ފަލްސަފާ (95)

( 9 ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ކުޑަދޮރުން ބަލަހައްޓައިގެން ހުރެފައި ، ޢާޞިމްވެސް ސާޖިދާއާއި ތަހުނިޔާއާ ދެމއިންތިބި ތަނަށް ނުކުމެ އެމީހުންގެ ވާހަކައިގާ ބައިވެރި ވިއެވެ. މަންމަ އެބުނަނީ ރަނގަޅު ވާހަކައެއްކަމަށް ، ޢާޞިމްވެސް ތަހުނިޔާގާތު ބުންޏެވެ. ދުނިޔޭގައި އިންސާނުންނާ ކުރިމަތިވާ ކޮންމެ މައްސަލަޔަކަށްވެސް ، ޙައްލެއް އޮންނާނެއެވެ. އަދި ކޮންމެ ހިތްހަމަނުޖެހުމެއްގައިވެސް ބޭނުންވާ ނަތީޖާއެއްވެސް އޮންނާނެއެވެ. ބައްޕަ އެބުނި ވާހަކަޔާމެދު ، ތަހުނިޔާ އިތުރަށް ވިސްނައިލިއެވެ. ދިމާވެގެން އެއުޅޭ މައްސަލައިގާ ތަހުނިޔާ ބޭނުންވާ ވަކި މަޤްޞަދެއް ނެތެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ......

ތަހުނިޔާގެ ވާހަކަ ، މެދުކަނޑުވައިލައި ޢާޞިމްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އެއްވެސް ކަމެއްގައި ތަހުނިޔާއަށް ލިބޭ ތަކުލީފެއް އަމިއްލަޔަށް އުފުއްލައި އެ ތަކުލީފުތައް ބުރަޔަކަށް ނުހެދުމަށް ޢާޞިމް އެދުނެވެ. ޢާޞިމްގެ ދެމަފިރިން އެތިބެނީ ތަހުނިޔާއާ އެކީގައެވެ. އެމީހުން އަބަދުވެސް ތިބޭނީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅާ އެކީގައެވެ.

ސާޖިދާއަށްވެސް ، އޭނާއަށް ގޯސްކޮށް ކުރެވުނު ކަންކަމުގެ އިޙްސާސް މިހާރު އެބަ ކުރެވެއެވެ. މިއަދު މި ފެންނަނީ ، ޙަފުޞާ އައިސް މުރުތަޟާގެ ކައިވެނި ތަހުނިޔާއާ ކުރުވުމަށް ހުށަހެޅި ހުށަހެޅުން އެހާ އަވަސް އަރުވާލައިފާ ޤަބޫލު ކުރިކަމުގެ ހިތި ނަތީޖާއެވެ. އެކަން އެގޮތަށް ނުކުރެވުނުނަމަ ، މިދުވަހެއް ކުރިމައްޗެއް ނުވާނެއެވެ.

އެހެން ބުނާކަށް ޖާގައެއްވެސް ނެތެވެ. ހުރިހާ ވާހަކައެއް ކުރިންވެސް އޮތީ ދެއްކިފައެވެ. ފަހަރެއްގައި ތަހުނިޔާގެ ނަސީބުގައި މުރުތަޟާގެ ދިރިއުޅުމާ ގުޅެން އޮތީކަމަށް ވެދާނެއެވެ. މުރުތަޟާގެ ދިރިއުޅުމަށް ތަހުނިޔާ އައިސް ، އެދެމީހުންގެ ފަރާތުން އައިމަލްވެސް އުފަންވުމަށް ، ﷲ އިރާދަ ކުރެއްވީއެވެ. މުރުތަޟާއާ ބެހޭގޮތުން މާގިނަ ޝަކުވާތަކެއްކުރާކަށް  ތަހުނިޔާ ބޭނުމެއްނޫނެވެ. ފިރިއެއްގެ ޙައިޞިއްޔަތުން ، މުރުތަޟާވަނީ ތަހުނިޔާއަށް އެތައް ކަމެއް ކޮށްދީފައެވެ. ނޫރުލްޢައިނާ ބެހޭގޮތުން އެއްޗެއް ބުނާކަމަށް ވަންޏާ ، ފަހަރެއްގައި މުރުތަޟާއަށް ނޫރުލްޢައިނުގެ ކިބައިން ސަލާމަތް ވެވެން ނެތީއެވެ. އެއަށްވުރެ ނޫރުލްޢައިނު ހުޝިޔާރީއެވެ. ހުރިހާކަމެއް އެނގިހުރެ ، އެކަހަލަ ވާހަކަދެއްކުން އެއީ ތަހުނިޔާއަށް އެހާ ފަސޭހަކަމެއްނޫނެވެ.

