"ރަފަހް އަނދަނީ" ނަމުގައި އެއްވުމެއް މިއަދު ބާއްވަނީ

"ރަފަހް އަނދަނީ" މި ނަމުގައި އެއްވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ.

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހިންގަމުން ގެންދާ ގަތުލުއާންމާ ގުޅިގެން ބާއްވާ މި އެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައެވެ.

އިސްރާ އެސޯސިއޭޝަނުން އިސް ނަގައިގެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ބާއްވާ މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އިސްރާ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގައި މިހާތަނަށް އައިއިރު، 36،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެ ހަމަލާތަކުގައި 80،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. އިސްރައީލްގެ ހަމަލާތަކުގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ އިރު، 10،000 އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެމީހުން ބެލެވޭ ގޮތުގައި ތިބީ އިމާރާތްތަކުގެ ދަށުވެފައެވެ.

އިސްރާއީލާ ދެކޮޅަށް ރާއްޖޭގައި މީގެކުރިން ވެސް ހަރަކާތްތަކެއް ބޭއްވިއެވެ.

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މީގެ ދެރޭ ކުރިން ޔަހޫދީ ޒަޔަނިސްޓް ހަނގުރާމަވެރިން ވަނީ ރަފަހު ސިޓީގައި ބޮޑު ލާއިންސާނީ ގަތުލުއާންމެއް ހިންގައިފަ އެވެ. ރަފާހުގެ ގޯތި ގެދޮރު ތަޅާލުމުގެ ސަބަބުން މަގުތައް މަތީ ދިރިއުޅެންޖެހިފައިވާ އެތައް ސަތޭކަ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ތިބި ފޭލިގެތަކެއްގައި ހުޅުޖަހައި ވަނީ އަންދާލައިފަ އެވެ.

މި ޖަރީމާގެ ސަބަބުން ޔަހޫދީންނަށް ސަޕޯޓްކުރާ ބައެއް ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ވެސް ވަނީ އެކަންށް ކުށްވެރިކޮށްފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.