ވިހަ ތީރު (3)

(9 ޖުލައި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( އެކަމަކުވެސް ، ދޭތެރެޔަކުން މެހެމަލް ، އެގެޔަށް އެބަ އާދެއެވެ. މެހެމަލް އެގެޔަށް އައުމަކީ ، އެއްގޮތަކަށްވެސް ކުލްސޫމް އެދޭކަމެއް ނޫނެވެ. މެހެމަލް އެގެޔަށް ނުވައްދައިފިއްޔާ ، ބޭރުންވެސް އެދެމީހުންނަށް ބައްދަލު ކުރެވިދާނެކަން ، ކުލްސޫމުގެ ވިސްނުމަކަށް ނާދެއެވެ. )

 

މެހެމަލް ކައިވެނިކުރީ އޭނާގެ ބޮޑުބޭބެގެ ދަރިއަކާއެވެ. ހައިދަރުދެކެ އެހާލޯބިވާނަމަ ، އެކައިވެންޏެއް މެހެމަލް އެއް ނުކުރާނެއެވެ. ހައިދަރުގެ މަންމަގެ ކަންބޮޑުވުމަކީ އެއީއެވެ. އެމީހުންގެ ގަނޑުވަރެއްފަދަ ބޮޑުގޭގައި އެއްވެސް ރޫޙެއް ނެތެވެ. އެގޭތެރެއިން އަޑެއްބަޑެއްވެސް ނީވެއެވެ. މަންމަގެ ބަލިޙާލަތަށް ހައިދަރުވެސް ކަންބޮޑު ވެއެވެ. ކައިވެންޏެއްކުރަން ބޭނުންވިޔަސް ، ގަޔާވާކަހަލަ ކުއްޖަކު އަދި ނުފެނެއެވެ. އެ ނަޒަރިއްޔާއިން ، ހައިދަރަށް އެއްވެސް ކުއްޖަކާދިމާލަށް ބަލައެއްވެސް ނުލެވެއެވެ. އޭނާގެ ސިކުނޑިޔަށް ސަވާރުވެފައި އޮންނަނީ ، މެހެމަލްގެ ހަނދާންތަކެވެ. މަންމަޔަށްޓަކައިވެސް ، އެކަން ކުރަން ހައިދަރަށް އެބަ މަޖުބޫރު ވެއެވެ. އޭނާ ގަޔާވާކަހަލަ ކުއްޖަކު ފެނިއްޖިއްޔާ ، މަންމަގާތު އެވާހަކަ ބުނެ ، ކައިވެންޏެއް ކުރަން ހައިދަރު ނިންމިއެވެ. އަދި މަންމަގެ ބޮލުގައި އަތްލުމަށްފަހު ، އޭނާ އެކަންކުރާނެކަމަށް ވަޢުދުވެސް ވިއެވެ.

ހުރިހާ ވާހަކައެއް އަޑުއަހަން ހުރެފައި ، ދޮރުން އެތެރެޔަށް މެހެމަލް ވަނެވެ. އަދި ހައިދަރުގެ އެނިންމުމަށް މަރުޙަބާ ކިޔެވެ. ހައިދަރަށް ލިބުނު ޙައިރާންކަން ފޮރުވުމަށް މަސައްކަތް ކުރަމުން ، މެހެމަލްއަށް ސަލާމް ގޮވައިލިއެވެ.

" މަލްއެވެ ! އުފާވެރި އުފަން ދުވަހެކެވެ. " ހައިދަރު ބުންޏެވެ.

