މިމަހުގެ 19 ވަނަ ދުވަހަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިބަތު ފަސްދާނު ލުމުގެ ރަސްމިއްޔާތު ބާއްވާ ދުވަހެވެ. ދުނިޔޭގެ ޤައުމުތަކުތެރެއިން 100 އަށް ވުރެން ގިނަ ޤައުމުތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި އެބަވައިވެރިވެ ވަޑައިގަންނަވައެވެ. 500 އަށް ވުރެން ގިނަ ޑިޕްލޮމޭޓުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެމުން ދެއެވެ.
މިހާރު އުފެދޭ ސުވާލަކީ މިއީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއްތޯއެވެ؟ ދީނުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޣައިރު މުސްލިމެއްގެ ޖަނާޒާގައި މުސްލިމުން ބައިވެރިވުމާއި އެމައްޔިތާގެ ޢާއިލާއަށް ތަޢުޒިޔާ ކިއުމަކީ ހުއްދަ ވެގެންވާ ކަމެކެވެ. މިއީ ހަތަރު މަޛްހަބު އިމާމުންގެ ތެރެއިން ގިނަ ޢިލްމުވެރިންގެ މަޛްހަބެވެ. މިއަދުގެ ޢިލްމުވެރިންނަށް ބަލާއިރު، ދުނިޔޭގެ އެންމެ ބޮޑު ފަތުވާ މަޖްލިސް ކަމުގައިވާ މިސުރުގެ ދާރުލް އިފްތާގެ ރައީސް އަދި މިސްރުގެ މުފްތީ ޑރ. ޝައުޤީ ވިދާޅުވެފައިވަނީ: لا مانع شرعًا من حضور جنازات غير المسلمين ولا بأس كذلك في التعزية މާނައީ: ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ޝަރުޢީ ގޮތުން މަނާކަމެއް ނޫނެވެ. އަދި އެބައިމީހުންނަށް ތަޢުޒިޔާ ކިއުމަކީވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ.
އިސްލާމް ދީން އަޅުގަނޑުމެންނަށް އަންގަނީ ކޮންމެ މީހަކާއެކުވެސް ރިވެތިގޮތުގައި މުޢާމަލާ ކުރުމެވެ. ރަޙުމާއި ކުލުލައިގެ ސާލު ފަތުރާލުމެވެ. ބަޤަރާ ސޫރަތުގެ 83 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައި ވެއެވެ. وَقُولُوا لِلنَّاسِ حُسْنًا (އެބަހީ: މީސްތަކުންނާއެކު ރިވެތި ގޮތުގައި ބަސްމޮށެއުޅޭށެވެ.) ލޮބުވެތި ރަސޫލާގެ ޙަދީޘުފުޅެއް އިމާމު ބުޚާރީއާއި އެނޫން ބޭކަލުން ރިވާކުރަށްވާފައި ވެއެވެ. مَرَّ بِنَا جَنَازَةٌ فَقَامَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقُمْنَا بِهِ فَقُلْنَا يَا رَسُولَ اللَّهِ إِنَّهَا جِنَازَةُ يَهُودِيٍّ - فَقَالَ أَلَيْسَتْ نَفْسًا- قَالَ إِذَا رَأَيْتُمْ الْجِنَازَةَ فَقُومُوا މާނައީ: އެއްފަހަރެއްގައި ތިމަންމެން ބަގީޗާއެއްގައި އިށީނދެ ތިބީމެވެ. އެހިނދު އެތަނުން ޖަނާޒާއެއް ގޮވައިގެން ބަޔަކު ދިޔައެވެ. އެތަން ފެނިވަޑައިގެން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެމައްޔިތާއަށްޓަކައި ތެދުވެ ވަޑައިގަތެވެ. ތިމަންމެންވެސް ތެދުވީމެވެ. އެހިނދު މީހަކު ދަންނަވައިފިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ޔަހޫދީއެއްގެ ޖަނާޒާއެކެވެ. އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އެއީވެސް އިންސާނެއް ނޫންހެއްޔެވެ؟ ވުމާއެކު ތިޔަބައިމީހުންނަށް ޖަނާޒާއެއް ފެންނަހިނދު ތެދުވާށެވެ. އިމާމު އިބްނި އަބީ ޝައިބާއާއި ޢަބްދުއްރައްޒާޤާއި އެނޫން ބޭކަލުން ނެރުއްވާފައި ވެއެވެ. އިބްނި އަބީ ރަބީއާގެ މަންމަ އަކީ ނަޞްރާނީއެކެެވެ. މީނާ ނިޔާވުމުން އަޞްޙާބު ބޭކަލުން އޭނާގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތެވެ.
ޢާއްމު ކާފިރުންނާ ޚިލާފަށް ފޮތްތަކުގެ އަހުލުވެރިންނަކީ މުސްލިމުންނާއެކު ފޮތުގެ ގޮތުން ގުޅިފައިވާ ބައެކެވެ. އެހެންކަމުން އެމީހުންގެ އަންހެނުންނާ ކައިވެނިކުރުން މުސްލިމު ފިރިހެނުންނަށް ހުއްދަވެގެން ވެއެވެ. އެމީހުން ކަތިލާ ތަކެތި ކެއުން މުސްލިމުންނަށް ހުއްދަވެގެން ވެއެވެ. ކަންމިހެން އޮތްއިރު ޣައިރު މުސްލިމުންގެ ތެރެއިން ތިމާމެންެގެ އަވަށްޓެރިންނާއި ގާތްމީހުންނާއި އެނޫންވެސް އެކިގޮތްގޮތުން ތިމާއާ ގުޅިފައިވާ މީހުންގެ ތެރެއިން މީހަކު މަރުވެއްޖެނަމަ ނުވަތަ އެފަދަ މީހެއްގެ ގާތްތިމާގެ މީހަކު މަރުވެއްޖެނަމަ ގާތްކަމާއި އަވަށްޓެރިކަމުގެ ޙައްޤު އަދާކުރުމުގެ ގޮތުން އެމީހެއްގެ ކަށުކަމާކެމީގައި ބައިވެރި ވުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެކަމުން އިސްލާމް ދީނުގައި އޮންނަ ރިވެތި އަޚްލާޤާއި އަދަބު އެމީހުންނަށް އިޙްސާސް ވާނެއެވެ. އެމީހުންގެ ފައްޅީގައި ޖަނާޒާގެ ކަންތައް ބޭއްވުނު ކަމުގައިވިއަސް ފައްޅިއަށް ވަދެ އެމީހުންނާއެކު ބައިވެރިވުމަކީވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. އެހެނަސް އެމީހުންގެ ދުޢާގައި ބައިވެރިވެ އެއަށް އާމީންކިޔައި ހަދައިގެން ނުވާނެއެވެ. ތަޢުޒިޔާ ކިއުމުގައިވެސް ގިނަ ޢިލްމުވެެރިން ވިދާޅުވަނީ މައްޔިތާގެ ފާފަފުއްސެވުމަށް އެދުމާއި ރަޙްމަތަށް އެދި ދެންނެވުމާއި މިކަންކަން ހުއްދަނުވާނޭ ކަމަށެވެ. ނަމަވެސް އެނޫންގޮތަކަށް އެމީހުންނަށްޓަކައި ކެތްތެރިކަން ދެއްވުމަށާއި ޢާފިޔަތުގެ ނިޢުމަތް ދެއްވުމަށާއި މިފަދަ ދުނިޔަވީ ކަންކަމަށްއެދި ދުޢާ ކުރެވިދާނެ ކަމަށެވެ.