ރާއްޖޭގެ އަމާންކަން ނަގާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނަން: ސިފައިން

ރާއްޖޭގައި ގާއިމްވެފައިވާ އަމާންކަން ނަގާލުމަށް އެއްވެސް ފަރާތަކަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ދިވެހި އަސްކަރިއްޔާއިން ވިދާޅުވެއްޖެއެވެ.

އަންނަ ހުކުރުދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެއްވުމާ ބެހޭ ގޮތުން ފުލުހުންނާ ގުޅިގެން އެމްއެންޑީއެފްއިން ނެރެފައިވާ ބަޔާން އިއްވަވައި ދެއްވަމުން ސިފައިންގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެ އެއްވުމަކީ ސުލްހަމަސަލަސްކަން ނަގާލުމަށް ސިޔާސީ ބައެއްފަރާތްތަކުން ބާއްވާ އެއްވުމެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން "ރާއްޖޭގައި ގާއިމްވެފައިވާ އަމާންކަން ނަގާލުމަށް އެއްވެސް ފަރާތަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އަސްކަރިއްޔާގެ ފަރާތުން ދިވެހިލޮބުވެތި އެންމެހާ ރައްޔިތުންނަށް އަރުވަން،" އާޒިމް ވިދާޅުވިއެވެ. އެހެންވީމާ އެ ގޮވާލުމަށް އެއްވެސް ދިވެއްސަކު އިޖާބަ ނުދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ދިވެހި އަސްކަރިއްޔާއިން މިހާރު ގެންދަވަނީ ގާނޫނީ ގޮތުން މަތިކުރައްވައިފައިވާ ޒިންމާ އަދާކޮށް "މިހާރު ރާއްޖޭގައި ގާއިމްވެފައިވާ އަމާންވެށި މިގޮތުގައި ދެމެހެއްޓުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސަސްއާ ގުޅިގެން މަސައްކަތްކުރަމުން" ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.