ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވުމާއި، ގާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން މިއަދު ދޫކޮށްލައިފިއެވެ.
ފާރިޝް ދޫކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފާރިޝްގެ ވަކީލް ޙުސައިން ޝަމީމް ވިދާޅުވީ ފާރިޝް މިއަދު ދޫކޮށްލި ނަމަވެސް އަލުން އަނބުރައި އޭނާ ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. ފާރިޝްއަކީ ސުޕްރީމް ކޯޓުގެ އަމުރުގައި ދޫކޮށްލަން އޮތް ސިޔާސީ ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ ފަރާތެކެވެ.
ފާރިޝް ދޫކޮށްލި ނަމަވެސް ފާރިޝްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. މިއީ ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ފުލުހުން ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. ރޭ މައުމޫން ހައްޔަރު ކޮށްފައި ވަނީ އެމަނިކުފާނުގެ އަނބިކަބަލުންގެ ގެ ކަމުގައިވާ މ. އެންދެރިމާގޭގައި ހުންނަވަނިކޮށް އެގޭގެ ދޮރުވެސް ފުލުހުން ވައްޓާލުމަށް ފަހު ވަދެއެވެ.