ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް ހިންގަމުންދާ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިތުރު 30 ވީލްޗެއާ ހަދިޔާކުރުމަށް ނިންމައިފިއެވެ.
މިއާއެކު، 2017 ވަނަ އަހަރުން ފެށިގެން ބޭންކުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 90 އަށް ވުރެ ގިނަ ރަށެއްގެ 230 އަށް ވުރެ ގިނަ ފަރާތަށް ވީލްޗެއާ ވަނީ ހަދިޔާކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ " ގިނަ އާންމު ފަރުދުންނާއި އެފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު ދައުރެއް އަދާކޮށްދޭ އަދި އަޅުގަނޑުމެން ހިދުމަތްކުރާ މި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަޅުގަނޑުމެން ކުރާ މުހިންމު އިންވެސްޓްމަންޓެއް. ރާއްޖޭގެ އެކިކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން."
އަމިއްލަ އަށް ވީލްޗެއާ އޮޕަރޭޓް ކުރެވޭނެ ފަރުދުންނަށް މޮޓޮރައިޒް ވީލްޗެއާ ހަދިޔާކުރުމުގެ އިތުރުން، އެއްތަނުން އަނެއްތަނަށް ދިއުމަށް އެހެން މީހުންނަށް ބަރޯސާވާންޖެހޭ ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ހާއްސަކޮށް މިއަހަރު ބޭންކުން ވަނީ މެނުއަލް ވީލްޗެއާވެސް ހަދިޔާކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ބޭންކުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. މިގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް ހިންގަމުންދާ ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތު ޑިސޭބިލިޓީ (އެމް.އޭ.ޕީ.ޑީ) އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އަހަރީ ޕްރޮގްރާމްތައް ހިންގުމަށް ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.