މާލޭ ސިޓީގެ މޭޔަރުގެ މަގާމު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިޚާބުކޮށްފިއެވެ.
އެމްޓީސީސީގެ ކުރީގެ ސީއީއޯ މި އިންތިހާބު ކާމިޔާބުކުރެއްވީ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ.
މި ބައި އިލެކްޝަންގައި ބޮޑު ފަރަގަކާއި އެކު މާލޭގެ މޭޔަރުކަން އާޒިމް ކާމިޔާބުކުރެއްވިއިރު، ދެން ވާދަކުރެއްވީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު، ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހު، އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އަދި ޝުއައިބު ޢަލީއެވެ.
އާޒިމް އިންތިހާބު ކާމިޔާބުކުރެއްވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނައަށް މަރުހަބާ ކިޔަމުންނެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ އަށް ކައުންސިލަރުން އިންތިހާބު ކުރުން ވެސް މިއަދު އޮތެވެ. އެ ތިން ދާއިރާ އަކީ ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން މެދު ހެންވޭރު ދާއިރާ އެވެ.