ކިރުއިލޮށި - 32

(9 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޝްހަރުގެ ހިތުގައި އޭނާގެ މައްޗަށް އުފެދިފައިވާ ރުޅިވެރިކަމާއި ނަފުރަތުގެ އަސްލަކީ ކޮބައިކަމެއް ، ހީއަކަށްވެސް ޚައިރާދަކަށް ނޭނގެއެވެ. އަޝްހަރުގެ ދަރިޔަކަށް އޭނާ ބަލިވެއިންކަމުގެ އުފާވެރި ޚަބަރު އިވިފައި ، އަޝްހަރު އުފާވެ ހިނިތުންވެލާތަން ބަލައިލަން ، ޚައިރާދު ނުހަނު ބޭނުމެވެ. ދެން ފެންނާނެ އަނެއް މަންޒަރަކީ ، އެކަމާ އަޝްހަރު އެއްވެސް ވަރަކަށް އުފާ ނުވުމެވެ. އޭނާގެ ހިތަށް ވަދެފައިވާ ވަހުމާއި ޝައްކުގެ އަނދިރިކަމުގައި ، އެއްވެސް ތަފާތެއް  ނުފެނުމެވެ. އެހެންކަމަށްވަންޏާ ، ޚައިރާދުގެ އެއްވެސް ކުށެއްނެތި ، އޭނާއަށް އެހާ އަނިޔާދީ ، ނިކަމެތިކޮށް ހިތަމުން ގެންދިއުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ ؟ އެނޫންގޮތެއްވެސް އޮންނަންވާނެ ނޫން ހެއްޔެވެ ؟

ޚައިރާދު ދެކެންބޭނުންވަނީ ، އެއުފާވެރި ޚަބަރު އިވޭހިނދު އަޝްހަރަށް އަންނަ ބަދަލެވެ. އެވާހަކަ އިވުމަށްފަހުވެސް ، ޚައިރާދުދެކެ އައިސްފައިވާ ރުޅިގަނޑު ނުފިލާ އޮންނާނީ ހެއްޔެވެ ؟ ނުވަތަ ، އެއްވެސް ކުށެއްނެތި އޭނާއަށް އަޝްހަރު ދެމުން އެގެންދާ އަނިޔާ ، ދަމަހައްޓަން އަޝްހަރަށް ކެރޭނެތޯ ބަލައިލުމަށެވެ. ކާރު ދުއްވަމުންދިޔައިރު ، ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނދެ ، ޚައިރާދުގެ ވިސްނުން އެގޮތްމިގޮތަށް އެނބުރެމުން ދެއެވެ.

އަޝްހަރު ނިކަން އައިސް ބަލާށެވެ ! މިއީ ، އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާނެ ކިހާ އުފާވެރި ވަގުތުކޮޅެއް ހެއްޔެވެ ؟ ކިހާ އުފާވެރި ޚަބަރެއް ހެއްޔެވެ ؟ އަޝްހަރު ކޮންމެގޮތަކަށް ހުރިނަމަވެސް ، ޚައިރާދު ހުރީކީ ދޫކުރާގޮތަކަށް ނޫނެވެ. އެއްވެސް ކުށެއްނެތި .ޚައިރާދަށް ލިބެމުން އެދާ ވޭނާއި އަނިޔާއާ ދެކޮޅަށް އޭނާ ހަނގުރާމަ ކުރާނެއެވެ. އަޝްހަރު އޭނާގެ ކޮޅަށް ގެނެވޭތޯ މަސައްކަތް ކުރާނެއެވެ. އެއީ އޭނާގެ ދިރިއުޅުމުގެ އުއްމީދެވެ. އެއުއްމީދާ ގުޅިފައިވާ އިތުރު ހުޅުކޮޅެއް ދިއްލެމުން އަންނަ ވަގުތު ، އަޝްހަރު ، އޭނާއާ ދުރަށް ދިއުމަކީ ، ވެގެންވާނެ ގޮތެއްނޫނެވެ. ﷲ އިރާދަކުރެއްވިއްޔާ ، އެކަން އެގޮތަށް ވިޔަކަ ނުދޭނެއެވެ.

