އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް ކޭމްޕެއް އަންނަމަހު ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފި އެވެ.
މިއީ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސޭބިލިޓީސް (އެމްއޭޕީޑީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގުޅިގެން، ދިރާގުގެ އެހީތެރިކަމާއެކު ބާއްވާ ކޭމްޕެކެވެ.
މި ކޭމްޕު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ޑިސެމްބަރ 2 ވަނަ ދުވަހު އެވެ. އެ ދުވަހުގެ މެމްދުރު 2:30 އިން އިރުއޮއްސި 6:30 އަށް އަދި ޑިސެމްބަރ 3 ވަނަ ދުވަހުގެ ހެނދުނު 9:00ން 12:00 އަށް މި ކޭމްޕު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ޑިސެމްބަރ 3 ވަނަ ދުވަހު މެންދުރުފަހު 13:30ން 15:00 އަށް ވެސް ކޭމްޕު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ހަމަމިއާއެކު ޑިސެމްބަރ 4 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 13:30 އިން 15:00 އަށް ކޭމްޕް ބާއްވާއިރު، އެދުވަސް ބޮޑަށް ހާއްސަކޮށްފައިވަނީ ހއ. އަދި ހދ. ގެ ރަށްރަށުން އަންނަ ނުކުޅެދުންތެރިންކަން ހުންނަފަރާތްތައް ސްކްރީން ކުރުމަށެވެ.
މިކޭމްޕް ބޭއްވުމުގައި، ވާސޯ މެޑިކަލް ސެންޓަރާއި އިންޑިޔާގެ ޖޮޝުއާ ކްލިނިކް އަދި އެސްޓްރާ ރިހެބް ގެ ފަރާތުން ޕްރޮފެޝަނަލުން ބައިވެރިވާނެ އެވެ. އަދި ހއ އާއި ހދ އަތޮޅުގައި ދިރިއުޅެމުންދާ ނުކުޅުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސިއްހީ ހާލަތު ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ތަފާތު ސިއްހީ ތެރެޕީތައް ވެސް ދެވޭނެ އެވެ.
އެމްއޭޕީޑީ އިން ބުނީ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް އެ ދެ އަތޮޅުގައި ދިރިއުޅެމުންދާ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހެލްތް ސްކްރީނިންގ މިކޭމްޕުގައި ހެދޭނެ ކަމަށެވެ. އަދި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕު އޮންނާނީ ކޭއެޗްއާރް ގެ އުފަން ހިޔާ އިމާރާތުގައި ކަމަށް ވެސް ބުންޏެވެ.
މިކޭމްޕުގައި ސްޕީޗް އެންޑް ލެންގްއޭޖް ތެރަޕީ، ފިޒިއޮތަޕީ، އޮކިޔުޕޭޝަނަލް ތެރަޕީ، ކްލިނިކަލް ސައިކޮލޮޖީ، ޑެންޓަލް އަދި ލޯސްކްރީން ކުރުމުގެ ޚިދުމަތްތައް ހިމެނޭނެ ކަމަށް ވެސް ބުންޏެވެ.
ކޭމްގައި ބައިވެރިވުމަށް: https://bit.ly/IDPDHealth-WellnessCamp2022
ބައިނަލްއަގްވާމީ ނުކުޅުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑިސެމްބަރ 3 ވަނަ ދުވަހު ހަވީރު 4 ން 6 އަށް ހާއްސަ ހަރަކާތްތަކެއް ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އޮގޮތުން އެދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަފުލާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ގުޅިގެން ނެޝަނަލް ޕެރަލިމްޕިކް ޑޭ/ދުވަސް ފާހަގަކުރުން އިންޓަރނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ "ވީދަފިފްޓީން" ކެމްޕެއިން ރާއްޖޭގައި ލޯންޗުކުރުން ހިމެނޭ ކަމަށާއި މި ކެމްޕެއިނަކީ ދުނިޔޭގެ އާބާދީގައި ދިރިއުޅެމުންދާ %15 އިންސައްތަ ނުކުޅުދެންތެރިން ހުންނަ ފަރާތްތައް ތަމްސީ ކޮށްދޭ ކެމްޕޭނެއް ކަމަށް ވެސް އެމްއޭޕީޑީ އިން ވިދާޅުވި އެވެ.
ހަމަމިއާއެކު ކެމްޕެއިންގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއި އެކު، އެޑިކޭޝަން މިނިސްޓްރީ، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން އެއްވެސް ކުއްޖަކު ބާކީނުކޮށް ޝާމިލު ކުރުވަނިވި ގޮތެއްގައި ކުޅެވިދާނެ ޕެރާލިމްޕިކްގެ ކުޅިވަރުތައް ދަސްކޮށްދިނުމުގެ ގޮތުން ހއ އަދި ހދ އަތޮޅުން މިކެމްޕެއިނަށް ތަމްރީނު ކުރެވިފައިވާ ސްކޫލްތަކުގެ ޓީޗަރުންގެ އެހީތެރިކަމާއެކު ޕެރާގެ ކުޅިވަރުތައް ތަޢާރަފްކޮށް މިކުޅިވަރުތަކަށް ތަމްރީނު ވަމުންދާ ދަރިވަރުންގެ ހުނަރުތައް ދައްކާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.