ރައީސް މަސައްކަތްކުރައްވަނީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް: ފައިސަލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެމަނިކުފާނާއި މާލީ ވަޒީރު އަދި އެމަނިކުފާނު އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލް ގުޅިގެން ކުރައްވާ މަސައްކަތުން ޤައުމު ބަނގުރޫޓުވިޔަ ނުދެއްވާނެ ކަމަށެވެ.

އެގޮތުން، ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ހޯދައިދީ، ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނިވެސް ދައްކައި އެކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ގޮތުން ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ އެގޮތުން، މިހާރުވެސް ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ސީޕްލޭންގެ ޚިދުމަތް ފަށައި ތިން އަތޮޅުގެ ކަނެކްޓިވިޓީ ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ކަނެކްޓިވިޓީ ރަނގަޅުވުމުން އައްޑޫގެ ޝަންގްރިއްލާ ހިންގަމުންދާ ފަރާތްތަކުން އަމިއްލައަށްވެސް އެތަނުގެ އޮޕަރޭޝަން ފަށަން ބޭނުންވާނެކަމަށާއި މިހާރުވެސް އެތަން އޮޕަރޭޝަނަށް ގެނައުމަށް މަޝްވަރާތައް ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އައްޑޫގެ ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމަށް ބީއެމްއެލް އާއި އެމްއައިބީއާ ގުޅިގެން ފައިސާ ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.