މާފުށީ ޖަލުގައި މިހާރު ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް މިނިވަން ކުރުމަށް ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ސަރުކާރަށް ގޮވާލައިފިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ދުންޔާ ބައްޕާފުޅު ދޫކޮށްލުމަށް ގޮވާލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިއީ މައުމޫން ދޫކޮށްލުމަށް ދުންޔާ ގޮވާލެއްވި ފުރަތަމަ ފަހަރެވެ. ދުންޔާ ވަނީ މައުމޫން ދޫނިދޫ ޖަލުގައި ހުންނަވަނިކޮށް އާއިލާގެ އެހެން ބޭފުޅުންނާއެކު ބައްދަލު ކުރުމަށްވެސް ވަޑައިގެންފައެވެ.
ދުންޔާގެ ޓްވީޓުގައި ސަރުކާރަށް ގޮވާލައްވާފައި ވަނީ ބައްޕާފުޅާ ބައްދަލު ކުރުމުގެ ފުރުޞަތު އާއިލާގެ މެމްބަރުންނަށާއި އެމަނިކުފާނުގެ ލޯޔަރުންނަށްވެސް ދެއްވުމަށެވެ. އަދި މައުމޫނަށް ބޭނުންފުޅުވާ ސިއްޙީ ފަރުވާ ލިބޭނެގޮތް ހަދައިދިނުމަށްވެސް ވަނީ ގޮވާލައްވާފައެވެ. ބައްޕާފުޅު ސިފަކުރައްވަމުން ދުންޔާ ވިދާޅުވެފައި ވަނީ އެއީ ދިވެހި ގައުމުގެ ބައްޕަގެ ގޮތުގައެވެ.
ދުންޔާ މިފަދައިން ގޮވާލެއްވިއިރު ކުއްލި ޙާލަތު އިއުލާން ކޮށްފައިވާތީ މާފުށީ ޖަލުގައި ހުންނެވި މައުމޫންއާ އާއިލާ ބޭފުޅުންނާއި އަދި ވަކީލުންނަށްވެސް މިވަގުތު ބައްދަލު ނުކުރެވޭނެކަން ވަނީ އަންގާފައެވެ. 81 އަހަރުފުޅުގެ މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.