ހައިދަރުގެ ހިތުގައި އަދިވެސް ، މެހެމަލްގެ އުފަންދުވަސް ހަނދާން އެބަހުރިކަން އަންގައިލިއެވެ. މެހެމަލްއަށް ލިބުނު އުފާވެރިކަން އޭނާގެ މޫނުމަތިން ، ހިނިތުންވުމެއްގެ ސިފައިގާ ފާޅުވިއެވެ. އަދި ، އެދުވަސް ، ހައިދަރުގެ ހަނދާނުގައި ހުރިކަމަށްޓަކައި ޝުކުރު އަދާކުރިއެވެ. އެކަމަކު ، ދެން އެދުވަސް ، ހައިދަރުގެ ހަނދާނަކު ނުހުންނާނެއެވެ. ހައިދަރު އެއުޅެނީ ކައިވެންޏެއްކުރަންކަމަށް ބުނެ ، މެހެމަލްއަށް ލިބުނު އުފާވެރިކަން ކިލަނބުކޮށްލަން ، ކުލްސޫމް މަސައްކަތް ކުރިއެވެ. އަދި ، ހައިދަރު ހުންނާނީ ވަރަށް ވަރުބަލިވެފައި ކަމަށްބުނެ ، ކޮޓަރިޔަށް ފޮނުވައިލާފައި ، މެހެމަލްއާ ވާހަކަ ދައްކާލަން ބޭނުންވިއެވެ.

ހައިދަރު ތެދުވެގެންދަމުން ، ކަތި ނަޒަރަކުން މެހެމަލްއާ ދިމާއަށް ބަލަމުން ދިޔައެވެ. ހައިދަރުގެ ލޮލުން ފާޅުވަމުންދިޔަ ލޯބީގެ ސިގްނަލްތައް މެހެމަލްއަށްވެސް ލިބުނެވެ. ކުޑަވަގުތުކޮޅަކަށް ، މެހެމަލްވެސް އެ ޖަޒުބާތުގެ ތެރެޔަށް ގެއްލިގެން ދިޔައެވެ. ހައިދަރުގޮސް ކޮޓަރިޔަށް ވަންނަންދެން ކަޅިޖަހައިނުލާ ބަލަހައްޓައިގެންހުރި މެހެމަލް ، ސިއްސުވައިލީ ކުލްސޫމެވެ. ކުލްސޫމުގެ ފިރިމީހާ ކިހިނެއްތޯ އަހައިލައިގެންނެވެ. ކުލްސޫމް އެކުރި ސުއާލަކީ ، ވަކި ބޭނުމެއް އޮވެގެން ކުރި ސުއާލެކެވެ. މެހެމަލްއާއި އޭނާގެ ފިރިމީހާގެ ގުޅުން ރަނގަޅުނަމަ ، ފިރިމީހާ ދޫކޮށްލާފައި ، މެހެމަލްގެ އުފަންދުވަހު ، އެގެޔަށް އަންނާކަށް ނުޖެހޭނެއެވެ. އެދެމަފިރިން ތިބޭނީ ، ކޮންމެވެސް ޕާޓީއެއްގައި އެކުގައެވެ.

މެހެމަލް އެގެޔަށް އެއައީ ، ހައިދަރުގެ މަންމަޔަކީ އޭނާގެވެސް މަންމަކަމަށް ބެލި  ދުވަސްކޮޅެއްގެ މަތިން ހަނދާންވެ ، ކުލްސޫމުގެ ހެޔޮދުޢާ ލިބިގަތުމަށެވެ. ކުލްސޫމުގެ މަސައްކަތުން ، މެހެމަލް އިތުރަށް ހައިދަރާ ބައްދަލުކުރިޔަކަ ނުދިނެވެ. މެހެމަލްއަށް އެންމެފަހުން ޖެހުނީ ، ކުލްސޫމުގެ ފައިމޮޑެދޭން އިރުކޮޅަކު އިނުމަށްފަހު ، ހުސްއަތާ ނުކުންނާށެވެ. މެހެމަލް އެއައީ ، ހައިދަރާއެކީ ދުއްވާލަން ދާށެވެ. އެކަމަކު ، ކުލްސޫމަށް ވެގެންވިއްޔާ މެހެމަލް ، އެފުރުޞަތު ހޯދިޔަކަ ނުދޭނެއެވެ.

