ޕާޓީތަކުގެ މަގުސަދަކަށް ވާންޖެހޭނީ އިގްތިސާދު"ފުނޑާލުމެއް"ނޫން: އައިބީ

ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަދައިގެން ތަފާތު ފިކުރުތަކުގައި މަސައްކަތް ކުރުމުގެ މަގުސަދަކަށް ވާންޖެހޭނީ ރާއްޖޭގެ އިގްތިސާދު "ފުނޑާލުމަށް" މަސައްކަތް ކުރުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށާއި، ކޯޓުތަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފައިސާ ބަހަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންބައެއް ކަމެއް ވިދާޅެއް ނުވެއެވެ.

"މިކަންކަން ކުރުމުގެ ބަދަލުގައި ލާރިހުރިއްޔާ ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ދައްކައިފައި ދެންބާކީހުރި ލާރިން ރައްޔިތުންގެ އެކިއެކި ޒަރޫރީ މުހިންމު ބޭނުންތަކަށް (އިޖުތިމާއީ އަދި އިގްތިސާދީ) ބޭނުންތަކަށް އެފައިސާ ޚަރަދު ކުރަންވީ ނޫންތޯ ކޮންމެ މީހަކުވެސް،" އޭނާ ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަދައިގެން ތަފާތު ފިކުރުތަކަށް މަސައްކަތް ކުރުމަކީ ގައުމާއި އަދި ރާއްޖެގެ އިގްތިސާދު ފުނޑާލަން މަސައްކަތް ކުރުމެއްނޫން ކަމަށެވެ.

"ރާއްޖެގެ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަންޖެހޭނީ ގައުމުގެ އެއްބައިވަންތަކަމާއި އިސްލާމްދީނާއި ދިވެހިރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި. އަޅުގަނޑުމެން ނުޖެހޭ އަޅުގަނޑުމެންގެ ގައުމު ބައިބައި ކުރުމަށް މަސައްކަތް ކުރަން. އެއީ ސިޔާސީ ޕާޓީތަކުގެ ދައުރެއް ކަމަށް އަޅުގަނޑު ގާބޫލެއް ނުކުރަން. ގާނޫނު އަސާސީންވެސް އަދި ގާނުނުތަކުންވެސް ސިޔާސީ ޕާޓީތަކަށް ލިބިގެންވާ ހައްގެއްނޫން އެއީ ދިވެހިގައުމަށް ޣައްދާރުވުމަކީ،" އައިބީ ވިދާޅުވިއެވެ.

އެހެންވީމާ ރަށްރަށާއި، ޚާއްސަކޮށް މާލޭގެ މަގުމަތީގައި ހަމަޖެހުން ގާއިމްވެފައި އޮއްވައި، އެ އަމަންއަމާންކަން ނަގާލަން މަސައްކަތް ކުރުމާއި ތަންތަނަށް އެއްވެ މުޒާހަރާ ކުރުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ރާއްޖޭގެ އަގު ވައްޓާލުމަށްޓަކައި ބޭރު ދުނިޔެއަށް ތަފާތު ނުބައި މަންޒަރުތައް ދައްކަން މަސައްކަތް ނުކުރުމަށްވެސް އޭނާ ގޮވައިލެއްވިއެވެ.

"އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ރާއްޖެއަކީ އަބަދުވެސް ޒަމާނުއްސުރެން އެންމެން ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ގައުމެއްގެ ގޮތުގައި އޮތްތަނެއް ކަމަށްވީމާ ގައުމު އެ ގޮތުގައި ބާއްވަން ހުރިހާ އެންމެންވެސް މަސައްކަތްކޮށްދެއްވުމަށް އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.