ސާރާއާއި އަޝްހަރު ، އިސްލާމްއާބާދަށް ގޮސް އޮފީސް މަސައްކަތުގައި އަވަދިނެތި އުޅެމުން ގެންދިޔައެވެ. ސާރާ އައީ ، އަޝްހަރާއެކު އެކަނިވެލެވޭނެ ވަގުތަކަށް ބަލަމުންނެވެ. އެންމެ ފަހުން ، އެއްދުވަހެއްގެ ހަވީރު ހުސްވަގުތުކޮޅެއް ލިބޭގޮތް ވިއެވެ. އަދި އިސްލާމްއާބާދުގެ ވަރަށް މަޝްހޫރު ރެސްޓޯރެންޓަކަށް ދިއުމުގެ ޚިޔާލު ، ސާރާ ފާޅުކުރިއެވެ. އެދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށް ، އެކަކު އަނެކެއްގެ އިޙްސާސް ދެނެގަތުމުގެ މުހިންމުކަން ސާރާ ފާޅު ކުރިއެވެ. އެހެންނަމަވެސް ، އަޝްހަރު ބޭރަށްދާކަށް އެހާ ބޭނުމެއްނޫނެވެ. އަޝްހަރު ހޮޓަލުގައި މަޑުކޮށްލާނީކަމަށް ބުންޏެވެ. އޭނާ ރޭގަނޑުގެ ކެއުން ގެންނާނީވެސް ކޮޓަރިޔަށްކަމުގައި ބުންޏެވެ. މީހުންނާ އިނދެގެން އުޅޭމީހުންނާއި ، ހުސްހަށިބައިމީހުން ބޭރަށްގޮސް މަސްހުނިވެ އުޅުމަކީ ، ޖަމާޢަތް ޤަބޫލު ކުރާނެކަމެއްނޫންކަމުގައި އަޝްހަރު ބުންޏެވެ. ސާރާގެ ވިސްނުން އެއާ މުޅިން އިދިކޮޅެވެ. މީހަކާ އިނުމަކީ ، ތިމާގެ ރަޙުމަތްތެރިން ދޫކޮށްލުމެއްނޫނެވެ. ސާރާގެ ވާހަކަ އަޝްހަރަށް ޤަބޫލުކުރެވޭގޮތެއް ނުވިއެވެ. ސާރާއަށް އެއްޗެއް ވިސްނޭނީ ، މީހަކާ އިނދެވުނު ދުވަހަކުން ކަމުގައިބުނެ ، އަޝްހަރު އެކަމުން މަނާވެގަނެއެވެ.

ރޭގަނޑުގެ އިރާކޮޅުގެ ވަގުތު މަސައްކަތެއްނެތި ހުސްކޮށްދިއުމާއެކު ، އަޝްހަރު ދެކޮޅަށް ހިނގަމުން ދިޔައެވެ. އެނާގެ ހިތަށް އަރާ ފައިބަމުން އެދަނީ ، ގޮތްނޭނގޭ އިޙްސާސްތަކެކެވެ. ޚައިރާދުގެ ޙާލު ބަލައިލަންވެސް އެހާ ބޭނުމެވެ. އެކަމަކު އިސްވެ ، ޚައިރާދާ ގުޅައި ފޯނުކުރާކަށް ބޭނުމެއްނޫނެވެ. އަޝްހަރު އޭނާގެ މަންމަޔާ ގުޅައިލިއެވެ. އަދި ޚައިރާދުގެ ވާހަކައިން ސުއާލު ކުރިއެވެ. ޚައިރާދު ރަނގަޅުވާހަކަ ފަރީދާ ބުންޏެވެ. އެވަގުތު ، ޚައިރާދުވެސް އެތަނަށް އާދެއެވެ. އަދި ޚައިރާދު އެތަނަށް އައި ވާހަކައާއި އޭނާއަތަށް ފޯނުދެންތޯ އަޝްހަރުކުރެން އެހިއެވެ . ފަހުން ޚައިރާދާ ގުޅާ ، ވާހަކަ ދައްކާނަމޭ ބުނެ ، އަޝްހަރު ފޯނު ބާއްވައެވެ.