ކުލްސޫމު އެނބުރި ގެޔަށް އައިއިރު ، އަންސަރު ގެޔަކު ނެތެވެ. ދަރިފުޅުގެ ކޮޓަރިޔަށް ދިޔައިރު އެކުއްޖާފުޅަށް އޮތީ ނިދިފައެވެ. ގެންގުޅޭ ކުއްޖާ ، މާރިއާ އަމިއްލަޔަށް ބޭސް ހޯދައިގެން ބޭސްދީ  އޭނާގެ ދަރިފުޅު އޮތީ ނިންދަވާފައެވެ.

ކުލްސޫމް އޭނާގެ ސޫރަޔަށް ލޯގަނޑު ކައިރީ ހުއްޓިލައިގެންހުރެ މާރިއާއަށް ގޮވައިލިއެވެ. އޭނާ ރީތިތޯ ސުއާލު ކުރިއެވެ. ގެންގުޅޭ ކުއްޖާވެސް ދިނީ ، މެހެމަލް އެންމެ ހިތްހަމަޖެހޭ ޖަވާބެވެ. މެހެމަލް އަކީ ، އިންތިހާއަށްރީތި އަންހެނެކެވެ. އޭނާއަށްވެސް ، މެހެމަލް ރީތިކަމުން ، ބަލަހައްޓައިގެން ހުރެވެއެވެ. އެކަމަކު ، މެހެމަލްއަށް ހީވާގޮތުގައި މިހާރު އޭނާއަކީ އެހާ ރީތިމީހެއްނޫނެވެ. އޭނާގެ ފިރިމީހާވެސް ، ދުވަހަކުވެސް އެވާހަކައެއް ނުބުނެއެވެ. މިހާރުވެސް އޭނާއަކާ އަޅައެއް ނުލައެވެ. މިރޭ ހައިދަރުގެޔަށް ދިޔައިމަ ، ހައިދަރުވެސް ، އެކަހަލަ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ގެޔަށް އައިސް ވަނީމަ އެގޭތެރެއިންވެސް އޭނާއަށް އޮތީ އެކަނިވެރިކަމެވެ. އެއޮއް ޚާއްޞަ ރޭވެސް އޭނާގެ ގާތުގައި އެއްވެސްމީހަކު ނެތެވެ. އެންމެފަހުން ، ހައިދަރަށް މެސެޖެއް ފޮނުވައިލިއެވެ.

" އަބަދުވެސް ، އަހަރެންގެ އުފަންދުވަސް ހަނދާން ބަހައްޓާ ފަދައިން ، މިހާރުވެސް އެދުވަސް ހަނދާންކުރާތީ ، ވަރަށް އުފާ ވެއްޖެއެވެ. ވަރަށްބޮޑަށް ޝުކުރިއްޔާއެވެ ! " ހައިދަރަށް ފޮނުވި މެސެޖްގައި މެހެމަލް ލިޔެލިއެވެ.

މެހެމަލްގެ މެސެޖަށް ޖަވާބުދޭކަށް ހައިދަރު ބޭނުމެއް ނުވިއެވެ. ހައިދަރަކީ މެހެމަލްއަށް އެހާ މުހިންމު މީހެއްނޫނެވެ. އޭނާއާ ކައިވެނިވާން ތައްޔާރުވަމުންދިޔަ މެހެމަލް ، އެހެންމީހަކާ އެންގޭޖްވެފަ ، އެންގޭޖްމަންޓް އަނގޮޓި އޭނާއަށް ދައްކައިލި ރޭގެމަތިން ހައިދަރު ހަނދާންކޮށްލިއެވެ. ބޭރުން އައިސް ހައިދަރު ގެޔަށް ވަތްތަނުން ، މެހެމަލް އޭނާގެ އަތްދިއްކޮށްލައި ، ވަރަށް އަގުބޮޑު އަނގޮޓިއެއް ދައްކާލައި އެއީ އޭނާގެ އެންގޭޖްމަންޓް އަނގޮޓިކަމަށް ބުނި ހަނދާން ، ހައިދަރުގެ ޚިޔާލަށް އައެވެ. އޭނާއާ ކައިވެނިކުރަން ހަމަޖެހިފައިއޮއްވައި ، އެހެންމީހަކާ އެންގޭޖްވެގެން މެހެމަލް އޭނާއަށް އެދިނީ ލަނޑެއްކަމަށް ހައިދަރަށް ބުނެވުނެވެ. މެހެމަލް ދެކެ ، ހައިދަރުލޯބިވާކަންވެސް މެހެމަލްއަށް ރަނގަޅަށް އެނގޭނެއެވެ. މެހެމަލް ދެން އެބުނި ވާހަކަޔަކުން ، ހައިދަރުގެ ހިތަށްވީ ތަދު ވަކިން ބޮޑުވިއެވެ.

" ހައިދަރު އަހަރެންދެކެ ލޯބިވާކަން އެނގެއެވެ. އެކަމަކު ، އަހަރެން އެކަން ބަލައެއް ނުގަންނަމެވެ. " މެހެމަލް ބުންޏެވެ.

 

ހައިދަރުގެ ކޮއްކޮ ސާރާގެ ފިރިމީހާގެގޭގައި އޮތް ކައިވެންޏގުޅޭ ރަސްމިއްޔާތަކަށް ކުލްސޫމު ދިޔައީ ، ހައިދަރު ގޮވައިގެންނެވެ. އެތާ އޮތީ ހުސް އަންހެނުންނެވެ. އަންހެނުންތަކެއް އެއްވެފައި އޮތްތާކަށް ހައިދަރު ގެނައީތީ ، އޭނާހުރީ ފޫހިވެފައެވެ. ކުލްސޫމުގެ މަޤްޞަދަކީ ، އެތާ އެއުޅޭ އަންހެންކުދިންތަކުގެ ތެރެއިން ކުއްޖެއްގެ ގައިގާ ، ހައިދަރު އަޅައިގަތުމެވެ. ހުރިހާ ކުދިންވެސް ލަވަކިޔަމުން ނަށަމުން ދުވެ ، މަޖާކުރަމުން ގެންދިޔައެވެ. އެއިން ކުއްޖަކާ ދިމާލަށް ބަލައިލާކަށް ހައިދަރެއް ނޫޅެއެވެ.

ކުރީދުވަހު ، ރިދާއަތުން ހެދުމެއް އަތުލައިގެން ދިލްނަޝީން ދާން އުޅުނު ޕާޓީއަކީވެސް އެއީއެވެ. ދިލްނަޝީންވެސް އެޕާޓީގެ ތެރޭގައި މަޖާކޮށްކޮށްފައި އެބަ އުޅެއެވެ. ހައިދަރު އެއްލި ވައްކަޅިޔަކުން ދިލްނަޝީން ފެނުނެވެ. ދިލްނަޝީންގެ މޫނުމަތީގައިވާ އުފާވެރި ހިނިތުންވުމުން ، ހައިދަރަށް ކޮންމެވެސް އަސަރެއް ކުރިއެވެ. އެއީ މާބޮޑު ކަމަކަށް ނުހެދިނަމަވެސް ، އިރުއިރުކޮޅުން ، ދިލްނަޝީނާ ދިމާލަށް ހައިދަރަށް ބަލައިލެވެއެވެ. ދިލްނަޝީންގެ މޫނުގައި ކުލަހާކަންވެގެން ، ފަހަތުން ދުވަމުން ސާރާ އާދެއެވެ. އެމަންޒަރަކީ އެތާ އެއްވެތިބި އެންމެންނަށްވެސް މަޖާކަމަކަށް ވިއެވެ. ހައިދަރުގެ މަންމަވެސް ، ދިލލްނަޝީންގެ އެ ހިތްގައިމު ޙަރަކާތްތަކުގައި އަޅައިގަތެވެ. އަދި ، އެއީ ކޮންތާކުއުޅޭ ކާކުގެ ދަރިއެއްތޯ ބަލައި ، ދިލްނަޝީނާބެހޭ މަޢުލޫމާތު އެއްކުރިއެވެ.

