ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލުމަށް ނުވަތަ ބަދަލު ކުރުމަށް ތިންހަތަރު މީހަކު ދިވެހި ދައުލަތް ކުޑަކަކޫ ޖެއްސުވި ކަމަށާއި އެއީ ދިވެހި ތާރީޚުން ދުވަހަކުވެސް ފިލައިގެންދާނެ ކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ވެސްޓްޕާކުގައި ހުންނަ ޕީޕީއެމްގެ ޖަގަހައިގައި އެޕާޓީގެ ކަނބަލުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު އެވިދާޅުވި ދެތިން ހަތަރު މީހުންކަމަށް ބެލެވެނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ޖުޑީޝަލް އެޑުމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދެވެ. ގާނޫނީ ވަރިކަން ވައްޓާލަން ރިޝްވަތު ދެއްވުމާއި ހިފުމުގެ ތުހުމަތުގައި އެ ބޭފުޅުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރައީސް ވިދާޅުވީ ދިވެހިގައުމަށްޓަކައި ދިވެހި ސަލާމާތީ ޚިދުމަތްތަކާ ބެހޭ ބޭފުޅުން އެދުވަހު ނުނުކުންނެވިނަމަ މިގައުމު ހިތިނަތީޖާއަކާ ކުރިމަތިލީސް ކަމަށެވެ. އެހެންވީމާ އެއީ ހަނދާން ނައްތައިގެންވާނެ ދުވަހެއްނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހަކީ އެފަދަކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމަރު ބަންނަޖެހޭދުވަސް ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގެ އަސްކަރިއްޔާއިން ރާއްޖެއަށް އެވުމަށް ބައެއްފަރާތްތަކުން ގޮވާލައި އެކަމަށް ދައުވަތު ދެއްވައިފައިވާތީ އެއީ ގައުމިއްޔަތުގެ ކަންފުޅެއްވެސްނެތް ބައެއް ކުރެއްވި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މިރޭގެ ހަފްލާގައި ރައީސް ވިދާޅުވީ ގައުމެއްގައި އެގައުމަކަށް ނިސްބަތްވާ އަންހެނުންނަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ. ތާރީޚަށް ބަލާއިރު ރާއްޖޭގެ ތަޚުތުގައި ކަނބަލުންވެސް ރެދަނލި ކުރައްވައިފައިވާ ކަމަށް ވިދާޅުވިއެވެ. ދިވެހި ތާރީޚު ފެށިގެން އަންނަނީ ރަނިކަމަނާއިންގެ ވެރިކަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ގައުމުގެ ކަނބަލުންނަކީ ގައުމަށްޓަކައި ކޮށްދެއްވާ މަސައްކަތްތަކަށް ތައުރީފް ހައްގު ބޭފުޅުން ކަމަށްވެސް ވިދާޅުވިއެވެ. ތާރީޚަށް ބަލާއިރު ކަނބަލުންގެ ޖިހާދުވެސް ވަރަށްބޮޑަށް ފާހަގަކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.