ޚައިރާދު ބަލިވެ އިނުމާބެހޭ އެއްވެސް ވާހަކައެއް އޭނާ  އަޝްހަރުގާތު ނުބުނާކަމަށް ފަރީދާ ބުންޏެވެ. އަޝްހަރަށް އެކަން އެނގޭއިރަށް ، ފްލައިޓެއް ޗާޓަރުކޮށްގެންވެސް ލަހެއްފަހެއްނެތި އަންނާނެކަމުގައިވެސް ފަރީދާ ބުންޏެވެ. އެކަން އެހެން ވެދާނެކަމަށް ހީނުވާކަމުގައި ޚައިރާދަށް ބުނެވުމުން ފަރީދާ އެކަމާ ޙައިރާންވިއެވެ. ޚައިރާދަށްވެސް އެބުނެވުނު އެއްޗެއް ރޭކާލީ ބުނެ ނިމުނު ފަހުންނެވެ. އެހެންކަމުން ، އެކަން ހަމަޖައްސައިލުމަށްޓަކައި އިތުރު ވާހަކައެއް ބުނަން ޚައިރާދަށް މަޖުބޫރުވިއެވެ. ޚައިރާދު އެހެންބުނީ ، އެންމެ ހަފުތާއަކަށް ގޮސް ، އެހާ މުހިންމު ބައްދަލުވުންތަކެއް ކެންސަލްކޮށްފަ އައުން އެކަށީގެންނުވާނެކަމަށް ފެންނާތީކަމުގައި ޚައިރާދު ބުންޏެވެ. ޚައިރާދުގެ ހިތުގައި އޮތް އެއްޗެއް ފޮރުވަން މަސައްކަތްކުރަމުން ، މަތި އޮމާން ކޮށްލިއެވެ.

ފަރީދާއަށް ، މަންޒަރުސާފެއްނޫނެވެ. ޚައިރާދުގެ ވާހަކަޔަށް ދެކޮޅު ހެދިއެވެ. ޚައިރާދުދެކެ ، އަޝްހަރު އިންތިހާއަށް ލޯބިވާކަމުގައި ފަރީދާ ބުންޏެވެ. އަޝްހަރާއި ޚައިރާދުގެ ލޯބީގެ ނީޝާންކަމުގައިވާނެ ، އޭނާގެ ދެލޯފަދަ މާމަދަރިފުޅުގެ ޚަބަރުން ، އަޝްހަރުގެ ހުރިހާކަމެއް ހުއްޓޭނެއެވެ. އެކުރާކަމެއް ދޫކޮށްލާފައި ، ޚައިރާދުގާތަށް ، އަޝްހަރު ވަގުތުން އަންނާނެކަމަށް ފަރީދާ ބުންޏެވެ.

ޚައިރާދާއި އަޝްހަރުގެ ވަސްމީރު މާބަގީޗާއިން ، ނުފޮޅޭ ވިހަމަލެއްގެ ވަސް ފަރީދާއަށް ދުވިކަހަލައެވެ. ޚައިރާދު ، މާބޮޑަށް ފިކުރު ބޮޑުކުރަނީ ކޮންކަމަކާތޯ އެހިއެވެ. އޭނާގާތުގައި ކައިރީގައި އިށީނދެލުމަށް އައުމަށް ފަރީދާ އެދުނެވެ. ބަލިވެއިނުމާގުޅިގެން ، ހިތްސާފުކޮށް ، ހިތްހަމަޖެހޭނެގޮތްތައް ހޯދައި އުފަލުގައިހުރުމަކީ ، ޑޮކްޓަރު ބުނިހެން ކޮންމެހެން ކުރަންޖެހޭކަމެއްކަން ، ޚައިރާދަށް ހަނދާންކޮށްދިނެވެ. އަދި ޤަވާޢިދުން ކެއުމުގެ މުހިންމުކަން ސާފުކޮށްދިނެވެ. ކެއުމަކީ ޚައިރާދަށް އެހާ ފަސޭހަކަމެއްނޫންކަމަށް އޭނާ ބުންޏެވެ. ޢާންމުގޮތެއްގައި ، ބަލިވެއިންނަ ދުވަސްވަރު މޭނުބައިކޮށްފަ ހުންނާނެތީ ، ބަނޑަށް އެއްޗެއްދިއުމުން ހޮޑުލަވާގޮތް ވާނެއެވެ. އެކަމާހުރެ ، އަލަށް ބަލިވެއިންނަ ގިނަކުދިން ، ކެއުމާ ދުރަށްދާނެއެވެ. ކެއުންމަދުވުމާގުޅިގެން ، ހަށިގަނޑު އަނަރޫފަވެ ، ބަނޑުގައި ގަރުބަ ގަންނަމުންދާ ތުއްތު ކުއްޖާގެ އުފެދުމަށް އޭގެ އަސަރު ފޯރައެވެ. ކުއްޖާއަށާއި މައިމީހާއަށް ބޭނުންވާ ވިޓަމިންގެ ބާވަތްތައް ނުލިބި ، ޞިއްޙަތަށް އޭގެ ނޭދެވެ އަސަރު ފޯރައެވެ. ފަރީދާ ކުރުނުކޮށްގެން ޚައިރާދު ކާމޭޒުދޮށަށް ދިޔައެވެ. އަދި ފަރީދާގެ އަތުން ލަވައިދީގެން ، ޚައިރާދަށް ކޮންމެވެސް ވަރަކަށް ކާން ދިނެވެ.