ކޮންމެ ގޮތެއްވިޔަސް ، ނޫރުލްޢައިނަށް ހެއްލިގެންކަމަށްވިޔަސް ، އެހުރިހާކަމެއް ކުރާކަށް މުރުތަޟާއަކަށް މަޖުބޫރެއް ނޯންނާނެ ކަމަށް ސާޖިދާ ބުންޏެވެ. ނޫރުލްޢައިނު ކިތަންމެ ހުޝިޔާރުވިޔަސް ، މުރުތަޟާގެ ވިސްނުމާއި ހިތާ އަދި ސިކުނޑި އޮންނަންޖެހޭނީ ތަހުނިޔާގެ މައްޗަށެވެ. އެކަމުގައި ދިމާވެފައިހުރި ކަންކަން އެހާ ލުއިކޮށްނަގާކަށް ޢާޞިމުވެސް ބޭނުމެއްނޫނެވެ. ބޮޑެތި ކަންކަން ދިރިއުޅުމުގައި މާގިނައިން ނަގާކަށް ނޯންނާނެއެވެ. ނިންމުންތައް ނިންމުމުގައި ބޮޑެތި ނިންމުންތައް ނިންމާކަށް ، މާގިނަ ފުރުސަތެއް ނުލިބޭނެއެވެ.

ބައްޕަ އެބުނި ވާހަކަޔަކުން ތަހުނިޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ބައްޕަ އެބުނީ ކީކޭކަން ތަހުނިޔާއަށް އެނގުނެވެ. ސާޖިދާވެސް ، ޢާޞިމާ ދިމާއަށް ބަލައިލާ ، ނޫނެކޭ ބުނުމަށް ބޯހޫރައިލިއެވެ. ތަހުނިޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔަތަން ޢާޞިމަށްވެސް ފެނުނެވެ.

 

އެނދުމައްޗަށް ވެއްޓިފައި އޮވެ ، މުރުތަޟާގެ ހިތުގައިވާ އުދާސްތައް އިޙްސާސް ކުރަމުން ގެންދިޔައެވެ. އޭނާގެ ހިތަށް އެންމެ ބޮޑަށް ތަދުވަމުންދިޔައީ ، އެއްވެސް ވަރަކަށް ވިސްނައިލުމަކާނުލައި ، ދެމީހުންގެ މައިންބަފައިންގެ ކުރިމަތީގައި ، ތަހުނިޔާ އެދެއްކި ވާހަކަތަކުންނެވެ. އެއީ ، ތަހުނިޔާކުރި ވަރަށްދެރަ ކަމެކެވެ. އެންމެންގެ ކުރިމަތީގައި ، މުރުތަޟާ މުޅިން ފަޟީޙަތް ކޮށްލައިފިއެވެ. އެއީ ، ތަހުނިޔާ ކީއްވެގެންކުރި ކަމެއްބާވައެވެ ؟ ވާހަކަތަކުން މައްސަލަ އުފެއްދީ ތަހުނިޔާއެވެ. މައްސަލަ ބަލައި ނިޔާއިއްވީ ތަހުނިޔާއެވެ. ދިފާޢުގައި މުރުތަޟާއަށް ޗުއްޕުވެސް ބުނެލާކަށް ފުރުސަތެއް ނުދެއެވެ. މުރުތަޟާގެ ހިތުގައިވާ އެއްޗަކާއި ޖަޒުބާތުތަކެއް އެއްވެސްމީހަކަށް ނޭނގެއެވެ. ތަހުނިޔާ އެހޯދީ ކާމިޔާބީއެކެވެ. އެކަމަށް މަރުޙަބާ ކިޔުން ނޫންގޮތެއް މުރުތަޟާއަކަށް ނެތެވެ.

