ޖަލަށް ޙުކުމް ކޮށްފައިވާ ސިޔާސީ ގިނަބޭފުޅުންތަކެއް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުފެދުނު ނުތަނަވަސް ކަމުގެ ތެރޭގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ ދެފަނޑިޔާރަކާއި އިތުރު ސިޔާސީ ފަރާތްތަކެއް ހައްޔަރު ކޮށްފައިވާތީ ރާއްޖެއާމެދު ފިޔަވަޅު އެޅުމަށްޓަކައި އދ ގެ ސަލާމަތީ މަޖިލީހުގައި މަޝްވަރާ ކުރުމަށް ބޭއްވި ސިއްރު ބައްދަލުވުމުގައި ޗައިނާ އާއި ރަޝިޔާ އަދި ސައުދީއަރަބިއްޔާ ދިވެހި ސަރުކާރާ އެއްކޮޅަށް އަރައިފިއެވެ.
އދ ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި ދެއްކި ވާހަކަތައް އެ މަޖިލީހުގެ ފަރާތުން ހާމަނުކުރެއްވި ނަމަވެސް ސަލާމަތީ މަޖިލީހުގައި ސަރުކާރަށް އެހީތެރިވެ، އެންމެ ބޮޑަށް މަސައްކަތް ކޮށްދެއްވި ގައުމުތަކުގެ ނަންތައް ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ސިއްރު ޖަލްސާގައި ރެޔާ ހަމައަށްވެސް ވާހަކަ ވާހަކަ ދެކެވެމުން ދިޔައީ ރާއްޖެއާމެދު ފިޔަވަޅު އެޅުމާއި ބެހޭގޮތުންނެވެ. އަދި ރާއްޖޭގެ މައްސަލަ އދ ގެ ރަސްމީ އެޖެންޑާއަށް ގެންނަ ހިސާބުގައި އޮއްވައި މި މައްސަލައިގައި ސަރުކާރަށް ޚާރިޖީ ގޮތުން ''ނަސްރު ލިބުނީ'' ޗައިނާ އާއި ރަޝިޔާގެ އިތުރުން ސައުދީއަރަބިއްޔާގެ އެހީތެރިކަމާއެކުކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި ސަރުކާރާ އެއްކޮޅަށް އޮތް ތިން ގައުމުގެ ތެރެއިން ޗައިނާ އާއި ރަޝިޔާއަކީ އެ މަޖިލީހުގެ ދާއިމީ ދެގައުމު ކަމަށްވުމުން އެ މަޖިލީހަށް ހުށަހެޅޭ ކަންކަން ވީޓޯ ކުރުމުގެ ބާރު ދެގައުމަށް އޮވެއެވެ. އދ ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ރާއްޖެއާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވިއިރު ޗައިނާ އާއި ރަޝިޔާގެ އިތުރުން ސައުދީ އަރަބިއްޔާއިން ސަރުކާރާ އެއްކޮޅަށް ތިބިއިރު އެމެރިކާ އާއި އިންޑިޔާ އާއި އިނގިރޭސިވިލާތުން ވަނީ ސަރުކާރުން އަމަލުކުރާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.