ދިލްނަޝީން ، ދުވަމުންދުވަމުންގޮސް ، ހައިދަރުގެ ގައިގާ އަޅައިގަތެވެ. ހައިދަރަށްވެސް ، ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެން އެތައް އިރެއްވަންދެން ހުރެވުނެވެ. ދިލްނަޝީނަށް ހުރެވުނީ އެކުރެވުނު ކަމަކުން ، ލަދުގަނެ ހައިދަރާދިމާއަށް ބަލަހައްޓައިގެންނެވެ. ދިލްނަޝީނުގެ މަންމައަށްވެސް ، ދިލްނަޝީން އެކުރިކަމަކުން އުނދަގޫވިއެވެ. ސާރާއަށް ފުރުޞަތު ލިބުމާއެކީ ، ދިލްނަޝީންގެ ގައިގާ ކުލަތައް ހާކައިގަތްގަތީނުންގޮސް ، އޭނާގެ މުޅިހެދުން ޚަރާބުވެ ، ލައިގެންހުރި ހެދުން ބަދަލުކުރަން ޖެހުނެވެ.

ހައިދަރަށް ފޯނެއް އައުމާއެކީ ، އެތަނުގައި އަޑުގަދަކަމުން ، ބޭރަށް ނުކުންނަން ހިނގައިގަތްތަނުން ، ޢާޞިމް އައިސް އޭނާ ހުށްޓުވައި ގޭގެ މަތީބުރީގައިހުރި ކޮޓަރިޔަކަށްގޮސް ، ހަމަޖެހިލައިގެން އިނދެ ފޯނުކުރެވޭނެކަމަށް ބުނެ ، އެކޮޓަރިޔަށް ހައިދަރު ފޮނުވައިލިއެވެ. ކަންދިމާކުރިގޮތުން ، އެކޮޓަރިޔަކީ ، ހެދުން ބަދަލުކުރުމަށްޓަކައި ދިލްނަޝީން އައިސް ވަތްކޮޓަރިއެވެ. ހައިދަރަށް ވަދެވުނުއިރު ، ދިލްނަޝީން އުޅެނީ ހެދުން ބަދަލުކުރަން ފާޚާނާ ތެރޭގައެވެ.

ހައިދަރު އައިސް ، އެނދުގައި ޖައްސާލައި ފޯނުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ދިލްނަޝީން ފާޚާނާއިން ނުކުތްއިރު ، އެކޮޓަރީގައި މީހަކު ހުރިތަން ފެނިފައި ބިރުގަތެވެ. އަދި ، އެނދުމަތީ އޮތް ދޮޕައްޓާ ނަގައި އަވަސްއަވަހަށް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ތަޅުގައި ހިފައިހިފައި ، އަތްގަނޑު ގުޑައެއްނުލިއެވެ. ދިލްނަޝީން ހީކުރީ ، ފޯނުން އެވާހަކަ ދައްކާމީހާ އެ ކޮޓަރިޔަށް ވަދެފައި ދޮރު ތަޅުލީ ކަމަށެވެ. ރޮމުންރޮމުން އެވާހަކަ ހައިދަރުގާތު ބުނުމުން އެކަމާ ހައިދަރު އަޖައިބުވިއެވެ. އޭނާ ދޮރުތަޅުލަންވީ އެއްވެސް ސަބަބެއް ނެތެވެ. ހައިދަރުގޮސް ތަޅުގައި ހިފައިލިއެވެ. ތަޅުހުރީ އެތެރެއިން ތާށިވެ ، ހަލާކު ވެފައެވެ.

