ކުށްމަދު ކުރުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ތ. އަތޮޅު ދެ ރަށެއްގައި ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މައުލޫމާތުދިނުމުގެ ހަރަކާތްތަކެއް ތ. ގުރައިދުއާއި ބުރުނީގައި ކުރިއަށް ގެންގޮސްފިއެވެ.

ގުރައިދޫ ޕޮލިސް ސްޓޭޝަނުން ޖުލައި 2 ވަނަ ދުވަހު އެ ރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް މުޖުތަމައުގައި މިހާރު އާއްމުވަމުންދާ ކުށްތަކާއި ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން  މަކަރާހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށް ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުން ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި އޮންލައިންކޮށް ފައިސާދައްކާފައި ފޮނުވާ ސްލިޕަކީ ސައްހަ ސްލިޕެއްތޯ ކަށަވަރުކުރުމަށާއި ފައިސާ އެކައުންޓަށް ޖަމާވިތޯ ޔަގީންކުރުމަށާއި އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ގުޅައި އީމެއިލް އަދި ޕާސްވޯޑް ދިނުމަށް އެދުނުކަމުގައިވިޔަސް ހިއްސާނުކުރުމަށާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް މައުލޫމާތު ދީފައިވެއެވެ.

މި މަހު 1 ވަނަ ދުވަހު ބުރުނީ ޕޮލިސް ޕޯސްޓުން އެ ރަށުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އާންމުކޮށް ރައްޔިތުން އެއްވެ އުޅޭ ހޮޅު އަށިތަކާއި ޖޯލިފަތިފަދަ ތަންތަނަށް ޒިޔާރަތްކޮށް، ތަފާތު އުމުރުފުރާގެ މީހުންނާ ބައްދަލުކޮށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން، މިހާރަކަށް އައިސް މުޖުތަމައުގައި ހިނގަމުންދާ ކުށްތަކާއި ކުށުގެ އެފަދަ އަމަލެއް ހިނގުމުން ނުވަތަ ހިނގާތަން ފެނުމުން އަމަލު ކުރަންވީ ގޮތާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށާ އަދި ރައްކާތެރި ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރުމަށް މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން، މަކަރާއި ހީލަތުގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކާއި އެއްގަމު އުޅަނދު ދުއްވުމުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައިވެއެވެ. މި ޕްރޮގްރާމަށް ބުރުނީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.

އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންދަނީ އެރަށްރަށުގެ ރައްޔިތުން ހޭލުންތެރި ކުރުމަށް މިފަދަ ޕްރޮގްރާމުތައް ހިންގަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.