"ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ މަސައްކަތަށް އާންމުންގެ ބޮޑު ތަރުޙީބެއް

މާލެ ސިޓީ ކައުންސިލްގެ "ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ މަސައްކަތަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެންފަށައިފިއެވެ.

މެއި މަހުގެ 14 ވަނަ ދުވަހުގެރޭ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވި މާލެ ސިޓީ ކައުންސިލްގެ "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް” ގެ މުވައްޒަފުންގެ މަސައްކަތްތައް މިހާރު ފެށިގެން ގޮސްފައިވާއިރު، އެ މުވައްޒަފުން ފާހަގަކުރާ ގޮތުގައި މާލެތެރޭގައި ހުރި އާއްމު މައްސަލަތައް ހައްލު ކުރުމަށް ރައްޔިތުންގެ ފަރާތުން ދަނީ ފުރިހަމަ އެއްބާރުލުން ލިބެމުންނެވެ.

އެގޮތުން މާލެ އަދި ވިލިމާލޭގެ މަގުތަކުގައި 16 ގަޑިއިރު މި ޓީމުން ޙަރަކާތްތެރި ވަމުންދަނީ މުނިސިޕަލް މައްސަލަތައް ހައްލު ކުރުމަށެވެ. ބާޒާރުމަތިން ފެށިގެން މާލޭގެ އެކި ސަރަޙައްދުތަކުން ފާހަގަކޮށްލެވޭ މައްސަލަތަކާއި، އާންމު އުނދަގޫ ވާނެހެން ހުރި ކަންކަން އިސްލާހު ކުރުމަށް މިޓީމުން ކުރާ މަސައްކަތުގައި އާންމުންގެ ވަރަށްބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.

މި މަސައްކަތާއި ގުޅޭގޮތުން "ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ އޮފިސަރ މުޙައްމަދު ރަޝީދު ވިދާޅުވީ މަސައްކަތް ކުރަމުންދާއިރު ބޮޑެތި މައްސަލަތައް ފާހަގަވާ ކަމަށާއި، އެހެންނަމަވެސް ޤަވާއިދާ ޚިލާފަށް ހުންނަ ކަންކަން ފާހަގަކޮށްދީ ރަނގަޅުގޮތް ބުނެދިނުމުން އާންމުން އެކަމަށް އެއްބާރުލުން ދެއްވާ ކަންކަން އިސްލާހު ކުރަމުންދާކަމަށެވެ. އެގޮތުން މާލޭގެ އެންމެ ކާރޫބާރުބޮޑު ބާޒާރުމަތީގެ ކަންކަމަށް ބަލާއިރު ހިނގާ މީހުންނަށް އުނދަގޫވާނެހެން މަގުމަތީގައި ބަހައްޓާފައިވާ ތަކެތި ނަގާ ހަމަޔަކަށް އެޅުވުމުގައިވެސް އެންމެންގެ އެއްބާރުލުން ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މަޤްޞަދަކީ މާލެސިޓީ އަމާން ރީތިތަނަކަށް ހެދުން ކަމަށާއި، މާލެ ސިޓީ އަކީ މާލޭގެ ރައްޔިތުންނަށް އަމާން މާލެއެއް ހޯދައިދިނުން ކަމަށެވެ. އަދި މި ދެދުވަހުގެ މަސައްކަތަށް ބަލާއިރު މިއީ ކާމިޔާބު މަސައްކަތެއް ކަން އޭނާ ފާހަގަކުރިއެވެ.

މި ޚިދުމަތާއި ގުޅިގެން މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދާދި ފަހުން ތަޢާރަފްކުރި ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުން މުޖުތަމަޢުއާ ގުޅިގެން މަސައްކަތް ކުރަމުންދަނީ މާލެސިޓީ އަކީ މިހާރަށްވުރެ ސާފުތާހިރު އަދި ތަރުތީބުން ދިރިއުޅެވޭނެ ސިޓީއަކަށް ހެދުމަށް ކަމަށެވެ. ތަފާތެއް ގެނެވޭނީ ރައްޔިތުންގެ މަސްލަޙަތު އިސްކޮށްގެން ރައްޔިތުންނާއި އެކުގައި މަސައްކަތްކޮށް އަދި މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ދައުރު އަދާކޮށްގެން، ކަމަށް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.

ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ މުވައްޒަފުންނާ ހަވާލުކޮށްފައިވާ ބައެއް ޒިންމާތަކުގެ ތެރޭގައި މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުމާއި ޕެލެޓް ބެހެއްޓުމާއި މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން ހިމެނެއެވެ. އަދި ޕާކް ކުރުމުގެ މައްސަލަތަކާއި ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން) އަދި އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަ ބެލެހެއްޓުމާއި ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން ހިމެނެއެވެ.

މާލެ ސިޓީ ކައުންސިލުން އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފަ އެވެ. އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެ އެވެ.

އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.