ރޭގަނޑުގެ ނިދާގަޑިއަކީ ، ޚައިރާދަށް އެންމެ ވޭންދޭ ގަޑިއެވެ. އެކޮޓަރިއާއި އެ އެނދަކީ ، އަޝްހަރާއި ޚައިރާދުގެ އުފާވެރިކަމުގެ ގަސް ފަޅައި މޭވާއެޅި މާޙައުލެވެ. ދެމީހުންގެ މެދުގައި އޮތް ހުރިހާ ހިތްހަމަނުޖެހުންތަކެއް މަޑުމަޑުން ނެތެމުންގޮސް ، ގާތްކަމަކަށް ބަދަލުވެ ، އެގާތްކަން ލޯތްބަށް ބަދަލުވެ ، އެލޯބީގެ ނިޝާން އުފަންވުމުގެ ހުރިހާ މަރުޙަލާތަކެއް ހިނގައި ދިޔައީ އެކޮޓަރި ތެރޭގައެވެ. އަޝްހަރު ފުރިފަހުން ، އަދި އެއްފަހަރުވެސް އޭނާއަކާ ގުޅައެއް ނުލައެވެ. ޚައިރާދުވެސް އަޝްހަރަކާ ނުގުޅައެވެ. ގުޅަންވީ ކީއްކުރަން ހެއްޔެވެ ؟ ރުޅިއައިސްގެން ނުކުމެގެން ދިޔައީ އަޝްހަރެވެ. ރުޅިއައިސްގެން އުޅެނީވެސް އަޝްހަރެވެ. ޚައިރާދު އެއުޅެނީ ، އެންމެ ދެރަވެގެން ، އޭނާދެކެ އަޝްހަރު ރުޅިއަންނަން މެދުވެރިވި ސަބަބެއްވެސް ސާފުނުވެގެންނެވެ. އޭނާގެ ކުށަކީ ކޮބައިކަން ނޭނގިގެންނެވެ. ޚައިރާދު އެކަނިކޮށްލާފައި ، އަޝްހަރު އެހާދުރަށް ދިޔަދިޔައިނުންގޮސް ، އޭނާގެ އަޑު ފޯނުން ނުފޯރާހިސާބަށް ހިނގައިދާނެކަމަކަށް ޚައިރާދަށް ޚިޔާލުވެސް ކޮށްލެވިފައެއް ނެތެވެ. އެހާބޮޑު އަނިޔާއަކާއި ވޭނެއް ، ޚައިރާދަށް އެދެނީ ، ޚައިރާދުގެ ކޮންކުށެއް އޮވެގެން ހެއްޔެވެ ؟ ޚައިރާދުގެ ހިތުގައި އަބަދު އުފެދިފައި އޮންނަ ސުއާލަކީ އެއީއެވެ. އޭނާއަށް އެހާބޮޑު އަނިޔާއެއް އަޝްހަރު އެދެނީ ، އޭނާއަށް ކުރެވުނު ކޮންކުށެއްގެ ބަދަލުގައި ހެއްޔެވެ ؟

އަހަރެންނާ އެހާދުރަށް އަޝްހަރު ތިދިޔައީ ކީއްވެގެން ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟ އަހަރެންދެކެ ތި އަންނަނީ ހާދަހާ ގަދަ ރުޅިޔެކެވެ. އެއީ އަޝްހަރާ އެހާ ގުޅޭކަމެއްނޫނެވެ. އަހަރެންނާ އަނގައިން ބުނެލަން ބޭނުންނުވާވަރަށް ރުޅިއައިސް ތިހުންނަނީ ، އަހަރެންނަށް ކޮންކުށެއް ކުރެވިގެން ހެއްޔެވެ ؟ ޚައިރާދުގެ ހިތަށް ތަދުކޮށް އަނިޔާދެމުންގެންދާ ޚިޔާލުތަކުގެ ތެރެޔަށް ގެއްލިފައި އިނެވެ.

