ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މުދާއުފުލާ ދޯނި ފެނިއްޖެ

ކ.ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ "އޭއޭއޭ 37"  ދޯނި ފެނިއްޖެ

ކ. ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މުދާ އުފުލާ ދޯންޏެއް ކަމަށްވާ "އޭއޭއޭ 37"  ދޯނި ފެނިއްޖެއެވެ.
މި ދޯނި ފެނިފައިވަނީ، 2024 މެއި 20 ވަނަ ދުވަހުގެ ހެނދުނު 10:19 ހާއިރުއެވެ. ދޯނި ފެނުނުއިރު، އޭގައި ތިބި ހަތަރު ފަޅުވެރިން ތިބީ ގަދަވެ ސަލާމަތުންނެވެ.

އެ ދޯނިން ދަތުރުކުރީ ތިން ބިދޭސީންނާއި ދިވެއްސެކެވެ.

މޭ 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރެވެ.

މިގޮތުން އެ ދޯނި ގެއްލިގެން ހޯދުމަށް ކުރެވުނު މަސައްކަތުގައި ކަނޑުމަގުން 9415 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބެލިފައިވެއެވެ. އަދި ވައިގެމަގުން 6954 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބެލިފައިވެއެވެ.

މި ހާދިސާގައި ކަނޑާއި ވައިގެ މަގުން ޖުމުލަ  16369 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބެލިފައެވެ.
އެމްއެންޑީއެފް ވަނީ، އެ ދޯނި ދަތުރުކުރަމުން އައި ސަރަހައްދަށް ގޮސް، އެ ދޯނީގެ ފަޅުވެރިންނާ ބައްދަލުކޮށްފައެވެ.

އެ ދޯނި މިހާރު އޮތީ ވ.ރަކީދޫ ބަނދަރުގައެވެ. އަދި އެމްއެންޑީއެފް ގެންދަނީ އެ ދޯންޏަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ‏

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.