ސިހުރުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފި

ސިހުރުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްއެވެ.

ފުލުހުން މިއަދު ބުނީ، ޝަމްނާޒާއި ސަނާގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން ދެ މީހުން ވެސް ދޫކޮށްލަން ނިންމާފައިވާ ކަމަށާއި، ދެ މީހުން ދޫކޮށްލީ ބަންދުގައި އިތުރަށް ބެހެއްޓުމަށް ނުފެންނާތީ ކަމަށެވެ.

މި މައްސަލައިގައި ޝަމްނާޒް އާއި ސަނާ ގެ އިތުރުން ހުސައިން ސަމީރު، ނިވައިދޮށުގެ / ތ. ކިނބިދޫ ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ބަންދުގެ މުއްދަތު ޖެހުމަށް ތިން މީހުން ހާޒިރުކުރުމުން ކޯޓުން ވަނީ ތިން މީހުންނަށް ހަތް ދުވަހުގެ ބަންދެއް ޖަހާފައެވެ. މީގެ ތެރެއިން ސަމީރު މި މަހުގެ ފުރަތަމަ ދުވަހު ދޫކޮށްލައި، ޝަމްނާޒާއި ސަނާގެ ބަންދުގެ މުއްދަތު އިތުރުކުރިއެވެ.

ޝަމްނާޒްގެ އިތުރުން، އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ ވަޒީރު އާދަމް ރަމީޒް ވެސް ވަނީ މަގާމުން އެކަހެރިކޮށްފައެވެ. އެކަމަކު ރަމީޒް މަގާމުން އެކަހެރިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.