ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި ސްވިޒަލޭންޑް ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
2022 ޑިސެންބަރު 24 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 59 އަހަރުގެ ސްވިޒަލޭންޑް ފިރިހެނެއްްގެ ޢަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފަ އެވެ.
ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން (Cocaine) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.198 ކިލޯގުރާމް ހުއްޓެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 7,700,000.00 (7 މިލިއަން 7 ލައްކަ) ރުފިޔާއަށް އަރައެވެ. އަދި މިމައްސަލައިގައި ޝާމިލްވާ މިހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކޮށްފައެވެ.