ދީނުގެ ވާހަކަތަކަށް ދީނާދުރު މީހުންދޭނީ ބީރުކަތްފަތެއް: މިނިސްޓަރ ޒިޔާދު

އިސްލާމްދީގެ ވާހަކަ ދައްކާ ކަމަށްވާނަމަ ދީނާ ދުރުމީހުން އަބަދުވެސްދޭނީ ބީރުކަންފަތެއް ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "އިސްލާމްދީނާ ދުރު އިސްލާމްދީނުގެ ފިކުރާދުރު، ވިސްނުންތަކަކަށް ހަގީގަތުގައި ވިސްނޭނީ އިސްލާމްދީނުގެ ވާހަކަ ގެންނަންޏާ އެއަށް ބީރުކަންފަތެއް ދެވޭނީ،"

މިނިސްޓަރ އެވާހަކަ އެގޮތަށް ވިދާޅުވީ މިއަދުގެ ހުކުރުނަމާދުގައި މިސްކިތްތަކުގައި ކިޔައިފައިވާ ޚުތުބާއާ މެދު މީހުން ވަރަށް ބޮޑަށް ފާޑުކިޔަމުންދާތީ އެއަށް ރައްދު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެގޮތަށް ފާޑުކިޔުމުން ދޭހަވެގެންދިޔައީ ގިނަދިވެހިން ހުކުރު ޚުތުބާއަށް ސަމާލުވެ އަޑުއަހަމުންދާކަން ކަމަށެވެ. އެއީ އެމަނިކުފާނު ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދުގެ ހާދިސާއިން ދޭހަވެއްޖެ ރާއްޖޭގެ ގިނަ ބަޔަކު ހުކުރު ޚުތުބާއަށް ޝައުގުވެރިވާކަމާއި، ހުކުރު ޚުދުބާ އަޑުއަހަމުންދާކަން. މީގެ ކުރިން އަޅުގަނޑުމެންނަށް އަޑު މިއިވެނީ ޚުތުބާގައި އާންމުކޮށް އެއްވާހަކައެކޭ މިދައްކަނީ. މިސްކިތު ކުޑަދޮރުން ކުޅުޖަހާ ވާހަކައާއި، މިސްކިތުން ޚަތިމު ވަގަށް ގެންދާ ވާހަކައާއި، މިސްކިތުގައި ހުންކުނާ ވަގަށް ގެންދާވާހަކަ އިނގޭތޯ. އެހެންމަވެސް މިއަދު ޚުތުބާތައް ތަފާތުވެއްޖެ. ޚުތުބާގެ އަސްލު މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން ޚުތުބާތައް ނެރެވެންފެށީ މިހާރު،" މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދުގެ ޚުތުބާގައި ރައީސް ޔާމީންގެ ނަންފުޅުވެސް ނޯންނާނެ. އެއީ އަޅުގަނޑުމެން ހަދައިގެން ދައްކައިފައިވަހުރި ވާހަކައެއްނޫން. އެއީ ކީރީތި ގުރުއާނާއި، ރަސޫލާގެ ސުންނަތުން ސާބިތުވާ އުސޫލުތަކާއި ހަމަތަކުގެ މަތީގައި ލިޔެފައިވާ ޚުތުބާއެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވެރިންނަށް ކިޔަމަންވުމަކީ ކޮބައިކަން މުސްލިމުންނަށްވީތީވެސް އެނގެންޖެހޭ ކަމަށެވެ. އެކަން އިސްލާމީ އުސޫލަތަކާއި، އިސްލާމީ ޝަރިއަތުގައި އޮންނަ މިންވަރު އެނގެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ހަމައެކަނި ދީނުގައި އެނގެންޖެހޭނީ ހައިޟު، ނިފާސްއާއި، ނުވަތަ ދެ އަންބަށް ކައިވެނި ކުރުމެއްނޫން. މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނައިލްމުވެރިން ދަންނަ ވާހަކައަކީ،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނުގައި ވެރިކަންކުރުމުގެ ނިޒާމަކީ ރަސޫލާގެ ސުންނަތާއި، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިއޮތް އަސާސެއް ކަމަށެވެ. "މިއީ ބީރައްޓެހި އެއްޗެއްނޫން އިސްލާމީ ޝަރީއަތާ. އިސްލާމްދީނުގައި ވެރިކަންކުރާ ނިޒާމަކީ ކީރިތި ގުރުއާނުގައި އެއްތައް އާޔަތެއްގައި ވާރިދު ވެގެންއައިސްފައި އެބައޮތް ރަސޫލާގެ ސުންނަތުން، ހަދީސް ތަކެއް ސާބިތުވާން އެބައޮތް. އެހެންވީމާ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހުންނަ އުސޫލުތަކާއި ހަމަތަކެއް އެއީ ވެރިންނަށް ކިޔަމަންވުން،" އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އެކަން ބަޔާންކުރަން ޖެހުނު ސަބަބަކީ އެއްވެސް ހަމައެއްނެތި ރާއްޖޭގެ ގާނޫނީ އަދި ޝަރުއީ ގޮތުން އުފެދިފައިއޮތް ސަރުކާރެއް ވައްޓާލުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަކަށް ދިވެހި ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށްވެސް ވިދާޅުވިއެވެ. އެއީ އިސްލާމިކް މިނިސްޓްރީން އިސްނަންގަވައިގެން ކުރެއްވި ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.