ދޮރުހުޅުވޭނެ ހަމައެކަނި ގޮތަކީ ބޭރުން އައިސް މީހަކު ދޮރުހުޅުވުމެވެ. ހައިދަރު އޭނާގެ ކޮއްކޮ ، ސާރާއަށް ގުޅައިގެން ގެންނަން ފޯނުކޮށްކޮށް ސާރާ ، ފޯނެއްނުނެގިއެވެ. ދޮރުހުޅުވާތަނަށް މާގިނަމީހުން އައިސް ދޮރުހުޅުވުމަކީ ، ދިލްނަޝީން އެދޭކަމެއްނޫނެވެ. ދިލްނަޝީން ކަންބޮޑުވަނީ ކީއްވެގެންކަން ހައިދަރަށް އެނގެއެވެ. އެކަމަކު އެއީ 1940 ގެ އަހަރުތަކެއްނޫނެވެ. އޭރު ކަންބޮޑުކުރާގޮތަށް މިހާރަކު މީހުން ކަންބޮޑެއް ނުކުރާނެއެވެ. މިހާރު އުޅޭނީ ތަޢުލީމީޔާފްތާގެ ޒުވާނުންނެވެ. ދެމީހަކު އެއްކޮޓަރިއެއްގެ ތެރޭގައި ތިބުމަކީ ، މިހާރުގެ ޒުވާނުންނަށް އެހާބޮޑު ކަމެއްނޫނެވެ. އެހެނަސް އެއީ ، ދިލްނަޝީނަށް ވަރަށް ބޮޑުކަމެކެވެ.

ދިލްނަޝީނާއެކީ ، ބަންދު ކޮޓަރިއެއްގައި ފިރިހެނަކު ހުރިތަން ފެނިއްޖެނަމަ ، އެތައް ވާހަކައެއް މީހުން ދައްކާނެއެވެ. މަންމަގެ ކަންތައް އަދިވަކިން ބޮޑުވާނެއެވެ. ބޭރުން ދޮރުހުޅުވަން އެއްވެސްމީހަކު ގެންނަނަމަ ، އިތުރުމީހަކާނުލައި ، އެމީހަކު އެކަނި ގެނައުމަށް ދިލްނަޝީން އެދުނެވެ. ހައިދަރުވެސް އެކަމަށް  އެއްބަސް ވިއެވެ. ދިލްނަޝީނަށް ރޮވޭވަރުންނާއި ، ގެންފައިހުރި ބިރެއްގެ ސަބަބުން ހައިދަރުހުރީ ކަންބޮޑުވެފައެވެ. ޢާޞިމްވެސް ފޯނެއް ނުނަގައެވެ.