 

ނޫރުލްޢައިނުގެ މާޒީ އޭނާގެ ފަހަތުން ފާރަލަމުން އެބައަންނަކަމަށް އަމީން އިޙްސާން ބުންޏެވެ. ނޫރުއިނީ އެނދުގައި އިށީނދެލައިގެންނެވެ. އިޙްސާން އައިސް ނޫރުއާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާގެ ވާހަކަތަކުގައިވަނީ ޖަދަލުކުރުމާއި ބަދަލު ހިފުމުގެ ރޫޙެވެ. އިޙްސާންގެ މާޒީގެ ވާހަކަތައް ނުބުނެ އޮވެގެން ، ނޫރު ވަރަށް ކަންބޮޑުވިއެވެ. އެއީ މައްސަލަޔަކަށް ހެދިއެވެ. ނޫރުގެ އަމިއްލަ މާޒީ ހުޅުވިގެން ކުރިމައްޗަށް އައިމަ ނޫރު ބުނާނީ ކީކޭތޯ އިޙްސާން ސުއާލު ކުރިއެވެ. ނޫރުވެސް ، އެހިސާބުން ނެއްޓިއެވެ.

ނޫރު ،  އެއްވެސް އެއްޗެއް ބުނާކަށް ނުޖެހެއެވެ. ނޫރުގެ ބޮލުގައި އިޙްސާން އަޅުވަމުން އެގެންދާ އިލްޒާމްތަކުގެ އެއްވެސް އަސާސެއް ނެތެވެ. ހެއްކެއްވެސް ނެތެވެ. ރަމްޝާ އެދެއްކި ދޮގުވާހަކަތައް އެއްވެސް ވަރަކަށް ވިސްނައިލުމެއްނެތި ، އިޙްސާން އެހުރީ ޤަބޫލުކޮށްގެންނެވެ. އެއީ ވަރަށް ދެރަކޮށް ، އިޙްސާންކުރި ކަމެކެވެ.

" އެހާ ބުއްދިވެރި ވިސްނުންތެރި ވިޔަފާރިވެރިޔަކު ، އެހާ އަސާސެއްނެތް ވާހަކަތަކަކަށް ހެއްލުނު ސަބަބެއް އަހަރެންނަކަށް ނޭނގެއެވެ. " ނޫރު ބުންޏެވެ.

ދޮގުހަދައި އޮޅުވައިލުމުގެ ވާހަކަ އޭނާގާތުގައި ނުދެއްކުމަށް ، އިޙްސާން ބުންޏެވެ. މުރުތަޟާއަކީ ތިމާގެ މީހެއްކަން ، އެމީހުންގެ ކައިވެނީގެ ކުރިން ނުބުނީ ކީއްވެތޯ އިޙްސާން ސުއާލު ކުރިއެވެ. އެއީ ނޫރުގެ ކުޑައިރުގެ އެކުވެރިޔެކެވެ. އަވަށްޓެރިޔެކެވެ. ލޯބިވެރިޔެކެވެ. އެންމެ ތުއްތު އިރުއްސުރެ ، މުރުތަޟާއަކީ ކާކުކަން ނޫރުއަށް އެނގެއެވެ. އެކަމަކު ، އެވާހަކައެއް ނޫރު ހާމަކޮށްފައެއް ނުވެއެވެ. މުރުތަޟާއާ ބެހޭގޮތުން ، ނޫރު ހަމައެކަނި ސާފުކޮށްދީފައިވަނީ މުރުތަޟާގެ ހަރުދަނާކަމާއި ޤާބިލް ކަމެވެ. މުރުތަޟާއަށް ކުންފުނީގެ މަތީ މަޤާމެއްދިނުމަށް އިޙްސާނަށް މަޖުބޫރު ކުރުވީ ނޫރުއެވެ. އެއީ ކީއްވެގެން ހެއްޔެވެ ؟

އެވާހަކަތައް އިޙްސާންގާތު ، ނޫރު ނުބުނީ އެސަބަބަށްޓަކައި ކަމުގައި ނޫރު ބުންޏެވެ. މުރުތަޟާއާއި ނޫރުއާ އަޅުވައިކިޔައި ، ދޮގު ވާހަކަތަކާއި ދޮގު ވިސްނުމާއި އިލްޒާމް އަޅުވާނެތީއެވެ.

