ޑރ. މުއިއްޒުގެ ކެންޕޭން ދަތުރުތައް އަތޮޅުތަކަށް މިއަދު ފަށަނީ

ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެންޕޭން ދަތުރުތައް އަތޮޅުތަކަށް މިއަދު ފަށާނެ ކަމަށް ބުނެފިއެވެ.

މާލޭގައި ޑރ. މުއިއްޒުގެ މައި ކެމްޕޭން ޖަގަހައެއް ހުޅުވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރާއްޖޭގެ 20 އަތޮޅަށް ކެމްޕޭން ޓީމުތައް ފުރާނެ ކަމަށެވެ. އަދި މުޅި ރާއްޖޭގައި ކެމްޕޭން ޕީޕީއެމް/ޕީއެންސީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޑރ. މުއިއްޒުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައިވަނީ މޯލްޑިވިއަންގެ ކުރީގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު އަމީންއެވެ.

ރޭގެ ކެމްޕޭން ޖަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ އިގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ފަލާހު ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވާފައެވެ.

ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށްފަހ ފަލާހު ވިދާޅުވެފައިވަނީ، ރައީސް ޔާމިން މިނިވަންކުރުމަށް މަގުމައްޗަށް ނިކުންނަން ޖެހިއްޖެނަމަ އެކަމަށްވެސް އޭނާ ހުންނެވީ ތައްޔާރަށް ކަމުގައެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިޚާބުވެވަޑައިގަތުމަށްފަހު ތަންފީޒު ކުރައްވާނީ ރައީސް ޔާމިންގެ ތަރައްގީގެ ސިޔާސަތުކަމަށެވެ.

މީގެ އިތުރުން ރާއްޖެ ދެންވެސް ތަރައްގީވެގެންދާނީ އެ ސިޔާސަތު ތަންފީޒު ކޮށްގެން ކަމުގައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޑރ. މުއިއްޒުގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) އެވެ. އަދި ސްޕޯކްސްޕާސަންގެ މަގާމަށް ހަމަޖައްސާފައިވަނީ ޕީޕީއެމްގެ ސެކްރެޓަރީީ ޖެނެރަލް މުހައްމަދު ތޮލާލެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.