ދިލްނަޝީނުގެ އަތުގައި ހުރިބާރެއްލާފައި ދޮރުފަތުގައި ތަޅަން ފެށްޓިއެވެ. އެގޮތަށް ތަޅަނިކޮށް މީހަކު އައިސް ދޮރުހުޅުވައިފިނަމަ ، ހައިދަރުގެ އަގުވެއްޓޭނެކަން ، ދިލްނަޝީނަށް ހައިދަރު ހަނދާން ކޮށްދިނެވެ. ދިލްނަޝީނުގެ އަބުރު ގެއްލިދާނެތީ އެވާހަކަ ބުނީމަ 1940 ގެ އަހަރުތަކުގެމަތިން ހައިދަރު ހަނދާންކޮށްދީފައި ، ހައިދަރުގެ އަބުރާ ޖެހުނީމާ 1940 ގެ މަތިން ހަނދާނެއް ނުވިއެވެ. އެއީ ކޮންކަހަލަ މީހާގަނޑެއްބާއޭ ދިލްނަޝީންގެ ހިތަށް އެރިއެވެ. އެންމެފަހުން ، ހައިދަރު އޭނާގެ މަންމައާ ގުޅިއެވެ. ހައިދަރާއި އަންހެންކުއްޖަކު އެއްކޮޓަރިއެއްގައި ބަންދުވެފައި ތިބިކަން އެނގުނީމަ ، ކުލްސޫމް ގަޔާވާގޮތްވިއެވެ. ޢާޞިމްގާތު ބުނެގެން ދޮރުހުޅުވަން ދިޔައިރު ، ހައިދަރާއި ދިލްނަޝީން ކޮޓަރިތެރޭގައި ތިއްބެވެ. ޢާޞިމް އައިސް ހައިދަރުގެ ކިބައިން މަޢާފަށް އެދުނެވެ. އެދޮރުގެ ތަޅު ހަލާކުވެފައި ހުންނަތާ ދެދުވަހެއް ވެއްޖެއެވެ. ދިލްނަޝީން ގެންފައި ހުރިބިރަކާހުރެ ، އެންމެންވެސް ތިބީ ޙައިރާން ވެފައެވެ. ހައިދަރު އެކޮޓަރިން ނުކުމެގެން ދިޔައީ ދިލްނަޝީނާ ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ. އޭނާގެމޫނުމަތިން ، ރަކި ހިނިތުންވުމެއް ފާޅުވާން ހުށްޓެވެ. ހިތުން ފިލުވައިލަން ފަސޭހަނޫން އެތައްކަމެއް ދިލްނަޝީނާއެކު މިއަދު އޭނާއަށް އެވަނީ ތަޖުރިބާ ކުރެވިފައެވެ. އަޅައިގަންނަ ގޮތެއް ހުންނަ ރީތި ކުއްޖެކެވެ. ހައިދަރުގެ ކޮއްކޮ ސާރާގެވެސް ރައްޓެއްސެކެވެ. މުޅިޔަކުން ގޯހެއްނޫނެވެ. ދިލްނަޝީނާމެދު ވިސްނައިލަން ، ހައިދަރަށް މަޖުބޫރުވި އެތައްކަމެއް މިއަދު އެއޮތީ ހިނގާފައެވެ.

 

ދިލްނަޝީނަށް މިއަދު އެކުރެވުނު ކަމެއްގެ ކަންތައް ލައިގަތީ ، ގެޔަށް ދިޔަފަހުންނެވެ. މަންމަގެ އެތައް ޝަކުވާއަކާ ދިލްނަޝީނަށް ކުރިމަތިލާން ޖެހުނެވެ. އަމިއްލަޔަށް ފިރިހެނަކާއެކީ ކޮޓަރިޔެއްގައި ބަންދުވެފައި ހުރުމަކީ ، އަންހެންކުދިންނަށް ކިހާ ނުރައްކާތެރި ކަމެއްކަން ، އަނީސާ އޭނާގެ ދަރިފުޅަށް ހަނދާން ކޮށްދިނެވެ. މިހާރު އުޅޭ ފިރިހެނުން އެކަހަލަ ފުރުޞަތުގެ ބޭނުން ހިފާނީ އެންމެ ގޯސް ގޮތަށެވެ. އެކަހަލަ ކަމެއް މީހަކު ކުރިޔަސް ، ދިލްނަޝީނަށް އެއްވެސް މީހެއްގާތު ބުނާކަށް ނުކެރޭނެއެވެ. އޭނާގެ އަބުރު ގެއްލި އަގުވެއްޓިދާނެތީއެވެ. އެކަހަލަ ވާހަކައެއް ، ހަމްޒާއަށް އިވިއްޖިއްޔާ ނިމުނީއެވެ. އެކަންކުރި މީހަކު މަރައިލާކަށްވެސް ހަމްޒާ ފަހަކަށް ނުޖެހޭނެއެވެ. އެހާވެސް ، ދިލްނަޝީން ދެކެ ހަމްޒާ ލޯބިވެއެވެ.