މުރުތަޟާއަށް އިޙްސާންގެ ކުންފުނިން މަތީ މަޤާމެއްދިނީ ނޫރު ބުނެގެންނެވެ. އޭގެ ފައިދާކުރީ ކުންފުންޏަށެވެ. އެކަން މުރުތަޟާ ސާބިތުކޮށް ނުދޭތޯ ނޫރު ސުއާލު ކުރިއެވެ. މުރުތަޟާއަށް ޑަބަލް ޕްރޮމޯޝަން ދިނީ ކުންފުނީގެ އުޞޫލުތަކާ ޚިލާފަށެވެ. އެކަން އިޙްސާނަށް މަޖުބޫރު ކުރުވައިގެން ނޫރުގެ މަސައްކަތުންނެވެ. އިޙްސާނަށް އޮޅުވާލައިގެންނެވެ. އެހުރިހާކަމެއް ނޫރު ކުރަމުން އެގެންދިޔައީ ، އަމީން އިޙްސާންގެ ކުރިމަތީގައި ، އޭނާއަށް އެކަމުގެ އެއްވެސް ހިލަމެއް ނުވާގޮތަށް ، ބޮޑުސިންގާ ރޭވުމެއްގެ ތެރެއިންނެވެ. އިޙްސާން މިހާރު މާބޮޑަށް ޒާތީވަނީކަމަށް ނޫރުއަށް ފެނުނެވެ. ޒާތީގޮތުން އެއްވެސް މީހަކާ ދިމާކުރާކަށް އިޙްސާންވެސް ބޭނުމެއްނޫނެވެ. އެހެނަސް ، އެކަން ކުރަން އިޙްސާނަށް މަޖުބޫރު ކުރުވީ ނޫރުއެވެ.

" އަހަރެންގެ މުޅި މިލްކިއްޔާތަކީ އަމިއްލަ އެއްޗަކަށް ނޫރު ހަދައިފިއެވެ. އެކަމަކު ، އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އަމިއްލަ މީހަކަށް ނުހެދުނެވެ. އެއީ އަހަރެން އެދުނު ، ހަމައެކަނި އެދުމެވެ. އެހެން ހުރިހާކަމެއް ކުރިއިރުވެސް ، އެކަމެއް ނޫރުއަކަށް ނުކުރެވުނެވެ. އަހަރެންގެ ފަރާތުން ، ނޫރުކުރާ އުއްމީދަކީ ކޮބައިހެއްޔެވެ ؟ އަހަރެންނަކީ ވަރަށްބޮޑު ވިޔަފާރިވެރިޔެކެވެ. އެހެންވީމާ ، ވިޔަފާރީގެ ހިސާބުކިތާބު ، އަހަރެން ވަރަށް ރަނގަޅަށް ބަލަހައްޓަމެވެ. އަހަރެންގެ ވިޔަފާރިން ، އެއްވެސްމީހަކަށް ނާޖާއިޒް ފައިދާނެގުމަށް ފުރުސަތެއް ނުދޭނަމެވެ. ނޫރުލްޢައިނުއެވެ. އަހަރެން މިބުނާ ވާހަކަ ، ނިކަން ރަނގަޅަށް ހަނދާން ބަހައްޓައްޗެވެ. މާދަމައިންފެށިގެން ، ނޫރުލްޢައިނު އޮފީހަށް ގޮސްގެން ނުވާނެއެވެ. އަދި ، މުރުތަޟާއާ އެއްގޮތަކަށްވެސް ބައްދަލުކޮށްގެން ނުވާނެއެވެ. " އިޙްސާން ނޫރުއަށް އިންޒާރުދެމުން ގެންދިޔައެވެ.