އަޝްހަރުވެސް ، އެރޭ ސާރާއާ އެއްކޮށް ބޭރަށްނުގޮސް ، ކޮޓަރީގައި މަޑުކޮށްލަން ނިންމީ ، ހިތަށް އުނދަގޫވާ ކަންތައްތަކެއް އެހިތުން ފިލުވާލަން އުނދަގޫ ވެގެންނެވެ. ކޮޓަރީގެ މެދުން ދެކޮޅަށް ހިނގާލަ ހިނގާލަ އަޝްހަރު ހުއްޓެވެ. އެ ހިނގުމާ އެއްވަރަށް އޭނާގެ ހިތުގައި އާވަމުން އެދަނީ ޚައިރާދާ ދިމާއަށް އޭނާއަށް ބުނެވިފައިވާ ބޭއަދަބީ އަދި ނިކަމެތި ބަސްތަކާއި ޚައިރާދުގެ އިޙްސާންތެރި ހިތުން އޭނާއަށް ލިބެމުންދާ ވޭނަށް ކުރަމުން ގެންދިޔަ ޝަކުވާތަކެވެ. އެހުރިހާ ބަސްތަކެއް އަޝްހަރުގެ ސިކުނޑީގައި އެނބުރެމުން ހިތަށް ތަދު ކުރަމުން ގެންދިޔައެވެ.

" ރޭގަ ނިދީވެސް އަހަރެންދެކެ ރުޅިއައިސް އޮވެގެންނެވެ. ހެނދުނު ތެދުވެ ނާސްތާވެސް ނުކޮށް އޮފީހަށްދިޔައިރުވެސް ހުރީ އަހަރެންދެކެ ރުޅިއައިސްފައެވެ. އޮފީހުން އައިސް ގެޔަށް ވަތްއިރުވެސް ހުރީ ރުޅިއައިހެވެ. އަޝްހަރާއެކުގައިނޫނީ އަހަރެން ނުކާކަން އަޝްހަރަށް ރަނގަޅަށް އެނގޭނެއެވެ. އަހަރެން އަޝްހަރުދެކެ އިންތިހާއަށް ލޯބިވާކަން އަޝްހަރަށް އެނގޭނެއެވެ. އަހަރެންދެކެ އަޝްހަރު ލޯބިވާވަރަށްވުރެ މާބޮޑަށް އަހަރެން ، އަޝްހަރުދެކެ ލޯބިވަމެވެ. އަޝްހަރު ފިޔަވައި އަހަރެންގެ އެހެން އެއްވެސް މީހަކު ނެތެވެ. އެއްވެސް ގުޅުމެއް ނެތެވެ. އަހަރެންގެ އަމިއްލަ މީހަކު ނެތެވެ. އަހަރެންގެ ހުރިހާވެސް އެއްޗަކީ އަޝްހަރެވެ. މިއަދު އަހަރެންނަށްޓަކައި އަޝްހަރު ، ވަގުތު ހުސްކޮށްދޭން ވާނެއެވެ. އަހަރެމެން ދެމީހުން ރޭގަނޑުގެ ކެއުމަކަށް ދާނީއެވެ. ރޮމޭންޓިކް ޑިނަރ އަކަށެވެ. " ޚައިރާދުގެ ލޯބި އަޑުން އިވިފައިވާ އެ ވާހަކަތަކުގެ މައްޗަށް ، ރިހޭފައިމައްޗަށް ފޮއެވެއްޓޭހެން ، ޚާއިރާދާ ދިމާއަށް އަޝްހަރު ލަވައިގަތް ހަޅޭކުގެ އަޑުވެސް އަޝްހަރުގެ ކަންފަތުގައި ގުގުމައިލިއެވެ.