ދިލްނަޝީނާއި ހައިދަރު ކޮޓަރިތެރެއިން ނުކުތްތަން ފެނުމުން ، ދުރުގައިތިބި އަންހެނުންތައް ސިއްރުސިއްރުން ތުކިތުކި ލެއްވިތަން ، އަނީސާއަށް އޮތީ ފެނިފައެވެ. ވާހަކަ ހަދާމީހުން ތިބޭނީ އެކަހަލަ ތަނެއް ނުފެނިފައެވެ. ނަޞީބަކުން ދިލްނަޝީނަކަށް އެމީހުން ދެއްކި އެއްވެސް ވާހަކައެއްގެ އަޑެއް ނީވެއެވެ. އެހެނަސް ، އެވާހަކަތައް އިވިފައި އަނީސާހުރީ ކަންބޮޑުވެފައެވެ. އެމީހުން އެދެއްކި ވާހަކަތައް އެއީ ، ދިލްނަޝީންގާތު ބުނަންވެސް އަނީސާއަށް ލަދު ވާހަކަ ތަކެކެވެ.  އެކަހަލަ ތަންތަނަށްގޮސް ދިލްނަޝީން އުޅޭގޮތުން އަނީސާ ވަރަށް ކަންބޮޑުވެއެވެ. ސަމާސާއަކީ ވިހަވެސްވާ އެއްޗެކެވެ. ދިލްނަޝީންގެ ސަކަ އަދި ސަމާސާ މިޒާޖުން އެއުޅޭގޮތުން ކޮންމެފަދަ ކަމެއްވެސް ވެދާނެއެވެ. ތަންތަނަށް ގޮސްއުޅޭއިރު ، އެކަހަލަ ކަންކަމާ ތަންކޮޅެއްބޮޑަށް ވިސްނައިގެން އުޅުމަށް އަނީސާ އޭނާގެ ދަރިފުޅަށް ނަޞޭޙަތްތެރިވިއެވެ. ތުކިތުކި ލެއްވި މީހުން ބަލައިގެން އެތިބެނީ ، އެމީހާއާ ދިލްނަޝީނާ ދެމީހުންގެ މެދުގައި ގުޅުމެއް އޮންނަނީ ކަމަށެވެ.

ދިލްނަޝީން ، މަންމައާ ދިމާއަށް ލޯއަޅައިގަތެވެ. މަންމަ އެބުނީ ދިލްނަޝީން އިތުރަށް ކަންބޮޑުވާނެ ކަމެއްގެ ވާހަކައެވެ. އެކަހަލަ ގުޅުމެއް ބާއްވަން އެބޭބެ ނޫންމީހަކު އޭނާއަށް ނުވާނެތޯ ، މަންމައާ ސުއާލު ކުރިއެވެ. ދިލްނަޝީންގެ މިޒާޖާ އެއްގޮތަށް އޭނާއަކީ ސަމާސާވެސް ކުރާ ކުއްޖެކެވެ. ބުނާކަށް ބުނާކަށް އެއްޗެއް ނޯންނާނެއެވެ. އަނީސާއަށް ފެނުނުގޮތުގައި އެއީ ، ވަރަށް ނަލަ އަދި ހައިބަތުހުރި ފިރިހެނެކެވެ. ބޭބެއެއް ނޫނެވެ.

" އެހެންވިއްޔާ ، އަހަރެންގެ މަންމަ ބޭނުންވަނީ ، އެ ފިރިހެންކުއްޖާއާ އަހަރެން  ރައްޓެހިވާން ތާއެވެ . " ދިލްނަޝީން އޭނާގެ މަންމައާ ސަމާސާ ކޮށްލިއެވެ. އަދި އަޑުގެ ނެތްތަނަށް ހީގަތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.