އިޙްސާންގެ ވާހަކަތަކުން ނޫރުހުރީ ޙައިރާންވެފައެވެ. އިޙްސާން ކުރަން އެ ބޭނުންވާކަމެއް ނޫރުއަށް އެހުރީ އޮޅިފައެވެ. އިޙްސާންގެ ބަސް ނޫރުއަށް ޤަބޫލުކުރެވޭކަށެއް ނެތެވެ. އޮފީހަށް ނުގޮސް ، އޭނާގެ ޒިންމާއާއި މަސްއޫލިއްޔަތަށް ފުރަގަސްދިނުމަކީ ، ނޫރުއަށް ކުރެވޭނެކަމެއްނޫނެވެ. އެއީ ، އޭނާގެ މުޅި ދިރިއުޅުމުގައި ޙާޞިލްކުރަން ބޭނުންވި ލަނޑުދަނޑިއެވެ. އޭނާ ކުރަމުންގެންދިޔަ އުއްމީދެވެ. އެކުންފުންޏަށް ލިބިފައިވާ ކުރިއެރުމަކީ ، ނޫރުގެ މަސައްކަތުން ހޯދާފައިވާ ކުރިއެރުމެކެވެ. އެއީ އޭނާގެ އަމިއްލަ ކުންފުންޏެކެވެ. އޭނާގެ ދިރިއުޅުމުގެ މަޤްޞަދެވެ.

އިޙްސާންގެ މުޅިޙަޔާތުގައި ޙާޞިލްކުރަން ބޭނުންވި ކާމިޔާބީގެ ލަނޑުދަނޑިޔަކީ ނޫރުގެ މަސައްކަތުން އަމާޒުހިފި އެއްޗެކެވެ. އެއީ ، އިޙްސާންގެވެސް ދިރިއުޅުމެވެ. ނޫރުއަކީ ، އޭނާގެ ދިރިއުޅުމުގެ އެއްބަޔެވެ. އޮފީހަށް ނުގޮސް ، ގޭގައިހުރުމަށް ، އިޙްސާން އެ އަމުރުކުރަނީ ، ނޫރުގެ ފިރިމީހާގެ ޙައިޞިއްޔަތުންކަމުގައި އިޙްސާން ބުންޏެވެ. ނޫރުގެ މައްޗަށް އިޙްސާންކުރި އިތުބާރު ، މިހާރުވަނީ ގެއްލިފައެވެ. އަލުން ، އެ އިތުބާރު ހޯދުމަށްޓަކައި ، ނޫރުއަށް ދިގު އިންތިޒާރެއް ކުރަން ޖެހޭނެއެވެ. މުރުތަޟާ ޙަސަންގެ ވަޒީފާގެ އެއްބަސްވުމުގައި އަދި އެއްއަހަރު ބާކީ އެބައޮތެވެ. އެހެންކަމުން މުރުތަޟާ ، ވަޒީފާއިން ވަތްކެއް ނުކުރެވޭނެއެވެ. އެކަން ކުރެވެންނެތީ ، އެ އެއްބަސްވުމަށް ނޫރު އިތުރުކުރި މާއްދާއަކާ ހުރެއެވެ. އެހެނަސް ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ، އަމީން އިޙްސާންގެ ކުންފުނީގައި މުރުތަޟާއަކަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށް އިޙްސާން ބުންޏެވެ. އެކަން ، ނޫރުއަށް އެނގޭނެކަމަށް އުއްމީދުކުރާކަމުގައި އިޙްސާން ބުންޏެވެ. ނޫރުއާ ދިމާއަށް ލޯއަޅައިގެން ، ރުޅިއައިސްހުރެ ، އިޙްސާން ދައްކަމުންގެންދިޔަ ވާހަކަތައް ނިންމާލާފައި ، ގެއިން ނުކުމެގެން ދިޔައެވެ.

