެއްގައި ހަތް މިލިއަން ރުފިޔާ މަހެއްގެ މައްޗަަށް ދަތުރުފަތުރަށް ހަމަޖައްސައި އެކަމުން ނާޖާއިޒު ފައިދާތަކެއް ބަޔަކު ނަގާފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެ ކުންފުނީގެ ދަތުރުތައް ކުރަނީ އެއްކުރެވެން ހުންނަ ދަތުރުތައް އެއްކޮށް، އެންމެ ހަރަަދު ކުޑަވާނެ ގޮތަކަށް ކަމަށް ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.