" ކޮންމެ ވަގުތަކީ ބޭނުންހާއެއްޗެއް ބުނަން އޮންނަ ވަގުތެއްނޫނެވެ. ކޮންމެ ވާހަކައެއް ބުނަންވެސް ވަގުތެއް އޮންނާނެއެވެ. ސަބަބެއް އޮންނާނެއެވެ. ތިދައްކާ އާދައިގެ ލޯބީގެ ސާމާސާ ވާހަކަތަކުގެ އަޑުއަހާކަށް އަހަރެންނަކަށް ވަގުތެއް ނެތެވެ. މިހާރު ތިޔަ ހައްދުން މައްޗަށް ދަނީއެވެ. ތިމާގެ ފެންވަރުގައި ހުރެވޭތޯ ބަލާށެވެ ! ފިރިމީހާގެ މޫޑު ހުންނަ ނުހުންނަގޮތް ، އަނބިމީހާއަށް ރަނގަޅަށް އެނގެން ޖެހޭނެއެވެ. " މިއީ ޚައިރާދާ ދިމާއަށް އޭނާއަށް ބުނެވިފައިވާ ހަރުކަށި ބަސްތަކެވެ.

ޚައިރާދާމެދު ޢަމަލުކުރެވުނީ ރަނގަޅަށްނޫންކަން އަޝްހަރަށް އިޙްސާސް ކުރެވުނެވެ. އޭނާ ގަޑިބަލައިލިއެވެ. ކުޑަކޮށް ލަސްވެސް ވެއްޖެއެވެ. އެހެންނަމަވެސް ، ހިތްވަރުކޮށްފައި އަޝްހަރު ، ޚައިރާދަށް ގުޅިއެވެ. އަޝްހަރުގެ ފޯނު އައިއިރުވެސް ޚައިރާދު އިނީ ރޯށެވެ. އެހެންކަމުން ފޯނުނެގިނަމަވެސް ވަކި އެއްޗެކޭ ޚައިރާދަކަށް ނުބުނެވުނެވެ. އޭރުވެސް ގިސްލާފައި ، ޚައިރާދު ރޮމުން ގެންދިޔައެވެ. އެހެންޏާ ފޯނުނެގުމަށްފަހު އެންމެ ފުރަތަމަވެސް ސަލާމް ގޮވައިލާނީ ޚައިރާދެވެ. ޚައިރާދު އަނގައިން ނުބުނީމަ އަޝްހަރު ، ޚައިރާދަށް ގޮވައިލިއެވެ. ޖަވާބުގައި ، އަޝްހަރުގެ ޙާލު ކިހިނެއްތޯ ޚައިރާދު އެހިއެވެ. އަޝްހަރުވެސް ކުރީ ސުއާލެކެވެ. ޚައިރާދުގެ ޙާލު ކިހިނެއްތޯއެވެ ؟ ޚައިރާދު ރަނގަޅުކަމުގައި ބުނެ ޖަވާބު ދިނެވެ. އަދި އަޝްހަރު އެނބުރި އަންނަނީ ކޮންއިރަކުންތޯ ޚައިރާދު ސުއާލު ކުރިއެވެ.  ޚައިރާދު ވާހަކަ ދައްކަމުން ގެންދިޔައިރު ފޮރުވަން މަސައްކަތްކުރިނަމަވެސް ، އޭނާގެ ރުއިމުގެ އަޑު ފާޅުވެއެވެ. އަދި އަޝްރަފަށްވެސް އެކަން ފާހަގަ ކުރެވުނެވެ. އޭނާ ވަރަށް އަވަހަށް އެނބުރިދާނެކަމުގައި އަޝްހަރު ބުންޏެވެ. އަދި އޭނާއަށް އިންތިޒާރުކުރުމަށް އަޝްހަރު ބުންޏެވެ. އަޝްހަރަށް އޭނާ އަބަދުވެސް އިންތިޒާރު ކުރަމުން ގެންދާކަމުގައި ، ޚައިރާދު ރޮމުންރޮމުން ބުންޏެވެ. އަޝްހަރާނުލައި އޭނާއަށް ނޭވާލާން އުނދަގޫ ކަމުގައި ޚައިރާދު ބުންޏެވެ.

ޚައިރާދާ އެހާދުރަށް އަޝްހަރު ދިއުމުގެ ސިއްރަކީ ކޮބައިހެއްޔެވެ ؟ ޚައިރާދު އެއީ ނުދަންނަމީހަކަށް ހެދިއިރު ، އޭނާގެ ކުށަކީ ކޮބައިހެއްޔެވެ ؟ ނިކަން ބުނެލަދީބަލާށެވެ.