 

ހެނދުނުގެ ނާސްތާއަށް މުރުތަޟާ ނުކުތްތަނާ ، އޮފީހުންއައިސް ގެޔަށް ވަނުމުގެކުރިން ތަހުނިޔާގާތަށް ދިއުމަށް ޙަފުޞާ ބުންޏެވެ. އެއީ މުރުތަޟާއަށް އެހާ ފަސޭހަކަމެއްނޫނެވެ. ތަހުނިޔާގެ މައިންބަފައިންގެ ކުރިމަތީ ، އޭނާވެފައިވާ ފަޟީހަތުގެ ފަހުން އެމީހުންނާ ކުރިމަތިލުން އެއީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ޙަފުޞާ ދެކޭގޮތުގައި އެދެމީހުންގެ މެދުގައި ޖެހިގެން އެއުޅެނީ އެހާބޮޑު މައްސަލައެއްނޫނެވެ. ތަހުނިޔާއަކީ މުރުތަޟާގެ އަނބިމީހާއެވެ. ކުޑަކުޑަ ދަރިޔަކު ތަހުނިޔާއާ އެކީ އެބަ އުޅެއެވެ. އަނބިމީހާއާ ބައްދަލުކުރަން ދިއުންއެއީ ، އެހެން ހުރިހާކަމެއް ދޫކޮށްލާފައި ކުރަންޖެހޭނެ ކަމެކެވެ.

މުރުތަޟާ ބޭނުންވަނީ ، ކުޑަދުވަސްކޮޅަކު ، ތަހުނިޔާ އެގޭގައި ބައިންދާށެވެ. މި ވަގުތަކީ ، ތަހުނިޔާގެ މައިންބަފައިންގާތުގައި ހުރެލަން އެންމެ މުނާސަބު ވަގުތެވެ. ތަހުނިޔާ އެދޭނީވެސް އެގޮތެވެ. އެހެން ނޫނަސް ، ދުނިޔޭގެ ކުރިމަތީ ، ތަހުނިޔާ އެހުރީ މުރުތަޟާގެ އަގުވައްޓާލައި ، ފަޟީޙަތްކޮށްފައެވެ. މަންމަމެން އަދިވެސް ، ނަގައިގެން އެއުޅެނީ ތަހުނިޔާގެ ކޮޅެވެ. އެކަކުވެސް ، ޙަޤީޤަތަށް ވިސްނައިލުމެއް ނެތެވެ. ތަހުނިޔާ އަނބުރާ ގެޔަށް ގެނައުމުގައި މުރުތަޟާގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެނަސް ، އިންސާނެއްވިއްޔާ ލަދުޙަޔާތުގެ ކޮންމެވެސް މިންވަރެއް ހުންނަންވާނެއެވެ. ތަހުނިޔާގެ މައިންބަފައިންގެ ކުރިމައްޗަށް ނުކުތުމަކީ ، މުރުތަޟާއަށް އޭނާގެ ނަފުސަށް ކުރެވޭ މަލާމާތެކެވެ. އެކަންކުރަން އޭނާ ލަދުގަނެއެވެ.

މުރުތަޟާއަށް ރަނގަޅަށް ނާސްތާއެއްވެސް ނުކުރެވުނެވެ. ލަސްވެއްޖެޔޭ ބުނެ އޮފީހަށްދާން ނުކުތެވެ. އޮފީހަށް ދިއުމާއެކު ، އަމީން އިޙްސާންއާ ބައްދަލުކުރަން އޭނާއަށް އެންގުނެވެ. ވެގެން އުޅޭގޮތެއް މުރުތަޟާއަކަށް އެއްވެސް ވަރަކަށް ނޭނގެއެވެ. އިޙްސާންގެ އޮފީހަށް ވަދެ ސަލާމް ކޮށްލުމަށްފަހު ޙާލުއަޙުވާލު އަހާލައި ، ކުރިމަތީހުރި ގޮނޑީގައި މުރުތަޟާ އިށީނެވެ. މުރުތަޟާ އިނީ ވަރަށް ހަމަޖެހިފައެވެ. ހިނިތުންވެލައިގެންނެވެ. އިޙްސާން އައީ ކޮންއިރަކުތޯ މުރުތަޟާއަށް އަހައިލެވުނެވެ. އެސުއާލަށް އިޙްސާން ދިން ޖަވާބުން ، މުރުތަޟާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އަވަސްއަވަހަށް ގޮސް އައިސްވާން އެބަޖެހޭކަމުގައި ، އިޙްސާން ބުނުމާއެކީ ، އެ ޖުމްލައިގެ މާނަ ، މުރުތަޟާއަށް އެތައް ގޮތަކަށް ނެގިގެންދިޔައެވެ.