ޚައިރާދުގެ ރުއިމުގެ ވޭނީ އަޑުން ، އަޝްހަރު މަޑުމައިތިރި ވިއެވެ. އޭނާއަށް އެކުރެވިގެން އުޅޭކަމެއްގެ އިޙްސާސް ފުރަތަމަ ފަހަރަށް ވިއެވެ. ޚައިރާދު ދެކެ އަޝްހަރު ފޫހިނުވާކަމަށާއި ރުޅިނާންނަކަމުގައި އަޝްހަރު ބުންޏެވެ. އަދި އޭނާމަތިން ހަނދާން ވޭތޯ ޚައިރާދުކުރެން އެހިއެވެ. އެހިސާބުން ޚައިރާދު ބަޑިފަޅައިގެންދިޔައެވެ. އިތުރަށް ވާހަކަ ނުދެއްކޭވަރަށް އޭނާއަށް ރޮވުނެވެ. އެހެނަސް ހިތްވަރުކޮށްފައި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

އަޝްހަރުމަތިން ވަރަށް ބޮޑަށް ހަނދާންވާކަމުގައި ޚައިރާދު ރުއިމުގެ ތެރޭގައި ބުންޏެވެ. އަދި ވީ އެންމެ އަވަހަކަށް އެނބުރިއައުމަށް އަޝްހަރުގެ ކިބައިން އެދުނެވެ. އަޝްހަރުވެސް ، ވަރަށް އަވަހަށް އެނބުރި ، ޚައިރާދުގާތަށް ދާނެވާހަކަ ބުންޏެވެ. އަދި ޚައިރާދާ ދިމާއަށް ނުބުނަންވާ އެތައްވާހަކައެއް ބުނެވި ، ނުކުރަންވާ އެތައްކަމެއް ކުރެވިފައިވާކަމަށާއި ، ރަށަށްގޮސް ޚައިރާދު ގާޓު ދައްކަންވެފައި ވަރަށް ގިނަ ވާޙަކަ ހުރިކަމުގައި އަޝްހަރު ބުންޏެވެ. އަޝްހަރު އެނބުރި އައިމަ ބުނަންވެފައި ވަރަށް ބޮޑުވާހަކައެއް އޮތްކަމުގައި ޚައިރާދު ބުންޏެވެ.

ޚައިރާދު ދެކެ ، އިންތިހާއަށް ލޯބިވާކަމުގައި އަޝްހަރު ބުންޏެވެ. އަދި އޭނާމަތިން ހަނދާންވާ ވަރުން މަސައްކަތަށްވެސް ރަނގަޅަށް ފޯކަސް ނުކުރެވޭކަމުގައި އަޝްހަރު ބުންޏެވެ.

" އަޝްހަރަކީ އަހަރެންނަށް ވަރަށް ޚާއްޞަ އިންސާނެކެވެ. އެހާ މުހިންމު މީހެކެވެ. އެކަން އަބަދުވެސް ޚައިރާދުގެ ހިތުގައި ޔަޤީންކަމާއެކު ހަރުލާއްވާފައި ބާއްވާށެވެ ! " އަޝްހަރު ބުންޏެވެ.

ޚައިރާދުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އެއްކޮށް ހުސްކޮށްލުމަށް އޭނާ ބޭނުންވިއެވެ. އަޝްހަރާ ވާހަކަ ދައްކައިލެވުނީމަ ، ޚައިރާދުގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ދެންއޮތީ އަޝްހަރު އެނބުރި އައުމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ދިވެހިބަސް މުއްސަދިބަހެއް ނޫނޭ ބުނެ ދިވެހިބަހާ
    ބީރައްޓެހި ބޭފުޅުން ވާހަކަދައްކަވާ އަޑު އިވޭ!
    އެއީ ހަމަ އަމިއްލަ މާދަރީބަހަށް ނުފަރިތައީއެވެ.
    އެކަމަކު "ކިރުއިލޮށި" މިވާހަކަ ދިވެހިބަހުން ގެނެސް ދެއްވާލެއް ކިހާފަށުވި ކިހާބުގިސް ކިހާ
    ރީތި، ކިޔަމުންދާއިރު ބަސްތަކާއި، ޢިބާރާތް ކުރެވި
    ފަހުންނަ ފުރިހަމަކަމުން ވިސްނަން އިންދާ ނިމުނީ
    ފެން އަނެއްފަހަރު ކިޔަންޖެހެނީ! ޝުކުރިއްޔާ!
    ފާރޫޤު އަޙުމަދު.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.