ވިޔަފާރިވެރިޔަކަށް އޭނާގެ ގެޔަކީ ، ދަތުރުފަތުރުކުރުންކަމަށް އިޙްސާން ބުންޏެވެ. ދަތުރުމަތީ އުޅޭއިރު ، ވިޔަފާރީގައި މަކަރުހަދައި ޚިޔާނާތްތެރިވަނީ ކޮންބައެއްކަމެއް ނޭނގޭނެއެވެ. އެހެންވީމާ ، އަވަސްއަވަހަށް ގޮސްއައިސްވާން ޖެހެއެވެ. އެކަން ކުރަނީ ކޮންބައެއްކަން ދެނެގަތުމަށްޓަކައެވެ. މުރުތަޟާގެ މޫނުމަތީގައިވާ ހިނިތުންވުން އެއްކޮށް ފިލައިގެންދިޔައެވެ. އަދި ، އިޙްސާންގެ މޫނަށް ފުން ނަޒަރަކުން ބަލައިލެވުނެވެ.

" މިވޭތުވެދިޔަ ދެމަސްދުވަހު ، އަހަރެންގެ އޮފީހުގައި މުރުތަޟާއުޅެފައިވާ ގޮތާއި ވަޒީފާއަށް ލިބިފައިވާ ކުރިއެރުންތައް ، ބަލައިލައިފީމެވެ. ދެމަސްދުވަހުގެ ތެރޭގައި ދެފަހަރަށް ޑަބަލް ޕްރޮމޯޝަން ލިބިއްޖެއެވެ. ސަތޭކަ އިންސައްތަ މުސާރަ ބޮޑުވެއްޖެއެވެ. އެއީ ، ޙައިރާންވާވަރުގެ ކުރިއެރުމެކެވެ. އެވަރުގެ ކުރިއެރުމެއް މުރުތަޟާ ޙާޞިލްކުރިގޮތެއް ، އަހަރެންނަށްވެސް އެނގިލަން އެބަ ޖެހެއެވެ. މިވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ، މުރުތަޟާ މަސައްކަތްކޮށްފައިވާ ގޮތުގެ ރިޕޯޓެއް އަހަރެންނަށް ގެނެސްދީބަލާށެވެ. ކުރިހާ ރަސްމީ ދަތުރުތަކާއި ، ނިންމާފައިވާ ޕްރޮޖެކްޓްތަކާ އަދި ބައްދަލުކުރި މީހުންނާ ، ތަންތަނަށް އެކުގައި ދިޔަމީހުންގެ ހުރިހާ ތަފްޞީލެއް އަކުރުން އަކުރަށް ލިޔެފައި އޮންނަންވާނެއެވެ. އަދި ، މާދަމާ ހެނދުނު އެ ރިޕޯޓް ހިފައިގެން އައިސް އަހަރެންނާ ބައްދަލުކުރާށެވެ ! ދެން ދިޔަޔަސް އެންމެ ރަނގަޅެވެ. " މަލާމާތުގެ ރާގެއްގައި އިޙްސާން ބުންޏެވެ.

މުރުތަޟާ އެތަނުން ނުކުމެގެން ދިޔައިރު ، ނިތްކުރިޔަށް އަރާފައިހުރި ރޫތައް އިޙްސާނަށް ފެނުނެވެ. އިޙްސާން އިނީ މަލާމާތުގެ ހިނިތުންވުމެއްގައެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.